"ރުޅިގަދަވާ ހިނދު އައޫޒު ކިޔާފައި އިށީދެގެން އިނިއްޔާ ކޮޅަށް ތެދުވެލާށެވެ. އަދި ހިމޭންކަން ޚިޔާރުކުރާށެވެ. އެއަށްފަހު ވުޟޫކޮށްލަން ދީނުގައި އަންގަވާފައިވެއެވެ. ރުޅިއަކީ ޝައިތާނީ އަމަލެކެވެ. ރުޅި މަތަނުވުމުގެ ސަބަބުން އަތުންފައިން ގޯހެއް ހެދި ފަހުން ހިތާމަކުރާވަރުގެ ބަހެއް ބުނެވި ނޫނީ އަމަލެއް ކުރެވިދާނެތީއެވެ. އަދި މާފުކުރުމަކީ އެންމެ ރީތި އެއް ސިފައެވެ."
***
ކައިވެންޏަށްފަހު އެމީހުން ކުއްޔަށް ހިފާފައިވާ ގެއަށްގޮސް ސިދްރާ ކަޅުހެދުން ބޭލުމަށްފަހު ކައިވެނީގެ ހުދުހެދުމުގައި ސަރަފީނާއާއި އަދަލްއާއިއެކު ފޮޓޯނެގިއެވެ.
"ނޯޔާއަށްވުރެ ހާސްގުނަ ރީތި..ކޮންމެހެން މީހާގެ ބުރުސޫރައިގެ ރީތިކަމެއް އެކަނިއެއްނޫން ބަލަންވީ. އަޚުލާގާއި ގެވެހިކަން އަދި ދީންވެރިކަމުން ބަލައިލިޔަސް ނޯޔާ އުޅޭނީ ފަހަތުގައި...ނަސީބެއް އެކައިވެނި ނުކުރެވުނުކަން......................."ސަރަފީނާ ހިތާހިތުން ކިޔައިލިއެވެ."ކޮންމެ ކަމެއްގައި ކެތްތެރިވާން އޮންނަނީ އެހެންވީމަ..ﷲ ތައާލާ ދެނެވޮޑިގެންވޭ މުސްތަގުބަލް...އަވަސް އަރުވާލައިގެން ނޯޔާއާއި ކައިވެނިކުރުަވަން އުޅުމުން އެކަން ނުވީމަ ކިހާ ހިތާމަކުރިން. އެއީ ހަމަ ބޭކާރު ކަރުނަތަކެއް.."
އަދަލް އެހާ އުފަލުން ހުރިތަން ސަރަފީނާއަށްވެސް ފެނުނީ އަލަށެވެ. އަންހެކުދިންނާއިހެދި ދުވަހަކު އެހާވަރުން އުޅުނު ޒުވާނަކަށް ނުވިޔަސް ސިދްރާ ޚާއްސަވަރު އެނގެނީ ބަލާގޮތުންނެވެ. އެހާ ޚާއްސައެވެ. އަދަލް ސިދްރާގެ އަތުގައި ހިފާލައިގެން އިނދެ ފޯނުން ނެގި ފޮޓޯތަކަށް ބަލައިލަމުން ހީލިއެވެ.
"މިއަދަކީ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސް..."އަދަލް ބުނެލިއެވެ.
ސަރަފީނާ ހެވިފައި އެކުދިންނަށް ބަލަހައްޓައިގެން އިނެވެ."ދަރިފުޅާ އަސަލް..ސިދްރާއަކީ އަގުބޮޑު ރަހުމަތެއް..ބަލައިގެން އުޅޭތު...."
"ލައްބަ މަންމާ..."
ކުއްލިއަކަށް އަދަަލްގެ ފޯނު ރިންގުވާންފެށިއެވެ. ސްކްރީނަށް އަރާފައި އިން ނަން ފެނިފައި ތިން މީހުންގެ މޫނުގެކުލަ ފަނޑުވިއެވެ. ސްކްރީނަށް އަރާފައި އިނީ ހީރާގެ ނަމެވެ. އަދަލް ފުން ނޭވާއެއް ދޫކޮށްލާފައި ފޯނު ކަންފަތުގައި ޖެއްސިއެވެ،
"ހަލޯ..އަދަލް..ކޮބާ ކޮންތާކު؟" ހީރާގެ އަޑު ނިކަން ތޫލިއެވެ. "މުޅި ރަށް ހާވާލީމަވެސް ތި ސޮރު ފެނުނުކަމަކަށް ނުވި...މަގޭ ހިތަށް އެރީ ނޯޔާ ނުލިބުނީމަ ހިތްހަމަނުޖެހިގެން ބްރިޖުން ކަނޑަށް ފުންމާލީއޭ..އެހެންވެ ޚަބަރު ބަލައިލަން މި ގުޅައިލީ..."
އަދަލް ސިދްރާއަށް ބަލަމުން ހިންދިރުވައިލިއެވެ. ހީރާމެންނަށް އަދިވެސް ހަގީގަތެއް ނޭގެއެވެ.
"މިހިރީ ކަމެއްގައި ރަށުން ބޭރުގައި.." އަދަލް ބުނެލިއެވެ.
"ސަރަފީނާ ދައްތައަށް ބޭސްކުރުވަން މާލެއަށް ނޫންތަ ދިޔައީ؟ ނޫނީ އަނެއްކާ ފްރާންސަށް ދަނީތަ؟ވަރަށް ހީވޭ ކަމެއް ސިއްރުކުރަން އުޅޭހެން...އަދަލްއަށް އެނގޭތަ؟ ވަރުގަަދަ ޚަބަރެއް އެބައޮތް...މަންމަ އެބައުޅޭ ކޮންމެ ގޮތެއް ހަދާފައިވެސް ދޮންބެއަށް ސިދްރާ ހޯދަން...މަށަށް ހީވަނީ ދޮންބެގެ އަތްދަށުން ސިދުރާ ސަލާމަތެއް ނުވާނެހެން..."ހީރާ ހީގަތެވެ.
ޒިހާމްގެ މަންމައޭ ކިޔާފައި ދެއްކި ވާހަކަތަކާއެކު ސިދްރާގެ ހިތަށް ފިނިވެގެން ދިޔައެވެ. އޭނަ ގަތް ބިރުން އަވަހަށް އަދަލްގެ އަތުގެ މުލައްދަނޑީގައިި ބާރަށް ހިފަހައްޓައިލިއެވެ. އަދަލް ސިދްރާގެ އަތްމަތީގައި އޭނަގެ އަތް ބާއްވަމުން ހާސްނުވުމަށް އިޝާރާތްކުރިއެވެ.
"ކީކޭ؟ މާރިޔާ ދައްތަ ސިދްރާ ހޯދަނީއޭ؟ އެއީ ކީއްކުރަންތަ؟"އޭނަ އާދައިގެ ގޮތަކަށް އަހައިިލިއެވެ.
"ބުނެފާނަން.. މަންމަ މިއަދުވެސް ޖިޔާދުބެއަަށް ގުޅި...ދޮންބެ ސިދުރާއާއި ކައިވެނިކުރަން ޖެހޭނެއޭ...ސިދްރާ ވީތަނެއް ބުނާށޭ..ޖިޔާދުބެވެސް ބުނީ ސިދުރާ ވީ މާލެގައޭ...." ހީރާ ހުރީ ޝައްކެއްގެ މަތީގައެވެ."މަށަށް ހީވަނީ ސިދުރާވެސް ހަމަ ފިލައިގެން އުޅެނީހެން..އަދަލްއަށް ސިދުރާ އުޅޭ ތަނެއް އެނގޭތަ؟"
އަދަލްގެ ހިތް ތެޅިގަތެވެ. އޭނާ ސިދްރާގެ ލޮލަށް ބަލައިލިއެވެ. ސިދްރާގެ ދެލޮލުން ކަރުނައިގެ އަސަރު ފައުޅުވިއެވެ. ޒިހާމްގެ މަންމަގެ ސަބަބުން އަނެއްކާވެސް އެމީހުންގެ އާ ދިރިއުޅުމަށް ތޫފާނެއް އަންނަނީ ބާވައެވެ؟
"މިވަގުތު ވަރަށް ބިޒީ..ބާއްވަނީ އިނގޭ...."
އަދަލް ފޯނު ކަނޑާލުމަށްފަހު ފުން ނޭވާއެއްލިއެވެ.
