އިޤުރާރުވީމޭ ލޯބިން - 41

އިޤުރާރުވީމޭ ލޯބިން -

"ޝްޝްޝް..." ނުރޯށޭ ބުނުމުގެ ގޮތުން ޒަހްރާން ދެފަރާތަށް ބޯ ހޫރައިލިއެވެ. އެހެންނަމަވެސް، އައިރާ، މިފަހަރު ވެސް ދުރުވެލީއެވެ. ރުއިން ހުއްޓަން އޭނަ މަސައްކަތްކުރިއެވެ. އައިރާގެ އެ އަމަލުން ޒަހްރާން ހިތުގައި ޖެހުނެވެ. އޭނާ ކުރިއަށް ފިޔަވަޅެއް އަޅަން އުޅުނު ނަމަވެސް، އައިރާ ނޫނެކޭ ބުނެ ދުރަށް ޖެހިލި ގޮތުން ހުރިތަނުގައި މަޑުކޮށްލެވިއްޖެއެވެ.

"އަހަރެން ބޭނުމެއް ނޫން ޒަހްރާނާ އެކީ ދެން އުޅޭކަށް." އެ ހުރި ގޮތަށް ހުރެ އައިރާ ބުނެލިއެވެ. އެއީ އޭނަ ހިތާ ދެކޮޅަށް ބުނެލި ޖުމްލައެކެވެ. އެ ޖުމްލައާއެކު އައިރާއަށް ހީވީ އޭނަގެ ހިތުގެ އެތިކޮޅުތައް ވެކިވެ އެކި ދިމަދިމާލަށް ބުރައިގެން ދިޔަހެންނެވެ. ބަޔާންކުރަން ދަތިވޭނެއް މޭގައި އުފެދުނެވެ. އޭރު ވެސް ކަރުނަތައް ހުއްޓުމެއް ނެތި ކޯތާފަތް މައްޗަށް ފައިބަމުން ދިޔައެވެ.

"އެކަމަކު އަހަންނަކަށް އައިރާއާ ވަކިން ނޫޅެވޭނެ." ޒަހްރާނަށް ބުނެވުނެވެ. އޭނަ ވަނީ އައިރާގެ ލޯތްބަށް އާދަވެފައެވެ. ވީއިރު، އޭނަ އައިރާ ދޫކޮށްލާނީ ކިހިނަކުން ހެއްޔެވެ؟

"އަހަރެން ބުނީމެއްނު ޢާއިލާއާ އަހަންނާ ދޭތެރޭން ޗޫޒް ކުރަން ޖެހިއްޖެއްޔާ އަހަރެން ދޫކޮށްލާށޭ." އައިރާ ނޭފަތް އެތެރެއަށް ދަމައިލަމުން ކަރުނަތައް ފުހެލިއެވެ. އަމިއްލަ ހިތަށް އޭނަ ވިސްނައިދެމުން ދިޔައީ އޭނަ ނުލާވެސް ޒަހްރާނަށް ރަނގަޅު މުސްތަޤްބަލެއް ލިބިދާނެކަމެވެ. އައިރާ ދެންވެސް ވާހަކަ ދައްކަން މަސައްކަތްކުރިއެވެ. އެހެންނަމަވެސް، މަޑުޖެހުނީ ޝަހާދަތް އިނގިލި ދައްކައިލައިލަމުން، ޒަހްރާން އޭނާގެ ވާހަކަ ހުއްޓުވާ، އިންޒާރެއް ދިނުމުންނެވެ. ހީވީ އިތުރަށް އެންމެ ލަފުޒެއްވެސް އައިރާގެ ދުލުން ބޭރުކުރަން ފުރުސަތު ދޭން ބޭނުންނުވެފައި ވާހެންނެވެ.

"ދެން ކޮންތާކަށް އައިރާ ދާނީ؟ ރަށަށްތަ؟" ޒަހްރާން ސުވާލުކޮށްލުމާއެކު، އައިރާ ބޯ ޖަހައިލިއެވެ.

އިރުކޮޅަކު ވިސްނަން ޒަހްރާން ހުއްޓެވެ.

"އަހަންނަށް އިތުބާރުކުރަންތަ؟" ހިމޭންކަމަކަށްފަހު، ޒަހްރާން ސުވާލުކޮށްލިއެވެ.

"ޒަހްރާން..." އައިރާއަށް ގޮވައިލެވުނެވެ.

"އަހަންނަށް އިތުބާރުކުރަންތަ އައިރާ؟ އަހަރެންގެ ލޯތްބަށް އިތުބާރުކުރަންތަ؟" ޒަހްރާން އަނެއްކާވެސް ސުވާލުކޮށްލިއެވެ. އައިރާއަށް ބޯ ޖަހައިލެވުނެވެ. ޒަހްރާންގެ ލޮލުން ފެނުނު ވިދުމާއި، އެމޫނުމަތީގައިވި ކުލަވަރުތަކުން އިންކާރުކުރަން ނުކެރުނީއެވެ.

"އެހެންވިއްޔާ އައިރާ އަހަރެން ދޫކޮށްލާފައެއް ނުދާނެ. އަހަރެން މިކަމަށް ހައްލު ހޯދާނަން. ޕްލީޒް...." ޒަހްރާން އައިރާގެ ގާތަށް ޖެހިލިއެވެ.

