އިންޑިއާގެ މި ބަތަލާގެ އަލަތު ކައިވެނި، އުމުުރުން 60 އަހަރުގައި

އިންޑިއާގެ ބަތަލާ ސުހާސިނީ މުލޭ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

މަޝްހޫރު ފިލްމު "ލަގާން"ގެ މުހިއްމު ރޯލަކުން ފެނުނު ބަތަލާ ސުހާސިނީ މުލޭ، އުމުރުން 60 އަހަރު ވަންދެން ހުސްހަށިބައިކޮށް ހުރީ އޭނާއަށް ކަމުދާކަހަލަ ބައިވެރިއަކާ ބައްދަލުވެވިފައި ނެތުމުންނެވެ.

ނަމަވެސް، ފޭސްބުކް މެދުވެރިކޮށް ސައިންސްވެރިއަކާ ދިމާވުމުން މުޅި ދިރިއުޅުން ބަދަލުވެ ކައިވެންޏާ މެދު ދެކޭގޮތް ތަފާތުވި ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

އާންމުކޮށް އަޅުގަނޑުމެންނަށް އިވެނީ ސަލްމާން ޚާން ފަދަ ތަރިން ކައިވެނި ނުކޮށް ހުސްހަށިބައިކޮށް ތިބޭ ވާހަކައެވެ. އެފަދަ އެކްޓަރުން ކައިވެނި ނުކޮށް ތިބޭ ސަބަބުތަކާ ގުޅިގެން އެކި ގޮތްގޮތަށް ވާހަކަތައް ދެކެވޭއިރު، ދިގު މުއްދަތެއް ވަންދެން ކައިވެނި ނުކޮށް ހުރި ބަތަލާއެއްގެ ވާހަކަ ދަންނަނީ މަދު ބަޔެކެވެ.

އެގޮތުން އުމުރުން މިހާރު 75 އަހަރުވެފައިވާ ސުހާސިނީ ކައިވެނި ނުކޮށް އުމުރުގެ ގިނަ ދުވަސްތަކެއް ހޭދަކުރީ ކައިވެނި ކުރާނެ މީހަކު ނުވެގެންނެއް ނޫނެވެ. ނަމަވެސް، އޭނާ ބޭނުންވާ ފަދަ ބައިވެރިއަކު ނުލިބޭތީއެވެ.

ސުހާސިނީ ވަނީ އުމުރުން 60 އަހަރުގައި އޭނާއަށް އެންމެ އެކަށީގެންވާ ބައިވެރިޔާ ފެނުމުން، އެ ބައިވެރިޔާއާ ބައްދަލުވިތާ އެންމެ 75 ދުވަސް ތެރޭގައި ކައިވެނިކޮށްފައެވެ.

ސުހާސިނީ ފިރިމީހާ އަތުލްއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ސުހާސިނީގެ ހަޔާތުގެ ބައިވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެތެރޭ، ހަރުކަށި ދީނީ ފިކުރުގެ މީހަކަށް ނުވުމާއި، މީހުންގެ އުޅުމަށް ފާޑުނުކިޔުން ހިމެނޭއިރު ދެ މީހުންވެސް އެކަކު އަނެކަކުގެ ނިންމުންތަކަށް އިހުތިރާމް ކުރުން ހިމެނެއެވެ.

"އަހަރެން ފުރަތަމަ ފަހަރަށް ކައިވެނިކުރީ އުމުރުން 60 އަހަރުގައި. އޭގެ ކުރިން އަހަންނާ ގުޅޭ މީހަކާ ދިމައެއް ނުވޭ. އަހަރެންގެ ފިރިމީހާ އަކީ ވަރަށް މަޝްހޫރު ސައިންސްވެރިއެއް. އޭނާ ސައިންސާ ބެހޭގޮތުން ވާހަކަ ދައްކާއިރު އަހަންނަށް އެއްވެސް އެއްޗެއް ފަހުމެއް ނުވޭ، އެކަމަކު އޭނާ އަކީ އިންސާނިއްޔަތުކަން ބޮޑު ވަރަށް ރަނގަޅު މީހެއް" 'ސުހާނާ ސަފަރު'އަށް ދިން އިންޓަވިއުއެއްގައި ބަތަލާ ބުނެފައިވެއެވެ.

ސުހާސިނީ ކިޔައިދިން ގޮތުގައި، ފިރިމީހާ އަތުލް ގުރުތޫއާ ދިމާވި ގޮތަކީ މި ޒަމާނުގެ ފިލްމެއްގެ ވާހަކައެއް ފަދަ ގޮތަކަށެވެ. އެގޮތުން ސުހާސިނީ ފޭސްބުކަށް ވަނީ ފިލްމީ މަސައްކަތްތައް ހޯދުމަށް ފަސޭހަވާނެ ކަމަށް ރަހުމަތްތެރިއަކު ބުނުމުންނެވެ.

"އަހަންނަށް އަތުލްގެ ޕްރޮފައިލް ފެނުމުން ހިތަށްއެރި ފިޒިކްސް ސައިންސްވެރިން ވެސް ފޭސްބުކްގައި އުޅޭ ހެއްޔޭ؟ އޭރު އޭނާ މަސައްކަތް ކުރަމުންދިޔައީ 'ލާޖް ހެޑްރޯން ކޮލައިޑާ'ގަ. ސައިންސަށް ޝައުގުވެރިކަން ހުންނާތީ އަހަރެން އޭނާއަށް މެސެޖެއް ފޮނުވައި އެއީ ކޮން އެއްޗެއްތޯ އެހިން" މި ސުވާލުން ފެށުނު ވާހަކަތައް އެންމެ ފަހުން ދެމީހުންގެ ދިރިއުޅުން ބަދަލުކޮށްލި ކަމަށް ސުހާސިނީ ވަނީ ކިޔައިދީފައެވެ.

"އޭނާ ސީދާ ކައިވެންޏަކަށް ނާހާ، އެކަމަކު އެކަމަށް އިޝާރާތްކުރި. އޭނާ ބައިވެރިއަކު ހޯދާކަން އެނގުމުން އަހަންނަށް ހެވުނު. ހިތަށްއެރި 60 އަހަރު ވަންދެން ނުފެނުނު މީހަކު ކުއްލިއަކަށް މިހާރު މި ފެންނަނީ ކިހިނެއްބާވައޭ؟" ސުހާސިނީ ކިޔައިދީފައިވެއެވެ.

ފިލްމު "ޖޯދާ އަކްބަރު"ގެ ބަތަލާ ބުނީ، އުމުރުން 60 އަހަރުގައި ކައިވެނި ކުރުމުން އަމާޒުވި ފާޑުކިޔުންތަކާއި، ޒުވާން އުމުރުގައި ކައިވެނި ނުކޮށް ހުރުމުން އަމާޒުވި ފާޑުކިޔުންތަކާ އެއްވެސް ތަފާތެއް ނެތް ކަމަށެވެ. އެހެންނަމަވެސް އެފަދަ ފާޑުކިޔުންތަކާ ކުރިމަތިލުމަކީ ސުހާސިނީއަށް އާ ކަމަކަށް ނުވުމުން ފަހުންވެސް އެފަދަ ފާޑުކިޔުންތަކަށް ސަމާލުކަމެއް ނުދޭކަމަށް ބަތަލާ ވަނީ ބުނެފައެވެ.

މާޒީއަށް ބަލާއިރު، ސުހާސިނީ ގަބޫލުކުރާ ގޮތުގައި މީގެން ލިބޭ ފިލާވަޅަކީ ވަރަށް ސާދާ ފިލާވަޅެކެވެ. އެއީ ތިމާ ކޮންމެ ގޮތަކަށް ކަންތައް ކުރި ނަމަވެސް، މުޖުތަމައުގެ ފާޑުކިޔުން އަބަދުވެސް އޮންނާނެ ކަމެވެ. މިއަދު ސުހާސިނީ އާއި އަތުލް ގުރުތޫ އުޅެމުންދަނީ 15 އަހަރަށްވުރެ ގިނަ ދުވަސްވީ އުފާވެރި ކައިވެނީގެ ދިރިއުޅުމެއްގައެވެ.

މަޝްހޫރު ފިލްމީ ތަރި ސުހާސިނީ މުލޭ އޭނާގެ އަލަތު ކައިވެނި ކޮށްފައިވަނީ އުމުރުން 60 އަހަރުގައެވެ. އޭނާ އެހާ ގިނަ ދުވަސްވަންދެން ހުސްހަށިބައިކޮށް ހުރީ އޭނާ ބޭނުންވާ ފަދަ ވިސްނުންތޫނު އަދި އެކަކު އަނެކަކަށް އިހުތިރާމުކުރާ ބައިވެރިއަކު ނުލިބުމުގެ ސަބަބުންނެވެ. ފޭސްބުކް މެދުވެރިކޮށް މަޝްހޫރު ސައިންސްވެރިޔާ އަތުލް ގުރުތޫއާ ބައްދަލުވެ، އެންމެ 75 ދުވަހުގެ ތެރޭގައި ދެމީހުން ވަނީ ކައިވެނިކޮށްފައެވެ. މުޖުތަމައުގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަށް ސަމާލުކަން ނުދީ، ސުހާސިނީ ވަނީ އޭނާގެ އަމިއްލަ އުފާވެރިކަން އިސްކޮށްފައެވެ. މިއަދު އެ ދެމަފިރިން 15 އަހަރަށްވުރެ ގިނަ ދުވަސްވަންދެން އުފާވެރި ކައިވެނީގެ ހަޔާތެއް ހޭދަކުރަމުންދާއިރު، މިއީ އަމިއްލަ ނިންމުންތަކުގައި ސާބިތުވެ ތިބުމުގެ މުހިންމުކަން އަންގައިދޭ ރަނގަޅު މިސާލެކެވެ.

  • ބަތަލާ ސުހާސިނީ އޭނާގެ އަލަތު ކައިވެނި ކޮށްފައިވަނީ އުމުރުން 60 އަހަރުގައެވެ.
  • ކައިވެނީގެ ބައިވެރިޔާ ހޯދާފައިވަނީ ސައިންސަށް ހުރި ޝައުގުވެރިކަމެއްގެ ތެރެއިން ފޭސްބުކް މެދުވެރިކޮށެވެ.
  • ހަރުކަށި ފިކުރުތަކުން ދުރު، އަދި އެކަކު އަނެކަކަށް އިހުތިރާމުކުރާ ބައިވެރިއަކު އިޚުތިޔާރުކުރުމަށް އިސްކަންދިނެވެ.
  • ކައިވެނި ލަސްވުމާއި، އުމުރުން ދުވަސްވީ ފަހުން ކައިވެނިކުރުމުން އައި ފާޑުކިޔުންތަކަށް ސަމާލުކަމެއް ނުދެއެވެ.
  • މިހާރު މި ކައިވެންޏަށް 15 އަހަރުވެފައިވާއިރު، މިއީ އަމިއްލަ ނިންމުންތަކަށް އިތުބާރުކުރުމުގެ ކާމިޔާބު ނަތީޖާއެކެވެ.
comment ކޮމެންޓް