"އަހަރެން ބޭނުން އިޒީއާ މެރީ ކުރަން..." އިޒީ އާއި ހަތަރުކަޅި ހަމަކުރަމުން ޔައިލް ބުންޏެވެ.
********
އިޒީގެ މުޅި ހަށިގަނޑު ގަނޑުވިއެވެ. އެސްފިޔަ ޖަހައިލަން ހަނދާންނެތުނެވެ. އޭނާ ހުރީ ޔައިލްގެ ދުލުން އެ ޖުމުލަ އަޑު އިވިދާނެކަމަށް އުއްމީދުކޮށްގެނެއް ނޫނެވެ. އިޒީ ހީކުރީ ޔައިލް އޭނާދެކެ ފޫހިވާނެ ކަމަށެވެ. ހިތްދަތި މާޒީ އޭނާގެ މުޅި ހަޔާތް ބަރުބާދު ކުރާނެ ކަމަށެވެ. އެކަމަކު، ކަންތައްވީ އެހެނެއް ނޫނެވެ. އެހެން މީހުންނާއި ޔައިލް ތަފާތެވެ. އިޒީގެ ހިތް އަތުލުމުގައި ކާމިޔާބު ހޯދި ފަދައިން، އެ ދިރިއުޅުމުން މުހިއްމު ޖާގައެއްވެސް ކަށަވަރުކޮށްފިއެވެ.
އިޒީގެ ދެލޯ ފުރުނު ކަރުނަތަކުން، މަންޒަރު ފުސްވާން ފެށިއެވެ. އިސާހިތަކު ކަރުނައިގެ ރޮނގެއް އެ މޫނުގައި ދަތުރުކޮށްލިއެވެ. ޔައިލް އަވަހަށް ތެދުވެގެން ގޮސް، އިޒީ ގޮނޑީގައި ބޭންދިއެވެ. އެހެން މީހުންނަށް އިޒީ ނުފެންނާނޭހެން، އިޒީ އާއި ވީހާވެސް ކައިރީގައި ގޮނޑިއެއް ބަހައްޓައިގެން އިށީނެވެ. ތަނުގައި މީހުން މަދު ވަގުތެއްކަމުން، އެއްވެސް މީހެއްގެ ސަމާލުކަން އެ ދެމީހުންނަށް ހުއްޓިފައެއް ނުވެއެވެ. ޔައިލް ހަމަޖެހިލަން މަސައްކަތް ކުރަމުން، ޓިޝޫއަކުން އިޒީގެ މޫނު ފޮހެލަދިނެވެ.
"އިޒީ ހީނުކުރައްޗޭ، ޕާސްޓްގަ ހިނގާފަ އޮތް ކަމެއްގެ ސަބަބުން އަހަރެން އިޒީ ދޫކޮށްލަފާނެއޭ... އަހަރެން މެރީކުރަން މި ނިންމީ، ހުރިހާ ގޮންޖެހުމަކަށް ކުރިމަތިލާން ނިންމައިގެން... އަހަރެން ލޯބިވަނީ އިޒީގެ ޕާސްޓްދެކެއެއް ނޫން... އިޒީދެކެ..." ޔައިލް ވަރަށް ލޯބިން ބުނެލިއެވެ.
އިޒީ މަޑުމަޑުން ޔައިލްގެ ކޮނޑުގައި ނިތްކުރި ޖައްސައިލިއެވެ. ޔައިލްގެ ޖުމުލަތަކުން އޭނާ މާބޮޑަށް ހިތުގައިޖެހި ރޮވޭގޮތްވިއެވެ.
"ދެން ކޮބާ އަހަންނަށް ދޭ ޖަވާބު؟... އަހަރެން މިހާ ލޯބިން މެރީ ކުރަން ބޭނުންވާ ވާހަކަ ބުނީމަވެސް، ހަމަ ތިހެން އިންނާނީތަ؟..." ޔައިލް ސަމާސާކޮށްލިއެވެ.
ކަރުނަ ފޮހެމުން އިޒީ ޔައިލް އާއި ދުރަށްޖެހުނެވެ. އޭރު އެ ތުންފަތުން ލުއި ހިނިތުންވުމެއް ފެންނަން ހުއްޓެވެ.
"ދެން ގެއަށް ދިޔާމަ މަންމަމެން ބުނާނީ ކީކޭ؟... އަހަރެން މިކުއްޖާ ރޮއްވާލީއޭ..." ޔައިލް ޓިޝޫއިން އިޒީގެ މޫނު ރީތިކޮށްލަދިނެވެ. "މަންމަމެންނަށް އުފާވެރި ހަބަރު ދޭންވާއިރަށް މޫނުކޮޅު ހަޑިވީނު މި..."
