"ގުރުއާނަކީ ހަމައެކަނި ފޮތެއް ނޫނެވެ. އެއީ ދިރިއުޅުމުގެ ހުރިހާ މަގެއް ދައްކާ ތަފާތު ވައްތަރެއްގެ ލޯތްބެކެވެ. ގުރުއާނުގެ ލޯބި ހިތަށް ވަދެއްޖެނަމަ ދުނިޔޭގެ އެއްވެސް ބާރަކަށް އެ ހިތް ހިސާރެއް ނުކުރެވޭނެއެވެ."
***
ކެތްރީން ފޭލިގޭގެ ފޮތިގަނޑު އެއްލާލާފައި ބޭރަށް ބަލައިލިއިރު ދާދިގާތުގައި ފޯރިމަރަން ސިފައިންގެ ދެމީހަކު ތިބިތަން ފެނުނެވެ. އޭނަ ހެދުމުގެ ތެރޭގައި ފޮރުވާފައިވާ ޚަންޖަރުގެ މުށްގަނޑުގައި ބާރަށް ހިފަހައްޓައިލިއެވެ.
"ރަސްގެފާނު ވަަރަށް އުފާފުޅުވާނެކަން ނޭގޭ މިހާ ރީތި އަންހެންކުއްޖަކު ހަދިޔާކުރީމަ..އަގުބޮޑު ހަދިޔާއަކަށްވާނީ.."ސިފައިންގެ މީހުން ދައްކަނީ އޭނަގެ ވާހަކަހެއްޔެވެ؟ ނޫނީ އެހެން އަންހެންކުއްޖަކު ހައްޔަރުކޮށްފައިވަނީ ބާވައެވެ. އޭނަގެ ހިތް ތެޅިގަތީ އިންތިހާ ބާރަށެވެ. އަތުން ޚަންޖަރު ދޫނުވީ ހަމަކިރިޔާއެވެ. އަރަބިންގެ ވާހަކަތައް އަހާފައި ފިތްކަނޑައިގެންދާހާ ބިރުގަންނަ އަންހެންކުއްޖަކަށް މިއީ ހަމ ބޮޑު އަޒާބަކަށް ވާނެއެވެ.
އޭނަ ދުޢާކުރަންފެށީ މިމީހުންގެ އަތްދަށުން ސަލާމަތްކޮށްދެއްވުމަށެވެ. އޭނައަށް ބަލައިލެވުނީ އަތުގައިވާ ޚަންޖަރަށެވެ. ޚަންޖަރުން އަމިއްލަ ނަފުސަށް ގެއްލުންދޭން ހިތަށް އަރާފައިވެސް އޭނަ ފަސްޖެހުނެވެ. އެހާ ފިނޑިވެ މޮޔަ އަމަލެއް ހިންގާވަރަށްވުރެ އޭނަގެ ބުއްދި ތަނަވަހެވެ. ދުނިޔޭގައި ކުރިމަތިވާ އިމްތިހާނުތަކާއި ކުރިމަތިލުމުގެ ހިތްވަރު ހުންނަން ޖެހޭނެއެވެ.
ކެތްރީން ފުން ނޭވާއެއްލިއެވެ. އަދި ފޭލިގޭގެ ފަހަތް ފޮތިގަނޑު ކުޑަކޮށް ކަނޑާލައިގެން ސިއްރުސިއްރުން ފޭލިގޭގެ ފުރަގަހުން ބޭރަށް ދެމިގަތެވެ. ވަށައިގެންވަނީ ކަނު އަނދިރިކަމެވެ. އޭނާ ފައިވާން އަތުން ނަގައިގެން ފައިގެ އިނގިލިތަކުގެ ކުރި ޖައްސާފައި ފޭލިގެތަކުގެ ހިޔަނި ފަށުގައި ހުރެ ފިލަމުން ކުރިއަށް ދިޔައެވެ. ކޯރުގެ އޮއިވަރުގެ އަޑު އަންނަ ދިމާލަށް ދާން އޭނަގެ ޟަމީރު އެންގިއެވެ. އެތަނުން އަހެއް ފެނިއްޖެއްޔާ މާތް ރަސްކަލާނގެ އިރާދައާއިއެކީގައި ސަލާމަތްވެވިދާނެކަމުގައި ހިތް ބުނަމުން ދިޔައެވެ. ކޮންމެ ގޮތެއްވިޔަސް މިހާރު އޭނަގެ ހަމައެކަނި މަގުސަދަކީ މުސްލިމުންގެ އަތްދަށުން މިނިވަންވުމެވެ. މި މަސައްކަތުގައި ދުނިޔެއާއި ވަކިވެގެން ދިޔުމަކީ ފަޚުރެކެވެ.
