މެލޭޝިއާގެ ޑައިވް އެކްސްޕޯގައި ރާއްޖޭގެ ޑައިވިން އާއި ބޯޓިން ތަޖުރިބާތައް އިޝްތިހާރުކޮށްފި

މެލޭޝިއާގެ ޑައިވް އެކްސްޕޯގައި ރާއްޖޭގެ ޑައިވިން އާއި ބޯޓިން ތަޖުރިބާތައް އިޝްތިހާރުކުރުން -- ފޮޓޯ/ އެންބީއޭއެމް

މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ހުންނަ މެލޭޝިއާ އިންޓަނޭޝަނަލް ޓްރޭޑް އެންޑް އެގްޒިބިޝަން ސެންޓަރު (މައިޓެކް)ގައި ބޭއްވި 20 ވަނަ މެލޭޝިއާ އިންޓަނޭޝަނަލް ޑައިވް އެކްސްޕޯ (އެމްއައިޑީއީ) 2026ގައި ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)އިން ބައިވެރިވެއްޖެއެވެ.

އެންބީއޭއެމްއިން ބުނި ގޮތުގައި، ހުކުރު ދުވަހު ފެށި އެ އެކްސްޕޯ މިއަދުގެ ނިޔަލަށް ކުރިއަށްގެންދާއިރު، އެ އެކްސްޕޯއަކީ އޭޝިއާގައި ފުޅާވަމުން އަންނަ މާކެޓަށް ރާއްޖެ ސީދާކޮށް އިޝްތިހާރު ކުރުމަށް އެންބީއޭއެމްއަށް ލިބުނު މުހިންމު އިސްތިރާޖީ ފުރުސަތެކެވެ. އެގޮތުން މުޅި ދުނިޔެއަށް މަޝްހޫރު ކަނޑުފަޅުގެ ފަތުރުވެރިކަމާއި، ލިވްއެބޯޑް (ސަފާރީ) ތަޖުރިބާތަކުގެ އިތުރުން ޑައިވިން ދާއިރާ، ސީދާ ގޮތެއްގައި އިޝްތިހާރު ކުރުމަށް ފުރުސަތު ލިބުނު ކަމަށް އެންބީއޭއެމްއިން ބުންޏެވެ.

އެ އެސޯސިއޭޝަނުން ބުނީ، ދަތުރުފަތުރުގެ ބޭނުންތަކާއި ޑިމާންޑްތަކަށް ހަލުވި ބަދަލުތަކެއް އަންނަމުންދާ މި ދަނޑިވަޅަކީ، އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެއަކީ އެންމެ ފުރިހަމަ މަންޒިލްގެ ގޮތުގައި ޔަގީންކޮށްދޭންވީ ވަގުތު ކަމަށެވެ.

އެންބީއޭއެމްއިން ބުނި ގޮތުގައި އެ އެސޯސިއޭޝަނާއި "ބޯޓިން މޯލްޑިވްސް"ގެ ބްރޭންޑްގެ ދަށުން އެ ހަރަކާތުގައި ބައިވެރިވާ ވަފުދުން ދަނީ ސަރަހައްދީ ޓުއާ އޮޕަރޭޓަރުންނާއި، ޑައިވިންއަށް ޝައުގުވެރިވާ ފަރާތްތަކުގެ އިތުރުން ކަނޑުގެ ތަފާތު ތަޖުރިބާތައް ބޭނުންވާ ފަރާތްތަކާ ބައްދަލުކޮށް، ދިވެހި ކަނޑުފަޅުގެ މުއްސަނދިކަމާއި ހިތްގައިމުކަން ހާމަކޮށްދެމުންނެވެ.

މެލޭޝިއާގެ ޑައިވް އެކްސްޕޯގައި ރާއްޖޭގެ ޑައިވިން އާއި ބޯޓިން ތަޖުރިބާތައް އިޝްތިހާރުކުރުން -- ފޮޓޯ/ އެންބީއޭއެމް

އެކަމަށް ލިބުނު އެންމެ ބޮޑު އެހީތެރިކަމަކީ، މިހާރު މި ސަރަހައްދުތަކުގެ މެދުގައި އޮތް ދަތުރުފަތުރުގެ ފަހި ގުޅުން ކަމަށް އެންބީއޭއެމްއިން ބުންޏެވެ. އެގޮތުން މެލޭޝިއާގެ ކުއަލަލަމްޕޫރާއި ރާއްޖެއާ ދެމެދު ގާއިމުކޮށްފައިވާ ފަސޭހަ، ސީދާ ދަތުރުތަކުގެ ސަބަބުން ދަތުރުފަތުރުގެ ކަންކަން ކުރިއަށްވުރެ ބޮޑަށް ވަނީ އިންތިޒާމުވެފައި ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

އެންބީއޭއެމްއިން މި ފުރުސަތުގެ ބޭނުން ހިފައި، ރާއްޖެއަކީ ހަމައެކަނި އަގުބޮޑު މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމުގެ ބަދަލުގައި، މިއީ ދެކުނު އިރުމަތީ އޭޝިއާ އާއި މުޅި އޭޝިއާ ބައްރުގެ ފަތުރުވެރިންނަށް ފަސޭހައިން އާދެވޭނެ، ދުނިޔޭގެ ފެންވަރުގެ ޑައިވް މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރަމުންނެވެ.

