އިންޑިއާގެ މަގުބޫލު ރިއަލިޓީ ޝޯ "ބިގް ބޮސް ސީޒަން 19" ކާމިޔާބުކުރި ޓެލެވިޒަން އެކްޓަރު ގޯރަވް ކަންނާ އާއި އަންހެނުން އަކަންކްޝާ ޗަމޯލާގެ 10 އަހަރުވީ ކައިވެންޏަށް ނިމުން ގެނެސް ދެމަފިރިން ވަކިވާން ނިންމާފައިވާކަން ހާމަކޮށްފިއެވެ.
ޓެލެވިޒަން ބަތަލާ އަކަންކްޝާ މިކަން ހާމަކޮށްފައި ވަނީ ނެޓްފްލިކްސްއިން އަލަށް ދައްކަން ފެށި ރިއަލިޓީ ޝޯ "ލޮކް އަޕް: ސަޗް ޔާ ސަޒާ"ގެ ފުރަތަމަ އެޕިސޯޑުގައެވެ.
އަކަންކްޝާ ބައިވެރިއެއްގެ ގޮތުގައި ފެނިގެންދިޔަ "ލޮކް އަޕް: ސަޗް ޔާ ސަޒާ"ގައި އެހެން އެއްވެސް މީހަކަށް ނޭނގޭ އަމިއްލަ ސިއްރެއް ހާމަކުރުމަށް އެންގުމަށް ދިން ފުރުސަތުގައި ބަތަލާ ވަނީ، އޭނާ އާއި ފިރިމީހާ ގޯރަވް ވަރިވާން އުޅޭކަން ހާމަކޮށް، ޝޯގެ ބައިވެރިންނާއި ބެލުންތެރިން ސިއްސުވާލާފައެވެ. މި ޚަބަރާއެކު ޝޯގެ ޖެއިލަރުންގެ ގޮތުގައި ތިބި ބޮލީވުޑްގެ ޑައިރެކްޓަރު ފަރާ ޚާންއާއި އެކްޓަރު ރިތޭޝް ދޭޝްމުކަށް ވެސް ވަނީ ބޮޑު ހައިރާންކަމެއް ލިބިފައެވެ.
އަކަންކްޝާ ހާމަކުރި ގޮތުގައި އޭނާ އާއި ގޯރަވް ވަކިވާން ނިންމައި، ދެމީހުން ވަކިން ދިރިއުޅޭތާ މިހާރު އަހަރެއް ވެއްޖެއެވެ.

ގޯރަވް އަދި އަކަންކްޝާ 'ބިގް ބޮސް 19'އިގެ ޓްރޮފީއާ އެކު -- ފޮޓޯ/އިންޑިއަން އެކްސްޕްރެސް
"އަހަރެމެން ދެމީހުން ވަކިވާން ނިންމައި ވަކިން ދިރިއުޅޭތާ އަހަރެއް ވެއްޖެ. މިއީ މިހާތަނަށް އާންމުންނަށް އެނގިފައިވާ ކަމެއް ނޫން. އަހަރެމެންގެ ދެމެދުގައި އެއްވެސް މައްސަލައެއް ނެތް، ވާހަކަވެސް ދައްކަން. އެކަމަކު ދެމީހުންގެ މުސްތަގުބަލާ މެދު ދެކޭ ގޮތް ތަފާތުވުމުން، ދެން އެކުގައި އުޅެވެން ނެތްކަމަށް ގަބޫލުކުރެވެނީ," އަކަންކްޝާ ބުނެފައިވެއެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި މި ނިންމުން ނިންމާފައި ވަނީ ގޯރަވް "ބިގް ބޮސް"ގައި ބައިވެރިވި ދުވަސްވަރެވެ. އަދި ދެ ފަރާތުގެ އާއިލާއިން ވެސް އެދިގެން، ކަންކަން ރަނގަޅު ކުރެވޭތޯ މަސައްކަތްކޮށް ވަކިން ދިރިއުޅުނު ނަމަވެސް، ދެމަފިރިންގެ ގޮތުގައި ދެ މީހުންނަށް އެކީގައި ދިރިއުޅުމުގައި އިތުރަށް ކުރިއަށް ނުދެވޭނެކަން ވަނީ އިހުސާސްކުރެވިފައެވެ.
އަކަންކްޝާ ފާހަގަކުރި ގޮތުގައި މި ވާހަކަ އަކީ އޭނާގެ އާއިލާއަށް ވެސް ލިބޭނެ އާ ޚަބަރެކެވެ.
ގޯރަވް އާއި އަކަންކްޝާގެ ކައިވެނި ކުރެވުނީ 2016 ވަނަ އަހަރުއެވެ. އަކަންކްޝާ އާއި ގޯރަވްގެ ގުޅުން ހީނަރުވެ ދެ މީހުންގެ ކައިވެނި ނިމުމަކަށް ގެންނަން ނިންމި ކަމުގެ އަޑުތަކެއް މި އަހަރުގެ ޖަނަވަރީ މަހުތެރޭ ވެސް އެރިއެވެ. ނަމަވެސް އަކަންކްޝާ ވަނީ އެ ޚަބަރުތައް އޭރު ދޮގުކޮށްފައެވެ.
ޓެލެވިޒަން ދާއިރާގެ އެންމެ މަގުބޫލު އަދި އެންމެ އަގުބޮޑު އެކްޓަރުންގެ ތެރޭގައި ހިމެނޭ ގޯރަވްގެ ކައިވެންޏަށް ނިމުން ގެންނަން ނިންމިއިރު އެ ދެމަފިރިން ވެސް ފާހަގަކުރެވިފައި ވަނީ ވަރަށް ލޯބިން އެކީގައި އުޅެމުން އައި އުފާވެރި ބައެއްގެ ގޮތުގައެވެ.
ގޯރަވްއަށް ބެލުންތެރިންގެ ސަމާލުކަން ބޮޑަށް ލިބެން ފެށީ ސްޓާޕްލަސްގެ ޑްރާމާ ސީރީސް "އަނޫޕަމާ"ގައި ކުޅުނު 'އަނުޖް ކަޕާޑިއާ'ގެ ރޯލްއިންނެވެ.
ނެޓްފްލިކްސްއިން ގެނެސްދޭ "ލޮކް އަޕް" ސީޒަން 2ގައި ޖުމްލަ 15 ބައިވެރިން ހިމެނޭއިރު، އޭގެ ތެރޭގައި ސުނީތާ އަހޫޖާ، ޝިވާންގީ ޖޯޝީ، ދީރަޖް ދޫޕަ އަދި ރާމް ކަޕޫރު ފަދަ މަޝްހޫރު ތަރިން ހިމެނެއެވެ.