އޭނަ ގަސްތައް ބޯ ހިސާބައާއި ދެތިން ކޯހެއްހާ ދުރުމިނަށް ދެވުނުތަނާ ކުއްލިއަކަށް ހަނދުގެ އަލި އެ ހުދު ހެދުމަށް އެޅުނެވެ.
"ހޭއި....ތިއީ ކާކު؟ ހަމަ މިހާރު ހުއްޓޭ. އެންމެ ފިޔަވަޅެއްވެސް ކުރިއަށް އަޅައިގެންނުވާނެ....." ބާރު އަޑެއް އިވުނެވެ.
އޭނަ އެ އަމުރަށް ކިޔަމަންވާންވީ އެއްވެސް ސަބަބެއްނެތެވެ. ހިތުގައިވި ނުރުހުމާއި ރުޅިވެރިކަމާއެކުގައި އޭނަ އެނބުރުނުވެ. އެއާއެކު ހަތިޔާރު އަޅައިގެން ތިބި މުސްލިމް ސިފައިންގެ ތިން ހަތަރު މީހަކު ދުވެފައި އައިސް އޭނާ ވަށާލިއެވެ. ކެތްރީން ހިތްވަރުކޮށްފައި ހެދުމުގެ ތެރެއިން ޚަންޖަރު ދަމައިގަތެވެ.
"ކައިރިނުވޭ.... ކައިރިވެއްޖެއްޔާ މަރާލާނަން......" އޭނަ ތުރުތުރުއަޅާ އަޑަކުން ހަޅޭއްލަވައިގަތެވެ.
ސިފައިންގެ މީހަކު ހީލަމުން ހުޝިޔާރުކަމާއެކު އޭނާގެ ކަނޑިން ކެތްރީންގެ އަތުގައި ޖަހައި ޚަންޖަރު ބިމަށް ވައްޓާލިއެވެ. އެއަށްފަހު ކެތްރީންގެ ދެއަތުގައި ބާރަށް ހިފަހައްޓާފައި އަނެއްކާވެސް ފޭލިގެއާ ދިމާލަށް ދަމާފައި ކަހަލަ ގޮތަކަށް ގެންދަން ފެށިއެވެ. ކެތްރީން ސަލާމަތްވާން ތެޅިފޮޅެމުން ދިޔައެވެ.
"ދޫކުރޭ... މަގޭ ގަޔަށް އަތްނުލާ..." އޭނަ ހަޅޭއްލެވިއެވެ.
އެމީހުން ކެތްރީން ގޮވައިގެން ބޮޑު ފޭލިގެތަކާއި ހިސާބަށް އައި ވަގުތު މީހެއްގެ ކުކުރުމުގެ އަޑު އިވުނެވެ. އެއީ ވަރުބަލިވެ ވޭނުން ފުރިފައިވާ އަޑެކެވެ.
"ކެތްރީން.... ކެތްރީން... ސަލާމަތްވޭ..."
ކެތްރީންގެ ފިޔަވަޅުތައް ހުއްޓުނެވެ. އެއީ ޖޯންގެ އަޑެވެ. ޖޯން އެހާ ވަރުބަލިވެ ކެކުޅުމާއެކު ވާހަކަދެއްކީ ޒަޚަމްވީހެއްޔެވެ؟ އޭނަގެ ޚިޔާލަށް އައީ ލެޔާ ތަތް ތެޅިފައި އޮތް ޖޯންއެވެ. މަރުވާވަރުކޮށްފައެވެ. ޔަގީނުންވެސް ޖޯންގެ ހާލު ރަގަޅެއްނޫނެވެ.
