"އިންސާނާގެ ހަޔާތަކީ ހަމައެކަނި ދެ ކަމެއްގެ ދެމެދުގައި އޮތް ކުރު ދަތުރެކެވެ. އެއީ އުފަންވުމާއި މަރުވުމާއި ދެމެދެވެ. ތިބާގެ ދުވަސްތައް ސްކްރޯލްކުރުމާއި ގޭމް ކުޅުން ނުވަތަ ބޭކާރު ވާހަކަތަކުގައި ހޭދަކުރާއިރު ހަނދާނުގައި ބަހައްޓަންޖެހޭނެ ކަމަކީ ކޮންމެ ސިކުންތަކީ ތިބާގެ ހަޔާތުގެ ފޮތުން ކެނޑިގެންދާ ސަފުހާއެއްކަމެވެ. އެ ސަފުހާތައް ރަގަޅު އަމަލުތަކުން ފުރައިލާށެވެ."

***

"ތި ދެމީހުން މިހާރުވެސް އެކީގައި ދޯ އުޅެނީ. ކެއުމާއި ބުއިމާއި ނިދުމާއި އެކީ.......ދެން ކީއްުކުރާ ކައިވެންޏެއް...މިޒަމާނުގައި ދެން އެއްވެސް ބިރެއް ލަދެއްނުގަނޭ...ހެއްދެވިފަރާތުން ހަރާމްކުރައްވާފައިވާ ކަންްތައް ކުރަން ޖެހިލުމެއްނުވޭ...އަދަލް މަންމަގެ ވާހަކަވެސް އެހެން ފެތުރުނު.........."އެހެން އަންހެނަކު ބަދޫރާއާއި އެއްބައިވިއެވެ.

"ހުއްޓާލާ...."އަދަލްގެ އަޑުގައިވީ އަމުރުވެރިކަމެވެ. އާއްމުގޮތެއްގައި ހުންނަ ކެތްތެރިކަން ކޮޅުން ލައިގެން ދިޔުމާއެކު ތެދުވުނުއިރު ގަދަ ބުމަ ކައިރިވިއެވެ. އަދަލްއަކީ އާއްމުކޮށް ރުޅި ކޮންޓްރޯލް ކުރަން ދަންނަ ހަމަޖެހޭ މަޑުމައިތިރި ޒުވާނެކެވެ. އޭނައަށް ޖެއްސުންކޮށް ފުރައްސާރަކުރުން އޭނަ ހަނދާން ހުންނަން ފެށީއްސުރެ ދިރިއުޅުމާއި ގުޅި ލާމެހި އެކަމަށް ހޭނިފައިވިއެވެ. ނަމަވެސް ލޯބިވާ މަންމަގެ އަބުރާއި ބެހުމުން އެ ހިތަށް ކެތްކުރެވޭނީ ކިހިނެއް ހެއްޔެވެ؟އެމީހުން ދައްކަމުން ދިޔައީ މާޒީގައި ސަރަފީނާގެ ބޮލުގައި އެޅުވި ދޮގު އިލްޒާމްތަކުގެ ވާހަކައެވެ. ސަރަފީނާގެ ފާސިދު އުޅުމެއް އޮތް ކަމަށް ހަދައި މަންސޫރު ލައްވައި އޭނާ ވަރިކުރުވީވެސް މިފަދަ ނުބައި ދޮގުތަް ފަތުރައިގެންނެވެ.

އަދަލް ކުރިއަށް ފިޔަވަޅެއް އަޅާލިއިރު އަތް މުށްކެވިއްޖެއެވެ. ރުޅިން ގޮސް ސިކުނޑި ދޮންވަމުން ދުން އަރާވަރުވިއިރުވެސް އަޑުގެ ބާރުމިން މެދު މިންވަރެއްގައި ހިފަހައްޓަން އޭނަ މަސައްކަތް ކުރިއެވެ.

"މަށާއި ދިމާލަށް ކޮންމެ އެއްޗެއް ކިޔަސް މަށަށް ހެޔޮ.. އަހަރެންގެ ބޮލުގައި ކޮންމެ ފަދަ ދޮގު އިލްޒާމެއް އެޅުވިޔަސް އަހަރެން ކެތްކޮށްފާނަން..." އަދަލް ބަދޫރާ އަދި އެއްބައިވި ސުރައްޔާގެ ދެލޮލަށް ވަކިވަކިން ބަލައިލިއެވެ. "އެކަމަކު...މަންމަގެ ވާހަކަ ނުދައްކާތި... މަގޭ މަންމައާ ދިމާލަށް އެންމެ ލަފުޒެއްވެސް ބުނެގެން ނުވާނެ......"

ބަދޫރާ އާއި ސުރައްޔާ ބިރުން ގޮސް ހިންދިރުވާލިއެވެ.

އަދަލްގެ ދެލޮލުން އޭރު ފެންނަމުން ދިޔައީ އަލިފާނުގެ ކުލަވަރެވެ. އޭނާ ދުވަހަކުވެސް މިހާވަރަށް ރުޅިއައިސްފައި ހުއްޓާ އެމީހުން ނުދެކެއެވެ. ނުރުހުމުގެ އަލިފާނުން ކުރި އަސަރުގެ ބޮޑުކަމުން ދުރަށް ބަލައިލަން މަޖުބޫރުވިއެވެ.

"ތިޔަހެން ދޮގު ވާހަކަ ފަތުރައިގެން މީހުންގެ ދިރިއުޅުން ހަލާކުކުރުން ނޫން ކަމެއް ތިޔަ ބައިމީހުންނަށް އެނގޭތަ؟" އަދަލް ފުން ނޭވާއެއްލަމުން އޭނާގެ ނަފުސު ކޮންޓްރޯލް ކުރަން މަސައްކަތް ކުރިއެވެ. "ކުރިންވެސް ހެދީ ދޮގު...މަގޭ މަންމައާ ބައްޕަ ދުރުކުރީ ތިޔަ ކަހަލަ ދޮގުވެރި ދޫތަކުން. އެކަމަކު ހަނދާންކުރާތި..... ހަގީގަތް ފޮރުވައެއް ނުބޭއްވޭނެ...... މިއަދު އަހަރެން މިއީ މަންމަގެ ހިމާޔަތުގައި ހުރި ފިރިހެނެއް..ކުޑަ ކުއްޖެއްނޫން... ދެން ދުވަހަކުވެސް މަގޭ މަންމަގެ ނަން ތި ނުބައި ދޫތަކުން ކިޔައިފިއްޔާ އަހަރެން މަޑުން ނުހުންނާނަން......"

އަދަލް އެމީހުންނަށް އިންޒާރުގެ ނަޒަރަކުން ބަލާލުމަށްފަހު އެތަނުން ދާން ހިނގައިގަތެވެ. މަންމަގެ ހިމާޔަތުގައި އޭނަ މިހިރީ ކޮންމެ މީހަކާއިވެސް ކުރިމަތިލާން ތައްޔާރަށެވެ.

އޭނަގެ ހިތް ބާރަށް ތެޅެމުންދިޔައީ ރުޅިއާއި ހިތާމައިގެ ސަބަބުންނެވެ. އޭނަ ބޭނުންވީ ވީހާވެސް އަވަހަށް މާވަހަރަށް ވީ ފައިސާ ހޯދުމަށެވެ. އެ ފައިސާ ލިބުމުން މަންމަ އާއި ސިދްރާ ގޮވައިގެން މި ފާޑުކިޔާ މީހުންގެ ކުރިމަތިން މާދުުރަށް ހިނގައިދާާާނެއެވެ. ވަރަށް ދުވަހަށް ކެތްކުރެވިއްޖެއެވެ.

***

އަދަލް ބަދޫރާމެންނާ ދިމާލަށް ރުޅިވެރިކަމާއެކު ވާހަކަދައްކާފައި ގެއަށް އައިއިރު ގޭތެރެއިން އިވުނީ ސިދްރާ ތަންކޮޅެއް ހާސްވެފައިހުރެ ވާހަކަދައްކާއަޑެވެ. އަދަލް އެތެރެއަށް ވަންއިރު ސަރަފީނާ އިނީ ބަދިގެ ތަޅުންގަނޑުމަތީގައި އިށީނދެގެންނެވެ. ތަޅުންމަތީގައި ހުރި ފެނަށް އަރާ ކައްސާލައިގެން ވެއްޓި ކަނާތު ފައިގެ ކޮޅަށް ވާ ތަދުން ތެދުވާން ނުކެރިފައި އިނީއެވެ. ފައިގެ ތަންކޮޅެއް އިންތިހާއަށް ދުޅަވަމުން ދިޔަތަން ފެނި އަދަލް ކަންބޮޑުވިއެވެ.

"މަންމާ.ފަޔަށް ހާދަ ވަރެއްވެފައި......" އަދަލް ހާސްވެފައި ގޮސް ސަރަފީނާގެ ކައިރީގައި ކަކޫ ޖަހަލިއެވެ. "ސިދްރާ... އަވަހަށް ޓެކްސީއަކަށް ގުޅާ... މަންމަ ހޮސްޕިޓަލަށް ގެންދަންޖެހޭ........"

އަދަލް އޭނަގެ މަންމަ އަތްދަނޑިމައްޗަށް އުފުލާލައިގެން ޓެކްސީއަށް ލައިގެން ހޮސްޕިޓަލަށް ދިޔައިރު ސިދްރާވެސް ދިޔައެވެ؛

ހޮސްޕިޓަލުގެ އިމަޖެންސީ ރޫމަށް ސަރަފީނާ ވެއްދި ވަގުތު އެތަނުގައި ޑިއުޓީގައި ހުރި ނަރުސް ކުއްޖާ އެނބުރި ބަލައިލިއެވެ.ހުދު ޔުނީފޯމްގައި ހުރި ނޯޔާއަށް އަދަލްމެން ފެނުމުން ކުޑަކޮށް ސިހުނެވެ. މަގުމަތިން އަދަލްއާއި ދިމާލަށް ޖޯކު ޖަހާފައި މިހާރު ހޮސްޕިޓަލުން މިގޮތަށް ދިމާވުމުން ނޯޔާއަށްވެސް ގޮތެއް ވިއެވެ.

އަދަލް ހުރީ ނޯޔާއާއި ދިމާލަށް ބަލާނެ މޫޑެއްގައެއް ނޫނެވެ. އޭނާގެ މުޅި ދުނިޔެއަކީ ލޯބިވާ މަންމައެވެ.

"ނޯޔާ....މަންމަގެ ފައި ވަރަށް ބޮޑަށް ދުޅަވަނީ. ޑޮކްޓަރަށް ދައްކައިދީބަލަ........" އަދަލްގެ އަޑުގައިވީ ހާސްކަމާއި އާދޭހެވެ.

ނޯޔާ އަވަސްއަވަހަށް ސަރަފީނާ އެނދުގައި ބޭއްވުމަށްފަހު ޑޮކްޓަރަށް ގޮވިއެވެ. ޑޮކްޓަރު ބެލުމަށްފަހު ބުނީ ކަށިގަނޑަށް ބޮޑު އަނިޔާއެއް ނުވި ނަމަވެސް، މަސްގަނޑަށް ވަރަށް ބޮޑަށް ތަދުވެފައިވާ ކަމަށެވެ. އަދި ފުރަތަމަ ކަމަކަށް އައިސްޕެކް އަޅަން އެންގިއެވެ.

ޑޮކްޓަރު ނިކުތުމާއެކު އަދަލް އަވަސްއަވަހަށް ނަރުސް ކުދިން ތިބި ކައުންޓަރަށް ގޮސް އައިސް ޕެކެއް ހޯދިއެވެ. އަދި އައިސް ޕެކް ހިފައިގެން އައިސް، އަމިއްލައަށް އެނދުކައިރީގައި ހުރި ގޮނޑީގައި އިށީނދެ ސަރަފީނާގެ ދުޅަވެފައިވާ ފައިގައި ވަރަށް ލޯބިން މަޑުމަޑުން އައިސް ޕެކް އަޅައިދޭން ފެށިއެވެ.

"މަންމާ.. ވަރަށް ތަދުވޭތަ؟ މަޑުމަޑުން މި އަޅައިދެނީ އިނގޭ...." އޭނަ ސަރަފީނާގެ ބޮލުގައި ފިރުމާލަމުން ބަލަން އިނީ އޯގާތެރިކަމާއި ލޯބިން ފުރިގެންވީ ނަޒަރަކުންނެވެ. "މަންމައަށް އަނިޔާއެއް ލިބެން ދުވަހަކުވެސް ބޭނުމެއް ނޫން..... "

ނޯޔާ ހުރީ ދާދި ކައިރީގައި އެ މަންޒަރު ބަލަހައްޓައިގެން ހަމަ ބަސްހުއްޓި ހައިރާންވެފައެވެ. ނޯޔާ ހީކުރީ އަދަލްއަކީ ހަމައެކަނި މަގުމަތީގައި ސަކަރާތް ޖަހަން އުޅޭ ޒިންމާދާރުކަމެއް ނެތް ސޮރެއް ކަމަށެވެ. އެކަމަކު މިއަދު މަންމައަށްޓަކައި އަދަލްގެ ލޮލުގައިވި އޯގާތެރިކަމާއި އަޅާލުުނެ ފެނުމުން ނޯޔާގެ ހިތުގައި އަދަލްއާ މެދު އޮތް ނުބައި ތަސައްވުރު އެއްކޮށް ބަދަލުވެގެން ދިޔައެވެ.

ނޯޔާ މަޑުމަޑުން ކުރިއަށް ޖެހިލިއެވެ. އަދި އަދަލްގެ އަތުން އައިސް ޕެކް އަތުލިއެވެ.

"އަދަލް.. މަޑުކުރޭ.... އަހަރެން އަޅައިދޭނަން. މިއީ މަގޭ ޑިއުޓީއޭ......." ނޯޔާގެ އަޑުގައި މިފަހަރު މަލާމާތުގެ ބަދަލުގައިވީ މަޑުމައިތިރިކަމެވެ.

އަދަލް އިސްއުފުލާލާ ނޯޔާއަށް ބަލައިލިއެވެ. އެ ދެލޮލުން ފެނުނު އިޚުލާސްތެރިކަން ފެނިފައި އޭނަ މަޑުމަޑުން ބޯޖަހާލިއެވެ. ސިދްރާވެސް ދުރުގައި ހުރެ ނޯޔާ ސަރަފީނާގެ ފައި ގަނޑުފެނުން ބޮނޑިތާން ކުރާތަން ބަލަން ހުރީއެވެ. އިންސާނާގެ ހިތް ބަދަލުވާން ބައެއްފަހަރު ނަގާނީ އެންމެ ސިކުންތެކެވެ. އެންމެ އަމަލެކެވެ. ފެންނަ އެންމެ މަންޒަރަކުން ހިތަށް ލޮޅުން އަރާފާނެއެވެ.

***

ހޮސްޕިޓަލުގެ ޑިއުޓީ ނިންމާލުމަށްފަހު ނޯޔާ ގެއަށް އައިއިރު އޭނަގެ ހިތްވަނީ ނުތަނަވަސްވެފައެވެ. ސަރަފީނާގެ ފައިގައި އައިސް ޕެކް އަޅައިދޭން އިންއިރު އަދަލްގެ ދެލޮލުން ފެނުނު އެ އޯގާތެރިކަމާއި އަމިއްލަ މަންމައަށްޓަކައި ވީ ގުރުބާނީގެ ކުލަވަރު އޭނާގެ ހިތުން ފިލައިގެން ނުދެއެވެ.

ނޯޔާ ސިޓިންގރޫމަށް ވަންއިރު ބަދޫރާ އިނީ ސޯފާގައި ޓީވީއިން ގެނެސްދޭ ޕާކިސްތާނު ޑްރާމާއެއް ބަލާށެވެ. ނޯޔާ ފެނުމާއެކު ބަދޫރާ ޚަބަރު އަހައިލިއެވެ.

"މިއަދު އެކްސިޑެންޓްވި ދެ ފިރިހެންކުދިންނަށް ކިހާވަރެއްވި؟"

"އެކަކު އައިސީޔޫގައި އަނެކަކު ސްޓޭބަލް..." އޭނަ ހުރީ ވާހަކަދައްކާހިތް ނުވެފައެވެ.

"އެއްވެސް ޒިންމާދާރުކަމެއް ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމެއްނެތް....އަމިއްލަ ފުރާނައަށް ފަރުވާލެއްނެތްތާ މަގުމަތީގައި އެހެން މީހުން އުޅޭކަން ދަނެގެން ފޮނި ނުކަނޑާވެސް އުޅެވިދާނެ..ކާކު އެ ފޮނި ބަލާނީ؟ ނޯޔާގެ ފިރިސޮރު ދެން އެކްސިޑެންޓްވާނީ..އޭނަވެސް ދުއްވާ އެއްޗަކަށް އެރިއްޖެއްޔާ ހަމަހޭވެރިކަމެއް ނުހުރޭ...."

"މަންމާ..ޕްލީޒް...."ނޯޔާއަށް ޗޮކެއް ކަނޑައިލެވުނެވެ.

"އާނ..އަދަލްއާއި އިންނާށޭ ބުނީމަ ނޯޔާ ދޮގުހެދީނު ހަކުރު ބޯ މީހެކޭ ކިޔާފައި..."

"އެވާހަކަ ދެން ބާއްވަބަލަ .......އަދަލްގެ މަންމަ ވެއްޓިފައި ފަޔަށް ތަދުވެގެން އިމަޖެންސީއަށް ގެންދިޔަ. މަންމަގް ފްރެންޑްވީމަ ވިޒިޓްކޮށްލަންވީނު...."

"އަހަންނާއި ސަރަފީނާގެ ގުޅުމުގައިވެސް ރެނދު ލައިފި.."

"ރީޒަންއަކީ ނޯޔާއޭ ދެން ނުބުނޭ.......އައިމް ޓަޔަޑް...ނިދާލަން މިދަނީ....."ނޯޔާގެ އާދައަކީ ޑިއުޓީއާއި ކެއުމާއި ނިދުމެވެ. ދިރިއުޅުމުގެ މަގުސަދެއް ނޭގެއެވެ.

"މިއަދުވެސް ހޮސްޕިޓަލުގައި ހިލޭސާބަހަށް މަސައްކަތްކޮށްފައި ތިޔައީ ދޯ؟" ބަދޫރާ ގެ އަޑުގައިވީ ނުރުހުމާއި މަލާމާތެވެ."މަގޭ ހިތަށް އަރާ އޭރު އެ އަދަލްއާއި އިންނަން އެއްބަސްވިނަމައޭ.... އޭނަގެ މަންމައަކީ ކޮންމެ ކަހަލަ އަންހެނަކަށް ވިޔަސް އަދަލްއަކީ ހިތްހެޔޮ މަސައްކަތްތެރި ސޮރެއް. އޭނަގެ އަންބަކަށްވިނަމަ މިހާރު މާ އަރާމުކޮށް އުޅެވޭނެ. ތި އޮންނަގޮތަށް ދެފައި ދަމަދަމާފައި ނިދަން އޮވެވޭނެ....."

ނޯޔާގެ ހިތަށް ތޫނު ކަށްޓެއް ހަރާލި ފަދައެވެ. މަންމައަށް އެނގެނީ ކޮން އެއްޗެއް ހެއްޔެވެ؟ ނޯޔާގެ ފިރިމީހާއަކީ އިންތިހާއަށް މުއްސަނދި މީހެކެވެ. ރަށު އެންމެން ހީކުރަނީ ނޯޔާ އުޅެނީ ނިކަން އުފާވެރި ދިރިއުޅުމެއްގައި ކަމަށެވެ. ނަމަވެސް އެއީ ހުސް ދަޅައެވެ.

"މަންމާ.. ޕްލީޒް މަޑުން ހުރެދާނަންތަ؟" ނޯޔާ ވަރުބަލި އަޑަކުން ބުންޏެވެ.

"މަޑުން ހުންނާށޭ؟" ބަދޫރާ ތެދުވިއެވެ. "ނޯޔާގެ މުއްސަނދި ފިރިމީހާ ދެނީ ކޯނޗެއް؟ ކައިވެނި ކުރި ފަހުން ނޯޔާގެ ޚަރަދަށް އެންމެ ފައިސާ ފޮއްޗެއްވެސް އެބަދޭޭތަ؟ ކާންބޯން ޚަރަދު ކުރުމަކީވެސް އޭނާއަށް ބޮޑު ބުރައަކަށް ވެއްޖެ. ނޯޔާ ތިޔަ ހޯދާ މުސާރަކޮޅުން އަމިއްލައަށް ކައިބޮއިގެން އޭނާއަށްވެސް ކާންދޭން ޖެހޭ.. ދެންވެސް މަދުވާ ލާރިކޮޅު އެ ބޯޅަ ކުޅޭ ސޮރު އެ އަތުލަނީ ނޯޔާގެ އަތުން... އޭނާއަށްވުރެ އަދަލް ހާސްގުނަ މާ ރަނގަޅުވާނެ."

ބަދޫރާގެ އެ ތޫނު ލަފުޒުތަކުން ނޯޔާގެ ހިތުގެ ފުންމިނަށް އަޖައިބެއްފަދަ އުދަގޫތަކެއް ކުރުވައިފިއެވެ. މަންމަ އެ ބުނީ މުޅިއަކުން ދޮގެއް ނޫނެވެ. ނަވީންއަކީ ނަމުގައި މުއްސަންޖެކެވެ. އެކަމަކު ނޯޔާއަށް އެއްވެސް އަޅާލުމެއް އޯގާތެރިކަމެއް އަދި ޚަރަދެއްވެސް ނުދެއެވެ. އޭނާ ހުންނަނީ ނޯޔާއަށް ލިބޭ މުސާރަކޮޅުން ބައިއަޅައިގެން ރިޒޯޓާއި ބޭރު ގައުމުތަކުގައި އުދުހި އުދުހިއެވެ. އަންހެންކުދިންނާއިއެކު ޕާޓީއާއި އެހެން ތަންތަނުގައި ހުންނަ ފޮޓޯތައް ފެނުމުން ބުނާނީ އެކީގައި މަސައްކަތްކުރާ މުވައްޒަފުންކަމުގައެވެ. އެނޫން ގުޅުމެއް ނެތްކަމަށެވެ.

ނޯޔާ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމަށްފަހު އެނދުމައްޗަށް ވެއްޓިގަނެ މޫނުގައި ބާލީސް އަޅާ ބާރުކޮށްލިއެވެ. އޭނާގެ ސިކުނޑިއަށް ފެންނަން ފެށީ ހޮސްޕިޓަލުން ފެނުނު އަދަލްގެ ސޫރައެވެ.

"އަދަލް..." ނޯޔާ ހިތާހިތުން ކިޔައިލިއެވެ. "އަހަންނަށް ކޮންފަދަ ބޮޑު ކުށެއް ބާވައޭ މި ކުރެވުނީ؟ އޭރު އަދަލްއާއި ކައިވެނިކުރެވުނުނަމަ މާރަގަޅުވާނެކަން ނޭގޭ.. އޭނާއަކީ ހާދަ ރަނގަޅު ހާދަ އޯގާތެރި ފިރިހެނެއްހެން ހީވޭ.... އަހަންނަށް ބެލުނީ ހަމައެކަނި މުއްސަނދިކަމަށް... އަސްލު މަންމަ ބުނީ ތެދެއް.. އަދަލް މާ ރަނގަޅު..ނަވީންގެ އެބަހުރި ވަރަށް އުދަގޫ ސިފަތައް..އަންހެންކުދިންނާއި މާ ގާތްކޮށް އުޅެނީ...ބޮލަށް އުދަގޫވާވަރަށް..."

އެވަގުތު އަޒާލީއާއި ހީރާ ގުޅަންފެށުމުން އޭނަ ތަބީއަތު ގޯސްކަމުން ބުނީ އަދިވެސް ޑިއުޓީ ނުނިމޭކަމަށެވެ.

***

ގޭގެވަލުތެރޭގައި ހުރި ވައިލެޓްމާތަައް ފޮޅޭ ގަސްތަކެއްގެ ކައިރީގައި ގޮނޑިއެއް އަޅާލައިގެން ސިދްރާއިނެވެ. އަތުގައި އޮތް ފޮތް އުނގުގައި ބާއްވާލައިގެން އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އޭނަގެ ހިތް ބިއްލޫރިކޮޅެއްހާ ސާފެވެ. ނޯޔާ މިއަދު ހޮސްޕިޓަލުން އަދަލްއަށް އެހީތެރިވެދިން ގޮތުން އޭނަ ނޯޔާއަށް ޝުކުރުވެރިވެއެވެ. ނަމަވެސް، ނޯޔާ އަދަލްއަށް ބަލައިލި ނަޒަރާއި އެ ދެމީހުންގެ މާޒީ ގައި ގުޅުމެއް އޮތުމުން އަންހެން ހިތަކަށް ވީތީ ހިތުގައި ކުޑަކުޑަ ޝައްކެއް އުފެދުނެވެ. އޭނާގެ ފިރިމީހާ އެހެން މީހެއްގެ ހިތް އަތުލަމުންދާ ކަމުގެ އިހުސާސް ސިދްރާއަށް ކުރެވެން ފެށިއެވެ.

"ހޭއި.....ކޮން އާލަމެއްގައި؟" އަދަލް ގެނެސްދިނީ ކުރުބާ ފަނިތަށްޓެކެވެ. އޭނަ ހިނިތުންވެލަމުން ކުރުބާތަށި އަތުލިއެވެ."އުފާވެރި ޚަބަރަކާއިގެން އައިއިރު މި ކުއްޖާ މިއިނީ ޚިޔާލު ބޮޑުވެފައި..ކިހިނެއްވީ؟"

"ފުރަތަމަ އުފާވެރި ޚަބަރު..."އޭނަ ބުނެލިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު