ބޮލީވުޑްގެ އެކްޓަރު ސަނީ ޑިއޯލްގެ ކެރިއަރުގެ ފުރަތަމަ ވެބް ފިލްމު "އިއްކާ"ގެ ޓްރެއިލާ ދައްކާލައިފިއެވެ.
ނެޓްފްލިކްސްގައި ޕްރީމިއާކުރާ މި ފިލްމުން ސަނީ ފެންނާނީ ވަކީލެއްގެ ރޯލުންނެވެ. ފިލްމު "އިއްކާ"ގައި ސަނީ ވަކީލެއްގެ ރޯލް ކުޅެފައިވާއިރު 1993 ވަނަ އަހަރު ސަނީ ކުޅުނު ފިލްމު "ދާމިނީ"ގައި ވެސް އެކްޓަރު ފެނުނީ ގާނޫނީ ވަކީލެއްގެ ރޯލުންނެވެ. އެ ފިލްމުން ސަނީއަށް ނެޝަނަލް އެވޯޑު ލިބުނުއިރު ފިލްމު "ދާމިނީ" އަކީ ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލުވި ފިލްމެކެވެ.
ފިލްމު "އިއްކާ" އަކީ، ކާމިޔާބު ރީތި ފިލްމުތަކެއް ގެނެސްދީފައިވާ ސިދާތު ޕީ މަލްހޯތުރާ ޑައިރެކްޓްކޮށް އަލްތީ ކޯޝަލް އަދި މަޔަންކް ތެވާރީގެ ވާހަކައަކަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމު ގެނެސްދެނީ، އަލްޗެމީ ފިލްމްސް އާއި ނެޓްފްލިކްސް ގުޅިގެންނެވެ.
ސަނީގެ އިތުރުން ފިލްމު "އިއްކާ"އިން ފެންނާނެ އިތުރު ތަރިންގެތެރޭ، އަކްޝޭ ކަންނާ، ތިލޮތަމާ ޝޯމް، ދިޔާ މިރްޒާ، ސަންޖީދާ ޝެއިޚް، ޝިޝިރު ޝަރުމާ އަދި އަކަންޝާ ރަންޖަން ކަޕޫރު ހިމެނެއެވެ.

ފިލްމު "އިއްކާ"ގެ މުހިއްމު ރޯލްތަކުން ފެންނާނެ ތަރިން ކަމަށްވާ، ތިލޯތަމާ ޝަރުމާ، އަކްޝޭ ކަންނާ، ސަނީ ޑިއޯލް އަދި ދިއާ މިރްޒާ--ފޮޓޯ/ޓެލެގްރާފްއިންޑިއާ
މި ފިލްމަކީ ސަނީ އާއި އަކްޝޭ 29 އަހަރަށްފަހު އެކީގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. ގާނޫނީ ދާއިރާގެ ވަރުގަދަ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށްފައިވާ "އިއްކާ"ގެ ވާހަކަ ބިނާވެފައި ވަނީ ނަޒާހަތްތެރިކަމަށް ނަން މަޝްހޫރު ގާނޫނީ ވަކީލަކު، ތަންކޮޅެއް ކުރިން ގާތިލަކަށް ކުރެވުނު ތުހުމަތުން އެ މީހަކު ދިފާއުކޮށްދޭން މަޖުބޫރުކުރުވި ހާދިސާއެއްގެ މައްޗަށެވެ.
އަކްޝޭ އާއި ސަނީގެ މެދުގައި ހިނގާ މި ކުރިމަތިލުންތައް އެ މީހުންގެ އުސޫލުތައް ވަރަށް ބޮޑަށް އިމްތިހާނުކޮށްލާނެ ކަމަށް ފިލްމުގެ ޓްރެއިލާއާ އެކު ނެޓްފްލިކްސްއިން ކުރި ޕޯސްޓުގައި ބުނެފައިވެއެވެ.
މި ފިލްމު ނެޓްފްލިކްސްގައި ޕްރީމިއާ ކުރާނީ މިފެށޭ ޖުލައި މަހުގެ 10 ވަނަ ދުވަހެވެ.