ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ރޭ ބްރެޒިލް އާއި މޮރޮކޯ ބައްދަލުކުރި ފޯރިގަދަ ވޯލްޑް ކަޕް މެޗު 1-1 އިން އެއްވަރުވެގެން ނިމުނުއިރު، މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓުނީ ހަމައެކަނި ދަނޑުމަތީގައި ތިބި ކުޅުންތެރިންނަކަށް ނޫނެވެ.
އަނިޔާގެ ސަބަބުން މި މެޗުގައި އެއްވެސް ވަރަކަށް ނުކުޅެވޭނެކަން ކުރިންވެސް އެނގިފައި އޮތް ބްރެޒިލްގެ ތަރި ނޭމާ ޖޫނިއާ، ބެންޗުގައި އިނދެގެންވެސް މުޅި މެޗުގެ ސަމާލުކަން ވަނީ ހޯދާފައެވެ.
މެޗު ފެށުމުގެ ކުރިން ދަނޑުގައި ތިބި ފޮޓޯގްރާފަރުންގެ ކެމެރާތަކުގެ ފޯކަސް ހުރީ ނޭމާގެ ކޮންމެ ހަރަކާތަކަށެވެ. ސްޓޭޑިއަމްގެ ވީއައިޕީ ބޮކްސްއިން އެމެރިކާގެ މަޝްހޫރު ކުޅިވަރު ޝަހުސިއްޔަތު ޓޮމް ބްރޭޑީ ފެނުނު ނަމަވެސް، ސަޕޯޓަރުންނާއި މީޑިއާގެ އަސްލު ބަތަލަކަށްވީ ބެންޗުގައި އިން ނޭމާއެވެ.

މެޗުގައި ނޭމާ ފެނިގެންދިޔައީ ހަމައެކަނި ބެލުންތެރިއެއްގެ ގޮތުގައެއް ނޫނެވެ. އޭނާ ވަނީ ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީގެ އެހީތެރިއެއްގެ ދައުރު އަދާކޮށް، ބެންޗުން ތެދުވެ ދަނޑުމަތީގައި ތިބި ކުޅުންތެރިންނަށް އިރުޝާދުދީ މަގުދައްކައިދީފައެވެ.
ހާއްސަކޮށް ފުރަތަމަ ހާފު ނިމިގެން ޓީމު ރޫމަށް ދިޔަ ވަގުތު ވިނީޝިއަސް ޖޫނިއާ އަދި ގެބްރިއަލް ގިމަރޭސްއާ ވާހަކަދައްކައި، ކުޅުން ރޭވުމުގައި އޭނާ އިސްނެގިއެވެ.
ބްރެޒިލްގެ ކުޅުންތެރިންނަށް ލިބުނު ރަން ފުރުސަތުތައް ބޭކާރުވަމުންދިޔަ ވަގުތުތަކުގައި ނޭމާގެ މޫނުމަތިންނާއި ހަރަކާތްތަކުން ބޮޑު މާޔޫސްކަމެއް ފެނިގެންދިޔައެވެ.