"އަދަލް... އަހަރެން ވަރަށް ބިރުގަނޭ. އެމީހުން އަހަރެމެން މެރީ ކުރިކަން އެނގިއްޖެއްޔާ ވާނީ ކިހިނެއްތަ؟މާރިޔާ ދައްތަ ވަރަށް ރުޅި އަންނާނެ...."
ސަރަފީނާ ސިދްރާގެ ބުރަކަށީގައި ފިރުމާލިއެވެ. "ބިރުނުގަނޭ. ތިޔައީ މިހާރު އަދަލްގެ އަނބިމީހާ. ދެން އެމީހުންނަކަށް ސިދުރާއަށް އެއްވެސް ކަމެއް ނުކުރެވޭނެ....ކަރުދާސްތަކުގައި ހުރިހާ ހެކިތަކެއް މިހިރީނު....."
އިރުކޮޅެއްވާންދެން އެކަމާއި ބެހޭގޮތުން ވާހަކަދައްކަން ތިބެވުނެވެ.
ޖެހިގެން އައި ދުވަހު ސިދުރާ އޭނަގެ ބައްޕަ ޖިޔާދުއަށް ގުޅައިގެން ވާހަކަދެއްކީ ކެލިގްރާފީ ވިއްކަން ފްރާންސަށް ފޮނުވޭނެ އެއްވެސް ފުރުސަތެއް އޮތްތޯ ބެލުމަށެވެ. ޖިޔާދު އެކުދިންނަށް ދައުވަތުދިނެވެ. ހަނީމޫނަށް ނޫނީ ޗުއްޓީއަކަށް ނަމަވެސް ޖައްސައިލަން އެދުނެވެ. ސިދުރާ ބައްޕައަށް ޝުކުރުއަދާކުރުމަށްފަހު ފޯނު ބޭއްވިއިރު ލޮލުގެ ވިދުން އިތުރުވެފައިިއެވެ. ހިތާމައިގެ ތެރެއަށް ޣަރަގުވެގެން ދިޔައިރުވެސް އޭނަ ފަހަރެއްގައިވެސް ދިރިއުޅުމުން މާޔޫސްއެއްނުވެއެވެ. މިންވަރުފުޅަށް ރުހެން އޭނަގެ މަންމަ ދަސްކޮށްދީފައިވިއެވެ. ހުރިހާ ހާލެއްގައި ކެތްތެރިކަމާއި ޝުކުރުވެރިވާންވެސް މެއެވެ. އަދަލްވެސް އިންތިޒާރުކުރަނީ މާވަހަރުން އޭނައަށް ލިބޭނެ ފައިސާއަށެވެ. ސިދުރާވެސް ކެލިގްރަފީއިން ރަގަޅު އާމްދަނީއަކަށް އުއްމީދުކުރިއެވެ. އޭރުން އެދެމީހުންނަށްވެސް ހިތްފަސޭހަ ދިރިއުޅުމެއް ހޯދިދާނެއެވެ.
***
މާލޭގައި ކުރެވުނު ސިއްރު ކައިވެންޏަށްފަހު އަދަލްއާއި ސިދްރާވެސް ރަށަށް އެނބުރިއައީ ދެހަފްތާއެއްހާ ވަރުކޮށްލާފައެވެ.ރަށުގެ ހަލަބޮލިކަމުގެ ތެރެއަށް އެމީހުންނަށް ފިޔަވަޅު އެޅުނު ހިސާބުން ސިއްރުގެ ފާރުތައް ބިމާ ހަމަވާންފެށިއެވެ.
އަޒާލީއާއި ހީރާ ބާބެކިއު ހަދަންދާންވެގެން ނާށިކޮޅެއް އެއްކޮށްލަން ސަރަފިނާމެންގެ ގޭގެ ފަހަތުގައި އޮންނަ ރުއްވަލަށް ވަނެވެ. ހީރާ ނާށި ތައް ކޮތަޅަކަށް ލާންފެށިތަނާ ފެނުނީ ހީނުކުރާފަދަ މަންޒަރެކެވެ. އަދަލް ސިދުރާގެ އަތުގައި ހިފައިގެން ގޮސް ގެއަށް ވަންނަނީއެވެ. އަދަލް އެއަތުގައި ހިފަހައްޓާލައިގެން ހުރީ އިނގިލިތައް އެ އަތުގެ ތެރެއަށް މަހާލައިގެން ބާރަކަށެވެ.
