"އާނ. އައިރާއާ ދަރިފުޅުގެ ގުޅުމަށް ބައްޕަ ޤަބޫލެއް ނޫން. އަދި ދުވަހަކުވެސް ތިގުޅުމަށް ޤަބޫލެއް ނުވެވޭނެ..."
މުރާދުގެ އަޑުގައިވަނީ ސާބިތުކަމެވެ. މުރާދަށް އޭނާ ދައްކަން އެ އައި ވާހަކަ އެނގުމަކުން ޒަހްރާން ހައިރާނެއް ނުވިއެވެ. ސަބަބަކީ މުރާދަކީ ވިސްނުންތޫނު، ކަންތައްތައް އަވަހަށް ނަގައިގަންނަ މީހެއްކަން އޭނާއަށް އެނގޭތީއެވެ. އެހެންނަމަވެސް، ހައިރާންވީ މުރާދަށް އައިސްގެން އުޅޭ ބަދަލުތަކުގެ ސަބަބުންނެވެ. އައިރާއާ މެދު އެގޮތަށް ނުރުހެންވީ ސަބަބެއް ނޭނގޭތީއެވެ. އޭނާ އަދި އައިރާގެ ހަޤީޤަތް ވެސް ހާމަކުރީ އެއް ނޫނެވެ. އަނެއްކާ އައިރާ އަކީ އިނދެ ވަރިވެފައި ހުރި މީހަކަށްވާތީ ބައްޕަ ރުޅި އަންނަނީ ހެއްޔެވެ؟
"ބައްޕާ... އެއީ ކީއްވެގެންތޯ؟" ޒަހްރާނަށް ސުވާލުކޮށްލެވުނެވެ.
"އައިރާއަކީ ބައްޕަ ހިތްހަމަޖެހޭ ކުއްޖަކަށް ނުވާތީ." މުރާދު ބުނެލިއެވެ.
"އެއީ ކީއްވެގެންހޭ ބައްޕާ؟ އައިރާއަކީ އަޚްލާޤު ރަނގަޅު ކުއްޖެއްކަން މި ވީ ދުވަސްތަކުގައި ބައްޕައަށް ފާހަގަނުކުރެވެނީތަ؟" ޒަހްރާންގެ އަޑު ބާރުވެލިއެވެ. އެހެންނަމަވެސް އަދަބު އިޙްތިރާމާ އެކީ ވާހަކަ ދައްކަން އޭނަ މަސައްކަތްކުރިއެވެ. "އޭނަ މީހަކާ އިނދެ ވަރިވެފަ ހުރީމަތަ؟"
"ޒަހްރާނަށް އޭނައަކީ ކޮންކަހަލަ ކުއްޖެއްކަމެއް ނޭނގޭތަ؟ އެއީ ހަށި ވިއްކި އަންހެނަކަށް ލިބިފަ ހުރި ބައްޕަ ނެތް ކުއްޖެކޭ... ކިހިނެއްތަ އެކަހަލަ ކުއްޖަކު މި ޢާއިލާތެރެއަށް ގެންނާނީ؟" މުރާދަށް ބުނެވުނެވެ.
އެ އަޑު ޖެހުނީ ޓެރެސްގައި ހުރެފައި ތިރިއަށް ފޭބި އައިރާގެ ކަންފަތުގައެވެ. އޭނާގެ ފަހަތުން ފައިބަމުން ދިޔަ ލަޔާލީއާ އަޔާޝްގެ އިތުރުން، ބަސްމާއާ، އީލާފްގެ ކަންފަތުގައި ވެސް މުރާދުގެ އަޑު ޖެހުނެވެ. އޭރު އެ މީހުން އެންމެންނަށް ތިބެވުނީ ބޮޑު ކޮޓަރި ފެންނަ ހިސާބުގައެވެ. އައިރާގެ ފިޔަވަޅުތައް ވަގުތުން މަޑުވިއެވެ. ތުންފަތްމަތީގައިވި ހިނިތުންވުން ވެސް ފަނޑުވެގެން ދިޔައެވެ. އޭނާގެ ހިތުގެ ތެޅުން ބާރުވުމާއެކު، އިވުނު އަޑު ތަކުން އިސްއުފުލައިލާ ކައިރީގައި ތިބި މީހުންނަށް ބަލައިލުމަކީ ވެސް ކުޅަދާނަކަމަކަށް ނުވިއެވެ.
