"އެއީ އަހަރެންގެ ލޯތްބޭ. އަހަރެން ބޭނުންވެގެންނޭ އައިރާއާ ގުޅުނީ. ބައްޕައަށް ކީއްވެތަ ނުވިސްނެނީ އައިރާއާ ނުލާ އަހަންނަށް ނޫޅެވޭނެކަން."
މުރާދަށް ހަމަ ބުނާނެ އެކައްޗެއް ވެސް ނޭނގުނެވެ. އޭނައަށް ޖެހި ބުދެއްހެން ހުރެވުނީއެވެ. ޒުވާން ދަރިފުޅު އެ ހިތުގެ ޙާލު އޭނަގެ ކުރިމަތީގައި ބަންޑުންކުރަމުން ދިޔައިރު، ފުރަތަމަ ފަހަރަށް ޒަހްރާންގެ ވާހަކަތަކާ މެދު ފުންކޮށް ވިސްނައިލަން މުރާދުގެ ސިކުނޑި ބާރު އަޅަން ފެށިއެވެ.
"މުރާދު. އެއްވެސް ކަމެއްގައި އައިރާގެ ކުށެއް ނެތޭ. ނިކަމެތި އަންހެން ކުއްޖަކަށް އަނިޔާވެރިވުމަކީ ރަނގަޅު ގޮތަކަށް ނުވާނެ. ރެންއަށް ވެސް ރެން ބޭނުންވާ ކުއްޖަކު ޙަޔާތަށް ގެނައުމުގެ ފުރިހަމަ އިޚްތިޔާރު ދޭން ޖެހޭނެ. މިކަމުގައި އަހަންނަށް މުރާދާ އެއްކޮޅަކަށް ނޭރޭނެ." ބަސްމާ ވާހަކަ ދެއްކިއިރު އެ އަޑުގައި ސާބިތުކަން ވިއެވެ. މުރާދު އެއްޗެއް ނުބުންޏެވެ. އޭނަ ބާރު ފިޔަވަޅުތަކެއްގައި އެތަނުން ދިޔައީއެވެ. އެ މަންޒަރު ބަލަން ހުރި ޒަހްރާން ދެރަވެސް ވިއެވެ.
"ރެން. ކަންބޮޑުނުވޭ. ބައްޕައަށް ވިސްނޭނެ. ބައްޕައަކީ އެހާ ހިތްހަރު މީހެއް ނޫން." ބަސްމާ ޒަހްރާންގެ ގާތަށް ޖެހިލުމަށްފަހު ވާހަކަ ދެއްކިއެވެ. ބަސްމާއާ މެދު ފުރަތަމަ ފަހަރަށް ހެޔޮކޮށް ވިސްނައިލަން ޒަހްރާންގެ ޒަމީރު އޭނައަށް މަޖުބޫރުކުރިއެވެ.
"އިރާދުކުރެއްވިއްޔާ ދަރިފުޅުގެ ކައިވެނި ކުރެވިގެން ދާނީ އައިރާއާ." ބަސްމާ ބުނެލިއެވެ. އެވަގުތު ޒަހްރާނަށް ފުންކޮށް ބަސްމާއަށް ބަލައިލެވުނެވެ. ދެއްކުން ތެރިކަމުގެ ކުލަވަރެއް އެ މޫނުމައްޗަކު ނެތެވެ. އެހެނެއްކަމަކު އެ މޫނުމަތިން ފެންނަމުން ދަނީ އޭނައާ މެދު ކަންބޮޑުވެފައިވާ މިންވަރާއި، އޭނަ ދެކެ ވާލޯތްބެވެ.
"ތޭންކްސް..." ފުރަތަމަ ފަހަރަށް ޒަހްރާންގެ ދެ ތުންފަތް ފޫއަޅުވާލާފައި އެ ލަފުޒުތައް ނުކުތްއިރު، އޭނަގެ ތުންފަތް މައްޗަށް ނިކަން ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ޒަހްރާންގެ އެ ބަސްތަކުން ބަސްމާގެ ތުންފަތް މައްޗަށް ވެސް ހިނިތުންވުމެއް ވެރިވިއެވެ. އޭނަ ޒަހްރާންގެ ކޮނޑުގައި މަޑުމަޑުން އަތް ޖައްސައިލުމަށްފަހު، ކަންބޮޑުނުވުމަށް ބުނެފައި ދިޔައީ މުރާދާ ވާހަކަ ދެއްކުމުގެ ނިޔަތުގައެވެ.
އޭނަ ގޮސް ވަންއިރު، މުރާދު އިނީ ރޮކިން ޗެއާރގައެވެ. ހަށިގަނޑު ސީދާކޮށްލައިގެން އިނީ މީހާއަށް ނުހަނު ބޮޑު ނުތަނަވަސްކަމެއް ލިބިފައިވާ ފަދައަކުންނެވެ.
"މުރާދު." ބަސްމާ މުރާދަށް ގޮވައިލިއެވެ.
"އަހަރެން ބުނީމެއްނު އައިރާއަކީ ގޯސް ކުއްޖެއް ނޫނޭ. އަހަރެމެންގެ ރެންއަށް އައިސްގެން އުޅޭ ހުރިހާ ބަދަލުތަކެއްގެ އަސްލަކީ ވެސް ހަމަ އައިރާއޭ... އައިރާއަށް ފުރުސަތު ދޭން އަހަންނަށް ފެންނަނީ. މިހާރު މުރާދަށް ވެސް ހުރިހާކަމެއް އެނގިއްޖެއެއްނު. ކުށެއް ނެތް މައުސޫމް ކުއްޖެއްގެ އުފާތައް ނިގުޅައިގަނެގެން އަހަރެމެންނަށް ވަކި ކޮން އުފަލެއް އޮތީ. ވަކިން ޚާއްސަކޮށް އަހަރެމެންގެ ދަރިފުޅު ރެންގެ އުފާތައް ގުޅިފައިވަނީ އައިރާއާ ކަން އެނގޭއިރު. މީސް މީހުންގެ ދުލަކު އަހަރެމެންނަކަށް ނުހިފެއްޓޭނެ. ދުނިޔެ ހިނގާހާ ދުވަހަކު އަބަދުވެސް، ކަން ހޯދާ ހަޤީޤަތާ ޚިލާފު ވާހަކަތައް ފަތުރަން އަބަދު ވެސް ކޮންމެވެސް އެއްބަޔަކު ދުނިޔޭގެ ތިބޭނެ. އެމީހުންގެ ދޫ ބަންދުކުރެވޭނެ ގޮތަކީ ނެތް ގޮތެއް. އެހެނެކޭ ކިޔާފަ ކީއްވެ ރެންގެ އުފާތަކަށް ހުރަސް އަޅަންވީ؟ އެގުޅުމަށް އެއްބަސްވޭ މުރާދު. އަހަރެމެންގެ ޢާއިލާގެ އުފާވެރިކަން އަލުން އިއާދަވާން ބޭނުމިއްޔާ އައިރާއާ ރެންގެ ގުޅުމަށް އާބަސްދީ. އެކައިވެންޏަށް މުރާދުގެ ރުހުން ދީ. އަހަރެން ފަހަރެއްގައި ވެސް މުރާދާ ދެކޮޅުވެ ޖަދަލު ކުރަން ބޭނުންވަނީ އެއް ނޫން. އެކަމަކު، މިކަމުގައި އަހަންނަށް މުރާދާ އެއްކޮޅަށް އެރޭކަށް ނެތް. އަހަރެން އައިރާ ބަލައިގަންނާނީ އުފަލާ އެކު. ރެންއަކީ މުރާދެކޭ އެއްގޮތަށް އަހަރެންގެ ވެސް ދަރިއެއް. އަހަރެންވެސް ރެން ދެކެ ލޯބިވޭ. ދެރަގޮތެއް ވާކަށް ދުވަހަކު ވެސް ނޭދެން. އޭނަ އަހަންނަށް މަންމައެއްގެ ދަރަޖަ ނުދިނެއްކަމަކު، އަހަރެން ދެކެނީ އެއީ އަހަރެންގެ ދަރިއެއްކަމުގަ. ވީއިރު، ކޮންމެ ގޮތަކުން ވެސް އެ ދަރިފުޅަށް އުފާވެރި މުސްތަޤްބަލެއް ހޯދަދޭން އަހަރެން ބޭނުން." ބަސްމާ އެތަކެއް ވާހަކައެއް އެއްފަހަރާ ދެއްކިއިރު، އޭނައަށް ވެސް ޖަޒުބާތީ ވެވުނެވެ.
