ޖަލުގައި ހުރި ޝަހީބުގެ 650،000 ރުފިޔާ ހައިކޯޓުން ހިފަހައްޓައިފި

ހުޅުމާލޭ ފަޅުން އަތުލައިގަތް 130 ކިލޯގެ ޑްރަގުގެ މައްސަލައިގައި ހައްޔަރުކުރި ޝަހީބު އިބްރާހިމް --

މަސްތުވާތަކެތީގެ މައްސަލަ ސާބިތުވެ، އުމުރަށް ޖަލަށްލާފައިވާ ޕީއެންސީގެ އެކްޓިވިސްޓް ޝަހީބު އިބްރާހީމަށް، މީހަކު ދޭން ސިވިލް ކޯޓުން ހުކުމްކުރި 650،000 ރުފިޔާ ހިފަހައްޓަން ހައިކޯޓުން އަމުރުކޮށްފިއެވެ.

ހުޅުމާލޭ ފަޅު ތެރޭ އަޅާފައި އޮތް ކަންނެލި ދޯންޏަކުން 2020 ވަނަ އަހަރު ހޯދި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ސާބިތުވެ، އުމުރަށް ޖަލަށްލާން ހުކުމްކޮށްފައިވާ ޕީއެންސީގެ އެކްޓިވިސްޓެއް ކަމަށްވާ ގއ. ވިލިނގިލީ، ލައިޓްހައުސް، ޝަހީބު އިބްރާހީމަށް، މީހަކު ދޭން ސިވިލް ކޯޓުން ހުކުމްކުރި 650،000 ރުފިޔާ ހިފަހައްޓަން ހައިކޯޓުން އަމުރުކުރީ، އެ މީހާގެ ފަރާތުން، ހައިކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ. އެއީ، ށ. ފޯކައިދޫ އައްސޭރި އަހްމަދު އަޝްފާގުއެވެ.

މި މައްސަލައިގައި ޝަހީބުއަށް ދޭން ޖެހޭ ފައިސާ ހިފަހައްޓަން ހައިކޯޓުން މިއަދު އަމުރުކުރިނަމަވެސް، އެ ހުކުމް ތަންފީޒު ކުރުން ފަސްކުރާނެ ތަނެއް ނެތް ކަމަށް ހައިކޯޓުން މިއަދު އަމުރު ކުރިއެވެ.

މި މައްސަލައަކީ 2019 ވަނަ އަހަރު ޝަހީބުގެ ފަރާތުން، ށ. ފޯކައިދޫ އައްސޭރި އަހްމަދު އަޝްފާގުއާ ދެކޮޅަށް، އެއްބަސްވުމަކާމެދު ހިލާފު އުފެދިގެން ހުށަހަޅާފައިވާ މައްސަލައެކެވެ. އެއީ ޝަހީބު، އަޝްފާގަށް ދިން ކަމަށް ބުނާ 650،000 ރުފިޔާ އަނބުރާ ހޯދަން ހުށަހެޅި މައްސަލައެކެވެ. ޝަހީބުވަނީ 650،000 ރުފިޔާގެ އިތުރުން އެ ފައިސާ ނުދައްކައި ހިނގި މުއްދަތަށް މަހަކު، 65،000 ރުފިޔާގެ މަގުން ޖޫރިމަނާއާއެކު ޖުމްލަ ދެ މިލިއަނެއްހާ ރުފިޔާ ހޯދަން އެދިފައެވެ.

އެހެންނަމަވެސް، ގާޒީ ފައްޔާޒް ޝާތިރު ކުރެއްވި ހުކުމުގައި ޖޫރިމަނާގެ ބައި ހިމަނާފައެއް ނުވެއެވެ. ފައްޔާޒުގެ ހުކުމުގައި ބުނެފައިވަނީ، 650،000 ރުފިޔާ ތިން މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭ ކަމަށެވެ. އެއީ މިދިޔަ ފެބްރުއަރީ މަހުއެވެ.

ތިން މަސް ދުވަހުގެ ތެރޭގައި 650،000 ރުފިޔާ ޝަހީބުއަށް ދައްކަން ސިވިލް ކޯޓުން ހުކުމް ކުރިއިރު، އޭނާ ހުރީ 50 އަހަރުގެ ހުކުމެއްގައި ޖަލުގައެވެ. 50 އަހަރުގެ ހުކުމުގެ އިތުރުން، 10 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން މިދިޔަ ސެޕްޓެމްބަރު މަހުވަނީ ޝަހީބުގެ މައްޗަށް ހުކުމް އިއްވާފައެވެ.

މަސްތުވާތަކެތީގެ ބޮޑު މައްސަލައެއް ސާބިތުވެ، 50 އަހަރަށް ޖަލަށްލާފައިވާ ޝަހީބު އިބްރާހީމަށް ދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވާ 650،000 ރުފިޔާ ހިފެހެއްޓުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރުކޮށްފިއެވެ. މި ފައިސާއަކީ ށ. ފޯކައިދޫ އައްސޭރި، އަޙްމަދު އަޝްފާޤުގެ ފަރާތުން ޝަހީބަށް ލިބެންޖެހޭ ފައިސާއެއްކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާ ފައިސާއެކެވެ. ހައިކޯޓުން މި ފައިސާ ހިފަހައްޓަން އަމުރުކުރީ އަޝްފާޤުގެ ފަރާތުން މި މައްސަލަ އިސްތިއުނާފުކުރުމާ ގުޅިގެންނެވެ. އެހެންނަމަވެސް، ސިވިލް ކޯޓުގެ ހުކުމް ތަންފީޒުކުރުން ފަސްކުރެވެން ނެތްކަމަށްވެސް ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ. މިއީ ފައިސާގެ މުއާމަލާތަކާ ގުޅިގެން އުފެދުނު ޚިލާފެއްގެ މައްޗަށް ބިނާކޮށް ހުށަހެޅުނު މައްސަލައެކެވެ.

  • ޝަހީބަށް 650،000 ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމާ ގުޅިގެން، އެ ފައިސާ ހިފެހެއްޓުމަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ.
  • މި މައްސަލައަކީ 2019 ވަނަ އަހަރު ފައިސާގެ މުއާމަލާތަކާ ގުޅިގެން އުފެދުނު ޚިލާފެއްގެ މައްޗަށް ބިނާކޮށް ހުށަހެޅުނު މައްސަލައެކެވެ.
  • ސިވިލް ކޯޓުން ޖޫރިމަނާގެ ގޮތުގައި ހޯދަން އެދުނު ފައިސާ ނަގައިދީފައެއް ނުވެއެވެ.
  • ޝަހީބަކީ 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި 50 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ފަރާތެކެވެ.
  • އޭނާގެ މައްޗަށް ދައުލަތަށް 10 މިލިއަން ރުފިޔާ ދެއްކުމަށްވެސް ވަނީ ހުކުމްކޮށްފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު