ބޮލީވުޑްގެ އެކްޓަރު ރިތޭޝް ދޭޝްމުކް ޑައިރެކްޓްކޮށް ލީޑް ރޯލް ކުޅެފައިވާ ތާރީޚީ ފިލްމު "ރާޖާ ޝިވާޖީ" ނެޓްފްލިކްސް މެދުވެރިކޮށް ދައްކަން ފަށައިފިއެވެ.
މިދިޔަ މެއި މަހުގެ އެއް ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރި މި ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިފައިވާއިރު ހިންދީ އަދި މަރާޓީ ބަހުން ނެޓްފްލިކްސް މެދުވެރިކޮށް ފިލްމު ބަލާލެވޭނެ ކަމަށް އެ ޕްލެޓްފޯމްއިން ވަނީ ބުނެފައެވެ.
ރިތޭޝްގެ އިތުރުން އެކްޓަރުގެ އަންހެނުން، ބަތަލާ ޖެނީލިއާ ދޭޝްމުކް ބަތަލާގެ ރޯލް ކުޅެފައިވާ "ރާޖާ ޝިވާޖީ" އަކީ، އިންޑިއާގެ އިހުގެ ރަސްކަލެއް ކަމަށްވާ ޗަތުރަޕަތީ ޝިވާޖީ މަހާރާޖްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.
ފިލްމު ރިލީޒްކުރިތާ އެންމެ ހަފްތާއެއްގެތެރޭ އިންޑިއާގެ ބޮކްސް އޮފީހުގައި ފިލްމަށް ލިބުނު އާމްދަނީގެ އަދަދު 50 ކްރޯޑު ރުޕީސްއަށް އެރި ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ފިލްމު "ރާޖާ ޝިވާޖީ"ގެ ބައެއް މަންޒަރުތައް--ފޮޓޯ/ދަހޮލީވުޑްރިޕޯޓަ
ރިތޭޝް އަމިއްލައަށް ސްކްރީންޕްލޭ ތައްޔާރުކޮށް ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގެ ކާސްޓުންގެތެރޭ، ސަންޖޭ ދަތު، ވިދިއާ ބަލަން، އަބީޝެކް ބައްޗަން، ބަގިޔާޝްރީ، ފަރްދީން ޚާން، މަހޭޝް މަންޖްރޭކަރް، ބޮމަން އިރާނީ، ޖިތެންތުރަ ޖޯޝީ، އަމޯލް ގުޕްތޭ އަދި ސަޖިން ކެދޭކަރް ހިމެނެއެވެ.
މި އަހަރު މިހާތަނަށް ރިލީޒްކުރި ފިލްމުތަކުގެތެރެއިން ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު މި ފިލްމަކީ، ވަރަށް ބޮޑު ބަޖެޓަކުން ވަރަށް ގްރޭންޑްކޮށް އުފެއްދި ފިލްމެކެވެ.
މުމްބާއީ ފިލްމް ކޮމްޕެނީ އަދި ޖިއޯ ސްޓޫޑިއޯސް ގުޅިގެން ގެނެސްދިން "ރާޖާ ޝިވާޖީ" ވެފައިވަނީ މަރާޓީ ފިލްމެއްގެ ތާރީިހުގައި ވެސް ފުރަތަމަ ހަފުތާ ބަންދުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަށެވެ.
މި ފިލްމު ސިނަމާތަކުން ނެގިއިރު ބޮކްސް އޮފީހުގައި ފިލްމަށް ލިބުނު ޖުމްލަ އާމްދަނީގެ އަދަދަކީ 117 ކްރޯޑު ރުޕީސްއެވެ.