"މާފުކުރުމަކީ ބަލިކަށިކަމެއް ނޫނެވެ. އެއީ މާތް ﷲގެ ރަޙްމަތްފުޅު އެދޭ އަޅަކަށް ލިބޭ އެންމެ ބޮޑު ނަސީބެވެ. އަހަރެމެންގެ ހިތްތަކުގައި މީހުންނަށްޓަކައި ރުޅިވެރިކަމާއި، ޙަސަދަވެރިކަން ގެންގުޅޭހާ ހިނދަކު، އެ ހިތަކަށް ދުވަހަކުވެސް ހަމަޖެހުމެއް ނުލިބޭނެއެވެ. އެކަމަކު، ﷲ އަށްޓަކައި އެންމެންނަށް މާފުކޮށް، ހިތް ސާފުކޮށްލާ ދުވަހު، އެ ހިތަށް ލިބޭ ފިނިކަމަކީ މި ދުނިޔޭގެ އެއްވެސް މުދަލަކުން ގަނެވޭނެ އެއްޗެއް ނޫނެވެ.
ﷲ އަކީ އެންމެ އޯގާވަންތަ، އެންމެ ރަޙީމްވަންތަ ފަރާތްކަމުގައި ވީހިނދު، އެކަލާނގެ އަޅުތަކުންނަށް ފާފަފުއްސަވައިދެއްވާ އިރު، އަހަރެމެން އިންސާނުންނަށް އެކަކު އަނެކަކަށް މާފުކުރުން ދަތިވާންވީ ސަބަބެއް ނެތެވެ.އެންމެންނަށް މާފުކޮށް ހިތް ސާފުކުރަން ވާނެއެވެ. ކުށްކުރެވޭނީ އިންސާނުންނަށެވެ. މާފުކުރުމަކީ މާތް މީހުންގެ ސިފައެކެވެ.
"އެއުރެން އަފޫކޮށް މާފުކުރާހުށިކަމެވެ.ﷲ ތިޔަބައިމީހުންނަށް ފާފަ ފުއްސެވުމަށް ތިޔަބައިމީހުން ނޭދެމުހެއްޔެވެ؟ ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ." (ސޫރަތުއް ނޫރު: 22)
***
ދެމީހުން އެކީގައި ކޮޓަރިން ނިކުންނަން ހިނގައިގަތްއިރު ކާދިން ދެއްކީ މުޅިންވެސް ދީނީ ހިދާޔަތުގެ ރީތި ވާހަކަތަކެވެ.
އޭގެ އިރުކޮޅެއް ފަހެވެ. މެހެރް ފޯނު ކަންފަތުގައި ޖަހައިލީ ފުޅާ ހިނިތުންވުމަކާ އެކުގައި ނަމަވެސް، ދާދި އަވަހަށް އެ ހިނިތުންވުން ގެއްލި މުޅި މޫނުން ކުލަވަރު އޮއްސި، ކުއްލިއަކަށް އަނގަމަތީގައި އަތް އެޅުނެވެ.
ލިބުނު ސިހުމެއްގެ ބޮޑުކަމުން ކޮޓަރީގެ ފާރުގައި ލެނގިލެވުނުއިރު ހިތުގެ ވިންދު ހުއްޓުނު ކަހަލައެވެ. މީހަކު އޭނަ އެޕްރިލް ފޫލް ހެއްދީހެއްޔެވެ؟
"ކީކޭ؟ ހަމަ ރަގަޅަށްތަ؟" މެހެރްގެ އަޑު ތުރުތުރުއެޅިއެވެ. ހަށިގަނޑުން ހަކަތަ ހުސްވެ ކައިރީގައި ހުރި ފާރަާް ލެނގިލެވުނެވެ. ފޯނުން އިވުނު ޚަބަރަކުން އޭނަގެ ދުނިޔެ އެފުށް މިފުށަށް ޖެހުނެވެ.
ބެލްކަނިން ބޭރަށް އޮއްސަމުން ދިޔަ ބޯ ވާރޭގެ ތިކިތައް ފަދައިން އޭނަގެ ހިތަށް ބިރުވެރިކަމުގެ ރާޅުތައް ބިންދައިލިއެވެ. ކަންޒާ ދުރުކޮށްލަން އޭނަގެ ހިތުގައި ރާވަމުންދިޔަ ނުލަފާ ރޭވުންތައްވެސް އެންމެ ކޯލަކުން ފުނޑުފުނޑުވެއްޖެއެވެ.