އިޒީ ޔައިލްގެ އަތުން ޓިޝޫ އަތުލާފައި މޫނު ފޮހެލިއެވެ. އޭރު އޭނާ އިނީ ހަމަޖެހިފައެވެ.
"ދެން ނުދައްކައްޗޭ ޕާސްޓްގެ ވާހަކަ..." ދެންވެސް ވާހަކަ ދެއްކީ ޔައިލްއެވެ.
ހިނިތުންވެގެން އިނަސް، ޔައިލްގެ ހިތުތެރޭގައި އުފެދެމުންދިޔަ ހައިޖާނުގަނޑު އޭނާގެ ހިތުގެ ހަމަޖެހުން ނަގާލަމުން ދިޔައެވެ. ކައިވެންޏަށް އެދެވުނުއިރު، ޔައިލްގެ ހަގީގަތަކީ ކޮބައިކަމެއް އިޒީއަކަށް ނޭނގެއެވެ. އެންމެ ބޮޑު ހަގީގަތް ވަނީ ޔައިލްގެ ހިތުތެރޭގައި ވަންހަނާ ކުރެވިފައެވެ. އެ ސިއްރު ފަޅާއަރާ ދުވަހު، އެ ކައިވެންޏަށް ވާނީ ކިހިނެއް ހެއްޔެވެ؟
"މަންމަ އެ ގުޅަނީ..."
ޔައިލްއަށް ހަމަހޭވެރިކަންވީ އިޒީ އޭނާގެ ފޯނު ދައްކައިލުމުންނެވެ.
"ދާންވީ ދޯ؟..." އެއް ނޭވާއިން ކޮފީތަށި ބޮއެ، ހުސްކޮށްލަމުން ޔައިލް ތެދުވިއެވެ. ކައުންޓަރުގެ ކައިރިއަށް ދިޔައެވެ.
އިޒީ ސިއްރުން ޔައިލްގެ ދެތިން ތަސްވީރެއް ފޯނުގައި ރައްކާކުރިއެވެ. އެއީ އިޒީއަށް ހާއްސަ ދުވަހެކެވެ. އެ ހާއްސަ ވަގުތުކޮޅުގެ ހަނދާން ރައްކާކުރަން އޭނާ ބޭނުންވީއެވެ.
********
ކައިވެނީގެ ހުރިހާ ކަމެއް ހަމަޖެހުނެވެ. ދެފަރާތުގެ އާއިލާ އާއި މަޝްވަރާ ކުރެވުނު މަޝްވަރާތަކަށްފަހު، ދުވަސް ކަނޑައެޅިއެވެ. ކައިވެނީގެ ކޮންމެ ކަމެއްގައި އެންމެ އިސްކޮށް އުޅެމުންދިޔައީ އިޒީއެވެ. ޔައިލް ހުރީ ހަގީގަތް ހާމަކުރާނެ ފުރުސަތަކަށް ބަލަބަލައެވެ. އެހެނަސް، އިޒީގެ އުފާވެރިކަން ފެނި އެކަން ކުރަން ފަސްޖެހުނެވެ. ޔައިލްއަކީ ކާކުކަން އެނގޭ ހިސާބުން އިޒީއަށް ވާނެގޮތެއް ނޭނގޭތީއެވެ.
ޔައިލްގެ ގައިގައި ލައްވެލައިގެން އިން އިޒީގެ ނަޒަރު ހުއްޓިފައިވީ އޭނާގެ ކަށި އިނގިލީގައި އަޅާފައިވާ ރިހި އަނގޮޓިއަށެވެ. ފޯނުގައި ރައްކާކުރި ތަސްވީރުތަކުން އެ އަނގޮޓީގެ ތަސްވީރު ހާއްސަ ޖާގައެއް ހޯދީ ސަބަބެއް ނެތިއެއް ނޫނެވެ. އެއީ ރަންކީ ދުވަހު ޔައިލް ހަދިޔާކުރި ހާއްސަ ހަދިޔާއަކަށް ވީމައެވެ.
"ދީބަލަ އަތް..." އިޒީ އެދުނެވެ.
ކުރިމަތީގައި އަޅުވާފައި ހުރި ޓީވީއަށް ނަޒަރު ހުއްޓިފައިވިޔަސް، ޔައިލް އިނީ ހިޔާލަކަށް ގެއްލިފައެވެ. އޭނާއަށް ހަމަހޭވެރިކަންވީ އިޒީ މަޑުމަޑުން ކޮނޑުގައި ޖަހައިލުމުންނެވެ.
