މަސައްކަތުގެ މާހައުލުގައި ސްޓްރެސް ނުވަތަ ނުތަނަވަސްކަން އިތުރުވުމުން، އާންމުކޮށް ކުންފުނިތަކުން ދޭ ނަސޭހަތަކީ ވަގުތުން މަސައްކަތް ހުއްޓާލުމަށެވެ. ނޫނީ މެޑިޓޭޝަން އެޕެއް ބޭނުންކުރުމަށް ނުވަތަ ވަގުތު މެނޭޖްކުރުމަށް ސަމާލުކަން ދިނުމަށެވެ.
ނަމަވެސް، ނަފްސާނީ އިލްމުވެރިޔާ އެލީސާ ބާންބޯމް ވިދާޅުވާ ގޮތުގައި، އަޅުގަނޑުމެންނަށް މި މައްސަލަ ދެނެގަނެވެނީ މުޅިން ގޯސްކޮށެވެ.
މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ނަފްސާނީ ވަރުބަލިކަން ނުވަތަ (ބާންއައުޓް) އަކީ ހަމައެކަނި މަސައްކަތް ގިނަވުމުގެ ސަބަބުން ކުރިމަތިވާ ކަމެއް ނޫނެވެ.
އެލީސާ ތަފްސީލުކޮށްދެއްވާ ގޮތުގައި، މީގެ މައިގަނޑު ސަބަބަކީ އެކަނިވެރިކަމެވެ. އެއީ މަސައްކަތުގެ މާހައުލުގައި ތިމާގެ ވަށައިގެން ތިބޭ މީހުންނާ އޮންނަ ގުޅުން ކެނޑުމާއި، އިހުތިރާމް ނުލިބުމާއި، ނުވަތަ އެހީތެރިކަން ނުލިބޭކަމުގެ އިހުސާސް ކުރެވުން ކަމަށް އެލީސާ ވަނީ ވިދާޅުވެފައެވެ.
އެންމެ އެދެވޭ ގޮތުގައި މަސައްކަތް ކުރުމަކީ ހަމައެކަނި އަމިއްލަ ނަފްސަށް ބާރު ބޮޑުކުރުމެއް ނޫނެވެ. މަސައްކަތަށް ހުންނަ ޝައުގުވެރިކަމާއި، އުފެއްދުންތެރިކަމާއި، އަދި ވަޒީފާގައި ދެމިހުރުން ބިނާވެފައި ވަނީ ތިމާގެ ޓީމާ އޮންނަ ގުޅުމުގެ މައްޗަށެވެ.

ނަފްސާނީ އިލްމުވެރިޔާ އެލީސާ ބާންބޯމް--ފޮޓޯ/ޓެޑްޓޯކްސް
އެލީސާގެ ދިރާސާތަކުން ދައްކާގޮތުގައި "ހައި-ކޮލިޓީ ކަނެކްޝަންސް" ނުވަތަ ފެންވަރު ރަނގަޅު ގުޅުންތައް ގާއިމު ކުރުމަކީ ނަފްސާނީ ގޮތުން ލިބޭ ހިމާޔަތެކެވެ.
މިއީ މަސައްކަތުގެ ދަތި މާހައުލުތައް، މީހުން މަސައްކަތަށް ދާން ބޭނުންވާ ފަދަ އުފާވެރި މާހައުލުތަކަކަށް ބަދަލުކޮށްދޭ ކަމެއްގެ ގޮތުގައި އެލީސާ ސިފަކުރައްވައެވެ.
ތިޔައީ އޮފީހުގައި މަސައްކަތް ކުރާ މީހެއް ކަމުގައި ވިޔަސް، ނުވަތަ ދުރުގައި ހުރެގެން (ރިމޯޓްކޮށް) މަސައްކަތް ކުރާ މީހެއް ކަމުގައި ވިޔަސް، އެލީސާ ބާންބޯމްގެ ދިރާސާގެ މައްޗަށް ބިނާކޮށް މަސައްކަތުގެ ގުޅުންތައް ވަރުގަދަކޮށް، ނަފްސާނީ ވަރުބަލިކަމާ ދެކޮޅަށް މަސައްކަތް ކުރެވިދާނެ ގޮތްތަކަކީ މިއީއެވެ.
އިދާރީ ހިންގުމުގެ ދިރާސާތަކުގެ މައްޗަށް ބިނާކޮށް، އެލީސާ ވަނީ އިތުރު މަސައްކަތެއް ކުރަން ނުޖެހޭ ގޮތަށް، އެކުވެރި މުވައްޒަފުންނާ އޮންނަ ގުޅުން ބަދަހިކުރުމަށް ތިން އުކުޅެއް ހުށަހަޅުއްވާފައެވެ.
1. މުއާމަލާތުކުރުން ފުޅާކުރުން
"ބަންދު ދުވަސްތައް ކިހިނެއް؟" ފަދަ އާދައިގެ ސުވާލުތަކަކީ އިތުބާރު އުފައްދައިދޭ ކަންކަމެއް ނޫނެވެ. ހަގީގީ ގުޅުމެއް އުފެއްދުމަށްޓަކައި، އާންމުކޮށް ކުރާ ސުވާލުތަކުން ބޭރުވާންޖެހޭ ކަމަށް އެލީސާ ވިދާޅުވެއެވެ.