"އަހަންނަށް މުޅިން އެހެން ނަރަރިއްޔާތަކުން ވިސްނައިލަން މަޖުބޫރު ވެއްޖެ!. ހިޔެއް ވެސް ނުކުރަން ޖަމާލަކީ އެކަހަލަ މީހެއްކަމަކަށް. އެކަމަކު ރެންއަށް އަހަރެން އިތުބާރުކުރަން. ބަސްމާ.... އަހަންނަށް އައިރާއާ ދޭތެރޭ މިކަންތައް ކުރެވުނީ ހާދަ ބޭއިންސާފުންނޭ..." މުރާދުގެ ވާހަކައިން ބަސްމާއަށް ހީނލެވުނެވެ. މުރާދަށް ވިސްނުމުން އޭނަ އުފާވިއެވެ.
"ތި ކިޔާ ޖަމާލާ ދެން ވާހަކަ ނުދައްކާތި. އޭނައަކީ ރަނގަޅު މީހަކަށް ނުވާނެ. އެހެންވެ އެހާ ވަރުން އައިރާގެ ކުށް ދައްކަން ވެސް އޭނަ މަސައްކަތްކުރީ. އަހަރެން އިތުބާރުކުރަނީ އަހަރެންގެ ލޮލަށް ފެންނަ މަންޒަރަށް، އައިރާއަކީ ރަނގަޅު ކުއްޖެއް." ބަސްމާ ބުނެލިއެވެ. އޭރު އެ ދެމީހުންނަށް ނޭނގުނު ކަމަކީ ކުޑަކޮށް ހުޅުވިފައިވާ ދޮރުގެ އެއްފަރާތު ފާރުގައި ލެނގިލައިގެން ހުރި ޒަހްރާނަށް އެ ދެމީހުން ދެއްކި ވާހަކަތައް ސާފުކޮށް އިވެމުން ދިޔަކަމެވެ.
ޒަހްރާނަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ބަސްމާއަށްޓަކައި އޭނަގެ ހިތުން ޖާގައެއް ހުސްވެއްޖެއެވެ. ޤަބޫލުކުރަން ބޭނުން ނުވިޔަސް، ބަސްމާއާ މެދު އޭނަގެ ހިތުގައި އުފެދިފައިވާ ކިލަނބުކަން ދިޔައީ މަޑުމަޑުން ފިލަމުންނެވެ. ފިނިހިތަކުން ބަސްމާއާ މެދު ވިސްނައިލަން އޭނައަށް މަޖުބޫރުވެއްޖެއެވެ.
"އަހަރެމެން އެ ގުޅަމަށް އެއްބަސް ނުވިޔަސް ރެން އައިރާއާ ކައިވެނި ކުރާނެ. އެއަށްވުރެ ބޮޑަށް އޭނަ އައިރާ ދެކެ ލޯބިވޭ. އަހަރެން ފަހަރެއްގައިވެސް ބޭނުމެއް ނޫން ރެން ދެން އަނބުރާ ރާއްޖޭން ބޭރަށް ދާކަށް. އަހަރެމެން އެންމެންނާ ދުރަށް ދާކަށް. މުރާދު ނުބުންޏަސް އަހަންނަށް އެނގޭ އޭނަ އުޅޭ ގޮތުން މުރާދު ވެސް ދެރަވާކަން. އެކަމަކު އަހަރެން ދެރަވެދާނެތީ އެއްޗެއް ނުބުނެ ހުންނަނީ..." ބަސްމާއަށް ބުނެވުނެވެ.
"އަހަރެން ބުނަމެއްނު ބަސްމާ ކައިރީ އަމިއްލަ ނަފްސު ކުށްވެރި ނުކުރަން. އަހަރެންގެ ދަރިންނަށް ލިބޭނެ އެންމެ ރަނގަޅު މަންމަތީ. ބަސްމާއާ ކައިވެނި ކުރެވުނީތީ އަހަރެން މިއަދު އެކަމާ ވަރަށް އުފާވޭ..." މުރާދު ބުނެލިއެވެ.
"އަހަރެންގެ ބަނޑުން އުފަން ނުވިއެއްކަމަކު، އެއީ އަހަރެންގެ ވެސް ދަރިންނޭ... އެންމެ އުފާވާނީ ރެން އަހަންނަށް މަންމައޭ ކިޔާފައި ގޮވާލާ ދުވަހު." ބަސްމާ ހީނލިއެވެ.
"އިރާދުކުރެއްވިއްޔާ އެ ދުވަސް ވެސް އަދި އަންނާނެ." މުރާދު ބުނެލި އަޑު އިވުނެވެ.
އެވާހަކަތައް އަޑު އަހަން ހުރެފައި ޒަހްރާން އެތަނުން ދިޔައިރު، ތުންފަތް މަތީގައި ލުއި ހިނިތުންވުމެއް ވެއެވެ.
*****
އެ ދުވަހު އެގެއިން ނުކުމެގެން ދިޔަ ގޮތަށް ދެ ދުވަސްވީއިރު ވެސް ޒަހްރާން ގެއަކަށް ނާދެއެވެ. އޭނަގެ މަޤްސަދަކަށްވީ ބައްޕަ އިސްވެ އޭނައަށް ގުޅަންދެން މަޑުކުރުމެވެ. އައިރާއާ އޭނަގެ ގުޅުމާ މެދު ބައްޕަ ޤަބޫލުކަން އެނގުނު ނަމަވެސް، ގޮތް ދޫކޮށްފައި އެގެއަށް ދާން ބޭނުން ނުވީއެވެ. ވާނީވެސް އެހެންތާއެވެ. ބައެއް އާދަތަކަކީ އިންސާނާގެ ކަށީގައި ހަރުލާފައި ހުންނަ އާދަތަކެވެ. ޒަހްރާނަށް ވެސް ވެފައިވަނީ އެފަދަ ގޮތެކެވެ. ބައްޕަ އިސްވެ ގުޅަންދެން ގޮތުގައި ހުންނަން އޭނަ ވަނީ އަޒުމު ކަނޑައަޅާފައެވެ. ވީ ވެސް އެހެންނެވެ. ޒަހްރާނަށް އިސްވެ ގުޅީ މުރާދެވެ. އޭނަ އެދުނީ އައިރާ ގޮވައިގެން ގެއަށް އައުމަށެވެ.
*****
ހޮޓެލްގައި އައިރާއަށް ހިފައިދީފައި ހުރި، އެޕާރޓްމެންޓުގެ ސޯފާގައި އިށީނދެލައިގެން އިން ޒަހްރާން ދިޔައީ އައިރާއަށް އިންތިޒާރު ކުރަމުންނެވެ. އެހެން އިންއިރު، އޭނަ އިރުއިރުކޮޅަކާ ގަޑިއަށް ބަލައިލައެވެ. ޒަހްރާން ވަނީ، ބައްޕައާ ކުރިމަތިލި ދުވަހަށް ފަހު އަލުން އަނބުރާ އައިރާ އެ ހޮޓެލަށް ބަދަލުކޮށްފައެވެ. އޭނަ އައިރާއަށް ޔަޤީންކަން ދިނީ ދެވަނަ ފަހަރަށް އައިރާ އެތަނުން ނުކުމެގެން ދާން ނުޖެހޭނެ ކަމުގައެވެ. އަދި އެ ދުވަހެއް އަތުވެއްޖެނަމަ، އައިރާ ދިޔަޔަސް އޭނަގެ ޝަކުވާއެއް ނޯންނާނެ ކަމުގައެވެ. އިތުބާރުކުރަން އަލުން ބުނަން ޖެހޭ ވަރުގެ ކަމެއް ދެން ނުވާނެކަމުގެ ޔަޤީންކަން ޒަހްރާން އައިރާއަށް ދިނެވެ.
ހުދުކުލައިގެ ޓީޝާރޓަކާއި ޑެނިމް ޖެކެޓަކާއެކު ޒަހްރާން ލާފައި ހުރީ ނޫ ޑެނިމް ޖީންސްއެކެވެ. ތުނބުޅި ހެޔޮވަރު ވަރަކަށް ކޮށާ އެއްވަރު ކޮށްލާފައިވާއިރު، އޭނަގެ ހަތަރެސްކަން މޫނާ ނުހަނު ގުޅެއެވެ. ފިރިހެންވަންތަވެފައި ސްމާރޓްވެ. އިސްތަށިގަނޑުވަނީ ޒަމާނީ ގޮތަކަށް ސްޓައިލް ކޮށްލާފައެވެ.
އިންތިޒާރުގެ ވަގުތުތައް މާ ދިގުލައިގެނެއް ނުދިޔައެވެ. ކޮޓަރީގެ ދޮރު ހުޅުވާލާފައި އައިރާ ނުކުމެއްޖެއެވެ. ވަގުތުން ޒަހްރާންގެ ނަޒަރު އައިރާއަށް ހުއްޓުނެވެ. ކަނޑުނޫކުލައިގެ އަބާޔާގައި އައިރާ ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ. ހެދުމާ ގުޅުވައިގެން އަޅާފައިވާ ޝޯލްގެ ތެރެއިން އެ މޫނު ފެންނަނީ ހުވަފެނީ ގޮތަކަށެވެ. އެއްވެސް މޭކަޕެއް ކޮށްފައިނުވާއިރު ވެސް، އެ ރީތިކަމަށް ބަދަލެއް ނާދެއެވެ. އެއީ ހަމަ އެ ފުރިހަމަކާއި އަންހެން ވަންތަކަމެވެ. ޒަހްރާނަށް ކަޅި ޖަހާނުލާ އައިރާއަށް ބަލަހައްޓައިގެން އިނދެވުނެވެ.
އައިރާ ލަދުން އިސްޖަހައިލީ ޒަހްރާންގެ ތޫނު ނަޒަރުން އުނދަގޫވެގެންނެވެ. އޭރު އޭނަގެ ތުންފަތް މަތީގައި ލަދުރަކި ހިނިތުންވުމެއް ދުވެލަ ދުވެލާ ހުއްޓެވެ. ހުރި ފިޔަވަޅު މަތީގައި ހުއްޓާ ޒަހްރާން ސޯފާއިން ތެދުވެއްޖެއެވެ. އަދި އައިސް އައިރާގެ ކައިރީގައި ހުއްޓުނެވެ. އޭނަގެ ހިތުގެ ތެޅުން ވަނީ ހަލަބޮލިވެފައެވެ. އައިރާއަށްޓަކައި ޖަހަމުން ދިޔަ ކޮންމެ ވިންދަކާއިއެކު، ލޯބިވެސް ދިޔައީ ފުންވަމުންނެވެ.
"އައިރާ..." ޒަހްރާން ގޮވައިލިއެވެ. އައިރާ އިސްއުފުލައިލީ ދެނެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔަހިނދު، އެމޫނުގައި ހިފައްޓާލާފައި ލޯބިވާވަރު ބަޔާންކޮށްދޭން ޒަހްރާންގެ ހިތް ތެޅިގަތް ނަމަވެސް، އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލިއެވެ. ޖަޒުބާތުތައް ކިޔަމަން ކުރުވަން އޭނަ މަސައްކަތްކުރިއެވެ.
"ވަރަށް ރީތި." ޒަހްރާންގެ ދުލުން ތަޢުރީފްގެ ބަހެއް ނުކުތެވެ. އިރުކޮޅަކު އެގޮތަށް ތިބެވުނެވެ. އައިރާގެ ތުންފަތް މަތީގައިވި ހިނިތުންވުން ފަނޑުވުމާއެކު، ނުތަނަވަސްކަމެއް އެމޫނުމަތިން ފެނިލިއެވެ. ހަމަބިމަށް އާދެވުނު ފަދައަކުން އޭނަ ހިންދިރުވައިލިއެވެ.
"ކިހިނެއްވީ؟" ޒަހްރާނަށް ވަގުތުން ސުވާލު ކޮށްލެވުނެވެ. އަޑަށް ކަންބޮޑުވުން ވެރިވެއްޖެއެވެ.
"ކީއްވެތަ އަހަރެން ގޮވައިގެން ދާން ޒަހްރާންގެ ބައްޕަ އެބުނީ؟" އައިރާ ސުވާލުކޮށްލިއެވެ.
"ބައްޕަ ދައްކާ ވާހަކައެއް އަޑު އަހާލީމަ އެނގިދާނެއެއްނު ބުނާ އެއްޗެއް، ބައްޕައަށް މިހާރު އެނގޭނެ އަހަރެން އައިރާ ދޫކޮށްނުލާނެކަން." ޒަހްރާން ބުނެލިއެވެ. ބައްޕަ އެގޮތަށް އަންނަން ބުނުމަކީ ހެޔޮ ފާލެކެވެ. އެގުޅުމަށް ޤަބޫލުކަން އަންގައިދޭ ކަމެކެވެ.
"ރުޅި އައިސްފިއްޔާ އޯ." އައިރާއަށް ބުނެވުނެވެ. ކުރިން ދުވަހު މުރާދު އެތަނަށް އައިސް އޭނައާ ބައްދަލުކޮށްފައި ދެއްކި ވާހަކަތަކަށް ފަހު މުރާދާ ބައްދަލުކުރާކަށް އައިރާ އަދި ތައްޔާރެއް ނޫނެވެ. މުރާދުގެ ނަޒަރުގައި އޭނައަކީ ކިހާ ދަށް ފެންވަރެއްގެ އަންހެން ކުއްޖެއްކަން އެ ދުވަހު އައިރާއަށް ޔަޤީންވިއެވެ.
"ޒަހްރާން އައިރާ ދޫކޮށްނުލިޔަސް، އޭނަގެ މުސްތަޤްބަލަށްޓަކާ އައިރާއަށް އޭނަ ދޫކޮށްލެވޭނެއެއްނު. އައިރާގެ އެއްބާރުލުން ނެތި މިގުޅުން ކުރިއަށް ގެންދިޔުމަކީ ޒަހްރާނަށް ވެސް ކުރެވޭނެކަމެއް ނޫން. އަހަރެން މީ ޒަހްރާންގެ ބައްޕަ. އަހަންނަށް ވުރެ ބޮޑަށް އޭނައަށް ހެޔޮ އެދޭނެ އެހެން މީހަކު ނުހުންނާނެ. މިހާރު އޭނަ އެހެން އުޅުނަސް އައިރާ ދިޔައިމަ ފަހުން ވިސްނޭނެ. އެންމެ ކުޑަ އިރުން ފެށިގެން ވެސް ގޮތް ދޫނުކުރުމުގެ ސިފަ އޭނަގެ ހުންނާނެ. އައިރާގެ ނަމާ ގުޅުވައިގެން ޒަހްރާނަށް ހުތުރު ބަސްތަކެއް ނިސްބަތްވާން އައިރާ ބޭނުންތަ؟ ބައެއްގެ ޢާއިލީ ނަން ކިލަނބުކޮށްލަން ބޭނުންތަ؟ މީހުންގެ ތެރޭގައި ޢާއިލާއެއްގެ އަބުރާ ޢިއްޒަތް ވެއްޔާ މޮޑެލަން އައިރާ ބޭނުންވަނީތަ؟"
މުރާދުގެ ބަސްތައް އައިރާގެ ކަންފަތުގެ ތޫރީގެ ތެރޭގައި ގުގުމަން ފެށިހިނދު މީހާ ހުއްޓުން އެރިއެވެ. އެހެން ހުރިހާ ކަމެއްގެ މަތިން ހަނދާން ނެތުނެވެ.
"އައިރާ... އައިރާ..." ޒަހްރާން ތަންކޮޅެއް މަޑުމަޑުން އައިރާއަށް ގޮވާލައިގެން ހިލަމެއް ނުވުމުން، އޭނައަށް ޖެހުނީ އައިރާގެ މޫނުމަތީގައި ދެއަތް ހޫރާލާށެވެ.
"ކިހިނެއްވީތަ؟" އައިރާގެ ސަމާލުކަން ލިބުމާއެކު، ޒަހްރާން ސުވާލުކޮށްލިއެވެ.
"ނު.. ނޫން. ކަމެއް ނުވޭ... އެކަމަކު އަހަރެން ޒަހްރާންގެ ބައްޕަގެ ކުރިމައްޗަށް އަރަން ދާނީ ކޮން ހައިސިއްޔަތަކުންތަ؟" އައިރާއަށް ބުނެވުނެވެ.
"އަދިވެސް އަހަރެންގެ ޙަޔާތުގަ އައިރާގެ މަޤާމު ނޭނގޭތަ؟" ޒަހްރާން އައިރާގެ އަތުގައި ހިފައްޓައިލިއެވެ. އެއަށްފަހު ސީދާ އެ ދެލޮލަށް ބަލަހައްޓައިގެން ހުރެ ސުވާލުކޮށްލިއެވެ.
"އެކަމަކު...." އައިރާ ވާހަކަ ދައްކަން އުޅުނެވެ.
"މިއަދު އަހަރެންގެ ޢާއިލާގެ ކުރިމަތީގައި އައިރާ ބޭޒާރު ނުވާނެކަމުގެ ޔަޤީންކަން ދެން. ބައްޕަ އަހަރެމެން ދެމީހުން އެ ގެންނަނީ އައިރާއަށް އެއްޗެހި ކިޔާކަށް ނޫން. ޓްރަސްޓް މީ. އަހަންނަށް އަހަރެންގެ ބައްޕަ އެނގޭނެއެއްނު." ޒަހްރާން އެހެން ބުންޏަސް އެކަން ޤަބޫލުކުރަން އައިރާއަށް އުނދަގޫވަނީއެވެ. ވަކިން ޚާއްސަކޮށް އެ ދުވަހު މުރާދު ދެއްކި ވާހަކަތަކަށް ފަހުއެވެ. އަނެއްކާ މުރާދު އެހެން ރޭވުމެއް ރާވަނީ ހެއްޔެވެ؟
"ދެން ހާސްނުވެބަ. އަހަރެން މިހުރީނު." ޒަހްރާން ބުނެލިއެވެ.
އައިރާ ގަދަކަމުން ހިނިތުންވެލި ނަމަވެސް، އެތެރެ ހަށީގެ އުދާސްކަމަށް އެއްވެސް ބަދަލެއް ނައެވެ.
"މިހާރު އަށްގަޑި ބައިވަނީ. ހިނގާ ދާން." ޒަހްރާން ބުނެލިއެވެ. އެއަށްފަހު އޭނަ އައިރާގެ އަތުގައި ހިފައްޓައިލަމުން، އެޕާރޓްމެންޓުން ނުކުންނަން ހިނގައިގަތެވެ.
ލިފްޓުން ތިރިއަށް ގޮސް، ހޮޓެލުން ނުކުމެލުމާއެކު، ޒަހްރާން ހިނގައިގަތީ މަގުގެ އެއްފަރާތުގައި ޕާކުކޮށްފައި އޮތް އޭނަގެ ކާރާ ދިމާލަށެވެ. އޭރުވެސް އައިރާގެ އަތް އޮތީ އޭނަގެ އަތުތެރޭގައި ހައްޔަރުކޮށްލެވިފައެވެ. ކާރާ ހިސާބަށް ގޮސް އައިރާގެ އަތުން ދޫކޮށްލާފައި ކާރުގެ ދޮރުފަތް ހުޅުވައިލަދިނެވެ. ޒަހްރާނަށް ބަލައިލާފައި އައިރާ ކާރަށް އަރަން އަވަސްވެގަތް ވަގުތު، އައިރާގެ ބޮލާ ދިމާލުން ޒަހްރާން އަތް ހުރަސްކޮށްލީ، އައިރާގެ ބޯ، ޖެހިދާނެތީއެވެ. އެފަދަ ކުދިކުދި އަދާތަކުން ވެސް ޒަހްރާން އައިރާއާ މެދު ބަހައްޓާ ސަމާލުކަމާއި ލޯބި ދޭހަވެއެވެ. ލޯތްބަކީ ހަމައެކަނި ދުލުން ބުނެލައިގެން ނިންމާލުމެއް ނޫނެވެ. ބަހާ އަމަލުން ލޯބިވާކަން ދެއްކުމަކީ މުހިންމުކަމެކެވެ.
އައިރާ ކާރަށް އަރާ ހަމަޖެހިލުމުން ދޮރު ލައްޕާލާފައި، ގޮސް ޒަހްރާން ވެސް ޑްރައިވަރުގެ ސީޓަށް އަރާ އިށީނެވެ. ކާރު ސްޓާރޓްކޮށްލުމަށްފަހު، ދުއްވައިލުމުގެ ކުރިން ޒަހްރާން އަދިވެސް އެއްފަހަރު ކަންބޮޑުނުވުމަށް އައިރާއަށް ބުނެލިއެވެ. ބޯ ޖަހައިލަމުން އައިރާ ހިނިތުންވެލީ ނުތަވަސްކަން ފޮރުވަން ނަމަވެސް، އެ މޫނުމަތިން އެ އަސަރުތައް ވަންހަނާކޮށްލުން ވީ އުނދަގޫކަމަކަށެވެ.
"މޭޕަލްވިލާގެ" ގޭޓުން ކާރު އެތެރެއަށް ވައްދައިލުމާއެކު އައިރާގެ ހިތުގެ ތެޅުން އިންތިހާ ބާރުވެލިއެވެ. ތުންފަތުގައި ދަތް އަޅައިލެވުނީ ޖަޒުބާތުތައް މައިތިރިކޮށްލުމުގެ ބޭނުމުގައެވެ. އަމިއްލަ އިޙްސާސްތައް ކޮންމެވެސް ގޮތަކުން ހަމައަކަށް އަޅުވާނީއޭ ހިތާ އައި ނަމަވެސް، އެއީ ކުރަން ކިހާ އުނދަގޫކަމެއްކަން، އައިރާއަށް ފަހުމްވީ އެވަގުތެވެ. ވިސްނުންތަކުން ފުނިޖެހެމުން ދިޔަ ސިކުނޑި ހާސްވެފައިވީ ވަރުން ކާރުން ފައިބައިގެން ގޮސް ޒަހްރާން އޭނަ އިން ފަޅީގެ ދޮރު ހުޅުވައިލިކަން ވެސް ރޭކާލީ އޭނައަށް ގޮވާލުމުންނެވެ. އޭރު ޒަހްރާން ހުރީ އޭނައަށް އަތް ތިލަ ދިއްކޮށްލައިގެންނެވެ.
"ޓްރަސްޓް މީ... އައިރާ ދެރަވާފަދަ އެއްޗެއް އެއްވެސް މީހެއް ބުނެފިއްޔާ އަހަރެން އައިރާ ގޮވައިގެން ނުކުންނާނަން." ޒަހްރާން ބުނެލިއެވެ. އައިރާގެ ހިތަށް ތަސައްލީއެއް ނުލިބެއެވެ. އޭނަ ޒަހްރާންގެ އަތުގައި ހިފައްޓައިގެން ފޭބިއެވެ. އަދި އެ އަތުން ދޫކޮށްލަމުން ދަބަހުގައި ބާރަށް ހިފައްޓައިލިއެވެ.
"ހިނގާ." ޒަހްރާން ބުނެލިއެވެ. އޭނަ އައިރާ ގޮވައިގެން ގޮސް ގޭގެ މައި ދޮރުން އެތެރެއަށް ވަތްއިރު، މުރާދާ ބަސްމާގެ އިތުރުން އީލާފް ބޮޑު ކޮޓަރީގައި ތިއްބެވެ. އާއެކެވެ. އެމީހުން އިންތިޒާރުކުރަމުން ދިޔައީ، ޒަހްރާންމެންނަށެވެ. މުރާދު ފެނުމާއެކު، އައިރާގެ ފިޔަވަޅުތައް ވަގުތުން މަޑުޖެހެވުނެވެ.
"އައިރާ...." ޒަހްރާން ގޮވައިލުމުން އޭނައާ އެކު އައިރާ ގޮސް ސޯފާތައް ކައިރީގައި ހުއްޓުނެވެ. ތުންފަތުގައި ބާރަށް ދަތް އަޅައިލެވުނެވެ.
"އިށީނދޭ.." ސޯފާތަކަށް އިޝާރާތްކޮށްލާފައި މުރާދު ބުނެލުމާއެކު ޒަހްރާނާ އައިރާ ވެސް އިށީނދެއްޖެއެވެ. އިސްއުފުލައިލަން ޖެހިލުންވެފައި އައިރާ އިންއިރު، ޒަހްރާނަށް ވެސް އޭނަގެ ހާސްކަން އިޙްސާސްކުރެވެމުން ދިޔައެވެ. އައިރާ އެފަދަ ނުތަނަވަސްކަމެއްގެ ތެރެއަށް ވައްޓާލަން އޭނަ ބޭނުމެއް ނޫނެވެ.
"ބައްޕަ ކޮންވާހަކައެއް ދައްކަވަންތޯ ބޭނުންވެލެއްވީ؟" އެންމެ ފުރަތަމަ ވާހަކަ ދެއްކީ ޒަހްރާނެވެ. އޭނަގެ ރުޅިގަނޑު އެކީ ފިނިވެއްޖެކަން ރަމްޒުކޮށްދެމުން ދިޔައީ، މުރާދާ ވާހަކަ ދެއްކިއިރު އަޑުގައި ހުރި މަޑުމައިތިރިކަމާއި ބަސްމޮށުންތެރިކަމުގައި ގެންގުޅުނު މާތްގޮތެވެ.
މުރާދު ބަސްމާއަށް ބަލައިލުމާއެކު ބަސްމާ ބޯ ޖަހައިލިއެވެ. އެއާއެކު މުރާދު ވާހަކަ ދައްކަން ފެށިއެވެ.
(ނުނިމޭ)