ބޮލީވުޑްގެ ތަރި ސަލްމާން ޚާން 1998 ވަނަ އަހަރު 'ބްލެކް ބަކް' ޝިކާރަކުރި ކަމަށް ބުނާ ހާދިސާއަށް ބިނާކޮށް އުފައްދާ "ކާލާ ހިރަން: ދަ ބެޓްލް ފޯ ލެގަސީ" ފިލްމުގެ މައްސަލަ ވަރަށް ބޮޑާސް ހޫނުވެފައި ވަނިކޮށް، ފިލްމުގެ ޕްރޮޑިއުސަރު އަމިތު ޖާނީ ތަޖުރިބާކާރު އެކްޓަރު ގޯވިންދް ނާމްދޭވްއަށް ޤާނޫނީ ނޯޓިސް ފޮނުވައިފިއެވެ.
މި މައްސަލަ އުފެދުނީ، ފިލްމުގެ އުފެއްދުންތެރިން އޭނާއަށް އޮޅުވާލާފައިވާ ކަމަށް ބުނެ، ނާމްދޭވް އެ ފިލްމާ ދުރަށް ޖެހުމުންނެވެ.
ނާމްދޭވް ބުނި ގޮތުގައި، ފުރަތަމަ މި ފިލްމަކީ ދީނީ މައުޟޫއަކަށް ތައްޔާރުކުރާ ފިލްމެއް ކަމަށް ބުނި ނަމަވެސް، ފަހުން އެއީ ސަލްމާން ޚާންގެ މައްސަލައިގެ ޝަރީޢަތްތައް ދައްކުވައިދޭ ފިލްމެއްކަން އޭނާއަށް އެނގުނެވެ.
އާންމުވެފައިވާ ހަގީގީ ހާދިސާތަކެއް ދެއްކުމުގައި މައްސަލައެއް ނެތް ކަމަށް ދެކި، އޭނާ އެ ފިލްމުގައި މަސައްކަތް ކުރަން އޭރު އެއްބަސްވީ ކަމަށް ގޯވިންދް ވަނީ ބުނެފައެވެ.

ފިލްމު "ކާލާ ހިރަން"ގެ ޕްރޮޑިއުސަރު އަމިތު ޖާނީ އަދި އެ ފިލްމުން ވަކިވި އެކްޓަރު ގޯވިންދު--ފޮޓޯ/އެންޑީޓީވީ
ގޯވިންދުގެ މި ތުހުމަތުތަކާ ގުޅިގެން ޕްރޮޑިއުސަރު އަމިތު ޖާނީ ވަނީ ހަތް ދުވަހުގެ ތެރޭގައި ޕަބްލިކަން ފެންނާނެހެން އަމިތުގެ ކިބައިން މާފަށް އެދުމަށާއި، ބަދަލުގެ ގޮތުގައި 50 ލައްކަ ރުޕީސް ދެއްކުމަށް އެދި އެކްޓަރަށް ނޯޓިސް ފޮނުވާފައެވެ.
އަމިތު ޖާނީ 'އެކްސް'ގައި ބުނެފައިވަނީ، މި މުއްދަތުގެ ތެރޭގައި މާފަށް ނޭދިއްޖެ ނަމަ ގޯވިންދާ ދެކޮޅަށް އިތުރު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
ފިލްމު "ކާލާ ހިރަން: ދަ ބެޓްލް ފޯ ލެގަސީ" އަކީ ޖާނީ ފަޔަފޮކްސް ފިލްމްސްގެ ފަރާތުން އުފައްދާ، ބާރަތު އެސް ޝްރިނާޓޭ ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމުގެ ޓީޒާގައި ލީޑް ރޯލުން ފެންނަނީ ކާޝިފް އިޤްބާލް ޚާންއެވެ.
ސަލްމާން ޚާން ވެސް ވަނީ މި ފިލްމު ރިލީޒްކުރުން ހުއްޓުވުމަށް އެދި ދިއްލީ ހައިކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ. ސަލްމާންގެ ދަޢުވާގައި ބުނެފައިވަނީ، މި ފިލްމަކީ އެކްޓަރުގެ ޒާތީ ހައްގުތަކަށް އަރައިގަނެ، ސަލްމާނާ ގުޅުންހުރި ކަންކަން ނުރަނގަޅު ގޮތަކަށް ސިފަކޮށްދޭ ފިލްމެއް ކަމަށެވެ.
މި މައްސަލައާ ގުޅިގެން ކޯޓުން ވަނީ އަމިތު ޖާނީ އާއި އެހެނިހެން ފަރާތްތަކަށް ނޯޓިސް ފޮނުވައި، މި މަހުގެ 19 ވަނަ ދުވަހު އަޑުއެހުމެއް ބޭއްވުމަށް ނިންމާފައެވެ.