"އޭނ؟... ކީކޭ؟..." ޔައިލް އިނީ ވާނުވާ ނޭނގިފައެވެ.
އިޒީ ޔައިލްގެ އަތް ދަމައިގަނެފައި، ކަށި އިނގިލީގައި އަނގޮޓިއެއް އެޅުވިއެވެ. އެއީ އޭނާ ޔައިލްއަށް ހާއްސަކޮށްގެން ހެދުވި އަނގޮޓިއެކެވެ.
"ރީތިތަ؟..." އިޒީ އަހައިލިއެވެ.
"ވަރަށް ރީތި..." ޔައިލް ހިނިތުންވެލިއެވެ.
އިޒީ މާޔޫސްވިއެވެ. ޔައިލްގެ ހިނިތުންވުން ރަމްޒުކޮށްދިނީ އޭނާގެ އުފާވެރިކަމެއް ނޫނެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ވަނީ ހާސްކަމާއި، ނުތަނަވަސްކަމެވެ. އިޒީގެ އުފާވެރިކަން ގެއްލުނީ ހިތަށް އަންނަމުންދިޔަ ސުވާލުތަކުންނެވެ. ޔައިލްއަށް އެވަރުގެ ބަދަލެއް އައީ ކީއްވެ ހެއްޔެވެ؟ އިޒީ އާއި ކައިވެނި ކުރަން ޔައިލް ބޭނުން ނުވަނީ ހެއްޔެވެ؟ ނޫނީ އެއީ މަޖުބޫރުން ކުރާ ކައިވެންޏެއް ހެއްޔެވެ؟
"ކީއްވެތަ އަހަންނަށް ހީވަނީ ޔައިލް ހެޕީއެއް ނޫނޭ..." އިޒީގެ އުފާވެރިކަން ގެއްލުނެވެ.
ޝަކުވާ ނުކުރަން އިނަސް، އިޒީއަށް އެކަން ކުރެވުނެވެ.
"ކީއްވެ ތިހެން ތިބުނީ؟..." ހަމަޖެހިލަން މަސައްކަތް ކުރަމުން ޔައިލް ބުނެލިއެވެ.
"މިތަނަށް އައި ފަހުން، އަހަރެން ދެއްކި ކިތައް ވާހަކަ ޔައިލްއަށް އަޑު އިވުނުތަ؟... ބުނެބަލަ..." އިޒީ ހިތްހަމަނުޖެހޭގޮތް ވިއެވެ.
"ޓީވީ އަޅުވާފަ ހުރީމަ..." ޔައިލް އެއްޗެއް ބުނަން އުޅުނެވެ.
"ޓީވީއިން ދެއްކީ ކޯއްޗެއް؟..."
އިޒީގެ އެ ސުވާލަށްވެސް ޔައިލްއަކަށް ޖަވާބެއް ނުދެވުނެވެ. ހިތްހަމަނުޖެހުނުވަރުން އިޒީ ފުންމައިގެން ތެދުވިއެވެ. ފޯނު ހިފައިގެން ދާން ހިނގައިގަތެވެ. އިޒީ އާއި އެކު އެކީގައި ކަހަލަ ގޮތަކަށް ތެދުވި ނަމަވެސް، އިޒީގެ ފަހަތުން ހިނގައިގަންނާނެ ހިތްވަރެއް ޔައިލްއަކަށް ނުލިބުނެވެ. އިޒީ ނުކުމެގެން ދިޔައީ އޭނާ ބަލަން ހުއްޓައެވެ. ދެއަތުން މޫނު ފޮރުވަމުން ޔައިލް ސޯފާއަށް ވެއްޓިގަތެވެ. ކަންތައްތައް ބޮއްސުންލާ ހިސާބަށް ދިޔައިރުވެސް ޔައިލްއަށް ގޮތެއް ނުނިންމުނެވެ. އަނެއްކޮޅުން، އާމިނަތު މާލެ އަންނަ ދުވަސް ކައިރިވަނީއެވެ. އިޒީ ފެންނަ ހިސާބުން އާމިނަތަށް އެއީ ކާކުކަން އެނގޭނެއެވެ. އޭރުން އަދި ކަންތައް މާ ގޯސްވާނެއެވެ. ޔައިލްގެ ސިކުނޑި ސުމަކަށް ދިޔައެވެ.
