"އަދަދު" ނޫހުގެ ނޫސްވެރިޔާ، ލީވާން އަލީ ނަސީރު، ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ނިންމައި 10 ދުވަހަށް ޖަލަށްލީ މައްސަލައިގެ އިސްތިއުނާފު ހައިކޯޓަށް ބަލައިގަނެ، ފަނޑިޔާރެއްގެ ސެކްޝަނާ ހަމައަށް ދިޔުމަށް 11 ދުވަސް ނެގިކަން އެނގިއްޖެއެވެ.
ލީވާންގެ އިސްތިއުނާފު، ހައިކޯޓަށް ރަޖިސްޓްރީ ކުރި ފަހުން، ފަނޑިޔާރެއްގެ ސެކްޝަނަށް ނުލިބި 11 ދުވަސްވިކަން އެނގުނީ އެ މައްސަލައާ ގުޅިގެން ހައިކޯޓުގައި ލީވާންގެ ފަރާތުން އެދުނު ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރާ މެދު އެ ކޯޓުން މިއަދު ގޮތެއް ނިންމި ނިންމުމުންނެވެ. ލީވާން ހައިކޯޓުގައި އެދިފައި ވަނީ ހައިކޯޓުން ގޮތެއް ކަނޑައެޅެންދެން، ކަފާލާތުގެ ދަށުން ލީވާން ދޫކޮށްދިނުމަށެވެ.
ހައިކޯޓުގައި މި މައްސަލަ ބަލާ ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ލީވާން އެދުނު ގޮތަށް ކަފާލާތުގެ ދަށުން ދޫކޮށްލުމުގެ އަމުރު ނެރެދެވެން ނެތް ކަމަށް މިއަދު ކަނޑައަޅައިފައެވެ. މި ގޮތަށް ކަނޑައެޅި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ ރައުޔަކީ، ލީވާން މިހާރު ދޫކޮށްލާފައިވާތީ ލީވާން އެދުނު ގޮތަށް ދޫކޮށްދެވެން ނެތުމެވެ. އެގޮތަށް ނިންމީ ފަނޑިޔާރު ހުސެއިން މަޒީދު އަދި އިބްރާހީމް މާހިރެވެ. މި މައްސަލައިގައި ދެން ހިމެނޭ ފަނޑިޔާރު ދީބާނާޒްގެ ރައުޔަކީ ކަފާލާތުގެ ދަށުން ދޫކޮށްލެވޭނެ ހަމައެއް ނެތުމެވެ.
މި މައްސަލައިގައި ހައިކޯޓުން ނިންމި ނިންމުމުން އެނގޭ ގޮތުގައި މި މައްސަލަ ރަޖިސްޓްރީވެ، ފަނޑިޔާރެއްގެ ސެކްޝަނަށް މައްސަލަ ދިޔުމަށް 11 ދުވަސް ނެގިއެވެ. ކޯޓު ހުރުމަތް ކެނޑި ކަމަށް ނިންމައި ލީވާން ޖަލަށްލީ، މެއި މަހުގެ 12 ވަނަ ދުވަހުއެވެ. ހައިކޯޓުގެ ރަޖިސްޓްރީގައިވާ ގޮތުން، ލީވާންގެ ފަރާތުން މައްސަލަ އިސްތިއުނާފު ކުރީ، މެއި މަހުގެ 15 ވަނަ ދުވަހެވެ.
ހައިކޯޓުން މިއަދު ނިންމި ނިންމުމުގައިވާ ގޮތުން ހައިކޯޓުގައި ލީވާންގެ ފަރާތުން އަމުރަށް އެދުނީ 17 މެއި ގައެވެ. އަދި ހައިކޯޓަށް މައްސަލަ ރަޖިސްޓްރީވީ، މައްސަލަ ހުށަހެޅިތާ ފަސް ދުވަސް ފަހުން، މެއި މަހުގެ 20 ވަނަ ދުވަހެވެ.
އޭގެ ދެ ދުވަސް ފަހުން ލީވާން ވަނީ ހުކުމް ތަންފީޒުކޮށް ނިމިގެން މިނިވަން ވެފައެވެ. ހައިކޯޓުގައި މައްސަލަ ބަލާ ފަނޑިޔާރުގެ ސެކްޝަނަށް މައްސަލަ ލިބުނީ، ރަޖިސްޓްރީވީތާ 11 ދުވަސް ފަހުން، މެއި މަހުގެ 31 ވަނަ ދުވަހެވެ.
މި މައްސަލަ އިސްތިއުނާފުކުރި ފަހުން އެ މައްސަލަ ކުރިއަށް ގެންދިޔުމަށް މިހާރު ތާވަލުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.