2. އެއްގޮތް ކަންކަން ހޯދުން
ތިމާއާ އެއްގޮތް ކަންކަން ހުންނަ މީހުންނަށް އިތުބާރު ކުރުމަކީ އިންސާނުންގެ ތަބީއަތުގައިވާ ކަމެކެވެ. އެލީސާ ލަފާ ދެއްވަނީ، މުވައްޒަފުންނާ ދެމެދު އެއްގޮތް ތަޖުރިބާތަކެއް ނުވަތަ ޝައުގުވެރިވާ ކަންކަން ހުރިތޯ ބަލައި، އެކަންކަމުގެ މައްޗަށް ގުޅުން ބިނާކުރުމަށެވެ.
ވާހަކަ ދައްކާއިރު، ނުވަތަ އޮފީހުގެ މޭޒުމަތީގައި ހުންނަ ތަކެއްޗާއި ކޮމްޕިއުޓަރުގެ ވޯލްޕޭޕަރު ފަދަ ކަންކަމަށް ސަމާލުކަން ދީގެން އެމީހުން ޝައުގުވެރިވާ ކަންކަން ދެނެގަތުމަކީ ކުރެވިދާނެ ކަމެއްގެ ގޮތުގައި އެލީސާ ސިފަކުރައްވައެވެ.

މަސައްކަތުގެ މާހައުލުގައި ގުޅުންތައް ބަދަހިކުރުމަކީ ތިމާގެ "ހަގީގީ" މަސައްކަތަށް އެޅޭ ހުރަހެއް ނޫން ކަމަށް އެލީސާ ބާންބޯމް ފާހަގަކުރައްވާ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
3. އިހުލާސްތެރިކަމާއެކު އަޅާލުން
ކެނޑިނޭޅި ނޮޓިފިކޭޝަންތައް އަންނަ މި ޒަމާނުގައި، މީހަކަށް ދެވޭނެ އެންމެ އަގުބޮޑު ހަދިޔާއަކީ ތިމާގެ ފުރިހަމަ ސަމާލުކަމެވެ. އެލީސާ ފާހަގަކުރައްވާ ގޮތުގައި، އިހުތިރާމް ގާއިމުކުރުމުގެ ބިންގަލަކީ ކަނުލައި އަޑުއަހުމެވެ.
މިގޮތުން އެކުގައި މަސައްކަތްކުރާ މީހަކު ވާހަކަދައްކާއިރު، ކޮމްޕިއުޓަރުގެ ޓެބްތައް ލައްޕާލައި، ފޯނު ބާއްވައި، އަދި އެމީހަކަށް ސަމާލުކަން ދޭން އާދަކުރެވިދާނެއެވެ.
މީހުންގެ ވާހަކަ ކަނުލައި އަޑުއަހާނަމަ، އެމީހުންނަށް އަމިއްލަ ނަފްސުގެ އަގު ވަޒަންކުރެވޭކަމުގެ އިހުސާސް ކުރެވޭނެއެވެ. މީގެ ސަބަބުން މަސައްކަތުގެ ޕްރެޝަރު ބޮޑުވާ ވަގުތުތަކުގައި ޓީމަށް ބޭނުންވާ ނަފްސާނީ ރައްކާތެރިކަން ލިބިގެންދެއެވެ.
ޓީމުގެ މެންބަރުން އެކި ތަންތަނުގައި ތިބެގެން މަސައްކަތްކުރާނަމަ، މިފަދަ ގުޅުންތައް އުފެއްދުމަށް އިތުރު ސަމާލުކަމެއް ދޭންޖެހެއެވެ. އެލީސާ ފާހަގަކުރައްވާ ގޮތުގައި، ދުރުގައި ތިބެގެން މަސައްކަތްކުރާއިރު، އޮފީހުގައި އުޅޭއިރު ދިމާވާ ފަދަ ކުދިކުދި ބައްދަލުވުންތަކާއި ވާހަކަ ދައްކާލުމުގެ ފުރުސަތުތައް ގެއްލެއެވެ.
މިކަމާ ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި ވީޑިއޯ ބޭނުންކުރުން، މަޖުބޫރުން ކުރުވާ ކަންކަމާ ދުރުވުން އަދި އާދައިގެ ވާހަކަތަކަށް ވަގުތު ހުސްކުރެވިދާނެ ކަމަށް އެލީސާ ވިދާޅުވެއެވެ.
އެލީސާ ބާންބޯމް ސާބިތުކޮށްދެއްވާ ގޮތުގައި، މަސައްކަތުގެ މާހައުލުގައި ގުޅުންތައް ބަދަހިކުރުމަކީ ތިމާގެ "ހަގީގީ" މަސައްކަތަށް އެޅޭ ހުރަހެއް ނޫނެވެ.
އެއީ މަސައްކަތުގެ އެންމެ މުހިންމު އެއް ބައެވެ. މުއާމަލާތްތައް ފުޅާކޮށް، އެއްގޮތް ކަންކަން ހޯދައި، އަދި އަޅާލުން އިތުރުކުރުމުން، ގޮންޖެހުންތަކާ ކުރިމަތިލެވޭ ފަދަ ވަރުގަދަ ޓީމެއް އުފެދިގެންދާނެއެވެ. މީގެ ނަތީޖާއަކީ ނަފްސާނީ ވަރުބަލިކަން ކުޑަވުމާއި، މަސައްކަތަށް ހުންނަ ޝައުގުވެރިކަން އިތުރުވުމާއި، އަދި އެންމެންނަށްވެސް ހިތްހަމަޖެހިގެން މަސައްކަތް ކުރެވޭނެ މާހައުލެއް ބިނާވުމެވެ.