އެޕަލްގެ އައިފޯން ބޭނުންކުރާ ފަރާތްތަކަށް ގިނަ ދުވަސްތަކެއް ވަންދެން ދިމާވަމުންދިޔަ ދަތިކަމަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ފޯނުގެ ރިންގްޓޯނާއި އެލާމްގެ އަޑު ވަކިވަކިން ކޮންޓްރޯލް ކުރެވޭނެ ފީޗާއެއް އައު އައިއޯއެސް 27 އަޕްޑޭޓާއެކު ތައާރަފްކުރަން އެޕަލް އިން ވަނީ ނިންމާފައެވެ.
މިއީ އެންޑްރޮއިޑް ފޯނުތަކުގައި މާ ކުރިންސުރެ ލިބެން ހުންނަ ފީޗާއެއް ނަމަވެސް، އައިފޯން ބޭނުންކުރާ ފަރާތްތަކަށް މިހާތަނަށް މަޖުބޫރުވެފައި އޮންނަނީ ނޮޓިފިކޭޝަންތަކާއި އެލާމްތަކަށް އެއް ވޮލިއުމް ސެޓިންގެއް ބޭނުންކުރާށެވެ.
އެޕަލްގެ ޑިވެލޮޕާ ކޮންފަރެންސް (ޑަބްލިއުޑަބްލިއުޑީސީ 2026) ގައި މައިގަނޑު ގޮތެއްގައި އެޕަލް އިންޓެލިޖެންސް އަދި ސިރީ އޭއައި އަޕްގްރޭޑްތަކަށް ބޮޑު ސަމާލުކަމެއް ދިން ނަމަވެސް، މި އައު އޯޑިއޯ ކޮންޓްރޯލް ފީޗާގެ ސަބަބުން ޔޫޒަރުންނަށް ފޯނުގެ އަޑުތައް ސެޓްކުރުމުގައި ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ.
މި ބަދަލާއެކު ފޯނުގެ ސެޓިންގެ "ސައުންޑްސް އެންޑް ހެޕްޓިކްސް" ބައިން ރިންގްޓޯން، އެލާމް، ޓައިމާ އަދި ސިސްޓަމްގެ އެހެނިހެން އަޑުތައް ވަކިވަކިން އެމީހަކު ބޭނުންވާ މިންވަރަކަށް ބަދަލުކޮށްލެވޭނެއެވެ.
މީގެ އިތުރުން "މެޗް ރިންގްޓޯން ވޮލިއުމް" ގެ ނަމުގައި ސެޓިންއެއް ވެސް ހިމަނާފައިވެއެވެ. މި ސެޓިން އޮންކޮށްފައި ބަހައްޓައިފިނަމަ ކުރިއެކޭވެސް އެއްގޮތަށް ހުރިހާ އަޑެއް ހުންނާނީ އެއް ލެވެލްއެއްގައެވެ. ނަމަވެސް މި ސެޓިން އޮފްކޮށްލުމުން އެލާމްތަކާއި ސިސްޓަމްގެ އެހެން އަޑުތައް (މެސެޖު ޓޯން، ކީބޯޑް ކްލިކްސް އަދި ކެމެރާ ޝަޓާ ސައުންޑް ފަދަ) ވަކިވަކިން ކޮންޓްރޯލް ކުރުމުގެ އިޚްތިޔާރު ލިބިގެންދެއެވެ.
އެޕަލް އިން ފާހަގަކޮށްފައިވާ ގޮތުގައި މި އައު އެލާމް ކޮންޓްރޯލް ސެޓިންގެ އަސަރު، ނިދިން ހޭލަން ފިޓްކޮށްފައި ހުންނަ "ވޭކް-އަޕް" އެލާމްތަކަކަށް ނުކުރާނެއެވެ. އެފަދަ އެލާމްތަކުގައި މިހާރުވެސް އަމިއްލަ ޒާތުގައި ވަކި ވޮލިއުމް ސެޓިންތަކެއް ހުރެއެވެ.
މި ކުޑަ ނަމަވެސް މުހިންމު ބަދަލަކީ އައިއޯއެސް 27 ގައި ހިމެނޭ ގިނަ ގުނަ ބަދަލުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ފީޗާއެވެ. މި އަޕްޑޭޓްގެ ޑިވެލޮޕާ ބީޓާ ވާޝަން މިހާރު ދޫކޮށްލާފައިވާއިރު، އާންމުންނަށް ޓެސްޓްކުރުމަށް ހުޅުވާލާ ޕަބްލިކް ބީޓާ ވާޝަން އަންނަ މަހު ނެރުމަށް ވަނީ ހަމަޖެހިފައެވެ.