"އެނގޭ... އައިރާއެއް އަޅުގަނޑަކަށް އެއްވެސް ކަމެއް ސިއްރެއް ނުކުރެ. އައިރާ ގުޅެން ބޭނުންވެގެން މިއުޅެނީ އަޅުގަނޑުވެސް އެ ގޮތް ބޭނުންވާތީ..." ޒަހްރާންގެ އަޑު އިވުނެވެ. އެ އަޑުގައިވަނީ ޔަޤީންކަމެވެ. އީލާފްއާ އަޔާޝްގެ މޫނުމަތިން ހައިރާންކަން ފާޅުނުވިއެއްކަމަކު. ލަޔާލީއާ ބަސްމާގެ މޫނުމަތިން އިންތިހާ ދަރަޖައިގެ ހައިރާންކަން ފާޅުވަމުން ދިޔައެވެ. ބަސްމާއަށް ބަލައިލެވުނީ އިސްޖަހާލައިގެން ހުރި އައިރާއަށެވެ. އޭރު ދެއަތް ދެއަތާ މޮޑެމުން ދިޔަ އައިރާގެ އަތުގައި ވި ތުރުތުރު އެޅުން ފާހަގަވުމުން، އޭނާގެ ހިތަށް ޙަމްދަރުދީ ވަނެވެ.
"މުރާދު..." މުރާދަށް ގޮވާލަމުން ބަސްމާ އެ ދިމާލަށް ހިނގައިގަތްއިރު، ޒަހްރާނާ މުރާދަށް ވެސް އެންމެން ފެނިއްޖެއެވެ. ޒަހްރާންގެ ނަޒަރު އައިރާއަށް ހުއްޓުމާއެކު އޭނާގެ ހިތުގެ ހިނގުން މަޑުޖެހިލިއެވެ. ދެންމެ ބައްޕަ ބުނެލި ޖުމްލަތައް އެންމެނަށް އަޑު އިވިއްޖެކަން ރޭކާލުމާއެކު، ޒަހްރާން ހިނގައިގަތީ އައިރާއާ ދިމާލަށެވެ.
އައިރާ ބޭނުންވީ އެތަނުން ދުވެ ފިލާށެވެ. އެހެންނަމަވެސް، ހުރި ފިޔަވަޅު މަތިން ގުޑާލަން ނޭނގިފައި އޭނާއަށް ހުރެވުނީއެވެ. ދެފައި ހީވަނީ ތެރަސްގަނޑެއްގައި ތަތްލާފައި ވާހެންނެވެ. ފައިގައި ހީވަނީ ބަރު ހިލަގަނޑެއް އައްސާފައިވާ ހެންނެވެ. އެ ފައި އުފުއްލާލުން ވެސް ވަނީ ދަތިވެފައެވެ. އިސްޖަހާލައިގެން ހުރި ނަމަވެސް، ދެލޮލުގެ ތެރެއަށް ބޮނޑިވަމުން ދިޔަ ކަރުނަތައް ދެލޯ ފުސްކުރުވައިފިއެވެ. ހިތުގެ ތެޅުން ދިޔައީ ހިނދެއް ހިނދެއް ބާރުވަމުންނެވެ.
"އައިރާ..." ހޭވެރިކަން ވީ ޒަހްރާން އައިސް އޭނާއަށް ގޮވާލުމުންނެވެ. އެހެންނަމަވެސް، ދެންވެސް އިސް އުފުލައިލުން އޭނައަށް ވީ ނުހަނު ދަތިކަމަކަށެވެ. އަނެއްކާވެސް ޒަހްރާން އައިރާއަށް ގޮވާލައިފިއެވެ.
"އައިރާ... ލުކް އެޓް މީ..." ޒަހްރާންގެ އަޑުގައި ވަނީ އޯގާތެރިކަމެވެ. ނޫނެކޭ ބުނުމުގެ ގޮތުން އައިރާ ދެފަރާތަށް ބޯ ހޫރައިލިއެވެ.
