އިންޑިއާގެ ނުފޫޒުގަދަ ފިލްމު ޑައިރެކްޓަރުންގެތެރޭ ހިމެނޭ ކަރަން ޖޯހަރު އަކީ، ދެއްކުންތެރިކަމަށް ލޯބިކުރާ މީހެއް ކަމަށާއި، އެކަމަކު ގޯސް މީހެއް ނޫން ކަމަށް ބޮލީވުޑްގެ ބަތަލާ އަދި ބީޖޭޕީގެ މެންބަރުކަންވެސް ކުރަމުން އަންނަ ކަންގަނާ ރަނައުތު ބުނެފިއެވެ.
ދާދި ފަހުން އޭއެންއައި ޕޮޑްކާސްޓުގައި ވާހަކަ ދައްކަމުން ކަންގަނާ ބުނީ ކަރަން ޖޯހަރަކީ ގޯސް މީހެއް ކަމަށް ގަބޫލުނުކުރާ ކަމަށެވެ. ނަމަވެސް އެއީ ފޮނި ގޮތެއް ހުންނަ އަދި ބޭރުފުށުގެ ފަލްސަފާއަށް ފަޚުރުވެރިވާ މީހެއްގެ ގޮތުގައި ކަންގަނާ ވަނީ ކަރަން ސިފަކޮށްފައެވެ.
"އަހަރެން މިހާރު ހުރީ ކަރަންއާ މެދު އޮތް ޚިޔާލު ތަފާތުވުންތަކާ މެދު ސުލްހަވެގެން. ކަރަން އަކީ ގޯސް މީހެއް ކަމަކަށް އަހަރެން ނުދެކެން. ކަރަން ބޭނުންވަނީ ދެއްކުންތެރި، މުއްސަނދި އަދި ފޮނި ދިރިއުޅުމެއް އުޅެން. އެކަމަށް ކަރަން ފަޚުރުވެރިވޭ. ކަރަންގެ ކިބައިގައި ހުންނަ މަޖާ މިޒާޖު ވަރަށް ފުރިހަމަ. ކަރަންއާ މެދު މާބޮޑު މައްސަލައެއް އޮތް ކަމަކަށް އަހަރެން މިހާރަކު ނުދެކެން" ކަރަންއާ ދެމެދު އޮތް ނުތަނަވަސްކަން ހައްލުވެއްޖެތޯ ސުވާލުކުރުމުން ބަތަލާ ބުނެފައިވެއެވެ.

ކަންގަނާ "ކޮފީ ވިތު ކަރަން"ގެ އެޕިސޯޑެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ
ކަރަން އާއި ކަންގަނާގެ މެދުގައި ބޮޑު ވާދަވެރިކަމެއް އުފެދި ބަހުގެ ހަމަލާތައް އެކަކު އަނެކަކަށް ދޭން ފެށީ މީގެ ނުވަ އަހަރު ކުރިން ކަންގަނާ ބައިވެރިވި ކަރަންގެ ޓޯކް ޝޯ "ކޮފީ ވިތު ކަރަން"ގެ އެޕިސޯޑެއްގައި ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.
އެކްޓަރު ސައިފް އަލީ ޚާންއާ އެކު ބައިވެރިވި އެ އެޕިސޯޑުގައި ވާހަކަދައްކަމުން ކަންގަނާ ވަނީ ކަރަންއަކީ، ބޮލީވުޑްގައި އާއިލީ ގުޅުމަށް އިސްކަންދީ ކަރަންގެ އެކުވެރި އެކްޓަރުންގެ ކުދިންތައް ކުރިއަރުވާ މީހެއް ކަމަށް ސީދާ މޫނުމަތީގައި ބުނެފައެވެ.
އަދި އޭނާގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދައިފިނަމަ، ބޭރުން އަންނަ މީހުންނަށް ފުރުސަތު ނުދޭ، ބޮޑާ ބޮލީވުޑް މީހެއްގެ ރޯލު ކުޅޭނީ ކަރަން ކަމަށްވެސް ކަންގަނާ ވަނީ ބުނެފައެވެ.
ކަންގަނާ ތުހުމަތުކުރާ ގޮތުގައި، ކަރަން އާއި އިންޑަސްޓްރީގައި ތިބި ކަރަންގެ އެކުވެރިންނަކީ އަބަދުވެސް ބަތަލާއަށް މަލާމާތްކޮށް ދަށްކޮށްލުމުގެ ބޭނުމުގައި ވާހަކަ ދައްކާ މީހުންނެވެ. އެގޮތުން މީގެކުރިންވެސް ކަރަން ވަނީ، ކަންގަނާ ހެދުން އަޅާގޮތަށާއި އިނގިރޭސި ބަހުން ވާހަކަދައްކާ ގޮތަށް މަލާމާތްކޮށްފައި ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ކަންގަނާގެ މި ތުހުމަތުތަކަށް ރައްދު ދެމުން ކަރަން ކުރިން ދީފައިވާ އިންޓަވިއުއެއްގައި ބުނީ، ކަންގަނާ އަކީ އަބަދުވެސް 'ވިކްޓިމް ކާޑު' ކުޅޭ މީހެއް ކަމަށާއި ބަތަލާ މަތިން މިހާރު ފޫހިވެފައިވާ ކަމަށެވެ.
ކަންގަނާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ، މި އަންނަ ހުކުރު ދުވަހު ރިލީޒްކުރާ ފިލްމު "ބާރަތު ބަގިއާ ވިދާތާ"އިންނެވެ.