ނަފުސާނީ ދުޅަހެޔޮކަމަށް ޚާއްސަކޮށް، ދަ ހެޕިނަސް ކްލަބްއިން "ވަރަށް ލޯބިވޭ" ހަރަކާތް ބާއްވައިފި

ދަ ހެޕިނަސް ކްލަބްއިން ބޭއްވި "ވަރަށް ލޯބިވޭ" ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ

މި އަހަރަކީ ނަފުސާނީ ރައްކާތެރިކަމުގެ އަހަރުގެ ގޮތުގައި ކަނޑައަޅާފައިވުމުން، ދަ ހެޕިނަސް ކްލަބުން އިސްނަގައިގެން ބޭއްވި ފުރަތަމަ ބޮޑު އިވެންޓް "ވަރަށް ލޯބިވޭ" މިއަދު ބާއްވައިފިއެވެ.

ދަ ހެޕިނެސް ކްލަބްއިން ބުނި ގޮތުގައި، މިއަދު ހެނދުނު 8:00އިން ހަވީރު 4:00އަށް ކުރިއަށްގެންދިޔަ އެ ހަރަކާތް ބިނާކޮށްފައިވަނީ ނަފުސާނީ ރައްކާތެރިކަމާއި، މުޖުތަމައަށް ނިސްބަތްވުމުގެ އިހުސާސާއި، އޯގާތެރިކަމުގެ މައްޗަށެވެ.

އެ ޕްރޮގްރާމަކީ ގޭތެރެއާއި، ތައުލީމީ މާހައުލާއި، މަސައްކަތުގެ މައިދާނުގެ އިތުރުން މުޅި މުޖުތަމައުގައި ނަފުސާނީ ރައްކާތެރިކަން ގާއިމުކުރުމުގެ މުހިންމުކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ފަރުމާކުރި ހަރަކާތެއްކަން އެ ކްލަބުން ފާހަގަކުރިއެވެ.

ދަ ހެޕިނަސް ކްލަބްއިން ބޭއްވި "ވަރަށް ލޯބިވޭ" ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ

ދަ ހެޕިނެސް ކްލަބުން ބުނި ގޮތުގައި، "ވަރަށް ލޯބިވޭ" އެ ޝިއާރު އެ ހަރަކާތަށް ހޮވާފައިވަނީ، އެއީ ދިވެހީންގެ މެދުގައި ލޯތްބާއި، އަޅާލުމާއި، އިތުބާރު ރަމްޒުކޮށްދޭ، އިހުސާސްތަކާ ގުޅިފައިވާ ފުން މާނައެއް އެކުލެވޭ ބަހަކަށް ވާތީއެވެ.

ދަ ހެޕިނަސް ކްލަބުން ފާހަގަކުރި ގޮތުގައި، ކޮންމެ މީހަކަށްވެސް މިނިވަންކަމާއެކު ޝުއޫރުތައް ފާޅުކުރުމާއި، ކުރިއެރުމުގެ ފުރުސަތު ލިބިދޭ ނަފުސާނީ ރައްކާތެރިކަމުގެ މާހައުލެއް އޮތުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. މި ހަރަކާތުގެ ތެރެއިން ކުރިއަށްދިޔަ ތަފާތު ސެޝަންތަކުގައި، ފާޑުކިޔުމެއް ނެތި އެކަކު އަނެކަކުގެ ވާހަކަ އަޑުއެހުމުގެ މުހިންމުކަމާއި، ޖަޒުބާތީ ގޮތުން ރައްކާތެރި މާހައުލެއް ބިނާކުރާނެ ގޮތްތަކާ މެދު މަޝްވަރާކޮށް، އަމަލީ ތަޖުރިބާ ހޯދާފައިވާ ކަމަށް އެ ކުލަބުން ހާމަކުރިއެވެ.

ދަ ހެޕިނަސް ކްލަބްއިން ބޭއްވި "ވަރަށް ލޯބިވޭ" ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ

އެ ހަރަކާތް ނިންމާލާފައިވަނީ ބައިވެރިންގެ މެދުގައި ވެވުނު "އޮފިޝަލް ވަރަށް ލޯބިވޭ އިގުރާރު" އާ އެކުގައެވެ. އެ އިގުރާރުގައި ބައިވެރިން ވަނީ އެހެން މީހުންނަށް ރައްކާތެރި ބަނދަރަކަށް ވުމަށާއި، ކަނުލާ އަޑުއެހުމުގެ ސިފަ އަށަގަންނުވައި، އޯގާތެރިކަން އިސްކުރުމަށް އަޒުމް ކަނޑައަޅާފައި ކަމަށް ހެޕިނެސް ކްލަބްއިން ބުންޏެވެ.

ދަ ހެޕިނަސް ކްލަބުގެ އަމާޒަކީ ނަފުސާނީ ރައްކާތެރިކަމަކީ މުޅި ރާއްޖޭގައި ގައުމީ ފެންވަރެއްގައި ސަމާލުކަންދޭ ކަމަކަށް ހެދުމެވެ. އަދި ކޮންމެ ފަރުދަކީވެސް މުޖުތަމައުގައި ގަދަރުވެރި، އަޑުއިވޭ، އަދި ބަލައިގަންނަ މީހަކަށް ހެދުމަށް ކުރާ މަސައްކަތްތައް ކުރިއަށް އޮތް ތަނުގައިވެސް ފުޅާކުރާނެ ކަމަށް އެ ޖަމްއިއްޔާއިން ހާމަކުރެއެވެ.

މި އަހަރަކީ ނަފުސާނީ ރައްކާތެރިކަމުގެ އަހަރުގެ ގޮތުގައި ކަނޑައަޅާފައިވުމާއެކު، ދަ ހެޕިނަސް ކްލަބުން ވަނީ "ވަރަށް ލޯބިވޭ" ގެ ނަމުގައި ޚާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މައިގަނޑު އަމާޒަކީ އާއިލާއާއި، ތައުލީމީ އަދި މަސައްކަތުގެ މާހައުލުގައި ނަފުސާނީ ރައްކާތެރިކަމުގެ މުހިންމުކަން އަންގައިދީ ހޭލުންތެރިކުރުމެވެ. މި ހަރަކާތުގައި ބައިވެރިންނަށް އެކަކު އަނެކަކުގެ ވާހަކަ އަޑުއެހުމާއި، ޖަޒުބާތީ ގޮތުން ރައްކާތެރި މާހައުލެއް ބިނާކުރާނެ ގޮތްތަކާ މެދު މަޝްވަރާކޮށްފައިވެއެވެ. އަދި ހަރަކާތް ނިންމާލާފައިވަނީ އެހެން މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމާއި އޯގާތެރިވުމަށް އަޒުމް ކަނޑައަޅައި، ބައިވެރިން ވެވުނު ޚާއްސަ އިގުރާރަކުންނެވެ.

  • ހެނދުނު 8 ން ހަވީރު 4 އަށް ކުރިއަށްދިޔަ މި ހަރަކާތް ބިނާކޮށްފައިވަނީ ނަފުސާނީ ރައްކާތެރިކަމާއި އޯގާތެރިކަމަށެވެ.
  • "ވަރަށް ލޯބިވޭ" މި ޝިއާރު ނަގާފައިވަނީ ދިވެހިންގެ މެދުގައި އޮންނަ ލޯތްބާއި އަޅާލުން ރަމްޒުކޮށްދިނުމަށެވެ.
  • ހަރަކާތުގެ ތެރެއިން ފާޑުކިޔުމެއްނެތި އެހެން މީހުންގެ ވާހަކަ އަޑުއެހުމުގެ މުހިންމުކަން ވަނީ ދަސްކޮށްދީފައެވެ.
  • މުޅި ރާއްޖޭގައި ނަފުސާނީ ރައްކާތެރިކަން ގާއިމުކުރުމަކީ ދަ ހެޕިނަސް ކްލަބުގެ މައިގަނޑު އެއް އަމާޒެވެ.
  • މުޖުތަމައުގައި ނަފުސާނީ ރައްކާތެރިކަން ކަށަވަރުކުރުން.
  • އެކަކު އަނެކަކަށް އަޅާލުމާއި އޯގާތެރިކަން އިސްކުރުން.
  • ޖަޒުބާތުތައް މިނިވަންކަމާއެކު ފާޅުކުރެވޭނެ މާހައުލެއް ބިނާކުރުން.
ގުޅޭ ޓެގު
comment ކޮމެންޓް