"އައިރާ... ޕްލީޒް.... ޕްލީޒް..." އެއީ ކުރަން އޭނައަށް ވެސް ފަސޭހަކަމެއް ނޫންކަން ޒަހްރާންގެ އަޑުގައިވި އަސަރުތަކުން ފާޅުވަމުން ދިޔައެވެ. އައިރާ އެންމެ ފަހުން އިސްއުފުލާ ލައިފިއެވެ. ޒަހްރާން ބޯ ޖަހައިލީ ހުރިހާކަމެއް ވެސް ރަނގަޅުވާނެޔޭ ބުނާ އުސޫލުންނެވެ. އޭނާ އައިރާއަށް ބަލަން ހުރި ގޮތުން ޖެހިލުންވެފައިވާ ޙާލު އައިރާ ނޫނެކޭ ބުނެ ދެފަރާތަށް ބޯ ހޫރައިލިއެވެ. އޭނާ ޒަހްރާންގެ ޢާއިލާއާ ކުރިމަތިލާކަށް ބޭނުމެއް ނޫނެވެ. މުރާދު އެވަނީ ފަހު ބަސް އިއްވާފައެވެ. ވީއިރު، ދެން އޮތް ގޮތަކީ ޒަހްރާނާ ވަކިވުމެވެ. އެގުޅުން އޭނަ ކުރިއަށް ގެންދިޔައީ ވެސް، އެ ޢާއިލާ ޤަބޫލުނުވެއްޖެނަމަ ޒަހްރާން ދޫކޮށްލަން އަމިއްލަ ނަފްސަށް ވިސްނައިދެމުންނެވެ. އެހެންނަމަވެސް، މި ދުވަސް އެހާ އަވަހަށް އަތުވެދާނެކަމަށް އޭރު އުންމީދު ކުރެވިފައި ނެތީއެވެ. ހީކުރީ ކުރަން އުނދަގޫ ކަމެއް ނަމަވެސް، އޭނާއަށް ޒަހްރާން ދޫކޮށްލެވިދާނެ ކަމަށެވެ. ނަމަވެސް، އެ ޙަލާތާ ކުރިމަތިވި އިރު މީހާ އެކީ ބަލިކަށި ވެއްޖެއެވެ. މިއީ ކުރިމަތިލާން ޖެހޭ ދުވަހެއްކަން މާކުރީން އެނގުނެއްކަމަކު، ހިތްވަރު ދޫވާން ފަށައިފިއެވެ. ޒަހްރާނާ ދުރުވާ ޚިޔާލުން މީހާގެ ހިތުތެރޭގައި ގިލަންވެރިކަމުގެ ވޭނީ ސިލްސިލާއެއް އުފަންކުރުވައިފިއެވެ.
ޒަހްރާން އޭނާގެ އަތުގައި ހިފަން ވެގެން އަތް ދިއްކޮށްލުމާއެކު އައިރާއަށް ޖެހިލުންވުމާއެކު އަތް ފުރަގަހަށް ލާ ފޮރުވާލެވުނެވެ. ޢާއިލާ ޤަބޫލުނުވާއިރު، އޭނަ ޒަހްރާނާ ގުޅޭނީ ކިހިނަކުން ހެއްޔެވެ؟ އޭނަގެ ސަބަބުން ޒަހްރާންގެ ޢާއިލީ ގުޅުމަށް އިތުރު ހީނަރުކަމެއް އަންނާކަށް އައިރާ ބޭނުމެއް ނޫނެވެ. އޭނަގެ މުޅި ޙަޔާތް މި ހޭދަވަނީ ލޯތްބާއި ޙަމްދަރުދީ ނުލިބިއެވެ. މަންމައެއްގެ އޯގާތެރި ފިރުމުންތަކާ ބައްޕައެއްގެ ހިމާޔަތް ނުލިބިއެވެ. ވީއިރު ކޮންމެވެސް ގޮތަކުން އޭނާއަށް ކެތްކުރެވިދާނެއެވެ. އޭނަގެ ޙަޔާތުގެ މިސާލަކީ ވިއްސިވިހާލިވެފައިވާ ހިރަފުސްކޮޅެއްގެ މިސާލެވެ. ވުމާއެކު ބަރުބާދުވެފައިވާ ހަޔާތުގެ ގިލަންވެރިކަމުގެ ތެރެއަށް ޒަހްރާން ވައްދާނީ ކިހިނަކުން ހެއްޔެވެ؟ ބައެއް ފަހަރު ލޯތްބަކީ ލޯބިވާ މީހާ ހާސިލްކުރުމެއް ނޫނެވެ. ލޯބީގެ ދެވަނަ މާނައަކީ ޤުރުބާނީއެވެ. އެއީ އެއްވެސް އަމިއްލަ އެދުމެއް ނެތް ސާފު ޠާހިރު ލޯތްބެކެވެ. އެހެންނަމަވެސް، އެ ލޯތްބަށްޓަކާ ޖަދަލުކުރާނެކާ ހިތްވަރެއް އޭނަގެ ނެތެވެ. އެ ހައިސިއްޔަތެއް ވެސް މެއެވެ. އަމިއްލަ ނަފްސުގެ އަގު ނެތް މީހަކަށް އެހެން މީހުން ކުރާނީ ކޮން އިޙްތިރާމެއް ހެއްޔެވެ؟
އައިރާގެ ދެލޮލުގެ ތެރެއަށް ޖަމާވި ކަރުނަތައް އޭގެ މަޤާމު ދޫކޮށް ފައިބައިގެން ދިޔައީ އެތަކެއް އިރަކު އޭނަގެ ލޮލުގެ އެސްފިޔަތަކާ ޖަދަލުކުރުމަށްފަހު، ކެތްނުކުރެވުނު ފަދައަކުންނެވެ. ހަމައެއާއެކު ޝިކާޔަތުތަކާ ވޭނީ ތަދެއް މުޅި ޖިސްމުގައި އުފަން ކުރުވައިފިއެވެ. މޭގައި އުފެދުނު ތޫނު ރިހުމުގެ ސަބަބުން ހިންދިރުވައިލަން ދަތިވެއްޖެއެވެ. އަނގައިން ގިސްލުމުގެ އަޑު ބޭރުވެދާނެތީ ތުންފަތުގައި ދަތް އަޅާ ބާރުކޮށްލެވުނުއިރު، އަމިއްލަ ނިކަމެތިކަމާ މެދު ޝަކުވާ ކުރެވެމުން ދިޔައެވެ. އައިރާގެ ކަރުނަތައް ފެނުމުން، ޒަހްރާނަކަށް މަޑަކުން ނުހުރެވުނެވެ. އޭނާ އައިރާގެ އަތުގައި ހިފައްޓަމުން އައިރާ ގޮވައިގެން އައިސް ޢާއިލާގެ އެންމެންގެ ކުރިމަތީގައި ހުއްޓުނެވެ.
"ޒަހްރާން...." މުރާދުގެ އަޑު ބާރުވިއެވެ. އޭނަގެ ނިންމުމާ ޒަހްރާން ފާޅުގައި ދެކޮޅު ހަދަމުން ދިޔައީތީ ރުޅި ގަދަވިއެވެ.
"އަހަރެން އިންނާނީ އައިރާއާ. އެހެޔޮ...." ޒަހްރާނަށް އޭނާގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. މުރާދު އޭނަގެ ޖުމްލަ މެދުކަނޑާލިއެވެ.
"އެކަމަކު އަހަރެމެންނަކަށް ހެވެއް ނޫނޭ. ވިސްނާލަން ވާނެ ދޯ އަހަރެމެންގެ ޢިއްޒަތާ ޤަދަރަށް ވެސް. ޒަހްރާން އައިރާއާ ކައިވެނިކޮށްފިއްޔާ އަހަރެމެން މީހުންނަށް ދައްކާނީ ކޮން މޫނެއް. މިހާރު ވެސް އަހަރެމެންގެ ހަރަކާތްތަކަށް ފާރަވެރިވާ މީހުން މަދެއް ނޫން... ޒަހްރާނަށް މިވަރު ނުވިސްނުނަސް، އައިރާއަށް ވިސްނޭނަކަމަށް އަހަރެން މި އުންމީދުކުރަނީ." މުރާދު ދެން ކުރިމަތިލީ އައިރާއާއެވެ. އައިރާ އެގެއަށް އައިސްސުރެ އޭނާއަށް ފެނުނީ މައުސޫމްކަމެވެ. އެހެންކަމުން، އައިރާ އެބުނާ ވިޔާނުދާ ގޮތަށް އުޅެފާނެކަމަށް އޭނާއަށް ޤަބޫލުކުރަން ދަތިވެއެވެ. ޖަމާލުގެ ވާހަކަ މުޅިން ތެދުހެން ހީނުވަނީ އައިރާގެ އުޅުން އޭނައަށް ފެނިފައިވާތީއެވެ. އެހެންނަމަވެސް، މި ޒަމާނުގައި މީހެއްގެ ގޮތެއް ނޭނގޭނެއެވެ. އަނެއްކޮޅުން އައިރާއަކީ ބައްޕަ ނެތް ކުއްޖެކެވެ. އަދި އައިރާ އެ ބުނާ ވިޔާނުދާ ގޮތަށް ނޫޅުނަސް، އައިރާގެ މަންމައަކީ ހަށި ވިއްކަމުން ދިޔަ އަންހެނެކެވެ. ވީއިރު އެފަދަ ޢާއިލާއަކުން އައިސްފައިވާ މީހަކު އެ ޢާއިލާގެ މެންބަރަކަށް ހަދާނީ ކިހިނެއް ހެއްޔެވެ؟ އައިރާ ޒަހްރާންގެ އަތު ތެރެއިން އޭނާގެ އަތް ނައްޓައިލިއެވެ. ކުރިއަށް ވުރެ ބޮޑަށް އިސްޖަހައިލެވުނުއިރު، އޭނައަށް ނޭވާލާން ވެސް ދަތިވެއްޖެއެވެ. ހީވީ ނޭވާލާން ވެސް އޭނާ މީހެއްގެ ހުއްދައަށް މިވަގުތު ބޭނުންވެފައިވާ ހެންނެވެ.
"ބައްޕަ ވާހަކަ ދައްކާ އަހަންނާ. އައިރާ މިދޭތެރެއަށް ނުވައްދާ. ހުރިހާކަމެއް އެނގިހުރެ އައިރާއާ ގުޅުމަކީ އަހަރެންގެ ނިންމުން." ޒަހްރާން ބުންޏެވެ. އޭނާ އެހުރީ ކޮންމެ ޙާލެއްގައި ވެސް އައިރާއާ އެކު އުޅޭށެވެ.
"ޒަހްރާން." މުރާދުގެ އަޑު ބާރުވިއެވެ.
"ބައްޕަ ކިތަންމެ ބާރަށް އަހަންނަށް ގޮވިޔަސް އަހަރެންގެ ނިންމުމެއް ބަދަލެއް ނުވާނެ. އަހަރެން ކައިވެނި ކުރާނީ އައިރާއާ..." ޒަހްރާން ބުންޏެވެ.
"އައިރާގެ މަންމައަކީ...." މުރާދުގެ ދުލުގައި ބަސް އޮށްވާ ޒަހްރާން އޭނާގެ ވާހަކަ ހުއްޓުވިއެވެ.
"ބައްޕާ، ހެޔޮނުވާނެ ޕްލީޒް..." ޒަހްރާންގެ އަޑުގައި ވެސް ވަނީ ނުރުހުންތެރިކަމެވެ. "އައިރާގެ ހުރިހާ ހަޤީޤަތެއް އަހަންނަށް އެނގެޔޭ. އައިރާގެ މަންމަ ހަށި ވިއްކިކަން. އައިރާއަކީ ބައްޕަ ނެތް ކުއްޖެއްކަން. އޭނަ މީހަކާ އިނދެ ވަރިވެފައި ހުރިކަން. އަދި ފުރަތަމަ ކައިވެނީގެ އަނިޔާވެރިކަމުގެ ސަބަބުން ދަރިފުޅު ބައިގެން ދިޔަކަން. އަޅާލާނެ އިތުރު މީހަކު ނެތްކަން. ވަންނާނެ ގެދޮރެއް ނެތްކަން. މިތާ އެއްވެސް މީހަކަށް ނުކިޔޭނެ މީގެ ކުރިން އޭނައާ ދިމާލަށް މީހަކު ނުކިޔާ އެއްޗެއް. އެއަށްވުރެ ދެރަވާ ޒާތުގެ އެއްޗެހި ކިޔާފަ ހުރީ. އަހަރެން ޔަޤީންކަން ދެން، އައިރާގެ މަންމައަކީ ކޮންމެ ފަދަ މީހަކަށް ވިޔަސް، އައިރާ އެ ގޮތަށް ނޫޅޭކަން. އޭނައަކީ އަބުރާ ޢިއްޒަތަށް ރައްކާތެރިވާން އެނގޭ އަންހެނެއް. އަމިއްލަ މަންމަގެ ސަބަބުން އައިރާ ކުރިމަތިލާން ޖެހުނީ ކޮންކަހަލަ ކަންތައްތަކަކާ ކަން އެނގޭތަ؟ ދުނިޔޭގެ ނަޒަރުގަ އޭނައަކީ ވެސް ކުށްވެރިއެއް...... ފައިން! އެންމެން ކިޔާ ކަހަލަ ހަރާން ދަރިއެއް، ނަހަލާލު ދަރިއެއް. ބައްޕަ ނެތް ދަރިއެއް. އެކަމަކު އެކަމަކުން އަހަންނަކަށް އެއްވެސް މައްސަލައެއް ނެތް. ފަރަޤެއް ވެސް ނުވޭ. ނުވެސް ވާނެ. އެކަމުގެ ސަބަބުން މީހުންގެ ދޮގު ތުހުމަތުތަކާ، މީހުން އޭނައަށް ބަލާ ނަޒަރުތަކާ، ކުރާ ފުރައްސާރައާ މަލާމާތް ވެސް އަހަންނަށް އެނގޭ. ފުރަތަމަ ކައިވެނި ރޫޅިގެން ދިޔައީ ވެސް އެހެންވެ. މިހުރިހާ ދުވަހު އައިރާ ހުރިހާ ކަމަކާ ކުރިމަތިލީ އެކަނިމާ އެކަނި. އެކަމަކު މީގެ ފަހުން އައިރާ ނުޖެހޭނެ އެއްވެސް ކަމަކާ އެކަނި ކުރިމަތިލާކަށް. އަހަރެން އަބަދުވެސް އައިރާއާއެކު ހުންނާނަން. އެކަކަށް ވެސް މިކަމެއް ނުހުއްޓުވޭނެ. އަހަރެން މީހަކާ އިންނަންޏާ އިންނާނީ ހަމައެކަނި އައިރާއާ. ހެޔޮ ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް."
ވާހަކަ ދައްކަން ފެށި ގޮތަށް ޒަހްރާން ހުއްޓައެއް ނުލިއެވެ. އޭނަގެ ހިތުތެރޭގައި ވީހާ ޝަކުވާއެއް ބޭރުކުރަމުން ދިޔައީ އައިރާގެ ދިފާޢުގައެވެ.
"ކޮބާތަ އައިރާގެ ކުށަކީ؟ އެފަދަ އަންހެނެއްގެ ދަރިއަކަށް ވުން؟ އޭނަގެ ބައްޕަ ނެތުން؟ އެއީ އޭނަގެ އަތްމަތީ އޮތްކަމެއްތަ؟ އެއީ ވެސް އަހަރެމެން ފަދަ އިންސާނެއް. އޭނަގެ ހިތުގަ ވެސް އިޙްސާސްތަކެއް ލައްވާފަ ވާނެ. ދެރަވެސް ވާނެ ރޯން ވެސް ރޮވޭނެ. މަންމަ ހުރިއިރު، އެ މަންމަގެ އޯގާތެރިކަމެއް ދުވަހަކު ނުލިބުނު. ބައްޕައަކީ ކާކުކަމެއް ނޭނގެ. ބައްޕަގެ ހިމާޔަތެއް ނުލިބުނު. އޭނަ މިއަދު މިތާ ހުއްޓެއްކަމަކު، އެ ހިތުގަ އަޅާ ވޭން އެކަކަށް ވެސް ނޭނގޭނެ. ޝީ ޑިޒާރވްސް ހެޕިނެސް. އަހަރެމެން އެންމެންނަށް އުފާ ހައްޤުވާހެން. މިހުރިހާ ދުވަހު އެހުރިހާކަމަކާ އެކަނި ކުރިމަތިލިޔަސް، މިއަދު އައިރާ ނުޖެހޭނެ އެކަނި އެކަކަށް ވެސް ޖަވާބު ދާރީވާކަށް. އަހަރެން އޭނަ ދިފާޢުކުރާނަން. އަހަރެން އައިރާއާ ގުޅުނީ އިތުރު ދެރައެއް ދޭކަށް ނޫން. އުމުރު ދުވަހު ވެސް ހިމާޔަތް ދޭން ވަޢުދުވަމުން. މީހުންގެ އަނގައިގެ ނުބައިކަމުން އޭނަ ސަލާމަތްކޮށްދޭން." ޒަހްރާނަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. މާގިނައިން ވެސް އޭނާއަށް ވާހަކަ ދެއްކިއްޖެއެވެ.
މުރާދަށް ވެސް ބުނާނެ އެއްޗެއް ނޭނގިފައި އިރުކޮޅަކު ހުރެވުނެވެ. އޭނާއަށް ބެލެނީ ޒަހްރާނާ އައިރާއަށެވެ. ބަސްމާ ވެސް އައިސް މުރާދުގެ އަތުގައި ހިފައްޓާލަމުން ދެފަރާތަށް ބޯ ހޫރައިލީ އިތުރު އެއްޗެއް ނުބުނާށޭ ބުނުމުގެ ގޮތުންނެވެ. މަސްލަހަތު ހަމައަކަށް އަޅުވަން އޭނަ ހުރީ ބޭނުންވެފައެވެ. ޒަހްރާނާ މުރާދާ ދެމެދު ރޭނިފައިވާ ނުތަނަވަސްކަމުގެ ބޯ ފާރު ތުނިވެލިހެން ހީނުވެ އަނެއްކާވެސް، އިތުރު ކަންތައްގަނޑެއް ލައިގަތީއެވެ. އެ ދެބަފައިންގެ ގުޅުން ރަނގަޅުވަމުން ދަނިކޮށް އަލުން ކަންތައްތައް ބޮއްސުންލައިގެން ދާކަށް ބަސްމާ ބޭނުމެއް ނޫނެވެ.
އޭނަ ޒަހްރާނަށް ވެސް ބަލައިލިއެވެ. ޒަހްރާން އޭރުވެސް ހުރީ ދެބުމަ ގޮށްޖަހާލައިގެން ނަމަވެސް، އަމިއްލަ އިޙްސާސްތައް ހަމައަކަށް އަޅުވަން އޭނަ ކުރަމުން ދިޔަ މަސައްކަތް ބަސްމާއަށް ފާހަގަ ކުރެވުނެވެ.
އެހުރިހާ އަޑެއް އަހަން ހުރި އައިރާއަށް ލަދުވެތިކަން އިޙްސާސްކުރެވުނީ، އެ ހަޤީޤަތް އެންމެންނަށް އެނގުމުންނެވެ. ދާ ކޮންމެ ތަނަކަށް އޭނާގެ މާޒީ ދާނެކަން އައިރާއަށް ޔަޤީން ވެއްޖެއެވެ. ހުއްޓުމެއްނެތި ކަރުނަތައް ކޯތާފަތް މަތިން ތިރިއަށް ރޮނގުދެމިގެން ދާން ފަށައިފިއެވެ. މުޅި މީހާގެ ހަށިގަނޑަށް ތުރުތުރު އެޅުމެއް ވެރިވެއްޖެއެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް މީހަކު އޭނާ ދިފާޢުކުރި ގޮތެއް ނޫނެވެ. އުމުރުގެ މިހާތަނަށް މުޅިން ވެސް އިވިފައިވަނީ މީހުންގެ މަލާމާތާއި ޒަހަރު ފަދަ ހިތި ބަސްތަކެވެ. އެހެންނަމަވެސް، ފުރަތަމަ ފަހަރަށް މީހަކު އޭނަގެ ދިފާޢުގައި ވާހަކަ ދެއްކުމުން ކުރެވުނީ ބުނެދޭން ނޭނގޭ އިޙްސާސެކެވެ. ދެން ވެސް ހުރިތަނުން ގުޑިލަން ނުކެރުނެވެ.
"އަހަރެން ބޭނުމެއް ނޫން، އައިރާ ދެން އިތުރަށް މިގޭގައި މަޑުކުރާކަށް." މިފަހަރު މުރާދުގެ އަޑު މަޑެވެ. އަޑަށް ނުރުހުންތެރިކަން ގެންނަން މަސައްކަތްކުރި ނަމަވެސް، ނާކާމިޔާބުވިއެވެ. ފަހަރުގައި ޒަހްރާންގެ ވާހަކަތަކުން އަސަރުކުރީ ކަންނޭނގެއެވެ.
މުރާދުގެ ޖުމްލައާއެކު ދެފައި އެތަނުގައި ތަތްލާފައި ހުރި އައިރާއަށް ލިބުނީ ކޮންކަހަލަ ހިތްވަރެއް ކަމެއް ނޭނގުނެވެ. ވަގުތުން ފަސް އެނބުރިފައި އޭނާ ބާރު ބާރަށް ހިނގައިގަތްއިރު، އަނގަމަތީގައި އަތް އަޅާލެވިއްޖެއެވެ. އޭރު ތުންފަތް ފޫ އަޅުވާލާފައި ވޭނީ އާހެއްގެ އަޑު ބޭރުވެއްޖެއެވެ. މައި ދޮރުން ނުކުމެވުނީ ކިރިޔާއެވެ. ގިސްލެވި ބާރަށް ރޮވިއްޖެއެވެ. އަނގަމަތީގައި އަޅާފައިވާ އަތަށް އިހުނަށް ވުރެ ބާރުކޮށްލެވުނު ނަމަވެސް، ކާމިޔާބެއް ނުވިއެވެ.
އައިރާ ފިޔަވަޅުތައް ބާރުކޮށްލަމުން ގޭޓާ ދިމާލަށް ދުއްވައިގަންނަން އުޅުނު ނަމަވެސް، ސިހުނީ ފަހަތުން އައި މީހަކު އޭނަގެ އަތުގައި ހިފައްޓާ އޭނަ އެ ދިމާލަށް އަނބުރާލުމުންނެވެ. އައިރާ އެ އައި ގޮތަށް އައިސް ތަތްވީ ޒަހްރާންގެ މޭގައެވެ. އޭނާ ނިކަން އަވަސް އަވަހަށް ދުރުވެލި ނަމަވެސް، އޭރު ޒަހްރާންގެ ގަމީހުގެ މޭމަތި އައިރާގެ ކަރުނައިން ކުޑަކޮށް ތެމިއްޖެއެވެ.
ގިސްލަމުން ދިޔަ އައިރާގެ ކޯތާފަތުގައި ހިފައްޓައިލި ޒަހްރާން އޭނާގެ ބޮޑުވާ އިނގިލިން އައިރާގެ ކަރުނަތައް ފުހެދިނެވެ.
"ޝްޝްޝް..." ނުރޯށޭ ބުނުމުގެ ގޮތުން ޒަހްރާން ދެފަރާތަށް ބޯ ހޫރައިލިއެވެ. އެހެންނަމަވެސް، އައިރާ، މިފަހަރު ވެސް ދުރުވެލީއެވެ. ރުއިން ހުއްޓަން އޭނަ މަސައްކަތްކުރިއެވެ. އައިރާގެ އެ އަމަލުން ޒަހްރާން ހިތުގައި ޖެހުނެވެ. އޭނާ ކުރިއަށް ފިޔަވަޅެއް އަޅަން އުޅުނު ނަމަވެސް، އައިރާ ނޫނެކޭ ބުނެ ދުރަށް ޖެހިލި ގޮތުން ހުރިތަނުގައި މަޑުކޮށްލެވިއްޖެއެވެ.
(ނުނިމޭ)