ގެއަށް ވަންއިރު އިޒީގެ މުޅި ތަބީއަތު ވަނީ ހަރާބުވެފައެވެ. އޭނާ އުއްމީދުކުރީ ޔައިލް އޭނާގެ ފަހަތުން އަންނާނެ ކަމަށެވެ. އެކަމަކު، އެހެނެއް ނުވިއެވެ. ބަދިގޭގައި ހުރި އާގިސާ ގޮވައިލި ނަމަވެސް، އިޒީ މަޑުކޮށްލުމެއްނެތި ގޮސް ކޮޓަރިއަށް ވަނެވެ. ދަބަސް ހޫރައިލުމަށްފަހު އެނދަށް ވެއްޓިގަތެވެ.
"ދަރިފުޅު ކަމަކާ ހިތްހަމަނުޖެހިގެންތަ ތިއައީ؟..." ކޮޓަރިއަށް ވަންނަމުން އާގިސާ އަހައިލިއެވެ.
"ނޫން..." އިޒީ ވަގުތުން ދެކޮޅުހެދިއެވެ.
"މަންމަ ބުނީ މިއޮތީ އެއްކަލަ ސިޓީއުރަ... ކަބަޑުމަތީ އޮތީ.... ދަރިފުޅު ހަނދާންނެތިފަތަ މިއޮތީ މި ކަނޑަން؟..." އާގިސާ ދިއްކޮށްލީ ސިޓީއުރައެކެވެ.
"މީގެމަތިން ހަނދާންވެސް ނެތް..." ސިޓީއުރައިގައި ހިފަމުން އިޒީ ބުނެލިއެވެ.
އެއީ އާގިސާމެން މާލެ އައި ދުވަހު މީހަކު އާގިސާގެ އަތަށް ދިން ސިޓީއުރައެވެ. އިޒީގެ ނަން ޖަހާފައިވާ އެ ސިޓީއުރަ ކަނޑަން އޭނާ ހަނދާންނުވީ، ކައިވެނީގެ ކަންތައްތަކުގައި އުޅެންޖެހުމުންނެވެ.
"ތައްޔާރުވެލައިގެން އާދޭ ކާން އިނގޭ..."
އާގިސާ ދިޔުމުން، އިޒީއަށް ބަލައިލެވުނީ ފޯނެވެ. ޔައިލް ގުޅާފައެއް ނެތެވެ. ކުޑަމިނުން މެސެޖެއްވެސް ފޮނުވައެއް ނުލައެވެ. އިޒީ އައި ރުޅިން ފޯނު ދުރަށް ހޫރައިލިއެވެ.
"މެރީ ކުރެވޭތީ ޗޭންޖްވީތަ؟.." އިޒީ ހިތާއި ހިތުން ކުދިކިޔެވެ.
ސިޓީއުރަ ކަނޑައިލުމުން، އިޒީއަށް ލިބުނީ ހައިރާންކަމެވެ. އޭގައި ހުރީ ތަސްވީރު ތަކެކެވެ. ފުރަތަމަ ތަސްވީރު ފެނުމާއިއެކުވެސް އިޒީގެ ހަރަކާތްތަކެއް ލަސްކަމެއް އައެވެ. ފަހަރަކު ތަސްވީރެއް ބަލަމުން ގޮސް އެންމެފަހު ތަސްވީރާއި ހަމައިން އިޒީގެ ހަރަކާތް ހުއްޓުނެވެ.
"ޔައިލް؟..." އިޒީއަށް ހިތާއިހިތުން ކިޔައިލެވުނެވެ.
ތަސްވީރުތައް އިޒީގެ އަތުން ދޫވިއެވެ. އެއް ތަސްވީރު ވެއްޓުނީ ބަންޑުންނެވެ. އެ ތަސްވީރުގައި ލިޔެފައިވާ އިބާރާތްކޮޅު ކިޔައި ނިމުނުއިރު، ދެލޮލަށް ޖަމާވި ކަރުނަތަކުން އިޒީގެ ދެލޯ މުޅީންހެން ފުސްވެއްޖެއެވެ.
"ކީއްވެ އަހަންނަށް އޮޅުވާލީ؟..." ތަސްވީރުގައި ބާރަށް ހިފަހައްޓައިލަމުން އިޒީ ބުނެލިއެވެ.
"އަހަރެންގެ ކިބައިން ބަދަލުހިފަންތަ؟..." އަމިއްލަ ހިތާއި ސުވާލުކޮށްފައި ލިބުނު ޖަވާބުން އިޒީ ވަކީން ހިތުގައި ޖެހުނެވެ.
ބާލީހުން މޫނު ފޮރުވައިލީއިރު، ކޮޓަރިތެރޭގައި ހަރުލާފައިވީ އިޒީގެ ގިސްލުމުގެ އަޑެވެ.
*******
ފޯނަށް ބަލަން ޔައިލް އޮތީ، އިޒީއަށް ގުޅާނެ ހިތްވަރު ނުލިބިފައެވެ. އޭނާ ދައްކާނީ ކޮން ވާހަކައެއް ހެއްޔެވެ؟ އިޒީގެ ސުވާލުތަކަށް ދޭންޖެހެނީ އިޒީގެ ހިތް ކަތިލާވަރުގެ ޖަވާބެކެވެ. ޔައިލް ތަކުރާރުކޮށް، އިޒީގެ ނަންބަރަށް ގުޅަން އުޅުނެވެ. ކޮންމެ ފަހަރަކުވެސް ހިތްވަރު ނުލިބުމުން، ރިންގުވުމުގެ ކުރިން ފޯނު ކަނޑައިލަނީއެވެ.
********
"ދަރިފުޅު ކީކޭ ތި ކިޔަނީ؟..." ކުށްވެރިއެއްހެން އިސްޖަހައިގެން ހުރި އިޒީއަށް ބަލަން ހުރި އާގިސާގެ މޫނުން ފެންނަން ހުރީ ހާސްކަމެވެ.
"ކީއްވެތަ ދަރިފުޅު ކައިވެނި ނުކުރާނަމޭ ތި ކިޔަނީ؟... ރަން ކިޔާ ހުރިހާ ކަމެއް ކޮށްފަ، ތިހެން ހެދުން ތީ ކިހާ ހަޑި ކަމެއް.... ކައިވެނި ކުރެވެން ބާކީ އެންމެ ހަތަރު ދުވަހަށްވީއޭ.... ތީ ޔައިލްއަށްވެސް ދެވޭ ކިހާ ބޮޑު ދެރައެއް..." ފަރުހާދު މަސައްކަތްކުރީ އިޒީއަށް ވިސްނައިދޭށެވެ.
"ދެކުދިން މައްސަލައެއް ޖެހުނީތަ ދަރިފުޅާ؟...." އިޒީގެ ކޮނޑުގައި ފިރުމައިލަމުން އާގިސާ އަހައިލީ ނުހަނު ލޯބިންނެވެ. "އެއްކޮށް އުޅޭއިރު، އެތައް މައްސަލައެއް ޖެހޭނެ، އެކަންކަން ޖެހޭނީ ހައްލުކުރަން...."
އިޒީ އެއްޗެއް ނުބުނެ އިސްޖަހައިގެން ހުރީއެވެ.
"ދަރިފުޅު ދެން ޖެހޭނީ ތި ކައިވެނި ކުރަން...." ފަރުހާދު ފަހު ބަސް އިއްވިއެވެ.
"ދަރިފުޅު ވިސްނާލަބަލަ، މީހުން ކުރިމަތީ އަހަރެމެން ބަރުބާދުވާނެވަރު.... އެ އާއިލާއަށްވެސް ދެވޭ ކިހާބޮޑު ދެރައެއް ތީ..." ފަރުހާދު ހިތްހަމަނުޖެހިފައި ވާހަކަ ދެއްކިޔަސް، އާގިސާ ވާހަކަ ދެއްކީ ކެތްތެރި ރާގަކަށެވެ.
"މަންމާ، ބައްޕާ، އަހަންނަށް ނެތޭ މި ކައިވެނި ކުރެވޭކަށް..." އިޒީ އިސްޖަހައިލީ ހިތަށް ވީ ތަދުން ދެލޮލަށް ޖަމާވި ކަރުނަތައް ފޮރުވަމުންނެވެ.
"ކީއްވެހޭ؟... އަޖައިބެއް ނުވާނެތަ؟...." ފަރުހާދު ހިތްހަމަނުޖެހިގެން ތަންކޮޅެއް ބާރަށް ބުންޏެވެ.
"އަހަރެން ޔައިލްދެކެ ލޯތްބެއް ނުވޭ... އަހަރެން ޔައިލްއާ ރައްޓެހިވީ އަހަރެންގެ ދިރިއުޅުން އޭރު އެކަނިވެރިވީމަ..." އިޒީ ބުނެލިއެވެ.
ދޮރުމަތީގައި ހުރި ޔައިލްގެ ފައިދަށުން ހީވީ ބިންގަނޑު ދެމިގަތް ހެންނެވެ.
(ނުނިމޭ)