ފީފާ ވޯލްޑްކަޕް 2026 ގެ ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ މެކްސިކޯ އިން ދެކުނު އެފްރިކާގެ މައްޗަށް 2-0 ގެ ނަތީޖާއަތުން ކުރިހޯދައި، ފެށުނ ރަނގަޅުކޮށްފިއެވެ.
މެކްސިކޯ ސިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު މެކްސިކޯ އިން ކާމިޔާބުކުރީ މުޅި މެޗު ޑޮމިނޭޓްކޮށްގެންނެވެ.
މެޗުގެ ފުރަތަމަ ލަނޑު 8 ވަނަ މިނެޓުގައި ޖޫލިއަން ކީނިއޯނެސް ކާމިޔާބުކޮށްދިންއިރު، ދެވަނަ ހާފުގެ 66 ވަނަ މިނެޓުގައި ރައުލް ހިމެނޭޒް ވަނީ މެކްސިކޯގެ ލީޑު ފުޅާކޮށްދީފައެވެ. މި މޮޅާއެކު މެކްސިކޯ އިން ވަނީ ގްރޫޕް އޭ ގައި ފެށުން ރަނގަޅުކޮށްފައެވެ.
ނަމަވެސް، މި މެޗު އެންމެ ބޮޑަށް ފާހަގަކުރެވިގެންދިޔައީ ދަނޑުމަތީގައި ފެނިގެންދިޔަ ހޫނުގަދަ ކުރިމަތިލުންތަކާއި ރެފްރީ ދެއްކި ތިން ރަތް ކާޑެވެ.
އެގޮތުން މެޗުގެ 49 ވަނަ މިނެޓުގައި ސައުތު އެފްރިކާގެ ޔާޔާ ސިތޯލް އަށް ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލިއިރު، 83 ވަނަ މިނެޓުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަހު އެ ޓީމުގެ ތެމްބާ ޒުވާނޭ އަށް ވެސް ވަނީ ރަތް ކާޑެއް ދައްކާފައެވެ.

ދެކުނު އެފްރިކާގެ ކުޅުންތެރިއަކަށް ރަތްކާޑު ދައްކަނީ--
ދެކުނު އެފްރިކާ 9 ކުޅުންތެރިންނަށް މަދުވެފައިވަނިކޮށް، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި މެކްސިކޯގެ ޑިފެންޑަރު ސެސާ މޮންޓޭސް އަށް ވެސް ވަނީ ރަތް ކާޑެއް ދައްކާފައެވެ. މިއާއެކު ދެ ޓީމަށްވެސް ކުރިއަށް ހުރި މެޗުތަކުގައި މުހިންމު ކުޅުންތެރިންތަކެއް ގެއްލުމުގެ ހާސްކަން ވަނީ ކުރިމަތިވެފައެވެ.
ފުރަތަމަ މެޗުން ބަލިވި ނަމަވެސް ދެކުނު އެފްރިކާއަށް ބާކީ ދެ މެޗުން މުބާރާތުގެ އަނެއް ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. އަދި މެކްސިކޯއިން އަމިއްލަ ފަސްގަނޑުގައި ކުޅޭ ދެވަނަ މެޗުން ދެކުނު ކޮރެއާ ބަލިކޮށް ދެވަނަ ބުރުގެ ޖާގައެއް ހޯދުމުގެ އުންމީދު އައުކުރުމުގެ ފުރުސަތު އެބައޮތެވެ.
މި ހޫނުގަދަ ކުރިމަތިލުމަށްފަހު، ގްރޫޕް އޭ ގެ ފޯރި އިތުރަށް ގަދަވެގެންދާނީ ކުރިއަށް އޮތް މެޗުތަކާއެކުގައެވެ. ރަތްކާޑު ދެއްކި ކުޅުންތެރިން ނުލައި ދެ ޓީމުންވެސް ދެން ނުކުންނަން ޖެހޭނީ ގްރޫޕް ސްޓޭޖުގެ މުހިއްމު މެޗުތަކަށެވެ.
އެގޮތުން ދެކުނު އެފްރިކާ ދެން ނުކުންނާނީ ޖޫން 18 ވާ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖޭ ގަޑިން 21:00 ގައި އެޓްލާންޓާގެ މާސިޑީޒް ބެންޒް ސްޓޭޑިއަމްގައި ޗެކް ރިޕަބްލިކާ ދެކޮޅަށެވެ.
ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެކުނު އެފްރިކާއަށް ބާކީ އޮތް ދެ މެޗުން މުބާރާތުގެ އަނެއް ބުރަށް ދިއުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ.
މެކްސިކޯގެ ކުރިއަށްއޮތް ކުރިމަތިލުން އޮންނާނީ ޖޫން 19 ވާ ހުކުރު ދުވަހުގެ ހެނދުނު ރާއްޖެގަޑިން ފަތިހު 06:00 ގައި އެސްޓާޑިއޯ އެކްރޮންގައި ދެކުނު ކޮރެއާއާ ދެކޮޅަށެވެ.
އެއަށްފަހު، ޖޫން 25 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 06:00 ގައި ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުގައި މެކްސިކޯ އާއި ޗެކް ރިޕަބްލިކް ބައްދަލުކުރާއިރު، ހަމަ އެ ގަޑީގައި ދެކުނު އެފްރިކާ ނުކުންނާނީ ދެކުނު ކޮރެއާއާ ދެކޮޅަށެވެ.