"މަންމާ ކިހިނެއްވީ؟ ކާކު ގުޅީ؟"ކާދިން އޭނަގެ މަންމަގެ ގާތުގައި ހުއްޜުނެވެ. އެ މޫނުން ފެނުނު ކުލަވަރުން ހިތް ނުތަނަވަސްވިއެވެ.
މެހެރް ފޯނު ތިރިކޮށްލިއިރު އެލޮލުން ކަރުނަ ހިލިފައިވިއެވެ. އުފަލުގެ ކަރުނައެއްނޫނެވެ. ވޭނީ ކަރުނައެވެ.
"ކާދިން...މަންމަގެ މެނޭޖަރ...އާއިލާ...އެންމެން މަރާލާފައި އޭނަ އަމިއްލައަށް މަރުވީ................ހިތަކަށްވެސް ނާރާ..ކީއްވެ އެހެންވާންވީ؟ އެހާ ދަންނަ އަމިއްލަ އާއިލާފަދަ މީހުން...ކުދިން.."މެހެރްެ ހިތް ކުދިކުދިވިއެވެ.
"އައިމް ސޮރީ..."ކާދިންއަށް ބުނާނެ އިތުރު އެއްޗެއް ނޭގުނެވެ. މަންމަގެ މެނޭޖަރަކީ އީސާއީއެކެވެ. ޖަރުމަނު މީހެކެވެ. މަންމަ އެތައް ފަހަރެއްގެ މަތިން ޖަރުމަނަށްގޮސް ޝޯތައް ބާއްވާ އެތަނުގައި މަގުބޫލުކަން ހޯދާފައިވެއެވެ.
އެހިދނުކޮޅު ޖަހައިލި ބާރު ގުގުރީގެ އަޑާއެކު މުޅި ބެލްކަނީގެ ބިއްލޫރިގަނޑުވެސް ގުޑައިގެން ދިޔައެވެ. މެހެރްއަށް އަތުގައި އޮތް މުސްހަފަށް ބާރުކޮށްލެވުނެވެ. ހިދާޔަތާއި ޖަންނަތުގެ ވާހަކަތައް ދެކެވުނު އިރު އެމިހުންގެ ހަޔާތަށް އަންނަން އުޅޭ ބޮޑު ބަދަލެއްގެ ފެށުންހެއްޔެވެ؟މެހެރްގެ ހިތުގައި އަނދަމުން ދިޔަ ރުޅިވެރިކަމުގެ އަލިފާން މަޑުވެ ފުން ހައިރާންކަމާއި ނުތަނަވަސްކަމަށް ބަދަލުވެއްޖެއެވެ.
***
މެހެރް ކޮޓަރިއަށްވަންގޮތަށް އެނދުގައި އޮށޯވެލިޔަސް އޭނައަށް ލިބިފައިވާ ޝޮކާއި ބިރުން އަރައިގަނެވޭ ގޮތެއް ނުވިއެވެ. މަރަކީ ހާދަ ގާތުގައިވާ އެއްޗެކެވެ. އެހާ ޒުވާން އުމުރުގައި މަރުވުމަކީ ކޮންފަދަ ކަމެއްހެއްޔެވެ؟ އޭނަގެވެސް ހާދަ ހުވަފެންތަކާއި އުއްމީދުތަކެއް އޮތެވެ. ނަމަވެސް އެއްވެސް ކަމަކާއނުލާ އަމިއްލަ އާއިލާގެ އެންމެން މަރައިލުމަށްފަހު އަމިއްލަ ފުރާނަ ނަގައިލީއެވެ. އެފަދަ ނިމުމެއް އަންނާނީ ހާދަ މާޔޫސްވީމައެވެ.
މެހެރްގެ ލޮލަށް ނިދި ނައިސްގެން ފުރޮޅި ފުރޮޅި އޮއްވާ އޭނަގެ ޚިޔާލަށް އައީ އޭނަގެ ދަރިފުލު ކާދިން ގެ ވާހަކަތަކެވެ.
"މަންމާ..ދުނިޔޭގެ މަޖަލާއި މުނިފޫހިފިލުވުމާި ލަވަތަކާއި މޮޅުކަމާއި ފަޚުރުވެރިކަމަކީ ހަމައެކަނި ވަގުތީ އެއްޗެއް މަންމާ..ﷲގެ ކަލާމްފުޅު ވިސްނައިގެން ކިޔާލަންވީނު..އޭރުން މަންމައަށްވެސް ހަގީގީ ހިތްހަމަޖެހުމާއި އުފާވެރިކަން ލިބިދާނެ.."
"ހިދާޔަތަކީ މީހަކަށް ލިބޭނެ އެންމެ ބޮޑު ނިއުމަތް...މިއުޒިކް ތެރޭގައި އުޅޭމީހުންވެސް އުފާވެރިކަން ނުލިބިގެން ހެއްދެވި ފަރާތަށް އެނބުރި އާދޭ...." ކާދިން ބުނެފައިވިއެވެ.
އޭނަގެ ހިތް ތެޅިގަތެވެ. މާޔޫސްކަމާއި ބުރަހެލިކަމުން ގުޑައިލަން ބޭނުންނުވިޔަސް އެނދުގެ އަރިމަތީގައި ހުރި މޭޒުމަތީގައިވާ ފޮތްތަކުގެ ތެރެއިން މުސްހަފް ނެގިއެވެ. އޭނަގެ ނަޒަރު ހުއްޓުނީ އަންކަބޫތު ސޫރަތުގެ 64 ވަނަ އާޔަތުގެ މާނައަށެވެ.
"މި ދުނިޔޭގެ ދިރިއުޅުމަކީ ހަމައެކަނި ކުޅިވަރާއި މަޖަލެއްކަމުގައި ނޫނީ ނުވެއެވެ. ހަމަކަށަވަރުން ހަގީގީ ދިރިއުޅުންވަނީ އާޚިރަތުގެ ގޮވަތީގައިކަން ކަށަވަރެވެ. އެކަން އެމީހުންނަށް އެނގޭނެނަމައެވެ."
މެހްރެގް ލޮލުގައި ކަރުނަ ގިނަވެގަތެވެ."އަހަރެން މިކުރަނީ ކީއްތަ؟ އަހަރެންގެ މުޅި އުމުރު މިހޭދަކުރީ ލަވައިގެ ދުނިޔޭގައި....އަގުހުރި ވަގުތުތައް ބޭކާރުކޮށަްލެވުނީ ނޫންތަ؟ ޝޯ ތަކާއި ފޭނުންެ ލޯތްބާއި ދުނިޔޭގެ އުފާވެރިކަމުގެ ފަހަތުން ދުވެވުނީ ކީއްކުރަން؟ އަހަރެންގެ މެނޭޖަރަސް ވީގޮތް މާދަމާ އަހަންނަށްވެސް ވެދާނެ..ހަޔާތަކީ ހުސް އެއްޗެއްތަ؟"
އޭނަގެ ހިތުގެ ފުންމިނުގައި އޮތް ބިރުވެރިކަން މަޑުވެ ހިތަށް ހަމަޖެހުމެއް ލިބެންފެށީﷲގެ ކަލާމްފުޅުގެ ސަބަބުންނެވެ. އެ މޫރިތި އާޔަތްތައް އޭނަގެ ރޫހާއި ނަފުސްވެސް ހޭއްލަވާލައިފިއެވެ.
***
ވާރޭ ވެހޭ ހިތްގައިމު ދުވަހެކެވެ. ވިއްސާ ކޮޓަރީގެ ބޭރުގައިވާ ދިގު ކޮރިޑޯގެ ހިމޭންކަން ގެއްލުނީ ވާރޭގެ ބޯ ތިކިިތައް ފުރާޅުގައި ޖެހިގަންނަމުން ދިޔަ އަޑާއެކުގައެވެ. ކަންޒާ ލޭބަރރޫމުގައި އޮތް އިރު ކާދިންއަށް ހުރެވުނީ އިންތިހާ ދަރަޖައިގެ ހާސްކަންމަތީގައެވެ. ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ.އެހާސްކަން ފިލުވައިލަންވެގެން ކޮފީއެއް ހިފައިގެންގޮސް ގޮނޑީގައި އިށީދެގެން އިނެވެ. އެތަށި ފިނިވެފައި ހުއްޓަސް ދޭތެރެއަކުން ކޯވަރެއް ދަމައިލައެވެ. ހިތާހިތުން ދުއާކުރަމުން ދިޔައީ ކަންޒާއާއި އޭނަގެ ދަރިފުޅަށް ރައްކާތެރިކަން ދެއްވުމަށް އެދިއެވެ.
ފައިސަލް ކާދިން ކޮނޑުގައި މަޑުމަޑުން އަތް ބާއްވައިލީ ހުރިހާ ލޯތްބާއި ހިމާޔަތް އެއްފަހަރާ ދިން ފަދައިންނެވެ. އެއަތުގެ ހޫނުކަމުން އޭނަގެ މުޅި ނަފުސަށްވެސް އިހުސާސްވިއެވެ. ބައްޕައެއްގެ ލޯތްބާއި ގާތްކަންވެސް ހާދަ ހިތްހަމަޖެހުން ގެނުވާދެއެވެ. ކާދިން އިސްއުފުލާބަލައިލިއިރު ބައްޕަގެ ލޮލުގައި ވިދަވިދާހުރި ކަރުނަ ފެނުމުން ކާދިންގެ ހިތުގައި ވި ހާސްކަމުގެ މައްޗަށް ގަނޑުފެން އަޅައިލެވުނުހެން ހީވިއެވެ. އަދި ބައްޕަގެ އަތުގެ ހޫނުކަމުން ހިތްވަރު ލިބުނެވެ.
"ބައްޕާ...މިހާރު އަޅުގަނޑަށް އެނގިއްޖެ ބައްޕަ އޭރު ކިހާވަރަކަށް އަޅުގަނޑުމެންނާއިމެދު ހާސްވިކަން.."
"ކޮންމެ ބައްޕައެއްގެވެސް އެންމެ ބޮޑު އުފަލަކީ އަމިއްލަ ދަރިފުޅު ބައްޕައަކަށް ވާތަން ދުށުން...މިއީ ހަޔާތުގެ އެންމެ ރީތި ބާބު ...ކާދިން...." ފައިސަލް ހިނިތުންވެލަމުން ކާދިންގެ ކޮނޑުގައި އަތް ނެގުމަށްފަހު މޫނުގައި ފިރުމައިލިއެވެ.
ކާދިން ހިނިތުންވެލަމުން ބޯ ޖަހައިލިއެވެ."މަންމަ ނާންނަނީތަ؟"
"މަންމަ ބޮލުގައި ރިއްސާތީ މިވަގުތު އަންނަން އުޒުރުވެރިވީ..އެކަމަކު މަންމަގެހުރިހާ ދުޢާއެއްވަނީ މިތާގައި.."
ބައްޕަގެ ޖަވާބުން ހިތަށް އިތުރު ލުޔެއްލިބުނެވެ. ވާރޭގެ އަޑުވެސް އިވޭގޮތުން އޭނައަށް އިހުސާސްކުރެވުނީ ވާރޭވެސް އޭނަގެ މި އުފަލާއި ބައިވެރިވެ މަރުހަބާ ކިޔަނީހެންނެވެ.
***
ލޭބަރރޫމުގެ ތެރެއިން އެ އަޑު އިވުނީ އެންމެ އިންތިޒާރުކުރަމުން ދިޔަ ދުނިޔޭގެ އެންމެ ފޮނި މިއުޒިކް ފަދައިންނެވެ. ކުޑަކުޑަ ދަރިފުޅުގެ ރުއިމުގެ އަޑު އިވުމާއެކު، ކާދިންގެ ދެލޮލުން ކަރުނަ ފޭބިއެވެ. އޭނާގެ ހިތުގެ ތެޅުން ހުއްޓުނުހެން ހީވިއެވެ. ފައިސަލް އޭނާގެ ދަރިފުޅުގެ ކޮނޑުގައި ހިފަހައްޓާލަމުން ފަހުރުވެރިކަމާއެކު ހިނިތުންވެލިއެވެ.
ކާދިންގެ އަތްތިލަ މައްޗަށް އެ ކުޑަކުޑަ ދަރިފުޅު ލާދެވުނުއިރު އޭނާގެ ހިތް ފުރިގެން އައީ ބަޔާންކުރަން ދަތި ޝުޢޫރުތަކަކުންނެވެ. ހިތާހިތުން ﷲ ތައާލާއަށް އެތައްފަހަރު ހަމްދުކުރެވުނެވެ.އޭނަގެ މޫނުމައްޗަށް ދުނިޔޭގެ ހުރިހާ އުފަލެއް ޖަމާވިފަދައެވެ. ހުރިހާ ރީތިކަމެއް ހުސްކޮށްލައިގެން އޮތް އެ ތުއްތު ފުރާނަ ލޯ ހުޅުވައިލުމާއެކު ކާދިންގެ ލޮލުން ކަރުނަތިއްކެއް ފޭބިއެވެ. އުފާވެރިކަމުގެ ކަރުނައެވެ. އޭނަ އެތުއްތު މޫނުގައި ބޮސްދިނެވެ.
އެ މަންޒަރު ދެކެން ހުރި ފައިސަލްގެ ލޮލުން ވެސް އުފާވެރިކަމުގެ ކަރުނަ ފޭބިއެވެ. ކާދިން ބައްޕަގެ އަތަށް ދަރިފުޅު ލާ ދިނެވެ. ދެބަފައިންވެސް އެ އުފާވެރި ވަގުތު ހިއްސާކުރަމުން ތުއްތު ދަރިފުޅާއި ވާހަކަދައްކަމުން ދިޔައެވެ.
"ކާފަގެ ޕްރިންސެސް...އަލްހަމްދުލިﷲ.މަންމައަށް މިދަރިފުޅު ފެނުނީމަ ކަންޒާއާއި އޮތް ހުރިހާ ނުރުހުމެއް ނެތިގެންދާނެ......"
ވާރޭ ހުއްޓިފައިވާ ބޭރުގެ ފިނި މާހައުލާއި އެ ތަނުގައިވެސް އެވަގުތު އޮތީ ހަމަހިމޭން މުގައްދަސް ލޯތްބެކެވެ.
މިއީ ހަމައެކަނި ފުރާނައެއް ދުނިޔެއަށް އައުމެއް ނޫނެވެ. މިއީ ދެ ހިތެއް އެކުވެ އާ އާއިލާއެއްގެ ބިންގާ އެޅުނު ވަގުތެވެ. ރުޅިވެރިކަމުގެ ބަދަލުގައި ލޯތްބާއި އޯގާތެރިކަމަށް މެދުވެރި އަނެއް ވަސީލަތެވެ.
ކާދިން އެ ޚަބަރުދޭން ބޭނުންވީ އޭނަގެ މަންމައަށެވެ.
"ދަރިފުޅާ... ކިހިނެއް ޚަބަރު؟ ކަންޒާގެ ހާލު ރަގަޅުތަ؟" މަންމަގެ އަޑުގައި ހުރީ އިންތިޒާރުކުރާ ކަމުގެ ޖޯޝެވެ.
"މަންމާ..ދެންމެ އަޅުގަނޑުގެ ދަރިފުޅު އުފަންވީ....މަންމަ މާމައަކަށްވެއްޖެ..... ކަންޒާއާއި ދަރިފުޅުގެ ހާލުވެސް ރަގަޅު...."
"މަރުހަބާ ދަރިފުޅު..މަންމަގެ ބޮލުގެ ރިހުންވެސް ފިލައިފި...ވަރަށް އުފާވެރި ދުވަހެއް. އަަވަހަށް ފޮޓޯ ފޮނުވަބަލަ...މަންމައާއި ވައްތަރު ދޯ......"
މަންމަގެ ޖުމްލަތަކުން އޭނަގެ ހިތަށް އިތުރު އުފަލެއް ލިބުނެވެ. މަންމަގެ ޖުމްލަތަކުގައި ދެއްކުންތެރި ކަމެއްނެތެވެ. ހިތުގެ ފުންމިނުން އޭނަގެ އުފަލާއި ބައިވެރިވިކަން ޔަގީންވިއެވެ. މަންމަގެ ދުއާތަކުގެ ނަތީޖާ އޭނާއަށް ފެންނަމުން ދިޔައެވެ. ކާދިން ބޭރަށް ބަލައިލިއިރު ވާރޭވެސް އެއްކޮށް ހުއްޓާލައިފިއެވެ. އުޑުމަތި ސާފުވެ ވިލާތަކުގެ ތެރެއިން އިރުގެ އަލިކން ކޮންމެވެސް ވަރަކަށް ފެންނަން ފަށައިފިއެވެ. މިއީ އާ ހަޔާތެއްގެ ފެށުމެވެ.
***
މެހެރްއަށް ވެސް އެތުއްތު ދަރިފުޅު ފެނުމާއެކު ހިތުގައިވިހާ ހަސަދައާއި ނުރުހުމެއް ނެތިގެން ދިޔައީ ސްނޯއިން ހުރިހާ ހަޑިމިލަތައް ފިލުވައިލާފަަދައިންނެވެ. މެހެރްއާއި ފައިސަލްއަށްވެސް އެ ތުއްތު މޫނުކޮޅުވީ ހިތުގެ ހަމަޖެހުމަށެވެ. ފުރާނައިގެ ދިރުންކަމުގައެވެ. އެތުއްތު ދަރިފުޅު ކިރިޔާ ރޯލިޔަސް އެންމެން ކަންބޮޑުވެ ވީގޮތެއް ނޭގިގެން އުޅެގަންނައިރު އެހިތްތަކުގައިވާ ލޯބި ފާޅުކަން ބޮޑުގޮތަކަށް ފެނެއެވެ.
އެތަނުގެ މުވައްޒަފުންނަށް ކޮފީއާއި ސައި ހަމަޖެއްސުމަށްފަހު ކާދިންއާއި މެހެރް ރެސްޓޯރެންޓަށް ސައިބޯން ދިޔައީ ކަންޒާގެ އެކުވެރިންތަކެއް ޒިޔާރަތް ކުރި ވަގުތެއްގައި އެމީހުންނަށް ފުރުސަތު ދީފައެވެ. ދެމީހުންވެސް އޯޑަރުކުރީ ކޮފީއާއި ނާސްތާއަކަށެވެ.
"ދަރިފުޅު...މިއަދު މަންމަ ނިންމައިފިން..ލަވައާއި މިއުޒިކާއި ދުރަށް ދާން..."
"ރިއަލީ؟"ކާދިންއަށް އޭނަގެ މަންމަގެ އަތުގައި ހިފަހައްޓައިލެވުނެވެ. އެދެލޯ އުފަލުން ވިދައިލިއެވެ.
"އާނ ދަރިފުޅު..ފުރަތަމަ ސަބަބަކީ ދަރިފުޅު މަންމައަށް ދިން މުސްހަފް....ފޮނުވި ދަރުސް...ޑޭވިޑްއާއި އާއިލާ ނިމިގެން ދިޔަގޮތް...އަދި ދުނިޔެއަށް އިންސާނުން އައުމާއި މަރުވެގެން ދާގޮތް.މާމަ ދަރިއެއް ލިބުމުގެ އުފާ.....މިހުރިހާކަމަކާއިހެދި މަންމަ ވިސްނައިލުމުން އެނގެނީ ހެއްދެވި ފަރާތް އަންގަވާގޮތަށް އުޅުން ބަހައްޓަންޖެހޭކަމާއި މަރަށް ތައްޔާރުވުމުގެ މުހިއްމުކަން.. ޝޭޚު ބުނެދިނީ ރަގަޅު ވާހަކައެއް...ގިނަފަހަރު މީހުންގެ ސިކުނޑިތަކަށް ފީޑްކުރާ ނުބައި ކޮންޓެންޓްތަކުން އެހާ ނުލަފާ ރުޅިގަދަ އަނިޔާވެރި މީހުންނަށް ވެވެނީ..އޭގެ ބަދަލުގައި ﷲގެ ކަލާމްފުޅުން ސިކުނޑިއަށް ނޫރު ލިބުމުން އެ ސިކުނޑިއަށް ދިރުން ލިބި މުޅިންވެސް ރަގަޅުކަންތައްތަކަށް ފުރުސަތުދޭނީ..ރުޅިވެރިކަމަށް ދީނުގައި ޖާގައެއްނެތް...މާފުކުރަން ބާރު އަޅުއްވާފައިވަނީ..ނަމާދާއި ޒިކުރުން ކެތްތެރިވާން އަންގަވާފައިވަނީ...އާއިލާތަކަށްވެސް ހަަމަޖެހުމާއި އުފާވެރިކަން ލިބޭނީ ފައިސާއަކުން ނޫން...ދީނަށް އުޅެގެން..މަންމައަށް އެކަން ވިސްނިއްޖެ.. ތުއްތު މައުސޫމް މޫނަށް ބަލައިލުމަކީ އުފާވެރިކަން..ހިނިތުންވުމަކީ އުފާ..އެހެންވެ މަންމަ ނިންމީ ﷲ އަންގަވާފައިވާގޮތަށް އުޅެން...މިއުޒިކާއިއެކު ގުރުއާން އެެކީގައެއް ނުދާނެ...އެހެންވެ މަންމަ ޗޫޒްކުރީ ގުރުއާން.............."
ކާދިންގެ ލޮލުގައި އުފާވެރިކަމުގެ ކަރުން ބަބުޅަން ފެށިއެވެ. މަންމައަށް ހިދާޔަތް ލިބުމަށް އޭނަ ދުއާކުރި އަދަދެއްވެސް ނޭގެއެވެ. މެހެރް ތެދުވެގެން ގޮސް ކާދިންގެ ގައިގާ ކުޑަކޮށް ބައްދައިލިއެވެ.
***
އޭގެ ދެ ދުވަސް ފަހެވެ. ކަންޒާ ހޮސްޕިޓަލުން ދޫކޮށްލުމުން ގެއަށް އައިއިރު ދަރިފުޅުގެ ކޮޓަރިހުރީ ވަރަށް ރީތިކޮށް ޒީނަތްތެރިކޮށްފައެވެ. މުޅިންވެސް ހުދާއި ފިޔާތޮށިކުލައިގައެވެ. އެންމެން އެކީގައި ވަގުތު ހޭދަކުރުމަށްފަހު ކާދިންއާއި ކަންޒާ ދަރިފުޅާއިއެކު އެކަނިވިއެވެ.
"އަހަރެމެންގެ ދަރިފުޅު ހާދަ ލޯބިއޭ....ކަންޒާއާއި ކަން ނޭގޭ ވައްތަރީ......" ކާދިންގެ އަޑުގައި ހުރީ އިންތިހާ ދަރަޖައިގެ ލޯތްބާއި ފަހުރުވެރިކަމެވެ.
"މިހާ ތުއްތުއިރު ޔަގީންކޮށް ބުނާކަށް ނޭގޭނެ..ކުދިން ވަރަށް ބަދަލުވެއެއްނު........އެކަމަކު މަންމަގެ އެސްފިޔަތައް މިހާ ދިގުކޮށް ހުންނަނީ..އަދި ލޮލުގެ ކުލަވެސް..." ކަންޒާއަށް އެތުއްތު އަތުގައި ބޮސްދެވުނެވެ.
ކޮޓަރީގެ ދޮރުގައި ޓަކިދިންގޮތުން ކަންޒާގެ ހިތް އަވަސްވިއެވެ. އައިރްމެން އެނބުރިއައީހެއްޔެވެ؟ ކާދިން ދޮރު ހުޅުވައިލިއިރު ދޮރުމަތީގައި އައިރްއާއި އާރާ ތިބިތަން ފެނި ކަންޒާގެ ހިތް އަވަސްވިއެވެ.އެކުދިންގެ އަތުގައި ޕާރުސަލްތަކެއް ހުއްޓެވެ.
"ދޮންތާ.ކާދިން ބެ......"އައިރްއާއި އާރާގެ މޫނުމަތިންވެސް ލަދުގެންފައި ތިބިހެން ހީވިއެވެ."އަހަރެމެންނަށް މާފުކުރޭ...ދޮންތަގެ އެންމެ އުފާވެރި ދުވަހު ބައިވެރި ނުވެވުނު..."
"އިޓްސް އޯކޭ..މިހާރު ބައިވެރިވެވުނީނު."
އާރާ އަވަހަށް ދަރިފުޅު އުރައިލަން އުޅުނެވެ. މަޑުވެފައި ދުވާ މީރުވަހުން ހިތްތައްލޯބިން ފުރޭފަދަ މަލެކެވެ.
އައިރް ދަރިފުޅުގެ ކޮލުގައި އިނގިލި ޖައްސާލިއެވެ. "އަލްޙަމްދުލިﷲ...... ﷲއަށް ޝުކުރުކުރަން... މިފަދަ މައުސޫމް ފުރާނައަކުން އަހަރެމެންގެ އާއިލާ އަލުން މި ގުޅުވައިދިނީތީ..."
ބޭބީ މިވަނީ އެންމެންގެ ހިތްތަކުގެ ރުޅިވެރިކަން މުޅިން ފިލުވާލާފައި......."ކާދިން ބުނެލިއެވެ.
"ބޭބީ ވައްތަރީ މަންމައާއި..."ޢައިރް އަތް ދިއްކޮށްލުމާއެކު އެކުޑަ ދަރިފުޅުގެ އިނގިލިތަކުން އައިރްގެ އިނގިއްުޔެއްގައި ބާރަށް ހިފެހެއްޓީ މެސެޖެއް ދޭންކަން ނޭގެއެވެ. އެތުއްތު ފުރާނަ ދޫކޮށްފައި ނުދާށޭ ބުނިފަދައެވެ. އައިރްއަށް އެ އަތުގައި ބޮސްދެވުނެވެ.
"ދޮންތާ..ބޭބީވެސް ބުނަނީ މަޑުކުރާށޭ.."
"އާނ އެހެންނުވާނީ...ކިތަންމެ ކުޑަ ފުރާނައަކަށްވިޔަސް އެކަހަލަ ކަންތައް ފަހުމްވާނެ...."ކާދިން ދަރިފުޅުގެ އިސްތަށިކޮޅާއި ކުޅެމުން ދިޔައިރު ކަންޒާ ފޮޓޯތައް ނެގިއެެވެ. ދަރިފުޅު ނިދަންދެން ސަކަރާތްޖަހަން ތިބެފައި ވާހަކަދެއްކުމުގެ ތެރޭގައި އައިރް ބުނެލިއެވެ.
"މަންމަ އައިރްމެންނަށް ދަސްކޮށްދިނީ މާފުކުރަން..ގުޅުން ނުކަނޑަން...ނޫނީ ދިރިއުޅުމުގައި ބަރަކާތެއް ނުލައްވާނެ...އެހެންވެ މާފުކޮށްފިން..އެކަމަކު ހަގީގަތަކީ ދޮންތަބުނިހެން ކާދިންބެ މަންމައަށްޓަކާ ކޮށްދިނީ އައިރްމެންނަށް ނުކުރެވޭފަދަ ކަންތައްތައް..އެކަމަށްޓަކާ ޝުކުރުވެރިވާންވީމަ ދުވެވުނީ ދުރަށް..ސޮރީ..."
"ﷲ ގެ ރަހުމަތް...ދެރަ ކަންތައްތަކަށްފަހު އުފާވެރިކަންވެސް ދިރިއުޅުމުގައި އަންނާނެ......." ކަންޒާ އޮށޯވެލައިގެން އޮތްއިރު އާރާގެ ފޯނުގައި ހުރި ފޮޓޯތައް ދައްކަމުން ދިޔައެވެ.
"ދޮންތަމެންވެސް އާރާމެންނާއެކު ލަންޑަނަށްބަދަލުވާން ވީނު.."
"އިންޝާﷲ.....ލަންޑަންއިން ގެއެއް ގަންނަންވެގެން ވިސްނައިގެން މިހިރީ......އޭރުން ހުރިހާ އެންމެނަށް އެކީގައި ދިރިއުޅެވޭނެތާ..."ކާދިން ބުނެލިއެވެ.
އެންމެން އެކި މައުޟޫތަކަށް ވާހަކަދައްކަން ތިއްބާ ފައިސަލްގެ ދެމަފިރިންވެސް ކޮޓަރިއަށް އައެވެ.މުޅި ކޮޓަރިތެރެ އެކުވެރިކަމާއި ލޯތްބާއި އުފާވެރިކަމުން ފުރިގެން ދިޔައެވެ. އުފާވެރި ދުވަސްތަކެއްގެ ފެށުން މި އައީ އެންމެންވެސް އެކްސިޑެންޓްތަކުގެ މަތިން ހަނދާން ނައްތާލާފައި އުފާވެރިކަމަށް ދައުވަތު ދިނުމުންނެވެ. މާފުދިނުމުގެ ރީތި ސިފައަށް އިސްކަން ދިނުމުން އުފާވެރި ދިރިއުޅުމަކަށް ދޮރު ހުޅުވުނީއެވެ.
ނިމުނީ