ހިތުގެ ތަފާތު ބަލިތައް ހުންނަ މީހުން އިޔާބަޑްސް ފަދަ ވަޔާލެސް ޑިވައިސްތައް ބޭނުންކުރުމުގައި ސަމާލުވުމަށް އިލްތިމާސެއްކޮށްފިއެވެ.
ހިތުގެ ބަލި މީހުން އިޔާބަޑްސް ބޭނުންކުރުމުގައި ސަމާލުވުމަށް މިފަދަ ޚާއްޞަ އިލްތިމާސެއް ހިތުގެ ބަލިތަކާ ބެހޭ ޑޮކްޓަރުން (ކާޑިއޮލޮޖިސްޓުން) ކުރަން ފަށާފައިވަނީ، ޒަމާނީ ވަޔާލެސް އިޔާބަޑްތަކުން އުފައްދާ ދަގަތްފާނުގެ ބާރުގެ ސަބަބުން ހަށިގަނޑުގައި ހަރުކޮށްފައިވާ މެޑިކަލް ޑިވައިސްތަކަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެތީއެވެ. ޚާއްޞަކޮށް ހިތުގެ ވިންދު ހަމަހިފެހެއްޓުމަށްޓަކައި "ޕޭސްމޭކަރު" ނުވަތަ "ޑެފިބްރިލޭޓަރު" ލައްވާފައިވާ މީހުން، އެއާޕޮޑްސް ފަދަ ވަޔާލެސް ސާމާނު ބޭނުންކުރުމުގައި މިހާރަށްވުރެ ބޮޑަށް ރައްކާތެރިވުމަށް ޑޮކްޓަރުން ވަނީ އިންޒާރުދީފައެވެ.
މިއީ މިއަދުގެ ބާޒާރުގައި ހުންނަ އިލެކްޓްރޯނިކްސް ސާމާނުތަކުގައި ބޭނުންކުރާ ދަގަތްފާނުގެ ބާރުގަދަކަމުން، ހިތުގެ އެހީތެރިކަމަށް ލައްވާފައިވާ އާލާތްތަކުގެ މަސައްކަތަށް ބުރޫއަރާފާނެތީ ކުރި އިލްތިމާސެކެވެ.
ސްމާޓްފޯނާއި، ވަޔާލެސް ހެޑްފޯނާއި، ސްމާޓް ގަޑިތަކުގެ އިތުރުން އިލެކްޓްރޯނިކް ސިނގިރޭޓުންވެސް ނުކުންނަ މެގްނެޓިކް ފީލްޑް ނުވަތަ ދަގަތްފާނުގެ ބާރުގެ ސަބަބުން، ހިތުގެ އާލާތްތަކުގައި ހުންނަ ސޭފްޓީ މޯޑް އަމިއްލައަށް އެކްޓިވްވާގޮތް ދިމާވެއެވެ. މިގޮތަށް މެގްނެޓިކް ސޭފް މޯޑަށް ބަދަލުވުމުން ހިތުގެ ވިންދު އަވަސްވުން ނުވަތަ ހިތް ހުއްޓުން ފަދަ ނުރައްކާތެރި ދަނޑިވަޅުތަކުގައި އެ އާލާތްތަކަށް ހިތުގެ މައްސަލަތައް ދެނެގަތުމަށް ހުރަސްއެޅި، މީހާގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ކަންކަން ދެއެވެ.
ސާކިއުލޭޝަން އެރިތްމިއާ އެންޑް އިލެކްޓްރޯފިޒިއޮލޮޖީ މަޖައްލާގައި ޝާއިޢުކޮށްފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި އެޕަލް ކުންފުނީގެ އެއާޕޮޑްސް އާއި އައިފޯންތަކުގައި ހުންނަ ދަގަތްފާނުގެ ބާރު، ހިތުގެ އާލާތްތަކުގެ ސެޓިންގްސް ބަދަލުކޮށްލާ ވަރަށް ގަދައެވެ. ނަމަވެސް މީގެ މާނައަކީ ހިތުގެ ބަލިމީހުން މިއާލާތްތައް ބޭނުންކުރުން މުޅިން ހުއްޓާލުން ނޫން ކަމަށާއި، ބޭނުންކުރަންވާނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކަމަށް ޑޮކްޓަރުން ބުނެއެވެ.
އެމެރިކާގެ ފުޑް އެންޑ ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އާއި އެޕަލް ކުންފުނިންވެސް އިރުޝާދުދޭ ގޮތުގައި، ހިތުގެ އާލާތްތައް ހަރުކޮށްފައިވާ މީހުން އެއާޕޮޑްސް ނުވަތަ ފޯނު ފަދަ ތަކެތި، ހިތް ހުންނަ ދިމާލާ މަދުވެގެން 6 އިންޗި ދުރުގައި ބަހައްޓަންޖެހެއެވެ. މީގެ މާނައަކީ ގަމީހުގެ ކުރިމަތީ ޖީބަށް ފޯނު ނުވަތަ އެއާޕޮޑްސް ކޭސް ލައިގެން އުޅުމަކީ މުޅިން މަނާކަމެކެވެ.
މިފަދަ އާލާތްތައް ބޭނުންކުރަމުންދާއިރު ބޯއެނބުރުން، ހޭނެތުން ނުވަތަ ހިތުގެ ތެޅުމަށް ބަދަލެއް އަންނަހެން ހީވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށާއި، ގޭގައި ހުރެގެން ހިތުގެ އާލާތް މޮނިޓާ ކުރެވޭ ސިސްޓަމްތައް މެދުވެރިކޮށް އޭގެ ސެޓިންގްސް ހުރީ ރަނގަޅަށްތޯ ޗެކްކުރުމަށް ސިއްހީ މާހިރުން ލަފާދެއެވެ.