"އަޒާލީ...މަގޭ ދެލޯ މިހިރީ ރަގަޅަށްތަ؟" ހީރާ އަޒާލީގެ ކޮނޑުގައި ތަޅައިގަތެވެ."އަދަލް ދިޔައީ ސިދުރާގެ އަތުގައި ހިފައިެން...އެ ދެމީހުން ރައްޓެހިވެގެން އުޅެނީ..މަންމަ ދޮންބެއާއި މެރީކުރުވާ ވާހަކަ ދައްކައިރު ސިދުރާ ފެންނަ ކޮންމެ މީހަކުގެ އަތުގައި ހިފާ ހިތުން އެއުޅެނީ...."
އަޒާލީ އަވަހަށް ފޯނު ނަގާ އެދެމީހުންގެ ފޮޓޯއެއް ކެމެރާގައި ރައްކާކޮށްލިއެވެ."މިއޮތީ ހެކި...އަވަހަށް ނޯޔާއަށް މި ޚަބަރުދޭން ހިނގާ..ބާބެކިއުގައި ހެދިބިލަތާއި އެކީގައި އަނގަ ތަޅަން ވާހަކައެއް ލިބުނީނު....."
ދެމީހުން އަވަހަށް އެކުވެރިޔާގެ ގެއަށް ދިޔައިރު ނޯޔާ އިނީ ފެންޑާގައި ފިރިމީހާއަށް ގުޅައިގެން ވާހަކައެއްގައެވެ. ނޯޔާ އިނީ ކޮންމެވެސް ވަރަކަށް ބުމަ ގާތްކޮށްލައިގެންނެވެ. ކަމަކާއި ހިތްހަމަނުޖެހި ރުޅިގަނޑު ހިންދާލަން މަޖުބޫރުވެފައިވާފަދަ ގޮތެއް އެމޫނުން ފެންނަމުން ދިޔައެވެ. އަޒާލީ ދުވެފައިގޮސް ނޯޔާގެ މޫނާއި ދިމާލަށް ފޯނު ދިއްކޮށްލިއެވެ. ފޮޓޯގަނޑު ފެނުމާއެކު ސިިހިފައި މޫނު ރަތްވުމާއެކު ލޯބޮޑުކޮށްލެވުނެވެ. އަދަލް އެހެން އަންހެންކުއްޖަކާއެކު އުޅުމުން އޭނައަށް ކުރާ ފުރައްސާރައެއްކަމުގައި ހީކުރެވުނެވެ. އަދަލް އޭނަގެފަހަތުން އާދޭސްކުރަމުން ދުވަންވީމަ މިހުންނަނީ ނޫންކަމަށް ހަދައިގެންނެވެ.
"މިއީ ކޮންކަމެއްތަ؟"ނޯޔާއަށް ބާރަށް ބުނެވުނެވެ."އަދަލް....އެ މޮޔަ ފިރިހެނާ މަގޭ ފަހަތުން ނުނެއްޓި ގަޔަށް އަތް ލި މީހާ އެންމެފަހުން އެ ނިކަމެތި ސައިކޯ ސިދުރާގެ އަތުގައި ހިފައިގެން ރޯމާ ދުވާލު...މަށަށް ޖެއްސުމަށް ނޫންތަ؟"
"ސީރިޔަސްކޮށް ޔޫ ޖެލަސްވަނީތަ؟" ހީރާއަށް މަޖާވިއެވެ.
"ބޯ ގޯސް..މަށަށް ހަމަ ރަގަޅީ އެދެމޮޔައިން އިނީމަ...އަދަލްއަކީ ބޭކާރު ފިރިހެނެއް...ސޭކެއް..." ނޯޔާ ނުބައިގޮތަކަށް ހީލިއެވެ."އަދި ސިދުރާގެ އަތުގައި ހިފައިގެން އުޅުނަސް ކޮންމެ ރެއަކު މަށަށް ފޯނުކޮށްފައި އާދޭސްކުރޭ....ވަރިވެގެން އަންނާށޭ އޭނަ އިންތިޒާރުކުރާނަމޭ..އޭނަގެ މަންމަވެސް އެކަމާއިހެދި މަގޭ މަންމަދެކެ ނައްޓާފައި...ކުރިން ދެމީހުން ސުޕަގްލޫ ޖަހާފައި ތަތްކޮށްފައިހެން އެކީގައި ރަށުތެރޭގައި އެނބުރޭނީ...."ނޯޔާ ޖެހިލުމެއްނެތި ދޮގުތައް މަތިމައްޗަށް ހަދަމުންދާއިރު އޭނަގެ މަންމައަށްވެސް ގަދަރެއްނުކުރެއެވެ.
އެރޭ އަދަލް ފިހާރައަކަށް ދަނިކޮށް ނޯޔާމެން އޭނަގެ ކުރިމައްޗަށް ނުކުތެވެ. ހީރާ ފޯނުން އެފޮޓޯ ދައްކައިލަމުން ހީގަތެވެ.
"އަަދަލް..ސިއްރުން ކޮންކަމެއްތަ؟ ދެމީހުން އެ ފަޅުގޭގައި އެއްކޮޓަރިއެއްގައި ނިދާ ވާހަކަވެސް އަޑުއެހިން.."
"އޯ. ހީރާއަށް ފޮރުވައިގެން ކަމެއް ކުރެވޭކަށްވެސް ނެތެއްނު......"އަދަލްގެ މޫނުމަތިން ފެނުނީ ހަމަޖެހޭކުލަވަރެވެ.
"ސިދުރާ ގެންގުޅޭ ޖިންނި މަގޭ ގާތު ބުނީ...މަ ބުނީ އެއީ ހެލުސިނޭޝަން ދޯ..އޭނަ އިނދެގެން އުޅޭ މީހާއަކީވެސް އެގޮތަށް އިމޭޖިނަރީ އެއްޗެއް؟ ރިޕޯޓެއްލިޔަން ކަމަށް މިއުޅެނީ..ސިދުރާ ކައިރިން ފުރިހަަމަ އިންޓަވިއުއެއްވެސް ނަގަން އެބަޖެހޭ..." ހީރާ ފޮނިގޮތަކަށް ހީލިއެވެ."ޖާނަލިޒަމް އިން ޑިގްރީ ނިންމާފައި ދެން މިކަހަލަ ކަމެއް ފަށަންވެގެން ހިތަށް އެރީ. އަދަލް ބިރެއްނުގަނޭތަ އެކަހަލަ ކުއްޖަކާއި އެކީ ތިގޭގައި އުޅެން؟"
"މޮޔަ ކަޕްލްއެއްގެ އިންޓަވިއުއެއް ވެސް ސަޅިވާނެ.."ނޯޔާ މަލާމާތުގެ ރާގަކަށް ބުނެލިއެވެ."ކޮބާ އަދަލް...އަހަރެން ނުލިބުނީމަ ރަށުގައި ހުރި އެންމެ މޮޔަކުއްޖާއާއި ރައްޓެހިވެގެން މާ ފޮޅުވަންފެށީ؟ މަގޭ ހިތަށް އަރަނީ މިދެމީހުން ކޮން ސިއްރު ގަނޑެއްހެއްޔޭ ގަންނަނީ؟ސިދުރާވެސް ދެފުށްކެހެރިކަން...ނިގާބަށްވެސް ކުރެވޭ މަލާމާތެއްނު...އެ އަޅައިގެން މީހަކާއި އިނދެގެން ހުރެ އެހެން މީހަކާއި އެކީ އެންޖޯއިންް..."
"އެންމެންގެ ސުވާލުތައް ގިނަކަމުން ޖަވާބުދޭން ނޭގުނު..މިދަނީ ލަސްވެގެން..ފަހުން ދިމާވެލާނީ........"އަދަލް ޖިންސްގެ ޖީބަށް އަތް ޖަހާލައިގެން ހުރެ ހިނގައިގަތުމުން ނޯޔާއަށް ބަލަން ހުރެވުނެވެ. އަދަލްއާއި ނަވީން އަޅާ ކިޔުނެވެ.
***
ރަށުތެރޭގައި ދެކެވޭ ވާހަކައަށް ފަރުވާލެއްނެތި އަދަލްއާއި ސިދްރާ އެކީގައި ތަންތަނަށްގޮސް މޫދަށް އެރިލާހަދައެވެ. އަމަލު ހުންނަގޮތުން ލޯބިވެރިންފަދައެވެ.އެ ގާތް ގުޅުން ސިއްރުކުރަން މަސައްކަތެއް ނުކުރެއެވެ. ދެމީހުންގެ ވާހަކަ ރަށުތެރޭ ފެތުރެން ގަޑިއެއްހާއިރުވެސް ނުނަގައެވެ. މޫނު ބުރުގާ އަޅައިގެން އަޅުވެރިކަމަށް ހެދިގެން އުޅޭއިރުވެސް ހިލޭ ފިރިހެނަކާއިއެކީގައި ފާޅުގައި އުޅުން އެކަކަށްވެސް ބަލައިގަތުން ފަސޭހައެއްނުވިއެވެ. ރައްޓެހިވެގެން އުޅުމަކީ ދީނުގައި އޮންނަކަމެއް ނޫންކަމަށް ދައުވާކުރާ ކުދިންނޭ ބުނާ މީހުން އަމަލާއި ބަސް ދިމާނުވާތީ އެ ވާހަކަ ދެކެވުނެވެ. އެހުރިހާ ކަމަކާއެކީގައިވެސް އަދަލްގެ ތަބީއަތުގައި ހުންނަ ލާނެތްކަމާއި ހަމަޖެހޭކަމުން މީހުންގެ ހިތްތަކުގައި ކޮންމެވެސް ވަރަކަށް ރުހުމެއް އުފެދުނެވެ.
ބަދޫރާއަށްވެސް ފެންނަންފެށީ އަދަލްގެ ސަމާސާކަމާއި ހިތްހެޔޮކަމެވެ. އަޅާލާވަރެވެ. ކޮންމެ މީހަކަށް ކަމެއް ދިމާވިޔަސް އެހީތެރިވާނެއެވެ.
އަދަލްއާއި ސިދުރާ ބީޗްގައި ކުއިލްޓެއް ފަތުރާލައިގެން ޕިކްނިކް ހަދަން ތިބިތަން ފެނުމުން ބަދޫރާ ގާތަށް އައެވެ. ކުއިލްޓްމަތީގައި ކޮފީ ފޯންޗަކާއި އެކިވައްތަރުގެ ހެދިކާއާއި ފޮނި އެއްޗެހިވެސް ހުއްޓެވެ.
"ދެކުދިން އެކަނި؟ ކޮބާ މަންމަ؟"
"މަންމަ ބުނީ އަހަރެމެން އެކަނިވެސް ދާންވާނެއޭ.."
"ތިބުނީ؟" ބަދޫރާ ލޯބޮޑުކޮށްލިއެވެ.
"އަދަލްއާއި އަޅުގަނޑު....."ސިދުރާ ހިނިތުންވެލިއެވެ."އަދަލްއަކީ ވަރަށް ޚާއްސަ ކުއްޖެއް............."
"ރީތިބަހުން ރައްޓެހިވެގެންނޭ ބުނިނަމަ...ހޫމް..މުބާރަކްބާދު.ކޮން ދުވަހަކު ކައިވެނިކުރަނީ؟" ބަދޫރާ ބުނެލިއެވެ.
"ތި ދެމީހުން މިހާރުވެސް އެކީގައި ދޯ އުޅެނީ. ކެއުމާއި ބުއިމާއި ނިދުމާއި އެކީ.......ދެން ކީއްުކުރާ ކައިވެންޏެއް...މިޒަމާނުގައި ދެން އެއްވެސް ބިރެއް ލަދެއްނުގަނޭ...ހެއްދެވިފަރާތުން ހަރާމްކުރައްވާފައިވާ ކަންްތައް ކުރަން ޖެހިލުމެއްނުވޭ...އަދަލް މަންމަގެ ވާހަކަވެސް އެހެން ފެތުރުނު.........."އެހެން އަންހެނަކު ބަދޫރާއާއި އެއްބައިވިއެވެ.
"ހުއްޓާލާ...."އަދަލްގެ އަޑުގައިވީ އަމުރުވެރިކަމެވެ. އާއްމުގޮތެއްގައި ހުންނަ ކެތްތެރިކަން ކޮޅުން ލައިގެން ދިޔުމާއެކު ތެދުވުނުއިރު ގަދަ ބުމަ ކައިރިވިއެވެ.
ނުނިމޭ