ޕެންޝަން ނިޒާމަށް މުހިންމު ދަނޑިވަޅެއްގައި، ޕެންޝަން އޮފީހުގެ ބޯޑު މެންބަރުންނަށްވުމުގެ ފުރުސަތު

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނަށް ދާދި ފަހުން ގެނައި ތާރީހީ އިސްލާހުތަކާއެކު، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ހިންގުމާ ހަވާލުވާނެ ބޯޑު މެންބަރުން ހޯދުމަށް އެ އޮފީހުން އަލުން އިއުލާނުކޮށްފިއެވެ.

މިއީ ރާއްޖޭގެ އެންމެ ބޮޑު އެއް މާލީ މުއައްސަސާ އޭގެ ތާރީހުގައި ދެކޭ އެންމެ މުހިންމު އެއް ބަދަލުގެ ވަގުތުގައި، އެ މުއައްސަސާގެ އިސް ސަފުގައި މަސައްކަތްކުރުމަށް ހުޅުވާލެވުނު ހާއްސަ ފުރުސަތެއް ކަމަށް ޕެންޝަން އޮފީހުން ބުނެއެވެ.

މިދިޔަ މެއި މަހުގެ 21 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވި ޕެންޝަނާބެހޭ ގާނޫނުގެ ހަވަނަ އިސްލާހުގައި ވަނީ ޕެންޝަން ނިޒާމުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް މާއްދާތައް ހިމަނައިފައެވެ. އަދި ޕެންޝަން އޮފީހުގެ ހިންގުން އިތުރަށް ޒިންމާދާރުކުރުވުމުގެ ގޮތުން، ބޯޑު މެންބަރުންނާއި ސީއީއޯ އައްޔަނުކުރުމުގައި ގާނޫނުން ކަނޑައަޅާފައިވާ އައު މިންގަނޑުތަކަށް ޢަމަލުކުރުން ވަނީ ލާޒިމުކޮށްފައެވެ.

ޕެންޝަން ގާނޫނަށް ގެނައި މައިގަނޑު ބަދަލުތަކުގެ ތެރޭގައި، ދައުލަތުގެ ބަޖެޓުން ދެމުންދާ އަސާސީ ޕެންޝަނަކީ ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިން އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އިސްކަންދީގެން ފޯރުކޮށްދެވޭ އިނާޔަތަކަށް ހެދުމަށްޓަކައި އިޞްލާޙުތަކެއް ގެނައުން ހިމެނެއެވެ.

އޭގެ ތެރޭގައި، ގާނޫނުއަސާސީ ނުވަތަ ގާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ މަގާމެއް ފުރަމުންދާ މުއްދަތުގައި ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާއެއް އަދާކުރާ މުއްދަތުގައި އަސާސީ ޕެންޝަން މެދުކަނޑާލުން ހިމެނެއެވެ. އަދި އަސާސީ ޕެންޝަންގެ ގޮތުގައި ކަނޑައަޅާއިފައިވާ މިންވަރަށްވުރެ އެ ފަރާތަކަށް ސީދާ ލިބޭ އިތުރުވާ ހާލަތްތަކުގައި އަސާސީ ޕެންޝަން މެދުކަނޑާލުން ހިމެނެއެވެ.

މީގެ އިތުރުން، ގެދޮރު އިމާރާތްކުރުމާއި މަރާމާތުކުރުމަށް ޕެންޝަން ފައިސާ ބޭނުންކުރެވޭނެ މަގުފަހި ކުރުމާއި، ޓާމިނަލް އިލްނަސް ނުވަތަ ފަރުވާއެއް ނެތް ބައްޔެއް ތަހައްމަލު ކުރާ ފަރާތްތަކަށް ޕެންޝަން ފައިސާ ދޫކުރެވޭ ގޮތް ހެދުން ހިމެނެއެވެ.

ހަމައެއާއެކު، ހައްޖުގެ އަޅުކަން އަދާކުރުމަށް ޖާގަ ކަށަވަރު ކުރުމަށް ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތް ހެދުމާއި، އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް މޯލްޑިވްސް ރިޓަޔަމެންތް ޕެންޝަން ސްކީމުގައި ބައިވެރިވެވޭ ގޮތަށް ގާނޫނުގައި ވަނީ އިސްލާހެއް ހިމަނައިފައެވެ. އަދި ޕެންޝަން ފަންޑުގެ އިންވެސްޓްމެންޓްތަކުން ލިބޭ ނަފާ އިތުރުކުރުމަށް، ފަންޑުގެ އެސެޓްތައް ބެލެހެއްޓުމާއި އިންވެސްޓްކުރުމުގެ އުސޫލުތައް އެ އިސްލާހުގެ ދަށުން ވަނީ އިތުރަށް ހަރުދަނާކޮށްފައެވެ.

އެ މުހިންމު އިސްލާހުތައް މިހާރު ތަންފީޒު ކުރަން ޖެހޭއިރު، ޕެންޝަން އޮފީހުން ވަނީ އެ އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރު ތަމްސީލުކުރައްވާ މެންބަރުންގެ 4 މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފައެވެ.

ޕެންޝަން ފަންޑަކީ ދިވެހިރާއްޖޭގެ މަސައްކަތްތެރިންގެ މުސްތަގުބަލާ ގުޅިފައިވާ، އަދި ގައުމުގެ އިގުތިސާދުގައި ދައުރުކުރާ އެންމެ ބޮޑު އެއް ފަންޑެވެ. އެތައް ބިލިއަން ރުފިޔާއެއް މެނޭޖުކުރާ މި ފަންޑުގެ އިންވެސްޓްމަންޓްތަކުން ލިބޭ ނަފާ އިތުރުކުރުމަށްޓަކައި އެސެޓްތައް ބެލެހެއްޓުމާއި އިންވެސްޓްކުރުމުގެ އުސޫލުތައް ހަރުދަނާކުރުމަކީ އާ ސީއީއޯއާއި ބޯޑުގެ މައިގަނޑު އެއް އަމާޒަށް ވާނެއެވެ.

މި ބަދަލުތައް ތަންފީޒުކުރުމަށްޓަކައި ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ގިނަ ގަވާއިދުތަކަކާއި އިދާރީ އިންތިޒާމުތަކެއް އެކުލަވާލަންޖެހެއެވެ. މިއީ ޕެންޝަން އޮފީހުގެ ހިންގުން ޒަމާނީކޮށް، އިތުރު ހަރުފަތަކަށް ގެންދިއުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެކެވެ.

ޕެންޝަން އޮފީހަށް އަލަށް އައްޔަންކުރާ ބޯޑު މެންބަރުންގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތެއް ކަމުގައި ވުމާއި، އުމުރުން 35 އަހަރު ފުރިފައިވުމާއި އިފްލާސްކުރެވިފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ. އަދި ޕެންޝަނާއި މާލީ ދާއިރާ ފަދަ ދާއިރާތަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށް އޭގެ ތެރެއިން ދާއިރާއަކުން މަދުވެގެން ފަސް އަހަރު މަސައްކަތްކޮށް، ފަންނީ ގާބިލުކަން ހުރުން ހިމެނެއެވެ.

މީގެ އިތުރުން އިންތިޚާބީ ނުވަތަ އައްޔަންކޮށްފައިވާ ސިޔާސީ މަގާމެއްގައި ނުހުރުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި ޕެންޝަން އޮފީހުގެ އެސެޓް މެނޭޖަރެއްގެ ނުވަތަ ކަސްޓޯޑިއަނެއްގެ ނުވަތަ އެއިން ފަރާތަކާ ގުޅިފައިވާ ފަރާތެއްގެ އޮފިޝަލެއް ނުވަތަ މުވައްޒަފެއް ކަމުގައި ނުވުމަކީ ވެސް ޝަރުތެކެވެ.

ޕެންޝަން އޮފީހުގެ ބޯޑު މެންބަރަކަށް ވެވޭނީ ޕްރައިވެޓް ސެކްޓަރުގައި މަސައްކަތް ކުރަމުންދާ، އަދި މަގާމަށް ކުރިމަތިލާ ތާރީޚުގެ ނިޔަލަށް ޕްރައިވެޓް ސެކްޓަރުގައި މަދުވެގެން އެއް އަހަރު މެދުނުކެނޑި ވަޒީފާ އަދާކޮށްފައިވާ މީހަކަށެވެ.

ހަމައެއާއެކު، ބޯޑުގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތަކީ ދައުލަތުގެ ނުވަތަ ސަރުކާރުގެ ދާއިމީ ނުވަތަ ވަގުތީ ވަޒީފާއެއްގައި ހުރި މީހަކު ކަމުގައި ވެގެން ނުވާނެއެވެ. އަދި ސަރުކާރުގެ 50 އިންސައްތައަށްވުރެ ގިނަ ހިއްސާ އޮންނަ ގާނޫނީ ޝަޚުސެއްގެ ނުވަތަ އެފަދަ ގާނޫނީ ޝަޚުސަކުން ކޮންޓްރޯލްކުރާ ސަބްސިޑިއަރީއެއްގެ މުވައްޒަފަކު ނުވަތަ ޑިރެކްޓަރަކު ކަމުގައި ނުވުން ވެސް ޝަރުތަކަށް ހިމަނައިފައިވެއެވެ.

އެ ހަތަރު މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕެންޝަން އޮފީހުގެ ބޯޑަށް ކުރިމަތިލުމަށް މި މަހުގެ 16 ވަނަ ދުވަހުގެ 16:00ގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލައިފައެވެ. އެ މަގާމަށް

ގޫގުލް ފޯމް މެދުވެރިކޮށް (https://forms.gle/rocN9hn9wCcowxcy6) އެޕްލިކޭޝަން ހުށަހެޅޭނެއެވެ.

މިދިޔަ މެއި މަހު ތަސްދީގުކުރި އިސްލާހުގެ ދަށުން، ޕެންޝަން ނިޒާމުގެ އިދާރީ ހިންގުން ހަރުދަނާކޮށް ބޯޑު މެންބަރުން އައްޔަނުކުރުމަށް އައު މިންގަނޑުތަކެއް ވަނީ ކަނޑައަޅައިފައެވެ. މި ބަދަލުތަކުގެ ތެރޭގައި އަސާސީ ޕެންޝަން ދިނުމުގެ އުސޫލުތައް ހަރުކަށިކުރުމާއި، ގެދޮރު އިމާރާތްކުރުމަށާއި، ބޮޑެތި ބަލިތަކަށާއި، ހައްޖުގެ އަޅުކަމަށް ޕެންޝަން ފައިސާ ބޭނުންކުރެވޭނެ މަގުފަހިކުރުން ހިމެނެއެވެ. މިއާއެކު އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށްވެސް ސްކީމްގައި ބައިވެރިވެވޭނެއެވެ. މިކަންކަން ތަންފީޒުކުރުމަށްޓަކައި ގާބިލު ބޯޑެއް އެކުލަވާލުމަކީ މުއައްސަސާގެ މައިގަނޑު އަމާޒެވެ.

  • ޕެންޝަން އޮފީހުގެ ބޯޑަށް ޕްރައިވެޓް ސެކްޓަރު ތަމްސީލުކުރާނެ ހަތަރު މެންބަރުން ހޯދަން ވަނީ އިއުލާނުކޮށްފައެވެ.
  • ސިޔާސީ މަގާމުތަކުގައި ތިބޭ ފަރާތްތަކަށާއި ދައުލަތުގެ ވަޒީފާ އަދާކުރާ ފަރާތްތަކަށް އަސާސީ ޕެންޝަން ނުލިބޭގޮތަށް ގާނޫނު ވަނީ އިސްލާހުކޮށްފައެވެ.
  • ގެދޮރު ބިނާކުރުމަށާއި، ފަރުވާއެއް ނެތް ބަލިތަކަށާއި، ހައްޖަށް ދިއުމަށް ޕެންޝަން ފައިސާ ބޭނުންކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.
  • ބޯޑަށް ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 35 އަހަރު ފުރިފައިވާ، މާލީ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަދި ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ މީހަކަށް ވާންޖެހެއެވެ.
  • މަގާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 16 ވަނަ ދުވަހުގެ 16:00 އެވެ. އެޕްލިކޭޝަން ހުށަހަޅަންޖެހެނީ ގޫގުލް ފޯމް މެދުވެރިކޮށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު