ޖީއެމްއާރު އަތުން އެއާޕޯޓް އަނބުރާ ނަގައިގެން ލިބޭ ގެއްލުމަށް ވުރެ އެ އާޕޯޓް ޖީއެމްއާރް އަތުގައި ބާއްވައިގެން ލިބެން އޮތް ގެއްލުން މާ ބޮޑު ކަމަށާއި، އެ މައްސަލާގައި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އަމަލުފުޅު ކުރައްވާ ގޮތަކުން ސަރުކާރުން ވަކިވާން ޖެހިދާނެ ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު އުމަރު ނަސީރު ވިދާޅު ވެއްޖެ އެވެ.
"ޕޮއިންޓެއް އަންނަ ގޮތުން ވަކިވާން ވެސް ޖެހިދާނެ،" އުމަރު ވިދާޅުވި އެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ ޖީއެމްއާރު މައްސަލަ އަކީ ޕީޕީއެމުން ބަލަން ތިބޭނެ މައްސަލައެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ މަޝްރަހަށް އައި ބޮޑު ޒަލްޒަލާ އެއް ކަމަށެވެ.
"މި މައްސަލަ އަކީ އަޅުގަނޑުމެން ދޫ ކޮށްލައިގެން ތިބޭނެ މައްސަލައެއް ނޫން، އަޅުގަނޑުމެން ރައީސް ވަހީދުގެ އަރިހުގައި ދއްނަވައިގެން އެ މަނިކުފާނުލައްވައި މިކަމުގައި ގޮތެއް ނިންމާނަން. ގޮތެއް ނުނިންމަވައިފި ނަމަ އަޅުގަނޑުމެންގެ ވަރަށް ކަންބޮޑުވުން ހުންނާނެ، އަޅުގަނޑުމެން މިތިބީކީ ކޯޓު ތަކުގެ އެތެރޭގަ މައްސަލަ ޕާކް ކޮށްފަ ބާއްވަން ދޫ ދޭ ގޮތަކަށް ނޫން. މި މައްސަލައިގައި ރައީސް ވަހީދު ކަންތައް ކުރައްވާ ގޮތަކުން ހަމަ ސަރުކާރުން ވަކިވާން ވެސް ޖެހިދާނެ، [އެކަމަކު] އަޅުގަނޑު އެކަންޏެއް ނޫން ކައުންސިލުން އެކަން ކުރާނީ، [އެކަމަށް] ގޮތެއް ނިންމާނީ،" އުމަރު ވިދާޅު ވިއެވެ.
އުމަރު ވިދާޅުވީ މިހާރު މި އޮތް ގޮތަށް ޖީއެމްއާރާއެކު ކުރިއަށް ދާނަމަ 25 އަހަރު ވަންދެން އަހަރަކަށް ދައުލަތަަށް 153 މިލިޔަން ޑޮލަރުގެ ގެއްލުން ވާނެ ކަމަށާއި، މި މައްސަލަ ހިފައިގެން ޝަރުއީ ކޯޓަށް ގޮސްގެން ކޯޓު މަރުހަލާ ތަކުގައިވާ ކޮންމެ އަހަރަކަށް އެ އަދަދުގެ ގެއްލުން ސަރުކާރަށް ވަމުން ދާނެ ކަމަށެެވެ.
އެއާޕޯޓް ޖީއެމްއާރަށް ދިން މައްސަލައިގެ ބޭރުގައި ތިބި މީހުން ނަށާއި، އެތެރޭގައި ތިބި މީހުންނަށް ވެސް ހައްޤު އަދަބު ދޭނެ ކަމަށާއި، އެ މައްސަލައިގެ ބޭރުގައި ތިބީ ޑީއާރްޕީގެ ލީޑަރު ތަސްމީނު އަލީ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ކަމަށެވެ. މައްސަލައިގެ އެތެރޭގަ ތިބީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ބޭފުން ކަމަށެވެ.
އުމަރު މިހެން ވިދާޅުވި އިރު ޖީއެމްއާރު އަތުން އެއާޕޯޓު އަތުލަން ޕީޕީއެމްގެ ކައުންސިލުން ފާސްކޮށް އެކަން ރައީސް ވަހީދަށް ވަނީ ހުށަހަޅައިފަ އެވެ.