އެންބީއޭއެމްގެ ފަރާތުން އެކްސްޕޯގައި ހުރި މަންދޫބަކު ބުނީ، އެމްއައިޑީއީ 2026 ގައި ބައިވެރިވުމުން، ޑައިވިންއަށް ލޯބިކުރާ އަދި މި ދާއިރާއަށް ޚަރަދުކުރާ މަތީ ފަންތީގެ ފަރާތްތަކާ ސީދާ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ.

"ދެ ގައުމުގެ ދެމެދުގައި އޮތް ކައިރިމިނާއި، ސީދާ ވައިގެ ދަތުރުފަތުރުގެ ގުޅުމުގެ ސަބަބުން، މިއީ އޭޝިއާ މާކެޓުން ރާއްޖޭގެ ބޯޓިން އަދި ޑައިވް ދާއިރާއަށް ކުރިއެރުން ހޯދުމަށް ލިބޭ އެންމެ ފަހި ފުރުސަތު." އޭނާ ބުންޏެވެ.

އެންބީއޭއެމްއިން ބުނީ، އެމްއައިޑީއީ ފަދަ ބައިނަލްއަގުވާމީ ފެންވަރުގެ ބޮޑެތި އެކްސްޕޯތަކުގައި މެދުނުކެނޑި ބައިވެރިވުމުގެ މަގުސަދަކީ، ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ސިނާޢަތް އިތުރު ހަރުފަތަކަށް އުފުލައިދީ، ވިޔަފާރީގެ އާ ގުޅުންތައް ގާއިމުކޮށް، ކަނޑުއަޑީގެ ރީތިކަން ބަލާލުމަށް ދުނިޔޭގައި އޮތް އެންމެ މަގުބޫލު މަންޒިލްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުން ކަމަށެވެ.

މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ކުރިއަށްދާ 20 ވަނަ މެލޭޝިއާ އިންޓަނޭޝަނަލް ޑައިވް އެކްސްޕޯ (އެމްއައިޑީއީ) 2026 ގައި ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ވަނީ ބައިވެރިވެފައެވެ. މި އެކްސްޕޯގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ކަނޑުފަޅުގެ ފަތުރުވެރިކަމާއި، ސަފާރީ އުޅަނދުފަހަރުގެ ތަޖުރިބާތަކުގެ އިތުރުން ޑައިވިން ސިނާއަތް އޭޝިއާގެ ފުޅާވަމުން އަންނަ މާކެޓަށް ސީދާގޮތެއްގައި ތައާރަފުކޮށް އިޝްތިހާރުކުރުމެވެ. "ބޯޓިން މޯލްޑިވްސް" ބްރޭންޑުގެ ދަށުން، އެންބީއޭއެމްގެ ވަފުދުން ދަނީ ސަރަހައްދީ ޓުއާ އޮޕަރޭޓަރުންނާއި ޑައިވިންއަށް ޝައުގުވެރިވާ ފަރާތްތަކާ ބައްދަލުކުރަމުންނެވެ. ރާއްޖެއަކީ ހަމައެކަނި އަގުބޮޑު މަންޒިލެއްގެ ގޮތުގައި އޮންނަ އޮތުން ބަދަލުކޮށް، ދެކުނު އިރުމަތީ އޭޝިއާއިން ފަސޭހައިން ދަތުރުކުރެވޭ، ދުނިޔޭގެ ފެންވަރުގެ ޑައިވް މަންޒިލެއްކަން މި ހަރަކާތުގެ ތެރެއިން ދަނީ އަންގައިދެމުންނެވެ. މިކަމަށް އެންމެ ބޮޑު މަގުފަހިކަމެއް ލިބެނީ މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮންނަ ސީދާ ވައިގެ ދަތުރުފަތުރުގެ ގުޅުމުންނެވެ.

  • އެންބީއޭއެމްއިން މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ބޭއްވި 20 ވަނަ އެމްއައިޑީއީ އެކްސްޕޯގައި ބައިވެރިވުން.
  • ރާއްޖޭގެ ޑައިވިން، ލިވްއެބޯޑް އަދި ކަނޑުފަޅުގެ ފަތުރުވެރިކަން އޭޝިއާ މާކެޓަށް ސީދާގޮތެއްގައި އިޝްތިހާރުކުރުން.
  • ރާއްޖެއަކީ ހަމައެކަނި އަގުބޮޑު މަންޒިލެއްގެ ބަދަލުގައި ފަސޭހައިން ދަތުރުކުރެވޭ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓުކުރުން.
  • ދެ ގައުމުގެ ދެމެދުގައި އޮންނަ ސީދާ ވައިގެ ދަތުރުފަތުރުގެ ސަބަބުން ވިޔަފާރީގެ އާ ގުޅުންތައް ގާއިމުކުރުމަށް މަގުފަހިވުން.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު