"މާޒީ ވޭތުވެގެން ހިގައްޖެއެވެ. އަދި މުސްތަގުބަލް އޮތީ ދުރުގައެވެ. މިވަގުތުކޮޅަށް ސަމާލުކަން ދީގެން ހުރިހާ ކަމެއް ރަގަޅަށް ކުރަން އަޒުމް ކަނޑައަޅާށެވެ. ﷲތައާލާއަށް ވަކީލުކުރާށެވެ."
***
އަޒާލީއާއި ހީރާވެސް ލޯ ބޮޑުކޮށްގެން ތިބީ ބުނާނެ އެއްޗެއް ނޭގިފައެވެ. އެންމެނަށް އެ ޚަބަރު ފަތުރާ ފޮނިކަނޑަމުންދަނިކޮށް އެ ޕްރޮޖެކްޓަށް އެސްފީނާގެ ހިޔަނި އެޅިއްޖެއެވެ. ނޫނީ މާ ދުރަށްދާނެކަމެއް ނެތެވެ. އެކަމާއިހެދި އެންމެ ދެރަވެ ހިތާމަކުރާނީ ބޮޑުދައިތައެވެ. ޒިހާމްއާއި އަދަލް އަޅާ ކިޔުން ނޫންކަމެއް ނުކުރެއެވެ. ސަރަފީނާގެ ލޮލުގެ ވިހަގަދަކަމެވެ. ބަދު ދުޢާނޫން ކަމެއްވެސް ނޭގެއެވެ.
"އެސްފީނާ..ސަރަފީނާ ދައްތަ އަބަދު ދޮންބެއާއި އަދަލް އަޅާކިޔާނެ.." ހީރާ ބުނެލިއެވެ.
އެވަގުތު މީހެއްގެ ފިޔަވަޅުގެ އަޑު އިވުމުން އެންމެނަށް ބަލައިލެވުނެވެ.ދޮރުމަތީގައި ހުރީ ސަރަފީނާއެވެ. އެމޫނުމަތިން ފެނުނީ މޮޅިވެރިކަމުގެ އަސަރުތަކެވެ.ދީނުގައި މީހުން ނެތްތަންތާގައި ވާހަކަދެއްކުން މަނާކުރައްވާފައިވަނީ އެހެންވެއެވެ.
"ސަރަފީނާ ދައްތަގެ އެސްފީނާ ކާކަށްތަ ޖެހުނީ ހީރާ؟"
"ދޮންބެއަށް.."ހީރާ ކުށްވެރިކުރިއެވެ.
"ސާބަހޭ ހީރާ..ބޮޑުދައިތައަށް އިހުތިރާމްކުރާށޭ ކިތައް ދުވަހު ބުނާނީ އެކަމަކު ކަންފަތަށް އިވޭކަމަކަށް ނުވޭ....."މާރިޔާ އަޑުލިއެވެ. އޭނަ އަބަދުވެސް މޫނުމަތީގައި ރީތިކޮށް ވާހަކަދައްކަން މަސައްކަތްކުރެއެވެ."ސަރަފީނާ ކައިގެން ދާންވީނު......"
"މިއައީ ކައިގެން...ޒިހާމް ކައިރީ ކަމަކު ކިޔަން މިއައީ......"ސަރަފީނާ ޒިހާމްގެ ގާތުގައި ގޮނޑި އަޅައިގެން އިށީނެވެ.
"އޯކޭ ދައްތަ...."ޒިހާމް ބުމަ އަރުވައިލިއެވެ.
"އަދަަލްއަށް ތި ރިޒޯޓުން ވަޒީފާއެއް ދީބަލަ ކޮއްކޯ..އަދަލްއާއިމެދު އަނިޔާވެރިވެ ބޭއިންސާފުން އަމަލުކުރެވޭއިރު ހަމަ ގާތް މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނީ..ހާލުގައި ޖެހުނު ދުވަހު އެހީތެރިވެދިން ބަޔަކަށް އަދަލްވެސް އިހުސާންތެރިވެ އެކަމުގެ އަގު އަދާކޮށްދޭނެ...މިއަދު އަދަލް އެއްބަސްވާން ބޭނުންނުވިކަމުގައި ވިޔަސް އަދަލްއަށްވެސް ފައިސާ މުހިއްމުވާނެ...ދައްތަމެންނަށް އެނގޭތަ؟ މި ބަދޫރާގެ ނޯޔާ ބުހުތާނު ދޮގެއް ހަދައިގެން އަދަލް ވަޒީފާއިން ކަނޑައިލީ...އަދަލް އެވާހަކަ ނުބުނެ ހުއްޓާ ރަށުތެރެއިން އެކަންތައް ހިނގިގޮތް އިވުނީ...އަދަލް އެކަހަލަ ކަމެއްނުކުރާނެކަން އެނގޭނީ މަންމައަށް.މަންމައެއްވިއްޔާ ދަރިފުޅުގެ މިޒާޖާއި އުޅުން ހުންނަގޮތް އެނގޭނެ. އަދަލް ކަންނެތްވެދާނެ..ދައްތަމެން ނުދިނަސް މިގެއަށް ވަދެ ކައިބޮއި ނިދައިގެން އުޅެދާނެ..އެކަމަކު އަންހެނެއްގެ ގަޔަށް އަތެއްނުލާނެ..ޔަގީންކަމާއެކު މިބުނަނީ............"ސަރަފީނާ ދަރިފުޅު ދިފާއުކުރިއެވެ.
"އަމިއްލަ ދަރި ދޮންފުތުވާނެ އެންމެނަށް. ދައްތައަކީވެސް އޭގެ މިސާލެއް...އަދަލް ކުރާ ނުބައި ކަންތައް ނުފެންނާނެހެން ލޯ މަރާލައިގެން ހުންނަނީ..ދައްތައަށް އަދަލް ގެ ޗާލާކުކަމުން އަނދިރި ފަރާތް ފޮރުވައިގެން ހުރެވިދާނެ...އަމިއްލަ ލޮލުން ދުށީ އެމިލގެ އަތުގައި ހިފަނިކޮށް..."ޒިހާމް ގެ އަޑުގައިވީ އިންތިހާ ދަރަޖައިގެ ނުރުހުމެވެ.
"ނޯޔާ ވެސް ނުބުނޭ އަދަލް ގަޔަށް އަތްލިއޭ..ޕިއްޒާއާއެކު އަތުގައި ހިފީޔޯ.."އަޒާލީ މަލާމާތުގެ ހިނިގަނޑެއްޖަހައިލިއެވެ."އެވަރުކަމެއް ހިނގާފާނެއްނު..އެއީ ދައްތަމެންގެ ނަޒަރުައި އަދަލް ކުރި ގޯސްކަމެއްނޫން...އަންހެނެއްގެ އަތުގައި ހިފައިލީ....އެކަމަކު މިޒަމާނުގައި ނުބައި ނިޔަތަކުން ބަލައިލުމަކީވެސް ފާފައެއް...... ދައްތަވެސް އެވަރު ގަބޫލުކުރަންވާނެ.."
"އަދަލް ވަޒީފާއިން ކެނޑީ އެ މައްސަލައިގާ..ނޯޔާ އެހެން ބުނެގެން...ދޮގު ހަދައިގެން...."ސަރަފީނާ ބުނެލިއެވެ.
"އޯ...ސޮރީ..އަދަލްގެ ކުށް..." ހީރާގެ އަނގަ ހުތްވިއެވެ.
"ދައްތަ މިބުނަނީނު އަދަލް ނޯޔާއާއި ދިމާލަށް ބަލާވެސް ނުލާނެ..ކިހިނެއް އަތުގައި ހިފާނީ....އެހެން ފިރިހެނެކޭ ބުނިނަމަ ނޭގޭ...އަދަލް ނުކުރާނެ އެކަހަލަކަމެއް..........."ސަރަފީނާގެ ހިތުގައި އޮތީ ނުގުޑާފަދަ ޔަގީންކަމެކެވެ."ޒިހާމް ބުނެބަލަ.......އެމިލީގެ އަތުގައި އަދަލް ހިފީ ކޮންއިރަކު؟"
"އެއީ ކުރީ ދުވަހު ހަމަ މިތަނުގައި..."
