ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޓެޑު ނުވަތަ ބޭސް ކުންފުނީގެ ދަށުގައި ހުރި ބޭސް ފިހާރަތަކުން ކުރިއެކޭ ވެސް އެއްގޮތަށް މިހާރު ޕޭމަންޓު ބަލައިގަންނާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.
ބޭސް ކުންފުނީގެ ދަށަށް ފާމަސީތައް ބަދަލުކުރުމަށް، އޭރު އެސްޓީއޯގެ ބޭސް ފިހާރަތައް މިދިޔަ ބުދަ ދުވަހުން ފެށިގެން ތިން ދުވަހަށް ބަންދުކުރިއެވެ.
'ސަން'އިން މިދިޔަ ހޯމަ ދުވަހު އެސްޓީއޯއާ ސުވާލުކުރުމުން ބުނީ، މިހާރު ހުރިހާ ފިހާރަތަކެއް ބޭސް ކުންފުނީގެ ދަށަށް ބަދަލުކޮށް ނިމިފައިވާ ކަމަށެވެ.
'ސަން'އާ ވާހަކަދެއްކި ބައެއް މީހުން ބުނީ، ބޭސް ކުންފުނީގެ ދަށަށް ފިހާރަތައް ބަދަކުރި ފަހުން ޕޭމަންޓު ސިސްޓަމްތައް ބަދަލުކޮށްފައިނުވާ ކަމަށެވެ. އެހެންވެ ފާމަސީތަކުން ޕޭމަންޓު ބަލައިގަންނަނީ، ހަމައެކަނި ފައިސާއިން ކަމަށް އެ މީހުން ބުންޏެވެ. އެހެންވެ، އެ މީހުން ވަނީ އެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ކަމާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހް މާހިރު ވަނީ އެ ވާހަކަ ދޮގުކުރައްވާފައެވެ. މިގޮތުން، ކުރިއެކޭ ވެސް އެއްގޮތަށް ބޭސް ފިހާރަތަކުން ޕޭމަންޓު ބަލައިގަންނަމުންދާނެ ކަމަށް ޝާހު ވިދާޅުވިއެވެ.

އެސްޓީއޯ ފާމަސީއެއް: ބޭސް ފިހާރަތަކުން ކުރިއެކޭ ވެސް އެއްގޮތަށް ޕޭމަންޓު ބަލައިގަންނާނެ ކަމަށް އެ ކުންފުނިން ބުނޭ -- ފޮޓޯ/ އެސްޓީއޯ ހެލްތުކެއާ ސޮލިއުޝަންސް
"އާސަންދަ ސިސްޓަމް ތެރެއިން ވެސް ދާނެ. ކާޑް ޕޭމަންޓްސް ހެދޭނެ. ކޭޝް ޕޭމަންޓުތައް ވެސް ހެދޭނެ. މިހާރު ގައިމު ވެސް އެ ކަހަލަ އިޝޫއެއް ނޫޅެ އިނގޭތޯ" ޑރ. ޝާހު ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި، ބޭސް ސިޓީއަށް ބޭސް ނުލިބޭ ކަމުގެ ޝަކުވާތައް ގިނަތާ އެތައް ދުވަހެއް ވެއްޖެއެވެ. އެ ޝަކުވާތައް ހުއްޓުވައި، މައްސަލަ ހައްލުކުރުމުގެ ނަމުގައި ބޭހަށް ޚާއްސަ ކުންފުންޏެއް ސަރުކާރުން އުފެއްދިއެވެ. އެކަމަކު، އެ ކުންފުނިން ބޭސް އެތެރެކުރަން ފެށިކަން އިއުލާނުކުރީ، ކުންފުނި އުފެއްދިތާ ހަ މަސް ފަހުން، މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ.
ބޭސް ނުލިބުމުގެ ޝަކުވާއަކީ ވަރަށް ބޮޑަށް އާންމުން ކުރަމުން އަންނަ ޝަކުވާއެކެވެ. އެއް ބޭސް ފިހާރައިން އަނެއް ބޭސް ފިހާރައަށް ބޭހެއް ނުލިބިގެން ހިނގަންޖެހޭ ޖެހުމާއި، އާސަންދަ ކަވަރުނުކުރާނަމަ ބޭހެއް ގަންނަން އެތައް ގުނައެއް އިތުރަށް ޖީބުން ޚަރަދުކުރަން ޖެހޭތީ ވެސް އާންމު ރައްޔިތުންގެ ކަންބޮޑުވުންތައް ވަރަށް ގިނައެވެ.