އިމިގްރޭޝަންސްގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލްގެ މުހައްމަދު ޝައްމާން ވަހީދުގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކުގެ ހުކުމް، މާދަމާ ހަވީރު ކުރުމަށް ތާވަލުކޮށްފިއެވެ.
ޝައްމާން ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ހުކުމް ކުރުން ތާވަލުކޮށްފައި އޮތީ މާދަމާ ހަވީރު 4 ޖަހާއިރަށެވެ. މާދަމާއަށް، ހުކުމް ކުރުން މި ތާވަލު ކުރީ، މީގެ ކުރިން ޝައްމާންގެ ފަރާތުން އެދުމާ ގުޅިގެން އޭނާއަށް ހުކުމްކުރަން ފަސްކޮށްފައި އޮތުމަށް ފަހެވެ.
ދައުލަތުން ޝައްމާނަށް ކުރަނީ ފޭރުމުގައި ބައިވެރިވުމާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ. އެކަމަކު، އޭނާ ވަނީ އެ ހުރިހާ ދައުވާއަކަށް ވެސް އިންކާރުކޮށްފައެވެ.
މި މައްސަލައިގައި ވާނުވާ ބަންދުގައި ހުރުމަށް ފަހު، މިދިޔަ ޑިސެންބަރު 25 ގައި އޭނާ ވަނީ ބަންދުން ދޫކޮށްލާފައެވެ. އޭގެ ފަހުން އޭނާ ގެންދަވަނީ ބައެއް ސިޔާސީ ކަންކަމުގައި ވެސް ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. އެ ގޮތުން ގައުމީ ޔުނިވާސިޓީގެ ދަނާލުގައި އަންހެން ކުއްޖަކު މަރުވި ހާދިސާއާ ގުޅިގެން އަމަލުކުރި ގޮތުން ވެސް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން އިސްތިއުފާދެއްވަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އިމިގްރޭޝަންސްގެ ކޮންޓްރޯލާ ޖެނެރަލްގެ މަގާމުގައި ހުންނަވަނިކޮށް ޝައްމާން ހައްޔަރުކުރީ ބިދޭސީންގެ އަތުން ފައިސާ ނަގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ. އޭނާއާ އެކު އިތުރު ބަޔަކު ވެސް ހައްޔަރުކުރިއެވެ. ފުލުހުން ތުހުމަތުކުރަނީ އެ މީހުން އަތުން ފައިސާ ނެގުމަށް ފަހު، ބަންދުން ދޫކޮށްލީ ކަމަށެވެ.
ޝައްމާނަށް ކުރާ ދައުވާތަކާ ގުޅިގެން އޭނާގެ ދިފާއުގައި މަންމައާއި ބައްޕަ އަދި އަންހެނުން ވެސް ހެކިބަސް ދީފައިވެއެވެ.
ޝައްމާންގެ އަންހެނުންނާއި މަންމަ އަދި ބައްޕަ، ދިފާއީ ހެއްކެއްގެ ގޮތުގައި މައިގަނޑު ގޮތެއްގައި ހުށަހެޅީ ޝައްމާން ނަގާފައިވާ ސްޓޫޑެންޓް ލޯނަށް ފައިސާ ދައްކާފައިވާ ކަމާއި، އެ ފައިސާއަކީ އޭނާއަށް އޭނާގެ ބައްޕަ ދިން ފައިސާކަން ސާބިތުކުރުމަށެވެ.
ޝައްމާންގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ބިދޭސީއެއް އަތުން ބައި މިލިއަން ރުފިޔާ ފޭރިގަނެ، އޭގެ ތެރެއިން ބައެއް ޝަމްއާން އަތުގައި ބަހައްޓައި އަދި އަނެއްބައިން، ޝައްމާންގެ ސްޓޫޑަންޓް ލޯނަށް ފައިސާ ދެއްކުން ހިމެނެއެވެ. އެ ވާހަކަތައް ދައުވާގައި ހިމަނާފައިވެއެވެ.
ޝައްމާންގެ މައްސަލަ ވެސް ހުކުމާ ހަމައަށް ގޮސްފައިވާއިރު، މި މައްސަލައިގައި ޝައްމާނާ އެކު ކަހަލަ ގޮތަކަށް ހައްޔަރުކުރި ބައެއް މީހުން ވަނީ ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުން ހަދައި، ލުއި އަދަބު ހޯދާފައެވެ.