"ޒިމް...ޕްލީޒް..ނޮޓް ނައު..."އެމިލީއަށް ބުނެވުނެވެ. އޭނަ އިނީ ޒިހާމް އެމިލީގެ އަތުގައި އަދަލް ހިފި ވާހަކަ ދައްކަން ފެށުމުން ނުތަނަވަސްވެފައެވެ. އެއީ އޭގެ ފަހަތުގައި އެހެން ސިއްރެއް ފޮރުވިފައި އޮތީމައެވެ.
"ޒިހާމް..އަދަލް ވަޒީފާއަކަށް ނުގޮސް އެހެންހުރީމަ އެންމެން މަލާމާތްކުރާވަރުން މަގަށް ނުކުމެލަން ނުކުރޭ..ރިޒޯޓެއް ހުޅުވާއިރު ހުންނާނެއްނު ބައިވަރު މަސައްކަތް..އަދަލްއަށް......."
"ދައްތާ..." ޒިހާމް އެ ޖުމްލަ މެދުކަނޑައިލިއެވެ. އޭނާގެ މޫނުމަތިން ފެނުނީ ފޫހިކަމާއި ކެތްތެރިކަން ކޮޅުންލާފައިވާ ކަމުގެ ނިޝާންތަކެވެ. "ދައްތަ ތި އަންނަނީ އަބަދުވެސް އަދަލްގެ ކަންނެތްކަން ދިފާއުކުރަން. މި ރިޒޯޓަކީ ކުޅޭކުޅޭ ތަނެއް ނޫން. އެތަނަށް ބޭނުންވަނީ ޒިންމާދާރު މަސައްކަތްކުރަން ކެރޭ މީހުން. ނޯޔާގެ އަތުގައި ހިފި މައްސަލައެއް ނޫން މިތާ މިއޮތީ، އޭނަގެ އުޅުން ހުރި ގޮތުން ވަޒީފާއިން ވަކިވީމާ ދެން މަގޭ ރިޒޯޓުން އޭނައަށް ޖާގައެއް ނެތް."
ސަރަފީނާގެ ހިތުގައި ޖެހުނެވެ. އެހެންނަމަވެސް އޭނާ ހިތްވަރު ދޫނުކޮށް ޒިހާމްގެ މޫނަށް ބަލައިލިއެވެ. "ޒިހާމް.. ކޮއްކޯ... ދައްތަ މި ބުނަނީ ދޮގެއް ނޫން. އަދަލްގެ ހިތް ސާފުވާނެ. އޭނާއަށް އެންމެ ފުރުސަތެއް ދީބަލަ. އާދޭސްކޮށްފައި މިބުނަނީ....އޭރުން އޭނަގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އަތުވެދާނެ. ހިލޭ މީހެއްނޫނެއްނު..."
"ސޮރީ ދައްތަ.."ޒިހާމް ދެކޮޅުހެދިއެވެ.
"ސަރަފީނާ..އެހެނެއްވެސް ނޫން..ޒިހާމް ދެންމެ ދެއްކީ އެ ޕްރޮޖެކްޓް ކުރިއަށް ގެންދެވޭނެގޮތެއް ނެތިގެން އެވާހަކަ...ތަމީމްވެސް ދަރިއަކަށްވިޔަސް އެވަރުގެ ބޮޑު އެހީތެރިކަމެއް ފޯރުކޮށެއްނުދޭނެ...އެހެންނޫނަސް އަދަލްއަށް އަދަބާއި އަޚުލާގު ކިޔަވައިގެން ނޫނީ ވަޒީފާއެއްގައި އުޅެވޭނެހެން ހިޔެއްނުވޭ.." މާރިޔާ ހިނިތުންވެލިއެވެ.
***
އަދަލް ރަށުގެ ހިމޭން މަގަކުން ހިނގާފައި ދިޔައިރު އޭނަގެ ހިތަށް ވަނީ ބަޔާން ނުކުރެވޭފަދަ އުދަގޫތަކެއް ވެފައެވެ. ވަޒީފާ ގެއްލުމާއި އޭނަގެ އަބުރަށް އަރަމުންދާ ހޫނު ވައިރޯޅިތަކުގެ ސަބަބުންނެވެ. ޖެހެމުންދިޔަ ވައިރޯޅިތައްވެސް އިވެންފެށީ މީހުން ވައި އަޑުން މަލާމާތްކުރާފަދައިންނެވެ. އެންމެފަހުން މިސްކިތަށް ވަނުމާއެކު އެހެން އާލަކަށް ވަދެވުނުފަދަ އިހުސާސެއްވެ ހުރިހާ އަޑުތަކެއް ހިމޭންވިއެވެ. ނަމާދުން ލިބުނީ ހިތްހަމަޖެހުމާއި ފިނިކަމެވެ. ގެއަށް އައުމާއެކު މަޑުކޮށްލެވުނީ ސިދްރާގެ ކޮޓަރީގެ ދޮރުމަތީގައެވެ.
އޭނަ މަޑުމަޑުން ގޮސް ސިދުރާގެ ކޮޓަރީގެ ދޮރުގައި ޓަކިޖަހާލިއެވެ. ދޮރު ހުރީ އެތެރެއިން ތަޅުލާފައެވެ. ސިދުރާ ދުވަހަކުވެސް އެއްވެސް މީހަކު އެ ކޮޓަރިއަކަށް ނުވައްދައެވެ.
"ސިދުރާ... ދޮރު ހުޅުވަބަލަ...ވާހަކައެއް ދައްކައިލަން........." އޭނަ ގޮވައިލިއެވެ.
އިރުކޮޅަކުން ދޮރުގެ ތަޅު ހުޅުވުނު އަޑު އިވުނެވެ. ދޮރު ހުޅުވާލި ސިދުރާގެ ލޮލުގައި ހުރީ އާދަޔާ ހިލާފު ވިދުވަރެކެވެ. އެންމެންގެ ކުރިމަތީގައި ދައްކާ މޮޔަ ހަރަކާތެއްނެތެވެ. މޫނުމަތިން ފެންނަނީ ވިސްނުންތޫނުކަމެވެ.
"އަދަލް؟ ކީއްކުރަނީ މިތާ؟" ސިދުރާ ހައިރާންވިއެވެ.
"ސިދުރާ... އަހަރެން... އަހަރެން ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގައި މިހުރީ. އެންމެން އަހަރެން ކުށްވެރިކުރަނީ....އާއްމުކޮށް އެކަހަލަ ކަންތައްތަކާއި އަޅާނުލަން..އެކަމަކު މަންމަ އެކަމާއި ވާނެ ދެރަ ހިތަށް އަރާވަރުން މިއުޅެނީ..މަންމައަށްޓަކާ ވަރަށް ގިނަ ހުވަފެންތައްދެކެން...މަންމަ ހައްޖަށް ފޮނުވަން ބޭނުން...ރަގަޅު ގައުމަކަށް ބޭސްކުރުވަން ގެންދަންވެސް.އެކަމަކު އެ ފެންވަރެއްނެތް....." އަދަލް އިސްދަށަށް ޖަހާލަމުން ބުންޏެވެ.
ސިދުރާ އަދަލްގެ މޫނަށް ބަލަން ހުރީ ހަދާނެގޮތެއް ނޭގިފައެވެ.. އޭނާއަށް އެނގެއެވެ. އަދަލްއަކީ ކަންނެތް މީހަކަށް ވިޔަސް، އަޚުލާގު ރަގަޅު ޒުވާނެކެވެ. އަމިއްލަ ނަފުސާއިމެދު ފަރުވާލެއްނެތަސް މަންމަދެކެ ލޯބިވާ މަންމަގެ އިހުސާސްތަކަށް ގަދަރުކުރަން ދަނެއެވެ. މަންމަ ހިތާމައިގާވާތަން ދެކެން ކުޅަދާނަ ނުވާ ސަބަބަކީ އެއީއެވެ.
"އަދަލް... އެންމެން ކިޔާ އެއްޗިއްސަށް އަޅާނުލާ..... އެތެރެއަށް ވަދެ އިށީދެލަންވީނު......." ސިދުރާ ފުރަތަމަ ފަހަރަށް މީހަކަށް އެ ކޮޓަރިއަށް ވަނުމަށް ދައުވަތުދިނެވެ.
އޭނަ އެތެރެއަށް ވަދެފައި ހައިރާންވެގެން ދެލޯ ބޮޑުވިއެވެ. ކޮޓަރީގެ ފާރުތަކުގައި ހުރީ އާދަޔާ ހިލާފަށް ރީތި އަގުބޮޑު ފާޑެއްގެ ފްރޭމްތަކެއްގައި ހުރި ޢަރަބި ކެލިގްރަފީގެ މޮޅު ކުރެހުންތަކެވެ. މޭޒުމަތީގައި ތަފާތު ކުލަތަކާއި ޚާއްޞަ ގަލަންތައް ހުއްޓެވެ.
"މިއީ ސިދްރާގެ މަސައްކަތްތަ؟" އޭނައަށް އަހާލެވުނެވެ.
"އާނ.. އަދަލް........." ސިދުރާ ގެ މޫނަށް ރަތްކަމެއް ވެރިވިއެވެ."އަހަރެން މޮޔައަކަށް ހެދިގެން މިއުޅެނީ ސަބަބެއް އޮވެގެން. މަންމަ ނިޔާވުމުގެ ކުރިން ބުނި ހަސަދަވެރިކަމަކީވެސް އޮންނަކަމެކޭ....ވަރަށް އެސްފީނާޖެހޭނެއޭ...ޚާއްސަކޮށް ބޮޑެތި އާއިލާތެރޭގައި އެކަހަލަ ކަންތައްތައް އޮވެއޭ... އެހެންވެ މިރަށަށް އައިފަހުން އެކަންތައް އެހެންމީހުންނަށް އެނގޭކަށް ބޭނުންނުވީ.... ހުނަރާއި ވިސްނުން ފޮރުވަން މިތާ އެކަނި އިނދެ ކުރާ ކަމަކީ މިއީ. އަހަރެންގެ ވިސްނުމަކީ މި ކެލިގްރަފީތައް ބޭރުގެ މިއުޒިއަމްތަކަށް ވިއްކުން."
އޭނައަށް ސިދުރާގެ ހިތްވަރާއި ތޫނުފިލިކަން ފެނި ހިތުގައި ސިދުރާއަށް އޮތް ގަދަރު އެތައް ގުނައެއް އިތުރުވިއެވެ.
"ސިދުރާ... އެދުވަހު ބުނީމެއްނު ދެމީހުން ކައިވެނިކުރާނީއޭ.... އަހަރެން ފަދަ ހާލުގައި ޖެހިފައި ހުރި މީހަކާ މެރީކޮށްފާނަންތަ؟"އެނަގެ އަޑުގައިވީ ސީރިޔަސްކަމެވެ.
ސިދުރާ އަދަލްގެ ލޮލަށް ބަލައިލިއެވެ. "އަދަލް... އެދުވަހު އެހެން ބުނީ ސަމާސާއަކަށް...ހީރާމެންނަށް އަޑުއިއްވަން.."
"އެކަމަކު ހިތަށް އަރަނީ އަހަރެމެން ދެމީހުން މިހެން ވާހަކަދެއްކުން ދީނީގޮތުން ހުއްދައެއްނުވާނެއޭ...ނޭގިވެސް އެކުވެރިކަމުގެ ގުޅުން މިދަނީ ވަރުގަދަވަމުން...މިއީ ރަގަޅުކަމެއްނޫނޭ ހިތަށް އެރީ...ކައިވެނިކޮށްފިއްޔާ ދެކޮޓަރީގައި އުޅެމުންވެސް ހަމަ މިހެން އުޅެވިދާނެ ދޯ..މީހުންގެ ދޫތަކުން ސަލާމަތްވާނެ...ހިލޭ މީހުން މިހެން ވާހަކަދައްކަން ތިބުންވެސް އޯކޭއެއްނޫން..."އަދަލް ބަލައިލީ ހުޅުވާފައިވާ ދޮރާއި ދިމާލަށެވެ.
"ކޮޓަރި މިހިރީ ހުޅުވާފައި..ދައްތަ ހުންނާނީ ހަމަ އަހަރެމެންގެ ހަރަކާތްތައް ދެކެން........"
"އެކަމަކު.މަންމަ ނެތަސް ވާހަކަދައްކަމެއްނު...އެކީގައި އުޅެމެއްނު...ވިސްނާލަބަލަ..އެކަމަކު ސިދްރާ އެ ޚިޔާލުދިނީމަ އެކަމާއިމެދު ހަމަ ވިސްނައިލެވުނީ..ސިދްރާ ބޭނުމިއްޔާ ނޫނީ އަހަރެމެން ވާހަކަ ނުދައްކާ ހުއްޓާލަމާ..ނޫނީ އެހެން ކޮންމެވެސް ވާހަކައެއް ރަށުތެރޭގައި ދެކެވެންފަށާފާނެ.."އަދަލް ތެދުވުނެވެ." ކެލިގްރަފީތައް ވަރަށް ފުރިހަމަ.."
"މަންމަ އޯކޭވާނެތަ؟"
އަދަލް ހިނިތުންވެލިއެވެ.
***
އަދަލް އޭނާގެ ސާފިންގް ބޯޑު ހިފައިގެން އެކަނިމާ އެކަނި ރަށުގެ ފަޅު ފަރާތު ގޮނޑުދޮަށަށް ދިޔައީ ހުރިހާ ހާސްކަމަކުން ސަލާމަތްވުމަށެވެ.ރާޅާ އަޅާ ނިންމާލުމަށްފަހު އެކަނިމާ އެކަނި ގޮނޑުދޮށުގައި ހިނގަމުން ދަނިކޮށް ނަޒަރުގައި އަޅައިގަތީ ރާޅުފަށަށް ލައްގާފައި އޮތް ތަފާތު އެއްޗެކެވެ. އެއީ ހުދާއި އަޅިކުލައިގެ އާދަޔާ ޚިލާފު ބޮޑު ގަލެކެވެ. އޭގެ ބޭރުފުށުގައި ހުރީ މެކުނު ކަހަލަ ތެޔޮ ގޮތެކެވެ. ނުބައިވަހެއް ނޭފަތުގައި ޖެހުމުން އަތް އަޅައިލެވުނެވެ.
"މިއީ ކޮން ކަހަލަ ގަލެއްތަ؟" އަދިލް ކުޑަކަކޫމައްޗަށް ތިރިވެ އޭގައި އަތް ޖައްސައިލިއެވެ. އޭރު އޭނާއަކަށް މިއީ ދުނިޔޭގެ ނިސްބަތުންވެސް އެންމެ އަގުހުރި ހުދަންބަރު މާވަަރެއްކަމެއް އެނގިފައެއްނެތެވެ. ނޭނގެއެވެ. އޭނަ ހީކުރީ އެއީ ކަނޑުން ލެއްގި ހިލަގަނޑެއް ކަމަށެވެ. އެކަމަކު އޭގައި ތަފާތު ސިފައެއް ހުރުމުން ގެއަށް ގެންނަން ހިތަށް އެރީއެވެ. އޭނަ ގޯންޏެއް ހޯދައިގެން އެ ނަގައިގެން ގެއަށް އައެވެ.
އޭނަ އެ ހިފައިގެން ގޮސް ބޭއްވީ އެމީހުންގެ ގޭގެ ފުރަގަހުގައި ހުރި ދުވަސްވީ ކުޑަ ގުދަނަކަށެވެ. އެތަނަކީ އެއްވެސް މީހަކު ވަދެއުޅޭ ތަނެއް ނޫނެވެ. ދޮރުގެ ތަޅު ހަލާކުވެ ފާރުތަކުގައި ފެހި ޖަހާ ފުރާޅު ބޮލަށް ވެއްޓެން ކައިރިވެފައި ހުރި ތަނެކެވެ. އެ ގުދަނުގެ ކަނެއްގައި ބާ ފޮށިތަކެއްގެ ފުރަގަހުގައި އެ މާވަހަރު ފޮރުވާލިއެވެ.
"މިއޮތީ ސަޅި އެއްޗެއް ހޯދިފައެއްނު.....ސިދްރާގެ ކުރެހުމަކަށް މިވެސް ހަމަ ރަގަޅުވާނެ....." އޭނާ އަމިއްލަ ނަފްސަށް ބުނެލިއެވެ.
ނުނިމޭ