"އެންމެ ޗާންސެއް. ޕްލީޒް..." ޒަހްރާންގެ އާދޭސްތަކުގައި ވަނީ ވޭނެވެ. އެ އަޑުން އޭނަގެ ހިތުގެ ޙާލު ވަޒަންކޮށްލެވެއެވެ. އައިރާއަށްޓަކައި އެ ހިތުގައިވާ ލޯބި ވެސް މެއެވެ.

"އަހަންނާއެކު ހިނގާ..." ޒަހްރާން ބުނެލިއެވެ. ސުވާލުގެ ނަޒަރަކުން އައިރާ ޒަހްރާނަށް ބަލައިލިއެވެ. އެއާއެކު ޒަހްރާން ވާހަކަ ދެއްކިއެވެ.

"މިގެއިން ނުކުންނަން ޖެހުނަސް، އަހަރެން ހުއްޓާ އައިރާ މަގުމައްޗެއް ނުވާނެ!." ޒަހްރާން ބުނެލިއެވެ.

ޒަހްރާން އައިރާ ގޮވައިގެން ގޮސް ކާރަށް އެރިއެވެ. ކާރުގައި ހަމަޖެހިލުމާއެކު އައިރާ ޒަހްރާނަށް ބަލައިލަމުން ލޯ ފުހެލިއެވެ.

"އަހަރެން... ޒަހްރާންގެ އެޕާރޓްމެންޓަށް ދާކަށް ބޭނުމެއް ނޫން." އައިރާއަށް ބުނެވުނެވެ.

"އެނގޭ... އައިރާ ނުރުހޭ ގޮތަކަށް އަހަރެން ކަމެއް ނުކުރާނަން." ޒަހްރާން ބުނެލިއެވެ. އެއަށްފަހު، އޭނަ ފޯނު ނެގިއެވެ.

*****

އީލާފް ހުރީ ހުއްޓުން އަރާފައެވެ. ދެންމެ ހިނގާދިޔަ ކަންތައްތައް ސިކުނޑިއަށް ނަގައިގަންނަން އުނދަގޫވެފައި ހުރި ފަދަ ގޮތަކަށެވެ. އައިރާގެ ދިފާޢުގައި ވާހަކަ ދައްކަން އޭނަގެ ޒަމީރު ގޮވަމުން ދިޔަ ނަމަވެސް، ބައްޕަގެ ކުރިމަތީގައި ޖެހިލުންވެ ދުލުން އެންމެ ލަފުޒެއްވެސް ނުނިކުތެވެ. އަޔާޝް ވެސް ލަޔާލީއަށް ބަލައިލުމަށްފަހު ހިމޭންކަން ޚިޔާރުކުރިއެވެ. ބަސްމާ މުރާދު ކައިރިއަށް ގޮސް ހުއްޓުމަށްފަހު، އެއްޗެއް ބުނަން އުޅުނު ނަމަވެސް، އެ ފުރުސަތެއް މުރާދު ނުދިނެވެ. އޭނަ އެތަނުން ދިޔައީއެވެ.

"އައިރާއަކީ ގޯސް ކުއްޖެއް ނޫން މަންމާ. އޭނަގެ މަންމަ ކޮންމެ ގޮތަކަށް އުޅުނަސް.... ރެން އެއް އައިރާ ދުލެއް ނުކުރާނެ. އައިރާއަށްޓަކައި ރެން ވަރަށް ބޮޑަށް ބަދަލުވެއްޖެ." އަޔާޝްއަށް ބުނެވުނެވެ.

"އަޔާއަށް ވެސް މިކަން އެނގޭތަ؟" ކުޑަކޮށް ހައިރާންވެފައި، ބަސްމާއަށް އަހައިލެވުނެވެ. އެއާއެކު އަޔާޝް ބޯ ޖަހައިލިއެވެ.

"އައިރާ ރެން ކައިރީގަ ވެސް ބުނި ޢާއިލާ ޤަބޫލުނޫނިއްޔާ އެ ގުޅުން ކުރިއަށް ގެންދާކަށް ބޭނުމެއް ނޫނޭ. އެހެން މީހެއް ކުރި ކުށެއްގެ އަދަބު ކީއްވެތަ އައިރާއަށް ލިބެންވީ؟" އަޔާޝްއަށް ބުނެވުނެވެ. ޒަހްރާންގެ އުޅުމަށް އައި ބަދަލުތަކާ މެދު އަޔާޝްއަށް ވިސްނައިލެވުނެވެ.

"އެ ތެދެއް މަންމާ... އަޅުގަނޑަށް ވެސް އައިރާ އެނގޭ. އައިރާ އެކްސް ހަޒްބެންޑް ފެމެލީ ވެސް އައިރާ އެކްސެޕްޓް ނުކުރީ ހަމަ އެހެންވެ." އެހުރިހާ އިރު އެއްޗެއް ނުބުނެ ހުރި އީލާފް ވެސް އައިސް ބަސްމާގެ އަތުގައި ހިފައްޓައިލިއެވެ.

"އީލު ބޭނުމެއް ނޫން އަނެއްކާ ކުޑަބެ މިގެއަށް އަނެއްކާ ވެސް ނާންނަކަށް. އޭރުން އީލު ވަރަށް ދެރަވާނެ. ކިހާ ދުވަހަކަށް ފަހުތަ ކުޑަބެ މިގެއަށް އައީ..." އީލާފްގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. ބަސްމާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނަ އީލާފްގެ ގައިގައި ބައްދާލާފައި އެތަނުން ދިޔައީއެވެ.

ބަސްމާ ކޮޓަރިއަށް ވަތްއިރު، މުރާދު އިނީ ރޮކިން ޗެއާރގައެވެ. ލޯ މަރާލައިގެން އިން ނަމަވެސް، އެ ސިކުނޑީގައި ވި ފިކުރުތަކުން މީހާއަށް އަންނަމުން ދިޔަ ނުތަނަވަސްކަން މޫނުމަތިން ފާޅުވަމުން ދިޔައެވެ. އެއީ މުރާދާ ވާހަކަ ދައްކަން އެންމެ އެކަށީގެންވާ ވަގުތަށް ވެދާނެބާއޭ، ބަސްމާގެ ހިތަށް އެރިއެވެ. ފަސްކޮށްގެން ރަނގަޅެއް ނުވާނެޔޭ ސިކުނޑި ބުނެލީ އެވަގުތެވެ. ބަސްމާ ލަސްފިޔަވަޅުތަކެއް އަޅައިލަމުން މުރާދަށް ގޮވައިލިއެވެ.

"މުރާދު..." ބަސްމާގެ އަޑު ޖެހުމާއެކު މުރާދު ލޯ ހުޅުވައިލިއެވެ. ބަސްމާގެ ގޮވާލުމަށް އިޖާބަ ނުދީ އިންނަން އޭނަގެ ޒަމީރު ދެކޮޅު ހެދީތީއެވެ.

"އަހަރެން ކިހިނެއް ރެންއަށް ވިސްނައިދޭނީ؟" މުރާދަށް ބުނެވުނެވެ. އޭނަ ހީކުރީ ބަސްމާގެ ޚިޔާލު ވެސް އޭނައާ އެއްގޮތް ވާނެކަމަށެވެ. އެހެންނަމަވެސް، ހައިރާންކަން ލިބުނީ ބަސްމާ ދެން ބުނެލި ވާހަކައަކުންނެވެ.

"އަހަންނަށް ހީވަނީ، ރެންގެ ނިންމުމަށް އަހަރެމެން އިޙްތިރާމްކުރަން ޖެހޭހެން." ބަސްމާގެ އަޑު މަޑެވެ. ފިރިމީހާއާ ދެކޮޅުވެ ޖަދަލުކުރަން ބޭނުން ނުވިއެއްކަމަކު، މުރާދަށް ވިސްނައިދޭން އޭނަ ބޭނުންވިއެވެ.

"ބަސްމާ. ކީކޭ ތިކިޔަނީ؟ އައިރާއަކީ ކޮންކަހަލަ ކުއްޖެއްކަން އެނގިހުރެ ބަސްމާ ވެސްތަ؟" މުރާދަށް ބުނެވުނެވެ.

"އައިރާއަކީ ގޯސް ކުއްޖެއް ނޫން. އޭނަ މިގޭގައި ހޭދަކުރި ދުވަސްތަކުގަ އެވަރު އަހަންނަށް ވެސް އެނގިއްޖެ. މުރާދު ތި ޝައްކުކުރާ ކަހަލަ އެއް ވެސް ސިފައެއް ނުފެނެ." ބަސްމާ ބުނެލިއެވެ. "ޚުދު މުރާދަށް ވެސް އެނގޭނެ ކަންނޭނގެ މިކަން. ނޫންތަ؟"

"ޖަމާލު އެހެން ބުންޏަސް އައިރާ އެގޮތަށް އުޅެފާނެޔެކޭ އަހަރެންގެ ހިތެއް ވެސް ނުބުނެ. އެކަމަކު ވެސް ކިހިނެއްތަ އެ ގުޅުމަށް ފުރުސަތު ދޭނީ. ބަސްމާ ބުނެބަލަ!. އައިރާއަކީ ބައްޕަ ނެތް ކުއްޖެއް ނޫންކަމަކަށް ނުވާނެ. މަންމައަކީ ހަށި ނުވިއްކާ މީހަކަށް ވާނެތަ؟ އައިރާ އެހެން ނޫޅުނަސް، އެހެން މީހުން ދެކެނީ އެގޮތަށް. ވީއިރު ކިހިނެއް އަހަރެމެންގެ ޢާއިލާއިން އައިރާއަށް ފުރުސަތު ދޭނީ؟ ބުނެބަލަ." މުރާދަށް ހަށިގަނޑު ސީދާކޮށްލެވުނެވެ. ބަސްމާ އެނދުގައި އިށީނދެލިއެވެ. އެއަށްފަހު، އޭނަ ފުންކޮށް މުރާދަށް ބަލައިލިއެވެ.

"ކޮން އިރަކު މުރާދު ތިގޮތަށް ވިސްނަން ފެށީ؟ ތީ ގައިމު ކުރިން ތިގޮތަށް ވިސްނާ މީހެއް ނޫނެއްނު. އަހަރެން ތިކަން ޤަބޫލުކުރަމޭ. އެކަމަކު، ކިހިނެއް ކުށެއް ނެތް ނިކަމެތި އަންހެން ކުއްޖަކަށް ދެރައެއް ދޭނީ؟ ތިކަމުން ރެން އަނެއްކާވެސް އަހަރެމެންނާ ދުރުވުން ނޫންކަމެއް ނުވާނެ. އަހަންނާ މެދު ރެންގެ ނަޒަރިއްޔާތު ބަދަލުވަމުން ދާކަމެއް މުރާދަކަށް ނޭނގޭތަ؟ އޭނައަށް އަންނަ ބަދަލުތަކެއް ނުފެނޭތަ؟ މީ ހަމަ އައިރާގެ ސަބަބުން އަންނަމުންދާ ބަދަލުތަކެކޭ." ބަސްމާ ބުނެލިއެވެ. އެފަދަ ގޮތަކަށް ކަމެއްގައި ދެމީހުން ދެބަސްވި ދުވަހެއް ބަސްމާގެ ހަނދާނަކު ނެތެވެ. އެހެންނަމަވެސް، މިއަދު އެކަން ކުރަން ވެސް މަޖުބޫރުވެއްޖެއެވެ. އަލުން ޢާއިލީ މައްސަލަތައް ހޫނުވާކަށް އޭނާ ނޭދެއެވެ.

"ބަސްމާ. އަހަރެން ބޭނުންވިޔަސް، ކީކޭ ކިޔާފަތަ އަހަރެން ދުނިޔޭގެ ކުރިމައްޗަށް އަހަރެންގެ ޅީދަރިއެއްގެ ގޮތުގައި އައިރާ ނެރޭނީ؟ މީހުންގެ ސުވާލުތަކަށް ކިހިނެއް ޖަވާބު ދޭނީ؟ އަހަރެމެންނަށް މީހުން ކުރާ ޤަދަރާ އިޙްތިރާމަށް އޭރުން ވާނީ ކިހިނެއް؟" މުރާދަށް ބުނެވުނެވެ.

"މީހުންގެ ދުލަކު ނުހިފެއްޓޭނެ. އެކަމަކު، ރެންއަށް ހުރަސް އަޅައިފިއްޔާ، އެއީ އަހަރެމެންނަށް ރެންއާ މެދު ވެވޭ ބޭއިންސާފެއް." ބަސްމާއަށް ބުނެވުނެވެ. އޭނަ މުރާދަށް ވިސްނަން ފުރުސަތު ދީފައި ނުކުމެގެން ދިޔުމާއެކު، މުރާދަށް އަނެއްކާވެސް ގޮނޑިއަށް ލެނގިލެވުނެވެ.

*****

ޒަހްރާން ކާރު މަޑުކޮށްލީ މާލޭގެ މަޝްހޫރު ހޮޓެލެއްގެ ކުރިމަތީގައެވެ. އޭނަ ފޭބުމަށް ފަހު، ގޮސް އައިރާ އިން ފަރާތު ދޮރު ހުޅުވާލަދިނެވެ. އެއަށްފަހު އައިރާ ގޮވައިގެން ގޮސް އެތެރެއަށް ވަނެވެ. ދިހަ ފަންގިފިލާގެ އެ ހޮޓްލްގެ ރިޝެޕްޝަނަށް ހުއްޓުމަށްފަހު، ޒަހްރާން އެތަނުގަ އިން ކުއްޖާއާ ވާހަކަ ދެއްކިއެވެ. އެއަށްފަހު ފައިސާ ދައްކާފައި އައިރާއާ ދިމާލަށް އެނބުރުނެވެ.

"އަހަރެން ވަކިއެއްޗެއް ބުނަންދެން އައިރާ މަޑުކުރާނީ މިތާ. އަހަރެން ދެކެ ކުޑަކޮށް ވެސް ލޯބިވަންޏާ އައިރާ ރަށަކަށް ނުދާނެ." ޒަހްރާން ބުނެލިއެވެ.

ޒަހްރާން އައިރާ ގޮވައިގެން ގޮސް ލިފްޓަށް އެރިއިރު، އެމީހުންނާއެކު ހޮޓެލުގެ މީހެއް ވެސް ހުއްޓެވެ. ފަސްވަނަ ފަންގިފިލާއަށް މަޑުކޮށްލި ލިފްޓުން ތިން މީހުން ފޭބިއެވެ.

ޒަހްރާން ނެގީ އެއްކޮޓަރީގެ އެޕާރޓްމެންޓެކެވެ. އެތަން ދައްކާފައި، ރޫމް ބޯއީ ދިޔުމުން، ޒަހްރާން ލޮކް ކޯޑު ޖަހާފައި އައިރާއަށް ވެސް ކޯޑު ކިޔައިދިނެވެ. އެއަށްފަހު އެތެރެއަށް ވަދެލިއެވެ. ތުންފަތުގައި ދަތް އަޅާލައިގެން ހުރި އައިރާ ވެސް އެތެރެއަށް ވަދެލިއެވެ. އެއީ ފެންވަރު ރަނގަޅު އެޕާރޓްމެންޓެކެވެ. ކައްކާ ކެވޭ ގޮތަށް ހުރިއިރު، ސޯފާއަކާއި ޓީވީ ވެސް ހުއްޓެވެ. އޭގެ އިތުރުން، ދެން ހުރީ ކޮޓަރިއެކެވެ. ޒަހްރާން ގޮސް ބެލްކަނީގެ ދޮރު ފޮތިތައް ކަހާލުމާއެކު މޫދު ފެނިލިއެވެ.

"އައިރާ.... އައި... އައި ލަވް ޔޫ ސޯ މަޗް..." ލަސްލަހުން އައިސް އައިރާގެ ކައިރިއަށް ހުއްޓުމާއެކު ޒަހްރާން ބުނެލިއެވެ. އައިރާގެ ދެލޮލުގެ ތެރެއަށް އޭރު ކަރުނަތައް ޖަމާވަމުން ދިޔައެވެ.

"ދެން ނުރޮއިބަ. އަހަރެން މިހުރީނު. އަހަރެން އައިރާ ދޫކޮށްލާފަ ނުދަމެއްނު." ޒަހްރާނަށް ބުނެވުނެވެ.

"އެކަމަކު ޒަހްރާންގެ ޢާއިލާ... އަހަރެން... އަހަރެން ކަހަލަ މީހަކު ޒަހްރާނަކާ އެކަށީގެނެއް ނުވޭ..." އައިރާއަށް ބުނެވުނެވެ.

"ޝްޝްޝް... ތިހެން ނުބުނެބަ. އަހަރެން ބުނީމެއްނު އައިރާއަށް ހުރިހާ އުފަލެއް ހައްޤޭ. އަހަރެމެން ނެކޭ އެއްގޮތަށް ޔޫ ޑިޒާރވް ހެޕިނެސް. އެހެންވީމަ ދެވަނަ ފަހަރަށް ތިހެން ނުބުނައްޗޭ!" ޒަހްރާން ބުނެލިއެވެ. އޭނަ އައިރާ ގެންގޮސް ސޯފާގައި ބެއިންދިއެވެ.

"މީ އަހަރެންގެ ބައްޕަގެ ދިރިއުޅުމެއް ނޫން. މީ އަހަރެންގެ ދިރިއުޅުން. ތީ އަހަރެންގެ ލޯބި. އަހަރެންގެ ޙަޔާތުގެ ބައިވެރިއަކަށް ގެންނަން ހަމައެކަނި ހިތް އެދުނު ކުއްޖާ. އަހަރެންގެ ހަޔާތުގެ ނިންމުންތައް ނިންމާނީ އަހަރެން. ބައްޕައެއް ނޫން. އަހަރެން ހަމައެކަނި ބޭނުންވަނީ އައިރާ އަހަންނަށް އިތުބާރުކުރަން. އެހެން އެއްވެސް ކަމެއް މުހިންމެއް ނޫން. އަހަންނަށް ވަގުތުކޮޅެއ ދޭނަން ދޯ. އަހަރެން އައިރާ ދެކެވާ ލޯތްބަށްޓަކައި. އަދި އައިރާ އަހަރެން ދެކެ ވާ ލޯބީގެ ހައްޤުގަ. އަހަރެން އައިރާ އާ ގުޅުނީ ކޮންމެ ޙާލެއްގަ ވެސް އައިރާ ދިފާޢުކުރަން. ދުވަހަކު ވެސް އައިރާ ރިގްރެޓްކުރާ ވަރުގެ ކަމެއް ނުކުރާނަން." ޒަހްރާން ބުނެލިއެވެ.

"އަހަރެން ދެކެ އެހާ ވެސް ލޯބިވޭތަ؟" އައިރާއަށް އެހެން އަހައިލެވުނީ ޤަބޫލުކުރަން ދަތިވެފައިވާ ޙާލުގައެވެ.

"ބުނެދޭން ނޭނގޭ ވަރަށް. މޯ ދެން ޔޫ ކެން އީވެން އިމޭޖިން." ޒަހްރާން އައިރާގެ އަތުގައި ހިފައްޓައިލުމަށްފަހު އެ އަތަށް ފިތައިލިއެވެ. އެއަށްފަހު އެއަތުން ދޫކޮށްލިއެވެ.

"އައިރާ ބޭނުން ކޮންމެ ކަމެއް ވެސް އަހަރެން ކުރާނަން. ކޮންމެ ކަމެއް ވެސް..." ޒަހްރާން ބުނެލިއެވެ. އިރުކޮޅެއްގެ ވާހަކަތަކަށް ފަހު އައިރާ ހަމައަކަށް އެޅުނެވެ. އޭނަ ހިތްވަރުކުރަން ޖެހޭނެކަމުގައި ބުނެލީ އަމިއްލަ ހިތެވެ. އޭނައަށްޓަކައި ޒަހްރާން އެވަރު ބޮޑު ޤުރުބާނީއެއް ވާއިރު، ޚުދު އޭނަގެ މައްޗަށް ވެސް ޒިންމާތަކެއް ވާނެނޫން ހެއްޔޭ އައިރާގެ ހިތަށް އެރިއެވެ.

"ޒަހްރާންގެ ބައްޕައަކީ ހިތް ގޯސް މީހެއް ނޫން. އެއީ ރަނގަޅު މީހެއް. މުޅިއަކުން އެބުނަނީ ވެސް ދޮގެއް ނޫން. އަހަރެންގެ ސަބަބުން ޢާއިލީ ނަން ކިލަނބުވެ ހަޑިވުން ނޫންކަމެއް ނުވާނެ. ޒަހްރާންގެ ބައްޕައަކީ ގިނަ ބަޔަކު ދަންނަ މީހެއް، އިޙްތިރާމްކުރާ މީހެއް. އެހެންވީމަ އެކަހަލަ ކަންކަމާ ވިސްނަން ޖެހޭނެ. އެކަން އަހަންނަށް ވެސް ޤަބޫލުކުރެވޭ. އެކަމާ ގުޅިގެން އިތުރަށް ބައްޕަ ދެކެ ރުޅިއައިސް ޒުވާބުނުކުރައްޗޭ. އަހަންނަށް އެނގޭ ޒަހްރާންގެ ބައްޕަ ކައިރީގައި އެ ވާހަކަ ދެއްކީ ޖަމާލުކަން، އެރޭ ޕާޓީއިން އަހަންނަށް ބަލައިލި ގޮތުން ވެސް. އެކަމަކު ވެސް އެއީ ޒަހްރާންގެ ބައްޕަ. ދެރަގޮތެއް ޒަހްރާނަށް ވާކަށް ނޭދޭނެ..." އައިރާ ޒަހްރާނަށް ވިސްނައިދިނެވެ.

"ޕްލީޒް..." ޒަހްރާން އެއްޗެއް ނުބުނެ އިންނަން ފެށުމުން، އައިރާ އަނެއްކާވެސް އެދުނެވެ.

"އައިރާއަށް ކެރޭނެތަ އަހަންނާ އިންނަން؟" ޒަހްރާން ސުވާލުކޮށްލުމާއެކު، އައިރާގެ ދެލޯ ބޮޑުވިއެވެ.

"ބައްޕަމެންގެ ނުޤަބޫލުގަތަ؟" އައިރާއަށް އަހައިލެވުނެވެ. އެއާއެކު ޒަހްރާން ބޯ ޖަހައިލިއެވެ.

"ޒަހްރާން... ތީ އެންމެ ރަނގަޅު ގޮތަކަށް ނުވާނެ. ޒަހްރާން ތިބުނީނު ވަގުތުކޮޅެއް ދޭން. އެ ވަގުތު އަހަރެން ދޭނަމޭ. ބައްޕަމެންގެ ހުއްދަ ހޯދަން މަސައްކަތް ނުކުރާނީތަ؟" އައިރާއަށް ސުވާލުކޮށްލެވުނެވެ.

"ޤަބޫލުނުވިއްޔާ؟ އައިރާ ދާނީތަ؟" ޒަހްރާނަށް ވެސް ސުވާލުކޮށްލެވުނެވެ.

"މީހަކު ލޯބިވާ ޢާއިލާއެއް ޤުރުބާން ކުރާ ވަރު މީހެއް ނޫނެއްނު އަހަންނަކީ؟ އަހަންނަށް ވުރެ ޒަހްރާންގެ ޢާއިލާ...." އައިރާއަށް ވާހަކަ ފުރިހަމައެއް ނުކުރެވުނެވެ.

"އަހަރެން ބުނިން ދޯ ތި ގޮތަށް ނުވިސްނަން. އެހެން މީހުންނާ އެއްވަރަށް އައިރާއަށް ވެސް ރެސްޕެކްޓް ޑިޒާރވް ވޭ. އެއީ އައިރާއަށް ވެސް ލިބިގެންވާ ހައްޤެކޭ... އަސްލު ބުނަންތަ؟ މިއަދު މިގަޑީގަ އައިރާ އަހަންނާ ކައިވެނި ކުރަން އެއްބަސްވި ނަމަވެސް، އެކަން ކުރާނަން. އެކަމަކު، ބައްޕަމެންގެ ރުހުން ހޯދަން މި މަސައްކަތްކުރަނީ ހަމައެކަނި އައިރާއަށްޓަކާ..." ޒަހްރާން ބުނެލިއެވެ. އައިރާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

"ތެންކިއު ޒަހްރާން. ތެންކިއު ސޯ މަޗް." އައިރާއަށް ބުނެވުނެވެ.

"މީގެ ކުރިން ދުވަހަކު ވެސް އެހެން މީހަކު، އަހަރެން ދިފާޢުކޮށްފަ ވާހަކައެއް ނުދައްކާ. ރި... ރިހާމް ވެސް.. ދުވަހަކު ވެސް، އޭނައާ އިނދެގެން އުޅުނުއިރު، އޭނަގެ ކުރިމަތީގައި އަހަރެން ބޭޒާރުކޮށް މަލާމާތްކުރާއިރު، އެއްފަހަރު ވެސް އަހަރެންގެ ދިފާޢުގަ އެއްޗެއް ނުބުނޭ. އެފަދަ ކޮންމެ ވަގުތަކު އޭނަ ބުނަނީ އަހަރެން ކައިރީގައި ކޮޓަރިއަށް ދާން. ކުރީކޮޅު ޝަކުވާ ކުރެވުނު. އެކަމަކު، ޢާއިލާއާ ދެކޮޅަށް އަހަރެން ދިފާޢުކޮށް ވާހަކަ ދައްކާނީ ކިހިނެއްހޭ އަބަދު ވެސް ބުނާނެ. ހުރިހާކަމެއް ކޮންޕްރޮމައިޒްކުރަން ޖެހެނީ އަހަރެން... އެގޭގައި އުޅެފައި، ވަކިން އެޕާރޓްމެންޓަކަށް ދާން ޖެހުނީ ވެސް އެހެންވެ. އޭނަ މަންމަމެން ބޭނުމެއް ނުވި އަހަރެން އެ އެޕާރޓްމެންޓުގައި ބަހައްޓާކަށް. ހުޅުމާލެއިން އެޕާރޓްމެންޓެއް ހިފާފަ އަހަރެން ބަހައްޓާފަ....... އޭނަ އުޅުނީ މަންމަމެން ކައިރީގަ..... އަހަރެން..." އައިރާއަށް މާޒީ ނިއުޅައިލެވުނެވެ. ފުރަތަމަ ފަހަރަށް އެ ވާހަކަތައް ޒަހްރާނަށް ކިޔައިދެވުނެވެ.

