އެމްބީސީގެ ޝަރީއަތް: އެމްބީސީ އަށް ލިބިފައިވާ ގެއްލުމުގެ ތަފުސީލު ހުށަހެޅުމަށް ކޯޓުން އަންގައިފި

14:25


އެމްބީސީގެ ގާނޫނުގެ ދަށުން ޓީވީއެމް އާއި ދިވެހި ރާއްޖޭގެ އަޑުގެ މުވައްޒަފުންނާއި މުދަލާއި ފައިސާ ހޯދުމަށާއި ޣައިރު ގާނޫނީ ގޮތުގައި ދައުލަތުގެ މިޑިއާ ހިސޯރުކޮށް ގާނޫނާ ހިލާފަށް ސަރުކާރުން އަމަލުކުރަމުން ދިއުމުން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދަން އެމްބީސީން ކުރި ދައުވާގައި، ލިބުނު ގެއްލުމަކީ ކޮބައި ކަމާއި އޭގެ ތަފުސީލު ނެތުމުން އެ ތަފުސީލު ކޯޓަށް ހުށަހެޅުމަށް ޝަރީއަތުން އެމްބީސީ އަށް އަންގައިފި އެވެ.


ފިނޭންސް މިނިސްޓްރީ އަށް ދައުވާ ލައްވާ ގޮތަށް އެމްބީސީން ދައުލަތުގެ މައްޗަށް ކުރި ދައުވާގެ ޝަރީއަތް މިއަދު ފެށުމުން އެމްބީސީން ވަނީ ދައުވާ ހުށަހަޅައިފަ އެވެ. ނަމަވެސް ގާޒީ ހާތިފު ހިލްމީ ސުވާލު ކުރެއްވީ ދައުވާގައި އެމްބީސީ އަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުން ހިމަނައިފައިވާއިރު އެ ދައުވާ އިން އެމްބީސީ އަށް ލިބުނު ގެއްލުމުގެ ތަފުސީލެއް، މިންވަރެއް ނޭނގޭ ކަމަށެވެ.


އެމްބީސީގެ ވަކީލެއްގެ ގޮތުން ރާއްޖެ ޗެމްބަރުގެ ފަރާތުން ވަޑައިގެންނެވި އަހުމަދު ފާއިޒު ވިދާޅުވީ ދައުވާއާ އެކު އެ ތަފުސީލު ހިމަނާފައިނުވާނެ ކަމަށެވެ.


އޭނާ އެގޮތަށް ވިދާޅުވުމުން ދައުލަތުގެ ވަކީލު އަހުމަދު ހުޝާމް ވިދާޅުވީ މި ދައުވާގެ ލިޔުންތައް ދައުލަތަށް ލިބުނީ އިއްޔެ ކަމަށާއި ދައުވާއާ ގުޅޭ ލިޔުންތައް ހޯދައިދިނުމަށް ފިނޭންސް މިނިސްޓްރީގައި އެދިފައިވާނެ ކަމަށެވެ. އޭނާ އަދި ވިދާޅުވީ އެމްބީސީގެ ދައުވާއަކީ ގެއްލުމުގެ ބަދަލު ހޯދުން ވެސް ހިމެނޭ ދައުވާއަކަށް ވާތީ ދައުވާ އަށް ޖަވާބެއް ދެވޭނީ އެމްބީސީން ބުނާ ގެއްލުމުގެ ތަފުސީލު އެނގުމުން ކަމަށެވެ.


ރާއްޖެ ޗެމްބަރު މެދުވެރިކޮށް އެމްބީސީން ހުށަހަޅާފައިވާ ދައުވާގައި ގެއްލުމުގެ ތަފުސީލު ހުށަހަޅާފައި ނެތުމުން ގާޒީ ވިދާޅުވީ ހަފުތާއެއްގެ ތެރޭގައި އެމްބީސީން، ގެއްލުމުގެ ތަފުސީލު ހުށަހަޅަންވާނެ ކަމަށެވެ. މައްސަލަ ކުރިޔަށްދާނީ އެބައި ފުރިހަމަވުމުން ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު