ކެއްކުމާއި ސާފުކުރުމަކީ ހަމައެކަނި އަންހެނުންގެ ޒިންމާއެއް ނޫން: ޕްރިޔަންކާ

އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސް--ފޮޓޯ/އެންޑީޓީވީ

ކެއްކުމާއި ގޭތެރެ ސާފުކުރުމަކީ ހަމައެކަނި އަންހެނުންގެ ޒިންމާއެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭތީ އެކަމާ ދެކޮޅަށް އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ވާހަކަދައްކައިފިއެވެ.

އިންޑިއާގެ ކުރީގެ ރީތީގެ ރާނީ ބުނި ގޮތުގައި މިއީ ވަކި ޖިންސަކަށް ހާއްސަވެފައިވާ ކަންކަމެއް ނޫނެވެ. އެއާ ހިލާފަށް އެފަދަ ކަންކަމަކީ އަމިއްލަ ދިރިއުޅުމުގެ ކަންކަން ބެލެހެއްޓުމަށްޓަކައި ކޮންމެ މީހަކަށްވެސް އެނގެންޖެހޭ އަސާސީ ހުނަރުތަކެއް ކަމަށް ޕްރިޔަންކާ ވަނީ ބުނެފައެވެ.

ކާން ލަޔަންސް ފެސްޓިވަލްގައި ވާހަކަދައްކަމުން ޕްރިޔަންކާ ފާހަގަކުރި ގޮތުގައި، ގިނަ އާއިލާތަކުގައި އަދިވެސް ބެލެވިފައި އޮންނަނީ ކެއްކުމާއި ގޭތެރޭގެ މަސައްކަތްތަކަކީ ހަމައެކަނި އަންހެނުން ކުރަންޖެހޭ ކަންކަމުގެ ގޮތުގައެވެ.

"ސާފުކުރުމާއި ކެއްކުމަކީ ހަމައެކަނި އަންހެނުންގެ މަސައްކަތެއް ނޫން. އެއީ ބޮޑުވެފައިވާ ކޮންމެ މީހަކުވެސް އަމިއްލައަށް ކުރަންޖެހޭނެ ކަންކަން. ކަންނެތްކަމާއި ޖިންސާ ގުޅުވައިގެން އޮޅުވާނުލާ" ހޮލީވުޑްގައި ވެސް މިހާރު މަސައްކަތްކުރަމުން އަންނަ ބަތަލާ ބުނެފައިވެއެވެ.

ޕްރިޔަންކާ ފިރިމީހާ ނިކް ޖޯނަސް އަދި ދަރިފުޅު މާލްތީއާ އެކު--ފޮޓޯ/އެންޑީޓީވީ

މީގެ އިތުރުން، ދުނިޔޭގެ ފިލްމީ ސިނާއަތާއި ވާހަކަ ކިޔައިދިނުމުގެ ފަންނަށް އަންނަމުންދާ ބަދަލުތަކާ ބެހޭގޮތުންވެސް ޕްރިޔަންކާ ވަނީ މި ފެސްޓިވަލްގައި ވާހަކަދައްކާފައެވެ. އެގޮތުން ޓެކްނޮލޮޖީގެ ސަބަބުން ފިލްމު އުފެއްދުމުގެ ފުރުސަތު މިހާރު ވަނީ ކުރިއަށްވުރެ ބޮޑަށް ހުޅުވިފައި ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

މިހާރު ކޮންމެ މީހެއްގެ އަތުގައިވެސް އައު ހިޔާލެއް އޮތްނަމަ، އެ ކަމެއް ފިލްމު ކުރުމަށްފަހު ޔޫޓިއުބަށް ލުމުން އެއީ ބޮޑު ކާމިޔާބީއަކަށް ވެގެންދިއުމުގެ ފުރުސަތު އެބައޮތްކަން ބަތަލާ ފާހަގަކުރިއެވެ. މިއީ މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ލިބިފައިވާ ވަރަށް ބޮޑު ފުރުސަތެއް ކަމަށް ޕްރިޔަންކާ ވަނީ ބުނެފައެވެ.

ޕްރިޔަންކާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އަންނަ އަހަރުގެ އޭޕްރީލް މަހު ރިލީޒްކުރާނެކަން އިއުލާނުކޮށްފައިވާ ޑައިރެކްޓަރު އެސްއެސް ރާޖާމޮލީގެ ފިލްމު "ވާރަނާސީ"އިންނެވެ. މި ފިލްމަކީ އަށް އަހަރު ދުވަހުގެ މެދުކެނޑުމަށްފަހު ޕްރިޔަންކާ ބެލުންތެރިންނަށް ފެންނާނެ ފުރަތަމަ އިންޑިއާ ފިލްމެވެ.

ގޭތެރޭގެ މަސައްކަތްތަކާއި ކެއްކުމަކީ ހަމައެކަނި އަންހެނުންގެ ޒިންމާއެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކުރުމާ ދެކޮޅަށް، ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ވަނީ އަޑުއުފުލާފައެވެ. ކާން ލަޔަންސް ފެސްޓިވަލްގައި ވާހަކަދައްކަމުން އޭނާ ފާހަގަކުރި ގޮތުގައި، ކެއްކުމާއި ސާފުކުރުމަކީ އަމިއްލަ ދިރިއުޅުމުގެ ކަންކަން ބެލެހެއްޓުމަށްޓަކައި ކޮންމެ މީހަކަށްވެސް އެނގެންޖެހޭނެ އަސާސީ ހުނަރުތަކެކެވެ. އެހެންކަމުން، ކަންނެތްކަން ފޮރުވުމަށްޓަކައި އެއީ ވަކި ޖިންސަކާ ގުޅިފައިވާ ކަމެއްގެ ގޮތުގައި އޮޅުވާނުލުމަށް އޭނާ ގޮވާލިއެވެ. މީގެ އިތުރުން، ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ފިލްމީ ސިނާއަތަށް އައިސްފައިވާ ހެޔޮ ބަދަލުތަކުގެ މައްޗަށްވެސް ޕްރިޔަންކާ އަލިއަޅުވާލިއެވެ. އޭނާ ބުނި ގޮތުގައި، އައު ހިޔާލުތައް ހުންނަ ފަރާތްތަކަށް މީސްމީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ފިލްމު އުފައްދައި އާންމުންނާ ހަމައަށް ގެނެސްދިނުމުގެ ފުރުސަތު މިހާރު ވަނީ ވަރަށް ބޮޑަށް ފަހިވެފައެވެ. ހަމައެއާއެކު، އަށް އަހަރުގެ މެދުކެނޑުމަކަށްފަހު އިންޑިއާގެ ސިނަމާއަށް އޭނާ އެނބުރި އަންނަ ފިލްމު ކަމަށްވާ ވާރަނާސީ އަންނަ އަހަރުގެ އޭޕްރީލް މަހު ނެރޭނެކަންވެސް އޭނާ ވަނީ އިއުލާނުކޮށްފައެވެ.

  • ކެއްކުމާއި ސާފުކުރުމަކީ ވަކި ޖިންސަކަށް ހާއްސަ މަސައްކަތެއް ނޫންކަމާއި، އެއީ ދިރިއުޅުމުގެ އަސާސީ ހުނަރެއްކަން.
  • ކަންނެތްކަން ފޮރުވުމަށްޓަކައި ގޭތެރޭގެ ޒިންމާތަކަކީ ހަމައެކަނި އަންހެނުންގެ ކަމެއްކަމުގައި ދެކޭ ދެކުމަށް ޕްރިޔަންކާ ފާޑުކިޔުން.
  • ޓެކްނޮލޮޖީގެ ކުރިއެރުމާއެކު، އަމިއްލަ ހިޔާލުތަކަށް ފިލްމު އުފައްދައި އާންމުކުރުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް މިހާރު ފަހިވެފައިވާކަން.
  • ޑައިރެކްޓަރު އެސްއެސް ރާޖާމޮލީގެ އައު ފިލްމު ވާރަނާސީ އިން އަންނަ އަހަރު ޕްރިޔަންކާ އަލުން އިންޑިއާގެ ފިލްމީ ދާއިރާއިން ފެނިގެންދާނެކަން.
comment ކޮމެންޓް