ކްލަބް މޯލްޑިވްސް އިން މުޅިން އަލަށް ބާއްވާ "ކިޑްސަލް 2026" ފުޓްސަލް މުބާރާތުގެ ކުޅުން ފޯރިއާއެކު ފަށާފައިވާއިރު، ފުރަތަމަ ދުވަހުގެ މެޗުތަކުގައި ވެލެންސިއާ އެކެޑަމީ އާއި އެލީޓް އެކެޑަމީން ތަފާތު ބޮޑު ނަތީޖާތަކަކުން މޮޅުވެއްޖެއެވެ.
މުބާރާތް ރަސްމީކޮށް އިފްތިތާހުކުރުމަށްޓަކައި ޚާއްސަ ހަރަކާތެއް ބާއްވައި، މުބާރާތުގެ ޓްރޮފީ ދައްކާލާފައިވާއިރު، މި ހަރަކާތުގައި ގައުމީ ފުޓްސަލް ޓީމުގެ ބައެއް ކުޅުންތެރިންވެސް ވަނީ ނިމިދިޔަ ހުކުރު ދުވަހު ބައިވެރިވެފައެވެ.
ކްލަބް މޯލްޑިވްސް އިން މިއަހަރު ބާއްވާ ހަތް މުބާރާތުގެ ތެރޭގައި ހިމެނޭ މި މުބާރާތުގެ ފުރަތަމަ ދުވަހުގެ މެޗުތަކުންވެސް ގިނަ އަދަދެއްގެ ހުނަރުވެރި ކުޑަކުދިންތަކެއް ވަނީ އިއްޔެ ފާހަގަވެގެން ގޮސްފައެވެ.

ކްލަބް މޯލްޑިވްސް ކިޑްސަލްގެ ފުރަތަމަ ދުވަހުގެ މެޗުތަކުގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާ
މުބާރާތުގެ ފުރަތަމަ ދުވަހު ކުޅުނު ހަތަރު މެޗުގެ ތެރެއިން، ހުޅުމާލެ ޔޫތު ސްޕޯޓްސް ކްލަބާއި އެޑްވެންޗާސް އެކެޑަމީ ބައްދަލުކުރި ފުރަތަމަ މެޗު 1-1 ގެ ނަތީޖާއަކުން ވީ އެއްވަރެވެ.
ނަމަވެސް، ވެލެންސިއާ އެކެޑަމީން ވަނީ ސްޓާސް އެކެޑަމީއާ ވާދަކޮށް 6-0 ގެ ބޮޑު ތަފާތަކުން މެޗު ކާމިޔާބުކޮށްފައެވެ. މި މެޗުގައި ވެލެންސިއާގެ އިސްމާއީލް އަޒްޔާން ޖަމާލް ހެޓްރިކް ހެދިއިރު، އެޓީމުގެ އަނެއް ތިން ލަނޑު ޖަހައިދިނީ އަލީ އާއިން އަސްގަރު، އަލީ އަޒީން އާދިލް އަދި އިބްރާހީމް އިލްޔާސް ބިން ހަސަން އެވެ.
އިއްޔެ ހަވީރު ކުޅުނު މެޗުތަކުގެ ތެރެއިން އެލީޓް އެކެޑަމީން ވަނީ ބީޖީ ސްޕޯޓްސް އެކެޑަމީގެ މައްޗަށް 10-1 ގެ ބޮޑު ނަތީޖާއަކުން ކުރި ހޯދާފައެވެ. ފޯރިގަދަ މި މެޗުގައި އެލީޓް ޓީމުގެ ޔޫސުފް ލުގްމާން ނަސީމް އާއި އާދު ބިން މުހައްމަދު ނިޔާޒް ހެޓްރިކް ހެދިއިރު، އަލީ ޒިހާން ޒިޔާދު އާއި އަލީ ސިޒާން ސާމިރުގެ ތެރެއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ގޯލު ކާމިޔާބުކޮށްދީފައެވެ.
މި މެޗުގައި ބީޖީން ޖެހި ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ޔޫސުފް އިޒްކާން އިމްރާނެވެ. ފުރަތަމަ ދުވަހުގެ ފަހު މެޗުގައި ބިސް ބުރު ސްޕޯޓްސް އެކެޑަމީން ލީޑު ނަގާފައިވަނިކޮށް، އެސްޕަޔާ އެކެޑަމީން ވަނީ ފަހަތުން އަރައި މެޗު ކާމިޔާބުކޮށްފައެވެ. އެސްޕަޔާގެ ދެ ގޯލު ޖަހައިދިނީ ޔަލްސަން ބިން ހިސާން އާއި އަހުމަދު ޔާލް ޝުޖާޢު އެވެ.
ޖުމްލަ 10 ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ވެލެންސިއާ، ބީޖީ، ސްޓާސް، އެލީޓް އަދި ވިލިމާލެ ޔުނައިޓެޑެވެ.
ގްރޫޕް ބީގައި ހިމެނެނީ ހުޅުމާލެ ޔޫތު، ނިއު ރޭޑިއަންޓް، އެސްޕަޔަރ، އެޑްވެންޗަރ އަދި ބިސްބުރު އެކެޑަމީ އެވެ. ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ހަތަރު ޓީމު ކުއާޓާ ފައިނަލަށް ހޮވޭ ގޮތަށް ރާވާފައިވާ މި މުބާރާތުގެ ކުޅުން ދެން އޮންނާނީ އަންނަ ހުކުރު ދުވަހުއެވެ.
މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް ޖޫން 23 ގައި، ސެމީ ފައިނަލް ޖޫން 27 ގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ފައިނަލް މެޗު އޮންނާނީ ޖުލައި 4 ވަނަ ދުވަހުއެވެ.