ރިވައިވަލް ސްޕޯޓްސް އެކެޑެމީގެ އުންމީދީ ބެޑްމިންޓަން ކުޅުންތެރިޔާ، އުމުރުން އެންމެ 11 އަހަރުގެ އައިޝާ ހާޖަރު ހާނިސް މޫސާ، ބައިނަލްއަގްވާމީ މުބާރާތަކުން ފުރަތަމަ ފަހަރަށް ލޯ މެޑަލް ހޯދައި ބޮޑު ކާމިޔާބީއެއް ހާސިލްކޮށްފިއެވެ.
ހާޖަރް މި ކާމިޔާބީ ހޯދާފައިވަނީ މި ޖޫންމަހުގެ 11-14 އަށް ކުރިއަށްދިޔަ "އަރްމީނިއަން ޔޫތު އޯޕަން 2026" ބެޑްމިންޓަން މުބާރާތުގެ 13 އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓުންނެވެ.
މި މުބާރާތުގައި ހާޖަރް ވާދަކުރީ އަރްމީނިއާގެ ކުޅުންތެރިއެއް ކަމަށްވާ އަވެޓް އަލެކްސަންޔަންއާ އެކު ޕެއާ ހަދައިގެންނެވެ.
މިއީ ހާޖަރްގެ ކެރިއަރުގައި ވާދަކުރި ފުރަތަމަ ބައިނަލްއަގްވާމީ މުބާރާތް ކަމަށްވާއިރު، ފުރަތަމަ ފަހަރުވެސް ރާއްޖެއަށް މެޑެއްޔެއް ހޯދައިދިނުމަކީ އޭނާގެ ހުނަރުވެރިކަން ހުރި މިންވަރު ހާމަކޮށްދޭ ކަމެކެވެ.
އަރްމީނިއާ ޔޫތު އޯޕަންއަކީ ބެޑްމިންޓަން ޔޫރަޕް ފެޑެރޭޝަނުން ރުހުންދީފައިވާ، އެ ފެޑެރޭޝަންގެ ރަސްމީ ކަލަންޑަރުގައި ހިމެނޭ ވަރުގަދަ މުބާރާތެކެވެ.

އަރުމީނިއަން އޯޕަންގައި ބްރޮންޒް ހޯދި ރިވައިވަލް ސްޕޯޓްސް އެކެޑެމީގެ އުންމީދީ ބެޑްމިންޓަން ކުޅުންތެރިޔާ، އުމުރުން އެންމެ 11 އަހަރުގެ އައިޝާ ހާޖަރު ހާނިސް މޫސާއާއެކު ވަނަތަކަށް ދިޔަ އެތުލީޓުން--
މިއަހަރުގެ މުބާރާތުގައި އެކި ގައުމުތަކުން 90 އަށް ވުރެ ގިނަ ކުޅުންތެރިން ބައިވެރިވެ ވާދަކޮށްފައިވެއެވެ.
އޭގެ ތެރޭގައި މުބާރާތް ބޭއްވި އަރްމީނިޔާގެ އިތުރުން ޖޯޖިޔާ، ކަޒަކިސްތާން، ސައިޕްރަސް، އިޒްރޭލް އަދި ރަޝިޔާ ފަދަ ބެޑްމިންޓަންގައި ކުރިއަރަމުން އަންނަ ގައުމުތަކުގެ ކުޅުންތެރިން ހިމެނެއެވެ.
އެހެންކަމުން، މިފަދަ ބޮޑު އަދި ވާދަވެރި މުބާރާތަކުން ހާޖަރް ހޯދި މި ކާމިޔާބީއަށްޓަކައި ރިވައިވަލް ސްޕޯޓްސްއިން ވަނީ އޭނާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.