މިދިޔަ ބުރާސްފަތި ދުވަހު ސިނަމާތަކުގައި އެޅުވި ތެލުގޫ ފިލްމު "ޕެޑީ"ގައި ބަތަލާ ޖާންވީ ކަޕޫރުގެ ކެރެކްޓާ ދައްކުވައިދީފައިވާ ގޮތާއި ގުޅިގެން އަމާޒުވި ފާޑުކިޔުންތަށް ބަލައިގަންނަ ކަމަށާއި، ފިލްމުގެ ބައެއް މަންޒަރުތަކަށް ބަދަލު ގެންނާނެ ކަމަށް ޑައިރެކްޓަރު ބުޗީ ބާބޫ ސަނާ ބުނެފިއެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް ޑައިރެކްޓަރު ބުޗީ ނެރުނު ބަޔާނެއްގައި ބުނީ، ބެލުންތެރިންގެ ޚިޔާލުތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދީފައިވާ ކަމަށެވެ.
"ފިލްމު އުފައްދާ މީހެއްގެ ހައިސިއްޔަތުން އަހަރެން ގަބޫލު ކުރަނީ ސިނަމާ އަކީ މުނިފޫހިފިލުވައިދީ، ހިތްވަރުދީ އަދި ބެލުންތެރިންނާ ގުޅުވައިދޭންޖެހޭ އެއްޗެއް ކަމަށް. އެއީ އެއްވެސް މީހަކަށް އުނދަގޫވާ ނުވަތަ އިހުތިރާމް ކުޑަވާ ފަދަ އެއްޗަކަށް ވެގެންނުވާނެ،" ބުޗީ ބުނެފައިވެއެވެ.
"އަހަރެމެންގެ މަގްސަދަކީ އެއްވެސް އަންހެން ކެރެކްޓައެއްގެ އަގުވައްޓާލުމެއް ނޫން. ނަމަވެސް ފިލްމުގެ އެއްވެސް ބައެއް އެފަދަ ގޮތަކަށް ބެލުންތެރިންނަށް ސިފަވެފައިވާނަމަ، އެކަމާ ހިތާމަކޮށް އިޚުލާޞްތެރިކަމާއެކު މާފަށް އެދެން،" ބުޗީގެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

ޑައިރެކްޓަރު ބުޗީ ބާބޫ އެކްޓަރު ރާމް ޗަރަންއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ
ބެލުންތެރިންނަށް ވާހަކަ ކިޔައިދޭ މީހުންގެ ހައިސިއްޔަތުން އޯޑިއަންސްގެ ވިސްނުމާއި އިހުސާސްތަކަށް އިހުތިރާމްކުރުމަކީ ފިލްމު އުފައްދާ މީހުންގެ ޒިންމާއެއް ކަމަށް ޑައިރެކްޓަރު ބުޗީ ވަނީ ބުނެފައެވެ. އަދި އަންހެނުންގެ ކަރާމާތާއި ގަދަރު ހިފެހެއްޓޭނެ ފަދަ ވަރުގަދަ ކެރެކްޓަރުން ދައްކުވައިދިނުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ބުޗީ ވަނީ ވައުދުވެފައެވެ.
ތެލުގޫ އެކްޓަރު ރާމް ޗަރަން ލީޑް ރޯލު ކުޅެފައިވާ "ޕެޑީ" ރިލީޒްކުރުމާ އެކު އެ ފިލްމުގައި ބޮލީވުޑްގެ ބަތަލާ ޖާންވީ ކަޕޫރުގެ ކެރެކްޓާ ބޭނުންކޮށްފައިވަނީ ބަތަލާގެ ރީތިކަން ހާމަކުރުމަށް އެކަނި ކަމަށާއި ޖާންވީގެ އެކްޓިންގް ހުނަރު ގެނެސްދިނުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފައެވެ. ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައި ވަނީ، އަންހެނުންނަށް ކުރާ ގޯނާ އަކީ ލޯބީގެ ކަމެއްގެ ގޮތުގައި ފިލްމުގައި ދައްކުވައިދީފައިވާ ކަމަށެވެ.
މައިތްރީ މޫވީ މޭކާސް އާއި ސުކުމާރު ރައިޓިންގްސްއިން އުފައްދާފައިވާ މި ފިލްމުގައި ޝިވާ ރާޖްކުމާރު، ޖަގަޕަތީ ބާބޫ އަދި ދިވްޔެންދޫ ޝަރުމާ މުހިންމު ރޯލުތައް ކުޅެފައިވާއިރު، ފިލްމުގެ މިއުޒިކް ތައްޔާރުކޮށްފައިވަނީ އޭއާރް ރަހުމާންއެވެ.