"މާޒީއަށް ނުވިސްނާ. ދެން އައިރާއަކަށް ނުޖެހޭނެ އެހުރިހާ އެއްޗެއް އަޑު އަހާކަށް." ޒަހްރާން ބުނެލިއެވެ. އައިރާއަށް ކަރުނައިގެ ތެރެއިން ހިނިތުންވެވުނެވެ.

ފުރުމުގެ ކުރިން އަޔާޝް ޒަހްރާނާ ބައްދަލުކުރަން ބޭނުން ވި ނަމަވެސް، ދިމާވާ ގޮތެއް ނުވިއެވެ. ޒަހްރާން ގެއަށް އަންނާކަށް އެއްބަހެއް ނުވިއެވެ. އަނެއްކޮޅުން ވަގުތު ކުޑަތަން ވަމުން ދިޔުމުގެ ސަބަބުން އަޔާޝްއަށް ވެސް ބޭރަށް ނުދެވުނީއެވެ. އެހެންކަމުން، އޭނާ ފޯނުން ޒަހްރާނާ ވާހަކަ ދެއްކިއެވެ. ވިސްނައިގެން ކަންތައްތައް ކުރަން ނަޞޭޙަތްތެރިވިއެވެ. ކިތަންމެ ޖަޒުބާތުގައި ޖެހުނު ނަމަވެސް، އެއީ ބައްޕަކަން ހަނދާން ނައްތައިނުލަން ބުންޏެވެ.

"އައިރާއާ ދެމީހުން އެއް އެޕާރޓްމެންޓެއްގައިތަ؟" އަޔާޝް އޭނަގެ ހީއެއްގެ މައްޗަށް ބުރަވެ ހުރެ ވާހަކަ ދެއްކިއެވެ.

"ނޫން.. ދޮންބެއަށް ހީވޭތަ އަހަރެން އުޅޭ އެޕާރޓްމެންޓުގައި އަހަންނާއެކު މަޑުކުރަން އައިރާ އެއްބަސް ވާނެހެން؟" ޒަހްރާނަށް ލުއިކޮށް ހީނލެވުނެވެ.

"ދެން އައިރާ ކޮންތާކު؟" އަޔާޝް ސުވާލުކޮށްލިއެވެ.

"ހޮޓެލެއްގަ. ހޮޓެލް ގްރީން އިނގޭތަ؟" ޒަހްރާން ބުނެލިއެވެ.

"ހޮޓެލް ގްރީން އެއީ ބޭރު މަގާ ދިމާލުގަ އިންނަތަންތަ؟" ޒަހްރާންގެ ވާހަކައިން އަޔާޝް އަނެއްކާވެސް އަހައިލިއެވެ.

"އާނ... އެތަން..." ޒަހްރާން ކުރު ޖަވާބަކުން ނިންމައިލިއެވެ.

"އޯކޭ... ގުޅާނަން އިނގޭ އެކޮޅަށް ގޮސްފަ." އަޔާޝް ބުނެލިއެވެ.

"އާނ. އަހަރެން ވެސް އީލުއަށް ގުޅަން މިއުޅެނީ. އައިރާގެ އެއްޗެހި މިކޮޅަށް ގެންނަން." އެހެން ބުނެލާފައި ޒަހްރާން އަމާން ދަތުރަކަށް އެދުނެވެ. އެއަށްފަހު ފޯނު ކޯލު ކުރުކޮށްލިއެވެ.

*****

ޖެހިގެން އައި ދުވަހެވެ. ޒަހްރާން ހެނދުނު އައިރާއާ ބައްދަލުކުރިއެވެ. މިހާރު އައިރާ ހުރީ ނުލާހިކު ހަމަޖެހިފައެވެ. އެކަމުން ޒަހްރާންގެ ހިތަށް ވެސް ފިނިކަން ލިބުނެވެ. ހެނދުނުގެ ނާސްތާކުރީ ހޮޓެލުގެ އެންމެ މަތީގައި ހުންނަ ރެސްޓޯރެންޓުންނެވެ. އެތަނުގައި ހިތްގައިމު ވަގުތުކޮޅެއް ހޭދަކޮށްލާފައި، ޒަހްރާން ދިޔައީ އައިރާ އެޕާރޓްމެންޓަށް ލާފައެވެ. އޭނަ ދެން އައީ ހަވީރުގެ ވަގުތެއްގައެވެ. އައިރާ ފޯނެއް ނުނަގައެވެ. އެހެންކަމުން ފަސްވަނަ ފަންގިފިލާއަށް އަރާފައި، ބެލް އަޅައިލިއެވެ. ކޯޑު އެނގުނެއް ކަމަކު، އައިރާއަށް އޭނާ އިންތިޒާރު ކުރިއެވެ. ތިން ހަތަރު ފަހަރު ބެލް އެޅި ނަމަވެސް، ދޮރެއް ނުހުޅުވިއެވެ. ޒަހްރާން އައިރާގެ ފޯނަށް ގުޅިއެވެ. ފޯނު އޮތީ ނިއްވާލާފައެވެ. ހިތަށް ގޮތެއް ވެގެން ދިޔުމާއެކު، ތެޅިލިއެވެ. އޭނަ ދޮރުގެ ކޯޑު ޖަހާލާފައި ދޮރު ހުޅުވައިލިއެވެ.

ގޭތެރެ އޮތީ ހިމޭންވެފައެވެ. އައިރާގެ ހިލަމެއް ނެތެވެ. ޒަހްރާން ގޮސް ކޮޓަރި ވެސް ބެލިއެވެ. އައިރާގެ އެއްވެސް ސާމާނެއް ވެސް ނެތެވެ. ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލުމާއެކު، އޭނާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

"އައިރާ....." ޒަހްރާނަށް އަމިއްލަ ނަފްސަށް އިވޭވަރަށް ބުނެވުނެވެ. އޭނާއަށް ސޯފާގައި އިށީނދެވުނެވެ.

(ނުނިމޭ)

މި ލިޔުމުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ޒަހްރާންގެ އާއިލާއިން އައިރާއާ މެދު ނުރުހުންވުމުގެ ސަބަބުން، ގުޅުން ކަނޑާލަން އައިރާ ނިންމާ ނިންމުމެވެ. އެހެންނަމަވެސް ޒަހްރާން އެކަމާ ދެކޮޅުހަދައި، އައިރާއަށް ރައްކާތެރިކަން ދިނުމުގެ ގޮތުން ހޮޓަލަކުން ވަގުތީ އެޕާޓްމަންޓެއް ހަމަޖައްސައިދެއެވެ. ޒަހްރާންގެ އާއިލާގެ ތެރޭގައި މި މައްސަލައާ މެދު ވަރަށް ބޮޑަށް ޚިޔާލުތަފާތުވުން އުފެދިފައިވެއެވެ. މަންމަ ބަސްމާއާއި އެއްބަނޑުއެއްބަފާ ކުދިން އައިރާއަކީ ރަނގަޅު ކުއްޖެއްކަމަށް ބުނެ އޭނާއަށް ތާއީދުކުރި ނަމަވެސް، ބައްޕަ މުރާދު ހުރީ މުޖުތަމަޢުގެ ފާޑުކިޔުންތަކާއި އާއިލީ ޤަދަރަށް އަތުވެދާނެ އުނިކަމަކަށް ޖެހިލުންވެ، މި ގުޅުމާ ދެކޮޅަށެވެ. ޒަހްރާން އައިރާއަށް ޔަޤީންކަން ދެނީ އޭނާގެ ހަޔާތުގެ ނިންމުންތައް ނިންމާނީ އަމިއްލައަށް ކަމަށާއި، އާއިލާގެ ރުހުން ނެތަސް ކައިވެނިކުރަން ތައްޔާރަށް ހުރިކަމަށެވެ. އައިރާގެ ކުރީގެ ކައިވެނީގައި ނުލިބޭ ފަދަ ހިމާޔަތަކާއި ލޯތްބެއް ޒަހްރާންގެ ފަރާތުން ލިބުމުން އައިރާއަށް ބޮޑު ހިތްހަމަޖެހުމެއް ލިބެއެވެ. ނަމަވެސް، ހުރިހާ ކަމެއް ހަމައަކަށް އެޅުނުކަމަށް ހީކުރެވިފައި ވަނިކޮށް، ޖެހިގެން އައި ދުވަހުގެ ހަވީރު ޒަހްރާން އެޕާޓްމަންޓަށް ދިޔައިރު، އައިރާ ވަނީ އެއްވެސް އެންގުމަކާ ނުލައި ހުރިހާ ސާމާނަކާއެކު އެތަން ދޫކޮށް ގޮސްފައެވެ.

  • އާއިލާގެ ނުރުހުމާއެކުވެސް ޒަހްރާން އައިރާ ދޫކޮށްލަން ބޭނުން ނުވުމާއި، އޭނާއަށް ހޮޓަލަކުން ބޯހިޔާވަހިކަން ހޯދައިދިނުން.
  • ބަސްމާއާއި އަޔާޝް އަދި އީލާފް އައިރާގެ ދިފާޢުގައި ވާހަކަދެއްކި ނަމަވެސް، މުރާދު އާއިލީ ނަމާއި ޤަދަރަށްޓަކައި އެ ގުޅުމަށް ދެކޮޅުހެދުން.
  • ޒަހްރާން އޭނާގެ އަމިއްލަ ނިންމުންތަކުގެ މައްޗަށް ބާރުފޯރުވާނެކަމާއި، އާއިލާގެ ނުޤަބޫލުގައިވެސް އައިރާއާ ކައިވެނިކުރަން ނިންމައިގެން ހުރިކަން ހާމަކުރުން.
  • އައިރާގެ ކުރީގެ ފިރިމީހާ ރިހާމް އޭނާ ދިފާޢުނުކުރާކަމާއި، ޒަހްރާންގެ ފަރާތުން ލިބުނު ހިމާޔަތުގެ ސަބަބުން އައިރާއަށް ވަގުތީ ހިތްހަމަޖެހުމެއް ލިބުން.
  • އެއްވެސް އެންގުމަކާ ނުލައި އައިރާ އެޕާޓްމަންޓް ދޫކޮށް ދިއުމުން، ޒަހްރާން މާޔޫސްވުމާއި ހިތްދަތިވުން.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު