ހެއްވާ މަޖާ ފިލްމު 'ދަމާލް 4' އަންނަ މަހު ސިނަމާތަކަށް

ފިލްމު "ދަމާލް 4"ގެ ކާސްޓުގައި ހިމެނޭ ރަވީ ކިޝަން، ސަންޖޭ މިޝްރާ އަދި އަޖޭ ދޭވްގަން--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ އެކްޓަރުން ކަމަށްވާ އަޖޭ ދޭވްގަން އާއި ރިތޭޝް ދޭޝްމުކް މުހިއްމު ރޯލްތަކުން ފެންނާނެ ހެއްވާ މަޖާ ފިލްމު "ދަމާލް 4" ސިނަމާތަކަށް ގެންނާނެ ތާރީހު އިއުލާނުކޮށް ފިލްމުގެ އާ ލޯގޯ ބެލުންތެރިންނަށް ދައްކާލައިފިއެވެ.

އިންދަރު ކުމާރު ޑައިރެކްޓްކުރާ މި ފިލްމުގައި އަޖޭ އާއި ރިތޭޝްގެ އިތުރުން ވަރަށް ގިނަ ހެއްވާ މަޖާ ރޯލްތައް ކުޅެފައިވާ އެކްޓަރު އަރްޝަދު ވަރްސީ ވެސް މުހިއްމު ރޯލެއް ކުޅޭނެއެވެ.

ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މަޝްހޫރު ފްރެންޗައިސް "ދަމާލް"ގެ ހަތަރު ވަނަ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ.

ކުރިން މި ފިލްމު ރިލީޒްކުރަން ނިންމާފައި އޮތީ މި އަހަރުގެ މާޗް މަހުއެވެ. ނަމަވެސް ފަހުން ޖޫން 12އަށް ތާރީހު ބަދަލުކުރުމަށްފަހު، ފިލްމު ރިލީޒްކުރާ ތާރީހަށް މިވަނީ އަނެއްކާވެސް ބަދަލު ގެނެސްފައެވެ.

ފިލްމު "ދަމާލް 4"ގެ ލީޑް ތަރިން ކަމަށްވާ އަޖޭ ދޭވްގަން، ރިތޭޝް ދޭޝްމުކް، އަރުޝަދު ވާރްސީ އަދި ޖާވިދު ޖެފްރީ--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ފިލްމުގެ ރަސްމީ އިންސްޓަގްރާމްގައި ބުނެފައިވަނީ "މި އަހަރުގެ އެންމެ މަޖާ އަދި ފޯރިގަދަ ޚަޒާނާ ހޯދުމުގެ ދަތުރު ޖުލައި 10 ގައި ފެށޭނެ" ކަމަށެވެ.

މި ފިލްމުގައި އަޖޭ، ރިތޭޝް، އަރްޝަދު އަދި ޖާވިދު ފެންނާނީ އެމީހުން ކުރީގެ ފިލްމުތަކުގައި ވެސް ކުޅުނު ރޯލުތަކުންނެވެ. "ދަމާލް" ސީރީޒަކީ ބޭކާރު ކަންކަމުގައި އުޅޭ ރޯއީ (ރިތޭޝް)، މާނަވް (އަރްޝަދު) އަދި އަދީ (ޖާވިދު) ކިޔާ ތިން ރަޙުމަތްތެރިން، ފޮރުވިފައިވާ ހަޒާނާއެއް ހޯދުމަށް ކުރާ މަސައްކަތާއި، އެ ދަތުރުގައި ދިމާވާ މަޖާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމުތަކެކެވެ.

ޓީ-ސީރީޒް، މަރޫތީ ފިލްމްސް އަދި ދޭވްގަން ފިލްމްސް ގުޅިގެން އުފައްދާ "ދަމާލް 4"އަށް މިފަހަރު އާ ތަރިންތަކެއް ވެސް ވަނީ އިތުރުވެފައެވެ. އޭގެ ތެރޭގައި ރަވީ ކިޝަން، ސަންޖޭ މިޝްރާ، އުޕެންދްރާ ލިމާޔޭ، އީޝާ ގުޕްތާ، ސަންޖީދާ ޝެއިޚް އަދި އަންޖަލީ އާނަންދު ހިމެނެއެވެ.

އިންދަރު ކުމާރު ޑައިރެކްޓްކޮށް، ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ އަޖޭ ދޭވްގަން، ރިތޭޝް ދޭޝްމުކް އަދި އަރުޝަދު ވާރްސީ މުހިންމު ރޯލުތަކުން ފެނިގެންދާ ދަމާލް 4 ރިލީޒްކުރާ ތާރީޚު ރަސްމީކޮށް އިޢުލާނުކޮށްފިއެވެ. މީގެ ކުރިން މި އަހަރުގެ މާރިޗު އަދި ޖޫން މަހުގައި ފިލްމު ނެރުމަށް ތާވަލުކުރެވުނު ނަމަވެސް، މިހާރު ވަނީ ޖުލައި 10 އަށް ތާރީޚު ބަދަލުކޮށްފައެވެ. މި ފިލްމަކީ ކުރީގެ ފިލްމުތަކެކޭ އެއްފަދައިން ފޮރުވިފައިވާ ޚަޒާނާއެއް ހޯދުމަށް ކުރާ މަސައްކަތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ޓީ ސީރީޒް އާއި މަރޫތީ ފިލްމްސް އަދި ދޭވްގަން ފިލްމްސް ގުޅިގެން އުފައްދާ މި ފިލްމުގައި އައު ތަރިންތަކެއްވެސް ހިމެނެއެވެ.

  • ފިލްމު ސިނަމާތަކަށް ނެރުމަށް މިހާރު ހަމަޖެހިފައިވަނީ ޖުލައި 10 ގައެވެ.
  • މައިގަނޑު ތަރިންގެ ގޮތުގައި އަޖޭ، ރިތޭޝް، އަރުޝަދު އަދި ޖާވިދު ހަރަކާތްތެރިވާނެއެވެ.
  • މިއީ ޚަޒާނާއެއް ހޯދުމަށް ކުރާ މަޖާ ދަތުރެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.
  • ފިލްމުގެ ކާސްޓަށް އީޝާ ގުޕްތާ އަދި ސަންޖޭ މިޝްރާ ފަދަ އައު ތަރިން ވަނީ އިތުރުކޮށްފައެވެ.
  • މީގެ ކުރިން ފިލްމު ނެރުމަށް ދެ ފަހަރެއްގެ މަތިން ތާރީޚު ކަނޑައަޅައި ބަދަލުކޮށްފައިވެއެވެ.
comment ކޮމެންޓް