މުރާދު ބަސްމާއަށް ބަލައިލުމާއެކު ބަސްމާ ބޯ ޖަހައިލިއެވެ. އެއާއެކު މުރާދު ވާހަކަ ދައްކަން ފެށިއެވެ.
"ތިގުޅުމާ މެދު ބައްޕަގެ އެއްވެސް އިއުތިރާޒެއް ނެތް." މުރާދު ބުނެލިއެވެ.
އައިރާއަށް އިވުނު އަޑު ޤަބޫލެއް ނުކުރެވުނެވެ. އޭނާއަށް ފަހަރަކު މީހެއްގެ މޫނަށް ބަލައިލެވުނެވެ. ޒަހްރާންގެ އިތުރުން ބަސްމާއާއި، އީލާފްގެ ތުންފަތް މައްޗަށް ވެސް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. އައިރާއަށް އަނެއްކާ ވެސް ބަލައިލެވުނީ ޒަހްރާނަށެވެ. އޭރު ޒަހްރާން ވެސް އިނީ އޭނާއަށް ބަލަހައްޓައިގެންނެވެ. މުރާދުގެ ބަސްތައް އައިރާއަށް ޔަޤީންކުރެވުނީ، ޒަހްރާން ބޯ ޖަހައިލުމުންނެވެ.
އީލާފް އެ އައި ގޮތަށް އައިސް އައިރާގެ ގައިގައި ބައްދައިގަތެވެ. އޭނަ ހުރީ ނުހަނު އުފާވެފައިކަން އެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުތަކުން ދޭހަވަމުން ދިޔައެވެ.
"އައިރާ... މިއަދު ބޭނުން އަހަރެން ކައިރިއަށް މާފަށް އެދެން. އަހަންނަށް އައިރާއާ ދޭތެރޭ ކަންތައް ކުރެވުނީ އެއްގޮތަކަށް ވެސް ރަނގަޅަކަށް ނޫން. އައިރާއަކީ ގޯސް ކުއްޖެއް ނޫން. ތި ދެކުދިން ކައިވެނިކުރަން ބޭނުންވަންޏާ ބައްޕަ ހުރަހެއް ނާޅާނަން. ރެން. ބައްޕައަށް މާފުކުރޭ. ބައްޕައަށް ދަރިފުޅާ ދޭތެރޭ ވެސް ކަންތައްކުރެވުނީ ރަނގަޅަކަށް ނޫން. އެނގޭ ރެންގެ ހިތުގައި ވަރަށް ޖެހުނުކަން. އެކަމަކު ބުނަންތަ؟ ބައްޕަ އައިރާއަށް ފައިސާ ދިނީ ގޯސް މަޤްސަދެއްގައެއް ނޫން. އެއީ، އައިރާ ދަރިފުޅު ދޫކޮށްލާފަ ދިޔުމަށް ދިން ބަދަލެއް ނޫން. ބައްޕައަކީ އުސޫލުތަކުގައި ހިފައްޓާ މީހެއް ނަމަވެސް، ހިތްހަރު މީހެއް ނޫން. އެނގޭ ރަށަށް ގޮސްފައި ވެސް އައިރާ ހުންނާނެ ތަނެއް ނުހުންނާނެކަން. އެހެންވެ އެހީތެރިވުމުގެ ގޮތުން އެގޮތަށް ކަންތައް ކުރެވުނީ. ބައްޕަ އުންމީދުކުރަން ދެ ކުދިން ވެސް ބައްޕައަށް މާފުކުރާނެކަމަށް." މުރާދު ބުނެލިއެވެ.
"މަންމައާއި ބައްޕަ ވެސް ތި ދެ ކުދިންނަށް ރުހުން ދީފިން." ބަސްމާ ބުނެލިއެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ވީހާ ވެސް އަވަހަކަށް ކައިވެނިކުރަން." ޒަހްރާން އައިރާއަށް ބަލައިލުމަށްފަހު ބުނެލިއެވެ.
"ބައްޕަމެންގެ އެއްވެސް މައްސަލައެއް ނެތް." މުރާދު އަވަސް އަވަހަށް ބުނެލިއެވެ. ކުރެވުނު ކުށް އިޙްސާސްވެ މާފަށް އެދުމުން އޭނަގެ ހިތަށް ލިބިފައިވަނީ ބަޔާންކުރަން ދަތި އުފަލެކެވެ. ޒަހްރާންގެ މޫނުމަތިން މިހާރު ފެންނަމުންދާ އުފާވެރިކަން އޭނައަށް ވެސް ނުހަނު ބޮޑު ހިތްހަމަޖެހުމެއް ގެނެސްދީފިއެވެ.
"ކައިވެނީގެ ތާރީޚު ކަނޑައަޅާނީ އެކަމަކު ދޮންބެވެސް މިކޮޅަށް އައިމަ." ޒަހްރާން ބުނެލިއެވެ. މުރާދާ ބަސްމާ ވެސް ބޯ ޖަހައިލިއެވެ. ޒަހްރާން ބަސްމާއަށް ބަލައިލުމަށްފަހު ހިނިތުންވެލި ގޮތުން ބަސްމާގެ ހިތަށް ފިނިކަން ލިބި ހިތްހަމަޖެހުނެވެ. ޒަހްރާނާ އޭނައާ އޮތް ގުޅުން ރަނގަޅުވަމުންދާކަމުގެ އަލާމާތްތައް ދިޔައީ ފެންނަމުންނެވެ.
"މަންމާ. ދެން އައިރާ މިގެއަށް ގެންނަންވީނު." އީލާފް ކުއްލިއަކަށް ބުނެލިއެވެ. ބަސްމާއަށް ބަލައިލެވުނީ މުރާދަށެވެ. އެކަމަށް ގޮތެއް ނިންމުމުގެ ފުރިހަމަ އިޚްތިޔާރު އޭނަ ދޫކޮށްލީ މުރާދުގެ އަތް މައްޗަށެވެ. މުރާދު ވާހަކަ ދައްކަން އަނގަހުޅުވައިލުމާއެކު އައިރާ ވާހަކަ ދައްކައިފިއެވެ.
"އަޅުގަނޑު... އަޅުގަނޑު ބޭނުމެއް ނޫން، ކައިވެނީގެ ކުރިން... މިގޭގައި... މަޑުކުރާކަށް." އައިރާގެ އަޑުގައި ވަނީ ޖެހިލުންވުމެކެވެ.
"އެއީ، އަހަރެމެންނަށް އައިރާއާ ދޭތެރޭ ކަންތައްކުރެވުނު ގޮތުންތަ؟" މުރާދު މާޔޫސްވިއެވެ. އޭނައަށް އައިރާއާ ދޭތެރޭ ކަންތައް ކުރެވުނު ގޮތް ހަނދާންވީއެވެ.
"ނު... ނޫން. އެހެންވެގެނެއްނެއް ނޫން." އައިރާއަށް ބުނެވުނީ ހަމައެކަނި އެހެންނެވެ.
"މައްސަލައެއް ނެތް. އައިރާ ބޭނުންވާ ގޮތަށް ހުރިހާކަމެއް ވެސް ވާނީ. އައިރާ ބޭނުންވަނީ ތި ގޮތް ކަމަށް ވަންޏާ އެއްވެސް މީހަކު އައިރާއަކަށް މަޖުބޫރެއް އެއް ނުކުރާނެ." ޒަހްރާން ބުންޏެވެ.
އާއިލީ އުފާވެރިކަމަކީ ކޮބައިކަން އައިރާއަށް ފުރަތަމަ ދަސްވީ އެރެއެވެ. އެއީ ކިހާ މާތް ގުޅުމެއްކަން އިޙްސާސްވީ ވެސް އެ ރެއެވެ. ދަރިން ދެކެ މައިންބަފައިން ވާ ލޯބި އެފަދަ ގޮތަކަށް ފެނުމުން، އެ ނަސީބު އޭނައަށް ނުލިބުނީ ކީއްވެބާއޭ ހިތަށް އަރާ ފެންކަޅިވެގެން ދިޔައެވެ. އެފަދަ ލޯތްބެއް ދުވަހަކު ވެސް އޭނައަކަށް ނުލިބެއެވެ. އެ ލޯބީގެ ރީތިކަން ވަޒަނެއް ނުކުރެވެއެވެ.