"ޖޯން......." ކެތްރީން ބާރަށް ރޮއިގަންނަމުން ޖޯންއާ ދިމާލަށް ދާން އުޅުނެވެ. ނަމަވެސް ސިފައިން އޭނަ ހިފަހައްޓާފައި އަނެއްކާވެސް އޭނަ ކުރިން ހުރި ފޭލިގެއަށް ވެއްދިއެވެ. މިފަހަރު ބޭރުން ފާރަވެރިން ގިނަކުރިއެވެ. ކެތްރީން ފޭލިގޭގެ ބިމަށް ވެއްޓިގަތް ގޮތަށް ކަރުނުން ފުރިގެންވާ ހާލު ބަދަލުހިފުމުގެ އަޒުމް ހިތުގައި އިތުރަށް ވަރުގަދަކުރިއެވެ.
"އަހަރެން ދޫކޮށްލާ...."ދުރުން ކަންފަތުގައި ޖެހުނީ މީހެއްގެ ހަޅޭކުގެ އަޑެވެ. އެއާއެކު ކަނޑިއެއް ހޫރާލިއަޑާއެކު ހިމޭންކަންވެރިވިއެވެ. އެމީހުން އަނެއްކާ ރުޅިއާއި ބަދަލުހިފުމުގެ ގޮތުން ޖޯންއަށް އަނިޔާކުރަނީހެއްުޔެވެ؟ ނޫނީ ގަތުލުކުރީހެއްޔެވެ؟ ކެތްރީންގެ ކަނދުރާގެ ލޯލިތައް ކޮޅަށް ޖެހުމާއެކު ތެެދުވެ އަނދިރިކަމުެ ތެރެއަށް ލޯ ހާނަން މަސައްކަތްކުރިއެވެ. ކުރިން ދިއްލާފައި ހުރި ބައްތިވެސް ނިވާލާފައިވުމުން ފަނޑު އަލިކަމެއްވެސް ފެންނާކަށްނެތެވެ.
ކެތްރީންގެ މުޅި ދުނިޔެ އެވަގުތު ހުއްޓުނު ކަހަލައެވެ. އޭނަ އެކަނިވެ ފުރާނައަށްވުރެ ލޯބިވި ޖޯން ލޯކުރިމަތިން ޤަތުލުކުރެވުނު ހަނދާންތަކުން ހިތް ހާސް ފަޅިއަށް ފަޅައިގެން ދިޔައެވެ. ދެލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން ހެދުން ތެމުނެވެ.
ނަމަވެސް، އިރުކޮޅަކުން އެ ކަރުނަތައް ހިކި ދެލޮލުން ކުރިން ފެނުނު މަޑުމައިތިރިކަން ގެއްލިއްޖެއެވެ. ކެތްރީންގެ ހިތުގެ ތެރޭގައި ވޭނުގެ ބަދަލުގައި ރޯވީ ނަފުރަތާއި ރުޅިވެރިކަމުގެ އަލިފާނެވެ. އޭނަ ދަތްކުޑި ވިކައިލިއެވެ.
"މި ރަސްކަން...... މި މުސްލިމުން..." ކެތްރީން ހަށިގަނޑުގައި ހުރި ބާރެއްލާފައި ކިޔައިލިއެވެ."އަހަރެން މިއަދު މި ހުވާ ކުރަން މަގޭ ޖޯންގެ ލެއަށްޓަކައި އެމީހުންގެ ކިބައިން އެންމެ ހިތްދަތި ގޮތަކަށް ބަދަލުހިފާނަން.... މި ރަސްކަމުގެ ފާރުތައް އަހަރެންގެ އަތުން ސުންނާފަތި ކުރާނަން....."
އޭނަ ފޭލިގެއިން ބޭރަށް ނަޒަރު ހުއްޓައިލިއެވެ. ފެންނަނީ ދިގު ކަނޑިތައް ހިފައިގެން ފޯރިމަރަން ތިބި މުސްލިމް ހަނގުރާމަވެރިންނެވެ. އެމީހުން ތިބީ ރޭގަނޑުގެ ފިނިން ސަލާމަތްވުމަށް އަލިފާންގަނޑެއް ޖަހައިގެން އޭގެ ކައިރީގައެވެ.
***
ފަށުވި ފޮތިން ހަދާފައިވާ އެ ބޮޑު ފޭލިގެއަށް އަލިވެފައިވަނީ އެންމެ އުއްބައްތިއަކުންނެވެ. އުއްބައްތީގެ ރަންގުލުގެ އަލި ފޭލިގޭގެ ފާރުތަކަށް އެޅި ބިރުވެރި ހިޔަނިތަކެއް އުފެދެމުން ދިޔައެވެ. ކެތްރީންގެ ހިތް ބާރަށް ތޅެމުންދިޔަ ނަމަވެސް، އޭނާގެ ސިކުނޑި މަސައްކަތް ކުރަމުންދިޔައީ މި ނުބައި މީހުންގެ ކިބައިން ފިލައިގެން ދާނެ ގޮތަކާ މެދުގައެވެ.
އެތަނުގައި އިތުރު އެއްވެސް މީހަކު ނެތުމުން ފުރުސަތުގެ ބޭނުން ހިފައި ނިކުންނަންވެގެން ތެދުވުނުތަނާހެން ފޭލިގޭގެ ފޮތިގަނޑު ކުއްލިއަކަށް ހިއްލާލާފައި މުސްލިމް އަންހެނަކު އެތެރެއަށް ވަނެވެ. އޭނގެ އަތުގައި ހުރީ ރަހަމީރު ޢަރަބި ކާބޯތަކެތީގެ ތަބަކެކެވެ. އޮލިވް އޮއިލް އާއި ހަވާދުލީ ކުކުޅު ފިހުނު މީރުވަހާއި ތާޒާ ޒައިތޫނި އަދި ގޮދަން ރޮށީގެ ވަސް މުޅި ފޭލިގެތެރެއަށް ފެތުރިގެންދިޔައެވެ. ނަމަވެސް ކެތްރީން ހުރީ ކާ އެއްޗަކަށް ބަލާލާނެ މޫޑެއްގައެއް ނޫނެވެ.
އެ އަންހެން މީހާ ހިނިތުންވުމަކާއެކު ތަބައް ބެހެއްޓުމުން ކެތްރީން އާދޭހުގެ ރާގަކަށް ބުންޏެވެ. "އަޅުގަނޑަށް ކަމެއްކޮށްދީފާނަންތަ؟ އަޅުގަނޑު މިތަނުން ސަލާމަތްކޮށްދީ..މުޅި އުމުރަށް ޝުކުރުވެރިވާނަން.."
އެ އަންހެންމީހާ ކެތްރީންގެ ދެލޮލުގައިވާ ކަރުނަތައް ފެނި ހަމްދަރުދީވިއެވެ. އަދި މަޑުމަޑުން ބުންޏެވެ، "އެންމެ ރަނގަޅު... އަޅުގަނޑު އެހީވާނަން. އަހަންނަކީ އަސްމާ..."
"މިކަމުގައި އުޅެނިކޮށް އަސްމާއަށް ގެއްލުމެއް ނުވާނެތަ؟"
"ﷲ ރައްކާތެރިކުރައްވާށި...އަބަދު ޒިކުރުކޮށްލައިގެން މިހުންނަނީ.."
"އަސްމާގެ ދީނާއި ދެކޮޅަށް އެހެން ބަޔަކަށް އެހީވާން ބޭނުންވީ ކީއްވެ؟"
"ދީނާއި ދެކޮޅަކަށް ނޫން...އެހެން ދީނެއްވިޔަސް ޒުވާން ލޯބިވެރިންނަށް ދެރައެއް ހިތާމައެއްލިބެން ނޭދެން...ސަބަބަކީ އަހަންނަށްވެސް އެފަދަ ދެރަގޮތެއްވެ ލޯބިވެރިޔާއާއި ވަކިވުމުގެ ހިތާމަ އެއް އިރެއްގައި ކުރިމަތިވީމަ..އަހަރެން ޖޯންގެ ޚަބަރު ބަލައިލިން...ޒަޚަމްއެއްގެ ސަބަބުން ވަރުބަލި އެކަމަކު އޭނަގެ ފުރާނައަށް ނުރައްކަލެއްނުވޭ...މުސްލިމް ސިފައިން ނިންމާފައިވަނީ ރަސްގެފާނުގެ ކައިރިއަށް ގެންދަން. އޭގެ ކުރިން ދެމީހުން ސަލާމަތްކޮށްދޭނަން...އަހަންނަކީވެސް ބޭސްވެރިކަމުގައި އުޅޭ މީހަކަށްވީމަ ކޮންމެވެސް ވަރަކަށް އެކަހަލަ ކަންތައް އެނގޭ..."އަސްމާ ވާހަކަދެއްކީ ޖެހޭ ވައިރޯޅިތަކަށްވެސް ސިއްރުންނެވެ.
"އެކަމަކު..ތިއީ އެމީހުންގެ މީހެއް ނޫންތަ؟"
"އަހަންނަކީވެސް މަޖުބޫރުން މިތަނަށް ގެނެސްފައި ހުރި މީހެއް،...ޖާރިޔާއެއް......." އަސްމާގެ ދެލޮލުން ދެރަވުމުގެ އަސަރު ފެނުނެވެ. "އަދި ކައިވެނި ނުކޮށް ފިރިހެނަކާއި އަންހެނަކު އެކީގައި އުޅުމަކީ އަހަރެމެންގެ ދީނުގައިވެސް އަދި މި ސަރަހައްދުގެ ގާނޫނުގައިވެސް މަނާކަމެއް. އެމީހުން ޖޯން މަރާލާނެކަން ޔަގީން. އަހަރެން ބޭނުމެއް ނޫން ލޯބިވާ ދެމީހަކު ވަކިވާކަށް..އެއީ ވަރަށް ހިތްދަތިކަމެއް....."
"އަސްމާވެސް އަނެއްކާ ކުރިން އީސާއީއެއްތަ؟"
"އާނ....އެއީ ދިގު ވާހަކައެއް."
"އަސްމާވެސް އަހަރެމެންނާއެކު ފިލައިގެން ދާން ވީ..މިއީ ހަމަ ރަގަޅު ފުރުސަތެއް.."
"ނޫން..މިހާރު މި ދީނަށް ވަދެވި ދީނަށް އުޅެވެންފެށީމަ އަލުން އީސާއީއަކަށްވާން ނޭދެން..އެކަމަކު އަނިޔާ ލިބިފައިވާ ދެ ލޯބިވެރިޔަކަށް އެހީތެރިވުމަކީ ދީނަށް ވެވޭ ޚިޔާނަތެއްކަމަށް އަޅުގަނޑުގެ ހިތް ނުބުނޭ..ހެއްދެވި ފަރާތުގެ ރުހިވޮޑިގަތުން ބޭނުން...މިއީ އަޅުގަނޑަށްވެސް ފަސޭހަކަމެއްނޫން.އެކަމަކު ކަމަނާ އެދުނީ އެހީތެރިކަމަށް..އަޅުގަނޑުގެ ހިތަށް ތި ކަރުނަތަކުން އަސަރުކުރީ.."
އަސްމާގެ ހިތް ބުނަމުން ދިޔައީ އޭނައަށް މިކަމުގެ ސަޒާ އަދި ލިބޭނެކަމުގައެވެ. މުސްލިމް ހަނގުރާމަވެރިން ކުށްވެރިޔާ ހޯދާނެކަމާއިމެދު އޭނަ ޝައްކެއްނުކުރެއެވެ.
***
ރޭގަނޑުގެ އެންމެ ފަހު ދަމެވެ. ޚަރީފްގެ ފިނި ވައިރޯޅިތައް ގަދަވެ ފޭލިގެ ތަކުގެ ފޮތިގަނޑުތައް ތަޅުވަމުން ދިޔައީ ހީކަރުވައިގަންނަފަދަ ގޮތަކަށެވެ. މުޅި ކޭމްޕްތެރޭގައިވަނީ ހަމަހިމޭންކަމާއި ރޫހާނީކަމުގެ ތަފާތު މާހައުލެއް އުފެދިފައެވެ. ފިނިން ސަލާމަތްވުމަށް ކޭމްޕުގެ އެކި ދިމާލުގައި ބޮޑެތި އަލިފާންގަނޑުތައް ޖަހާފައި ހުއްޓެވެ. އެ އަލިފާންގަނޑުތަކުގެ ތަން އަލި ފޭލިގެތަކުގެ ހުދު ފޮތިގަނޑުތަކަށާއި ވަށައިގެންވާ ގަސްތަކަށް އެޅި ހިޔަނިތައް ނަށަމުންދާފަދައެވެ. އެފިނީގެ ތެރޭގައި މުސްލިމް ހަނގުރާމަވެރިންގެ ބައެއްމީހުން އަލިފާންގަނޑުގެ ކައިރީގައި ތިބީ ރަށުން ގެނައި ތާޒާ އެލްމަންޑް ކަދުރު އަދި މޫސުމީ ފަތްޕިލާވެރިން ކައްކާފައިވާ ހޫނު ސޫޕްތަށިތައް ބޯށެވެ. އެ ސޫޕްތަށިތަކުން އަރަމުން ދިޔަ އާވި ފިނިވަޔާއި އެކުވަމުން ދިޔައެވެ.
ކޭމްޕްގެ މެދުގައި ހުރި ބޮޑު ފޭލިގެ ތެރެއިން އިވެމުން ދިޔައީ ގުރުއާންގެ މޫރިތި އާޔަތްތައް ކިޔަވާ އަޑެވެ. ބައެއް މުސްލިމުން ތަޖައްޖުދު ނަމާދުކުރާއިރު އަނެއްބަޔަކު އަލިފާނުގެ ހޫނު ފޯރާ ހިސާބުގައި އިށީދެލައިގެން ތިބެއެ އަލިން ކީރިތި ގުރުއާން ކިޔަވަނީއެވެ. ހިތްތަކަށް މަަޑުމޮޅިކަން ގެނެސްދޭފަދަ އަސަރުގަދަގޮތަކަށެވެ. އެއާޔަތްތަކުގެ އަޑު ޖަންގަލީގެ ފިނި ވައިރޯޅިތައް ދިޔައީ މުޅި ސަރަައްދަށް ފޯރުކުރަމުންނެވެ. ބައެއްމީހުން ދުއާއަށް އަތް އުފުލާލައިގެން ތިބިއިރު ލޮލުން ކަރުނަ އޮހެނީއެވެ.
ރޫހާނީ ވަރުގަދަ ގުޅުންތަކެއްގެ މާހައުލެކެވެ. ހިތްގައިމު ދަންވަރެއް މާޒީގެ ތެރެއަށް ވަންނަނީއެވެ. އެވަގުތު އަސްމާ ޖޯންއާއި ކެތްރީން ސަލާމަތްކުރުމަށް ސިއްރުސިއްރުން މަސައްކަތް ރާވަމުން ދިޔައެވެ. ޖޯންއާއި ކެތްރީން ތިބި ހިސާބުގެ ސިފައިންގެ ސޫޕަށް ބޭހެއް އަޅައިގެން އެމީހުން ނިދި އަންނަވަރުކޮށްލާފައެވެ. ސިފައިން ނަމާދުކޮށްގެން ނިދަން ފެށުމުން އަސްލާ އަވަހަށްގޮސް ޖޯން ގޮވައިގެން ކެތްރީން ހުރި ފޭލިގެއަށް ގެނައެވެ.
"ޖޯން...."ކެތްރީންގެ ލޮލުން ކަރުނަ އޮހިގަތެވެ.
"ވާހަކަދައްކަން އަދި ވަރަށް ގިނަ ވަގުތު އެބައޮތް....މިވަގުތު އެންމެ ސިކުންތެއްވެސް ބޭކާރުކޮށްނުލާ އަވަހަށް ހިނގާ....ފަސްމޭލު ހިސާބު ދުރުގައި ހުރި ހޮހަޅައެއްގެ މިސްރާބު ބުނެދޭނަން..."އަސްމާ އެދެމީހުން ގޮވައިގެން ހިލަތަކުގެ ނިވަލުންގޮސް އަސްތަކެއްގެ ކައިރިއަށް ހުއްޓުނެވެ.
"މިހިރީ ޖޯންގެ ޒަޚަމްގައި އަޅަން އަހަރެން ތައްޔާރުކުރި ބޭސް...."އަސްމާ ފުޅިތަކެއް ދިއްކޮށްލިއެވެ.
"މާތް ރަސްކަލާނގެ ހެޔޮ ޖަޒާ ދެއްވާށި...." ކެތްރީން އަސްމާގެ ގައިގާ ބާރަށް ބައްދައިލިއެވެ. ޖޯންއާއި ކެތްރީން އޭނަގެ ހެޔޮކަމަށް ޝުކުރު އަދާކޮށްފައި އަހަށް އެރިއެވެ. އަސްކަޑަބޮއްޖަހާފައި ދުވަމުންގޮސް އިސާހިތަކު ލޯމަތިން ގެއްލުނެވެ.
ރޭގަނޑު ކަނު އަނދިރީގައި ނުރައްކާތެރިި ފަރުބަދަމަތީގެ ހަނި މަގުތަކުން އަރަމުން ގޮސް އެމީހުންނަށް އަސްމާ ބުނި ހޮހަޅައާއި ހަމަޔަށް ދެވުނެވެ. ވަރުބަލިކަމާއި ފިނިން ސަލާމަތްވާނެ ހޫނު ޖަގަހައެކެވެ. އެންމެ ކުރިން ކެތްރީން އުޅުނީ ޖޯންގެ ޒަޚަމްތަކުގައި ބޭސް އެޅުމަށެވެ.
"ވަރުޖެހޭނީ ކުޑަކޮށް ކައިގެން....އެއްޗެއް ކާލަން ހިނގާ.." ކެތްރީންގެ މޫނަށް އުއްބައްތީގެ އަލި އެޅިފައިވުމުން ދޮންކަންދިއްލިފައިވާއިރު އާދަޔާ ޚިލާފަށް ރީއްޗެވެ.
"ޖޯން..އެއްވެސް ތަނަކަށް ތަދުވޭތަ؟" ކެތްރީން ކުއްލިއަކަށް ސުވާލުކޮށްލިއެވެ.
"ހަމައެކަނި ހިތަށް..ކެތްރީން ގެއްލިދާނެކަމުގެ ބިރު އަޅުގަނޑުގެ ހިތް ހަމަ ހަލާކުކުރަމުން ދަނީ......."
"ޖޯން ބިރުނުގަނޭ..ދެމީހުން ދުނިޔޭގައި އުޅޭނީ އެކީ އަދި ވަކިވެގެންދާނީ އެކީ..މިއީ އަޅުގަނޑުގެ ހުވައެއް..."
"އަޅުގަނޑުމެންގެ ހާލަތު ހުރިގޮތުން ފައްޅިއަކަށްގޮސް ކައިވެނިކުރެވެންނެތް...އެންމެ ގޮތެއް އޮތީ..."ޖޯން ބަލިކަށި އަޑަކުން ބުނެލިއެވެ."އަޅުގަނޑު މަރުވިޔަސް ކަމަނާގެ ފިރިމީހާގެ ގޮތުގައި ވަކިވެގެންދާން ބޭނުން...ކެތްރީން އަޅުގަނޑާއި ކައިވެނިކުރަން އެއްބަސްތަ؟"
ކެތްރީން ބޯ ޖަހައިލިއިރު ލޮލުން ކަރުނަތިކިތައް ވިދައެވެ.
އެދެމީހުން ނިންމީ ހޮހަޅައިގެ ތެރޭގައި ކުޑަ ފައްޅިއެއް ހެދުމަށެވެ. އޮމާން ހިލަ ގައުތައް އަތުރާ އޭގެ މަތީގައި އެތަނުން ފެނުނު މަލެއްގެ ފިޔަތައް ބެހެއްޓިއެވެ. އަދި ލަކުޑި ދެ ގޮފިގަނޑުން ކުޑަ ސަލީބެއް ހަދާ އެތަނުގައި ބެހެއްޓިއެވެ.
"އަޅުގަނޑުމެންނަށް އޮތީ މި ނޫން ކޮން ގޮތެއް.ބޭނުމީ ކަމަނާއަކީ އަޅުގަނޑުގެ ހަލާލު އަނބިމީހާެ ގޮތުގައިވާން...މުި ކުޑަ ފައްޅީގައި އަޅުގަނޑު ކަމަނާއާއި ކައިވެނި މިކުރަނީ މާތް ރަސްކަލާނގެ ހާޟިރުގައި..."
"އަޅުގަނޑުވެސް މަރުވަންދެން ޖޯންއާއެކު ވާން ހުވާކުރަން.."ކެތްރީންގެ ލޮލުން އޮހެމުން ދިޔައީ އުފާވެރިކަމުގެ ކަރުނައެވެ. އެ ހޮހަޅައިގާ އެހެން މީހަކަށް ނޭނގި އެދެމީހުން ކައިވެނީގެ މަގައްދަސް އަހުދު ފުރިހަމަކުރިއެވެ. އެމީހުންގެ ލޯބި މިހާރުވަނީ ކައިވެނީގެ މާތް ގުޅުމަކުން ބަދެވިފައެވެ.
ނުނިމޭ