ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ ވިޔަފާރިވެރިން ކަމަށްވާ، ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)އާއި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އެ ދެ މީހުން އިންކާރުކޮށްފިއެވެ.
ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް ވަގަށް ނެގި މައްސަލާގައި 10 މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރެއެވެ.
ވައްކަން ރާވާ ހިންގަން މޭސްތިރިންގެ ގޮތުގައި ތިބި ކަމަށް ތުހުމަތުވާ ދިގަލި، އާއްޓޭ އަދި ކަސްޓަމްސްގެ ކުރީގެ އިސް އޮފިސަރެއް ކަމަށްވާ މުއާޒު އަލީގެ މައްޗަށް އުފުލާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރުހިންގަން ރޭވުމާއި އެކަމުގައި ބައިވެރިވެރިވުމުގެ ދައުވާއެވެ.
އޭގެ އިތުރުން ކަސްޓަމްސްގެ އިސް އޮފިސަރެއް ކަމަށްވާ ޒިވާރު އިސްމާއިލާއި އެމްޕީއެލްގެ ދެ މުވައްޒަފުން ކަމަށްވާ ހދ. ވައިކަރަދޫ ނޫރަލީގޭ، އަހުމަދު ޝަހީމާއި ހ. ރުމޭނިއާ، އަހުމަދު ފިރުސާންގެ މައްޗަށް ވެސް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރުހިންގުމާއި އެކަން ރޭވުމުގެ ދައުވާ އޮތީ ކޮށްފައެވެ. އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ ސ. ހިތަދޫ ޗާންދަނީގޭ ހުސައިން ސާމިހު އަދި ސިނގިރޭޓް ދެ ކޮންޓެއިނަރު އުފުލި ދޯނީގެ ކެޕްޓަން އާދަމް ވަހީދުގެ މައްޗަށް އުފުލާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ބާރު ހިންގުމުގެ ދައުވާއެވެ.
އަދި މި ކޭސްގައި ހިމެނޭ ބަންގްލަދޭޝް މީހެއް ކަމަށްވާ މުހައްމަދު އަލަމިން މިއާ އާއި ކ. ތުލުސްދޫ، ލިންކް ހަސަން އަބްދުއްރަހުމާނުގެ މައްޗަށް އުފުލާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ބާރު ހިންގުމަށް ބައިވެރިވުމުގެ ދައުވާ އެވެ. މި އެންމެންގެ ތެރެއިން ދެ މީހަކުވަނީ ކުށަށް އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުން ހެދުމަށް އެދި ހުށަހަޅައިފައެވެ.
ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި އާދިއްތަ ދުވަހު، ކްރިމިނަލް ކޯޓުގައި އޮތް ޝަރިއަތުގައި ދިގަލި އަދި އާއްޓޭވެސްވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.
މި މައްސަލައިގެ އަޑު އެހުން މީގެ މަހެއްހާ ދުވަސް ކުރިން ފެށިފައިވާއިރު، އަދި ކުރިއަށް ދަނީ އިބްތިދާއީ އަޑު އެހުމުގެ ބައެވެ. މި މައްސަލައިގައި ދިގަލި އަދި އާއްޓޭވެސް ކުރިން ހައްޔަރު ކުރިއެވެ. އެކަމަކު ފަހުން އެ މީހުން ދޫކޮށްލީއެވެ. ޕީޖީން ކުރިން ބުނީ ދިގަލި ވަހީދާއި އާއްޓޭ, ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމާފައިވަނީ، އެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ މި ކުށް ކުރުމަށް ރޭވުންކަމަށްވާއިރު، މި ވައްކަން ކުރުމުގައި ޢަމަލީގޮތުން ބައިވެރިވެފައިވާކަމުގެ ހެކި ލިބިފައި ނުވާތީ ކަމަށެވެ.
މި މައްސަލައިގައި ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގަށް ހޯދިފައިވާ ގޮތުގައި، ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ވަގަށް ނަގައިފައިވަނީ، އެ ދެ ކޮންޓެއިނަރާ އެއްގޮތަށް ދެ ކޮންޓެއިނަރު ތައްޔާރުކޮށް ބެހެއްޓުމަށް ފަހު، އެމްޕީއެލް ޓާމިނަލްގައި ބަހައްޓާފައި ހުރި ސިނގިރޭޓް ދެ ކޮންޓެއިނަރު ވަގަށް ނެރެގެން ގެންގޮސްގެން ކަމަށެވެ. އެ ކޮންޓެއިނަރުތައް ބަދަލުކޮށް ވައްކަން ކުރުމުގައި ބޭނުންކުރި ދޯނީގެ ނަމާއި ރަޖިސްޓްރީ ނަންބަރުވެސް ބަދަލުކޮށްފައިވާ ކަން ތަހުގީގަށް ފާހަގަވި ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން، ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ދޯންޏަކަށް އަރުވައިގެން ތިލަފުށްޓަށް ގެންގޮސްފަވާކަމާއި އެ ދެ ކޮންޓެއިނަރު ތިލަފުށީގައި ބަހައްޓައިގެން ހަލާކު ކޮށްފައިވާއިރު، ކޮންޓެއިނަރުތަކުގެ ބައިތައް ތިލަފުށީގެ ސައިޓެއްގައި ހުއްޓައި ހޯދައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.