އަމީރު އަހުމަދު ސްކޫލް (ހެންވޭރު ސްކޫލް) ތަރައްގީ ކުރަން މާލޭ ސީޓި ކައުންސިލުން ކުރި އިއުލާން އަލުންކޮށް އެތަން ތަރައްގީކުރާނެ ފަރާތެއް ހޯދުމުގެ ބިޑިން ޕްރޮސެސް ކުރިއަށް ގެންދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މާލޭ ސިޓީ ކައުންސިލަށް ލަފާ އަރުވައިފި އެވެ.
އޭސީސީން އެ މައްސަލަ ދިރާސާ ކުރީ ސިޓީ ކައުންސިލަށް ބައެއް ފަރާތްތަކުން ޝަކުވާ ހުށަހަޅަމުންދާތީ އެ އެ މައްސަލަ ސީޓީ ކައުންސިލުން އެ ކޮމިޝަނަށް ހުށަހެޅުމުންނެވެ. އެ މައްސަލައިގެ ތަފްސީލު ދެއްވަމުން އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު މިއަދު ވިދާޅުވީ އެ މައްސަލަ ދިރާސާކުރި ކުރުމުގައި ބައެއް ބިޑިން ޑޮކިއުމަންޓްތަކުގައި ފުށުއެރުންތަކެއް ހުރުމުން ބީލަމުގެ ވަކި ހިސާބަކުން މައްސަލަ އެއް ދިމާވެދާނެ ކަމަށް ކޮމިޝަނަށް ފާހަގަވި ކަމަށާއި އެހެންކަމުން ރަނގަޅު ގޮތަކީ އަލުން އިއުލާން ކުރުން ކަމަށް ސިޓީ ކައުންސިލަށް ލަފާދީފައިވާ ކަމަށެވެ.
"އެއީ ބައެއް ޑޮކިމަންޓްތައް ހުށަހަޅާފައި ހުރީއިރު ދިވެއްސާއި އިނގިރޭސި ޑޮކިއުމަންޓްތަކުގައި ތަފާތުތަކެއް އުޅޭތީ އަޅުގަނޑުމެން އިއްޔެ ސިޓީ ކައުންސިލަށް ދެންނެވީ ރަނގަޅު ގޮތަކީ އަލުން އިއުލާން ކުރުމޭ،" މުއައްވިޒު ވިދާޅުވި އެވެ.
އެ ސްކޫލް ތަރައްގީ ކުރުމަށް ސިޓީ ކައުންސިލުން އިއުލާން ކުރީ މި މަހުގެ ކުރީކޮޅުގަ އެވެ.
ސިޓީ ކައުންސިލްގެ މެންބަރު، އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވީ އޭސީސީން ފާހަގަކޮށްފައިވާ މައްސަލައިގައި އެ ޕްރޮޖެކްޓް އަލުން އިއުލާން ކުރަން ޖެހޭ ވަރުގެ މައްސަލައެއް ނެތް ކަމަށާއި ބީލަން ފޮތުގައިވެސް ހިމަނާފައިވާގޮތަށް އިވެލުއޭޝަން ޕްރޮސެސްގައި ސިޓީ ކައުންސިލުން ބޭނުންވާ މައުލޫމާތު ސާފުކުރުމުގެ ބާރު ކައުންސިލަށް އޮންނާތީ އެއީ މައްސަލައަކަށް ވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
"އެހެންވެ އޭސީސީއަށް މިހާރު އަޅުގަނޑުމެން އެގޮތަށް ޖަވާބުދީފައި އޮންނާނީ، އަޅުގަނޑުމެން ބަލާނީ ވެސް މާލިއްޔަތު ގާނޫނުގެ ތެރެއިން އެޑިއުކޭޝަން މިނިސްޓްރީއާ ވެސް ގުޅިގެން އެކަން ކުރިއަށް ގެންދިޔުމަށް،" އޭނާ ވިދާޅުވި އެވެ.
ސުޖާ ވިދާޅުވީ ހެންވޭރު ސްކޫލް ހިންގުމަށް 11 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށާއި އޭގެ ތެރެއިން ހަތަރު ކުންފުންޏަކީ ރާއްޖޭން ބޭރުގެ ކުންފުނިތައް ކަމަށެވެ.
ހެންވޭރު ސްކޫލް ނިސްބަތް ވަނީ ކުރީގެ ރައީސް މުހައްމަދު އަމީންގެ ބައްޕާފުޅު އަހުމަދު ދޮށިމޭނާ ކިލެފާނަށެވެ.