ކައިގެން ޒަހްރާނާ މުރާދާ ދެމީހުން، ވާހަކަ ދައްކަން ޓެރެސްއަށް އެރުމުން، އައިރާމެން މަޑުކުރީ ބޮޑުކޮޓަރީގައެވެ. އައިރާގެ ދެލޯ ފެންކަޅިވެފައިވާތަން ބަސްމާއަށް ފެނުނީ އެވަގުތެވެ.
"އައިރާ. ކިހިނެއްވީ؟" ބަސްމާ އޯގާތެރިކަމާއެކު ސުވާލުކޮށްލިއެވެ.
ދެފަރާތަށް ބޯ ހޫރައިލަމުން އައިރާ، ނޫނެކޭ ބުނި ނަމަވެސް، ޖަޒުބާތުތައް ކިޔަމަންކުރުމަކީ ނުހަނު ދަތިކަމަކަށް އޭނައަށް ވެއްޖެއެވެ.
"ބުނެބަލަ. ކިހިނެއްވީ؟" ބަސްމާ އަނެއްކާވެސް ސުވާލު ތަކުރާރުކޮށްލިއެވެ.
"މިކަހަލަ ކަމެއް އިޙްސާސްކޮށްލަން އަޅުގަނޑަށް ފުރުސަތު މި ލިބުނީ އަލަށް. މަންމައިން ދަރިން ދެކެ ލޯބިވާ ވާހަކަ އަޅުގަނޑު މުޅިން ވެސް އަޑު އެހީ ވާހަކަތަކުން. ހަޤީޤަތުގައި އެ ލޯބީގެ މަތިވެރިކަމާއި ފުރިހަމަކަން އިޙްސާސްކޮށްލާކަށް ތަޤުދީރު އަޅުގަނޑަކަށް ފުރުސަތެއް ނުދިން. މަންމައެއް ހުރެމެ އެ މަންމަގެ ފަރާތުން ވެސް ލިބުނީ ގޯނާއާއި އަނިޔާ. މީހުންގެ ދުލުގެ ވިހައަށް ވުރެ ބޮޑު ހިތްދަތިކަމެއް ލިބުނީ އެ މަންމަގެ އަމަލުތަކުގެ ސަބަބުން. އެއީ ގޯސްކަމެއްކަން އެނގުނު ހިސާބުން މަންމައަށް ނަޞޭހަތްތެރިވުން. އިސްލާހުވާން ނަޞޭޙަތްދިނިން. އެކަމަކު...." އައިރާއަށް ރޮވެން ފެށުނެވެ.
ބަސްމާ އައިރާ ގެނެސް އޭނާގެ މޭގައި ޖައްސައިލިއެވެ. އެއަށްފަހު އޭނަ އައިރާގެ ބުރަކަށީގައި ފިރުމައިލިއެވެ.
"އައިރާ... ހިތްވަރުކުރޭ. ދުނިޔެއަކީ އިމްތިޙާނުގެ ގޮވައްޗެއްނު. އެކަން އެނގެއެއްނު އައިރާއަށް ވެސް. މި ދުނިޔެމަތީގައި އިމްތިޙާނު ނުކުރައްވާ ހަމަ އެންމެ އިންސާނަކު ވެސް ނުވާނެ. ކިތަންމެ އުފަލަކާއި އަރާމެއްގައި އުޅުނު ނަމަވެސް، އެމީހައަށް ވެސް އިމްތިޙާނުތައް ކުރިމަތި ކުރައްވާނެ. މާތް ﷲ މި ދުނިޔެ މައްޗަށް ފޮނުއްވެވި ރަސޫލުބޭކަލުންނަށް ވެސް ކިހައި ބޮޑެތި އިމްތިހާނު ތަކެއް ކުރިމަތި ކުރެއްވި." ބަސްމާ އައިރާ ދުރުކޮށްލަމުން ބުނެލިއެވެ.
"މިހާރު އައިރާގެ ޙަޔާތުގެ ތި އަނދިރި ބާބަށް ނިމުން އައީ. ދެން އޮތީ އުފަލާ ހިތްހަމަޖެހުމުގެ ދުވަސްތައް. އިންޝާ ﷲ." ބަސްމާ ހީނލިއެވެ. އޭނަ އައިރާގެ އަތުގައި ހިފަހައްޓައި އެ އަތަށް ބާރުކޮށްލިއެވެ.
"މީގެ ފަހުން މީ އައިރާގެ މަންމައޭ. ދެން ދެރަނުވޭ..." ބަސްމާ އަނެއްކާ ވެސް ބުނެލިއެވެ. އީލާފް ވެސް އެ ދެމީހުންނަށް ބަލަން ހުރެފައި އައިސް ދެމީހުންގެ ގައިގައި ބައްދައިގަތެވެ.
"އީލު ދެން ކިޔަން ޖެހޭނީ ކުޑަބެ ދައްތަ ދޯ އެހެންވީމަ." އީލާފްގެ ވާހަކައިން ބަސްމާ ގާތަށް ހިނިއައިއިރު، އައިރާއަށް ވެސް، ކަރުނައިގެ ތެރެއަށް ހިނިތުންވެވުނެވެ.
*****
ޓެރެސްގައި ޒަހްރާނާ މުރާދު ދެއްކީ ކޮން ވާހަކައެއް ކަމެއް ނޭނގެއެވެ. އެތަކެއް އިރަކު ވާހަކަ ދައްކަން ތިބެފައި ދެބަފައިން ތިރިއަށް އައީ ދިހައެއް ޖަހައި ބޮޑުވިފަހުންނެވެ. އައިރާ ގޮވައިގެން އެޕާރޓްމެންޓަށް ދާންވެގެން ނުކުމެ ކާރަށް އެރުމަށްފަހު، ޒަހްރާން އައިރާއަށް ބަލައިލިއެވެ. އޭރު އައިރާ ދިޔައީ ކޮންމެވެސް ކަމަކާ ވިސްނަމުންނެވެ.
"އައިރާ. ކިހިނެއްވީ؟" ކާރު ސްޓާރޓްކޮށްލުމަށްފަހު، ގޭޓުން ނެރިލަމުން އައިރާއާ ޒަހްރާން ސުވާލުކޮށްލިއެވެ.
"އަހަރެމެން.... އަހަރެމެން މެރީކޮށްގެން އުޅޭނީ ކޮންތާކުތަ؟" އައިރާ އޭނަގެ ހިތުގައި ދައުރުވަމުން ދިޔަ ސުވާލު ޒަހްރާނާ ކޮށްލިއެވެ.
"އެކަމާތަ ވިސްނަނީ؟ އައިރާ ހާދަ ކަންތައްތަކަކާ މެދު ވިސްނައޭ... އެހާ ކަންބޮޑުނުވެބަލަ. އަހަރެން މިހުރީނު." ޒަހްރާން ބުންޏެވެ. އޭނަ ސީދަލަށް ޖަވާބެއް ނުދިނެވެ. މައުޟޫއު ބަދަލުކޮށްލަމުން، ޒަހްރާން އައިރާގެ ހިތްހަމަ ޖައްސައިދޭން މަސައްކަތްކުރިއެވެ.
"ޔަޤީންކުރޭ، މިއަދަށްފަހު އަހަރެން އަޅާ ކޮންމެ ފިޔަވަޅަކީވެސް އަހަރެމެން ދެމީހުންގެ މުސްތަޤްބަލަށް ޓަކައި އަޅާފިޔަވަޅެއް. އެކަން އައިރާ އަބަދުވެސް ހަނދާނުގަ ބަހައްޓައްޗޭ. އަބަދުވެސް އަހަރެން މަސައްކަތްކުރާނީ އައިރާ އުފަލުގައި ބެހެއްޓުމަށް. މީ ހަމައެކަނި އަހަރެން އައިރާއަށް ވާ ވައުދެއް ނޫން. އައިރާ އަހަންނަށް އާބަސް ދިން ރެއިން ފެށިގެން އެއީ އަހަރެން އަމިއްލަ ނަފްސަށް ވެފައިވާ ވަޢުދެއް. އަހަރެން އައިރާއަށްޓަކައި ޢާއިލާއާ ކުރިމަތިލި ގޮތަށް ކޮންމެ މީހަކާ ވެސް ކުރިމަތިލާނަން. އިންޝާ ﷲ، އަހަރެން ހުއްޓާ އައިރާ ނުޖެހޭނެ އެއްވެސް މީހެއްގެ ކުރިމަތީގައި ބޭޒާރުވާކަށް. އަހަރެން ހުންނާނީ އަބަދުވެސް އައިރާގެ ހިމާޔަތުގަ. އައި ލަވް ޔޫ އައިރާ." ޒަހްރާން އިޤުރާރުވަމުން ދިޔައިރު، އޭނަގެ އަޑުގައިވަނީ ލޯތްބާއި ކުލުނެވެ. އައިރާއަށް އޭނަ އެދޭ މިންވަރާއި އުފާވެރިކަމެވެ.
އެ ވާހަކަތަކުން އައިރާގެ ތުންފަތް މައްޗަށް ވެސް ހިނިތުންވުމެއް ވެރިވިއެވެ. އޭނަ ދެކެ އެ ދަރަޖައަށް ލޯބިވާނެ މީހަކު ދުވަހަކު ވެސް ލިބިދާނެކަމަކަށް އޭނަ އުންމީދެއް ނުކުރެއެވެ. އެހެންނަމަވެސް، މިއަދު ހީވަނީ ދުނިޔޭގެ ހުރިހާ އުދަލެއް އޭނަގެ ފަސްބަޔަށް ޖަމާވެފައިވާހެންނެވެ. ޒަހްރާނަށް އެ ހިތުން ދެވިފައިވާ މަޤާމު އެތަކެއް ދަރަޖައެއް އުފުލިގެން ދިޔައެވެ.
"އައި ލަވް ޔޫ ޓޫ." ޒަހްރާނެކޭ އެއްގޮތަށް އައިރާ ވެސް އެ ހިތުގެ ޙާލު ޒަހްރާންގެ ކުރިމަތީގައި ބަންޑުންކޮށްލިއެވެ.
*****
ދުވަސްތައް ފާއިތުވަމުން ގޮސް އަޔާޝްމެން ވެސް ރާއްޖެ އަތުވެއްޖެއެވެ. ޒަހްރާނާ އައިރާގެ ކައިވެނީގެ ވާހަކަތައް ދެކެވެން ފެށީ ދެނެވެ. ޒަހްރާން މިހާރަކަށް އައިސް ގިނަ ވަގުތު ހޭދަކުރަނީ މޭޕަލްވިލާގައެވެ. އޭނަ އަންނަ ފަހަރުތަކުގައި އަންނަނީ އައިރާ ވެސް ގޮވައިގެންނެވެ. ވީހާވެސް އަވަހަކަށް ކައިވެނިކުރުމަށް ދެ ޒުވާނުން ވެސް ތިބީ ބޭނުންވެފައެވެ.
އާދައިގެ މަތިން ދުވަހެކެވެ. ފަތިސް ނަމާދަށް ހޭލުމަށްފަހު ކުޑަކޮށް ނިދައިލައިފައި އައިރާ ތެދުވިއިރު ހަތްގަޑި ބައިވަނީއެވެ. އޭނަ ގަސްތުކުރީ ކޮފީއެއް ބޯލުމަށެވެ. ހެނދުނު "މޭޕަލްވިލާ"އަށް އައުމަށް ބަސްމާ ވަނީ އޭނައަށް ދަޢުވަތު ދީފައެވެ. އެހެންކަމުން، އަލުން ނިދާ ޚިޔާލެއް އައިރާ ނުކުރެއެވެ.
ކޮފީއެއް ހަދައިލައިގެން މޭޒުދޮށުގައި އިށީންތަނާ ޒަހްރާންގެ ފޯނު ކޯލެއް އޭނައަށް ލިބުނެވެ. ބަސްމާ ބުނެގެން އައިރާ ބަލައި އޭނަ އެބަ އަންނަމޭ ޒަހްރާން ބުނެލިއެވެ. އެހައި ހެނދުނާ ޒަހްރާން ހޭލައިގެން އުޅޭތީ އައިރާ ކުޑަކޮށް ހައިރާންވެސް ވިއެވެ.
"ނަމާދަށް ހޭލާފަ އަހަރެން ނުނިދަމޭ." ޒަހްރާން ބުނެލިއެވެ. އައިރާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ޒަހްރާން ބޭނުންވީ އޭނަ ފަތިސްނަމާދު ކުރިކަން އަންގަންކަން އައިރާއަށް އެހިނދު ނަގައިގަނެވުނެވެ.
"ރެޑީ ވެލައިގެން މި ފައިބަނީ. ޒަހްރާން ކިހައި ހިސާބަކު؟" އައިރާ ސުވާލުކޮށްލިއެވެ.
"އިރުކޮޅެއް ވާނެ އަދި. ތައްޔާރުވެލައިގެން ތިރިއަށް އާދޭ." އެހެން ބުނެލުމަށްފަހު، ޒަހްރާން ފޯނު ބޭއްވިއެވެ.
ކޮފީތަށި ބޯލައިގެން، އައިރާ ތައްޔާރުވެލައިގެން ތިރިއަށް ދިޔައެވެ. އޭރު ޒަހްރާން ކާރުގައި އޭނަގެ އިންތިޒާރުގައި އިނެވެ. އައިރާ ފެނުމާއެކު ކާރުން ފޭބިއެވެ. އެއާއެކު އައިރާއަށް ލިބުނު ސިހުމުގައި ދެލޯ ބޮޑުކޮށްލެވުނެވެ. ޒަހްރާން ހުރީ ކަޅުކުލައިގެ ކޯޓު ފަޓްލޫނުގައެވެ. ފިރިހެންވަންތައެވެ. ތުނބުޅި ހެޔޮވަރަށް ކޮށާލާ އެއްވަރުކޮށްފައިވާއިރު، މޫނުމަތިން ފެންނަނީ ތާޒާކަމެވެ. ދެލޮލުގައިވަނީ ތޫނުކަމެވެ. އެހެންޏާ ޑައީކޮށްފައި ހުންނަ އިސްތަށިގަނޑުވެސް އޮތީ ކަޅުކޮށްލުމަށްފަހު، ހެޔޮވަރަށް ކޮށާލާފައެވެ.
"ޒަހްރާން؟" އައިރާއަށް ސުވާލުގެ ނަޒަރަކުން ޒަހްރާންގެ ފައިން ފެށިގެން ބޮލަށް ނަޒަރު ހުއްޓައިލިއެވެ. "ތީ...."
"އޮފީހުގެ ފުރަތަމަ ދުވަސް..." އެހެން ބުނެލުމަށްފަހު، ޒަހްރާން ކާރުގެ ދޮރުފަތް ހުޅުވައިލަދިނެވެ. އައިރާ ހައިރާންކަމާއެކު، ބަލަން ހުރުމަށްފަހު، ކާރަށް އެރިއެވެ. ޒަހްރާން ވެސް ކާރަށް އަރާ އިށީނެވެ. އޭރުވެސް އައިރާއަށް ބެލެނީ ޒަހްރާނަށެވެ. ޒަހްރާނަށް އައިސްފައިވާ ބަދަލުތަކުން އޭނަ އުފާވި ނަމަވެސް، ބުނެވެސް ނުލާ އެވަރުކަމެއް ޒަހްރާން ކުރުމުން އައިރާ، ހައިރާންވީއެވެ.
"ކިހިނެއްވީ؟ ކަމުނުދަނީތަ؟ އައިރާއަށް ކަމުނުދަންޏާ އަހަރެން އޮފީހަކަށް ނުދާނަން." ޒަހްރާން ލާނެތް ސަމާލާއެއްކޮށްލަމުން ބުނެލިއެވެ.
"އަހަންނަށް ކީއްވެ ކަމުނުދާންވީ. ވަރަށް އުފާވެއްޖެ މިއަދު." އައިރާ ބުނެލިއެވެ.
"އަހަރެން މާ ރީތީ ދޯ..." މިފަހަރުވެސް ޒަހްރާން ސަމާސާކޮށްލިއެވެ. އޭނަ އައިރާއަށް ބަލައިލަމުން އެއްލޯ މަރައިލުމުން އައިރާ ލަދުން އިސްޖަހައިލިއެވެ.
"ޑޯންޓް ވޮރީ ބޭބީ. އަހަރެން މީ ހަމައެކަނި އައިރާގެ ހައްޤެކޭ." ޒަހްރާން ބުނެލިއެވެ. އެފަދަ ސަމާސާތަކެއްގައި ތިއްބައި "މޭޕަލްވިލާ"އަށް އާދެވިއްޖެއެވެ. އައިރާ ގޮސް ގެއަށް ވަނުމުން ޒަހްރާން ކާރުގެ މިސްރާބު ބަދަލުކޮށްލީ، އޮފީހާ ދިމާލަށެވެ.
އޭނަ މޭޕަލް ހެރިޓޭޖް ޕްރައިވެޓް ލިމިޓެޑް" ގެ މައި އޮފީސް އިދާރާއަށް ދިޔައިރު، އަޔާޝް ވެސް ކާރުން ފައިބަނީއެވެ. ކާރު ޕާކުކޮށްލާފައި ޒަހްރާން އަޔާޝްއަށް ގޮވައިލިއެވެ. ދެ މީހުން އޮފީހަށް ވަނީ އެކުއެކީގައެވެ.
"ދޮންބެ ވަރަށް އުވާވެއްޖެ މިއަދު. އެކަމަކު ހުރިހާ ކްރެޑިޓެއް ހައްޤުވަނީ ހަމައެކަނި އައިރާއަށް." އަޔާޝް ބުނެލިއެވެ. ޒަހްރާން ހީނލުމަށްފަހު އެކަމަކަށް އެއްޗެއް ނުބުންޏެވެ.
"ދޮންބެއާ އެކީ އުޅެލީމަ ދެން ހުރިހާ ޕްރޮޖެކްޓްތަކެއް އަނެއްހެން އެނގޭނީ. ރެން އައިމަ ދެން ދޮންބެއަށް ވެސް ތަންކޮޅެއް ފަސޭހަވާނެ. ލީގަލީ ކުރަން ޖެހޭ ކަންތައްތަކުގައި މަޝްވަރާކޮށްލަން ވެސް އޭރުން ފަސޭހަވާނެތާ." އަޔާޝް ބުނެލިއެވެ.
"ކިހައި އިރަކުތަ މީޓިން އޮތީ؟ ބުނީމެއްނު ކޮންމެވެސް ކުންފުންޏަކާ އެކު މީޓިން އެއް އޮތް ވާހަކަ؟" ޒަހްރާން ސުވާލުކޮށްލިއެވެ.
"އާނ. އެއީ އާރބަން ކޮންސްޓްރަކްޝަން ކިޔާ ބައެއް." އަޔާޝް ޖަވާބު ދިނެވެ. "ރެން ވާނެ އިނގޭ ދޮންބެއާ އެކީ އެ މީޓިންއަށް ދާން."
(ނުނިމޭ)