އިޤުރާރުވީމޭ ލޯބިން - 38

އިޤުރާރުވީމޭ ލޯބިން -

"ކިހިނެއްވީތަ އައިރާ؟ ޓެލް މީ..." ޒަހްރާން ހަމަ ރަނގަޅަށް ވެސް ހާސްވެއްޖެއެވެ.

"ނުވޭ ކަމެއް. ހިނގާ އެތެރެއަށް." އެހެން ބުނެލާފައި އެތަނުން ދާންވެގެން އައިރާ އަވަސްވެގަތެވެ. އެހެންނަމަވެސް، އެކަމަށް ޒަހްރާން ހުރަސް އެޅިއެވެ. އޭނާ އައިރާގެ އަތުގައި ހިފައްޓަމުން، އައިރާ މަޑުކުރިއެވެ.

"ވީގޮތެއް ނުބުނަނީސް ނުދެވޭނެ." ޒަހްރާން ބުމަ އަރުވައިލިއެވެ. އައިރާއަށް ކޮންމެވެސް ކަމެއް ވެއްޖެއެވެ. ވީކަމެއް ނޭނގެނީސް އޭނާގެ ހިތަށް ހަމަޖެހުން ލިބޭނެކަމަށް އައިރާ ހީކުރަނީ ހެއްޔެވެ؟

"މިވަގުތަކު ނޫން..." އައިރާ ދެކޮޅު ހެދިއެވެ.

"ނޫން. ޓެލްމީ..." ޒަހްރާން ވެސް ގޮތް ދޫކުރާކަށް ބޭނުމެއް ނުވިއެވެ. އައިރާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އެވަގުތު ބެންކުއެޓް ހޯލް ތެރެއަށް މީހަކު ބޭރަށް ނުކުމެއްޖެއެވެ. އޭނާ ހުރީ ފޯނު ކަންފަތުގައި ޖައްސާލައިގެންނެވެ. އައިރާމެން ފެނުމާއެކު ކަންފަތާ ފޯނު ދުރުކޮށްލަމުން އޭނާ އެ ދެމީހުންނަށް ފުންކޮށް ބަލައިލިއެވެ.

އެމީހާ ހަމަ ފެނުމާއެކު އައިރާގެ ތަބީޢަތަށް ބަދަލުތަކެއް އަތުވެއްޖެކަން ޒަހްރާނަށް ރޭކާލިއެވެ. އޭނާ ހިފައްޓާފައިވާ އަތުގެ ތެރެއިން އަތް ނައްޓައިލަމުން އައިރާ ހިންދިރުވައިލި މަންޒަރު ވެސް ފެނުނެވެ. އެވަގުތު އައިރާ ދުލުން ނުބުނި ނަމަވެސް، އެއީ އައިރާގެ މާޒީއާ ގުޅުމެއް އޮތް މީހެއްކަން ޒަހްރާނަށް ދެނެގަނެވުނެވެ. އެ ދެމީހުންނަށް ބަލަން ހުރެފައި، އެ ފިރިހެންމީހާ އެތެރެއަށް ވަނުމާއެކު، ޒަހްރާން އަނެއްކާވެސް އައިރާއާ ކުރިމަތިލިއެވެ.

"އެއީ ކާކު؟" އޭނާ ސުވާލުކޮށްލިއެވެ. "އައިރާ. އަހަރެން އޭނަ ކައިރިން ސުވާލުކުރަންވީތަ؟ އޭނަ ފެނިގެން އައިރާއަށް ތިހާ ބޮޑު ބަދަލެއް އައީ ކީއްވެތަ؟"

ޒަހްރާން ކުރިނުކުރާނެކަން އެނގުމުން އައިރާ ތުންފަތުގައި ދަތް އަޅައިލިއެވެ. އެއަށްފަހު އޭނާ އެއީ ކާކުކަން ޒަހްރާނާ ހިއްސާކުރިއެވެ. އެ ވާހަކަ ދެއްކިއިރު، އޭނާ ހުރީ އިސްޖަހައިގެންނެވެ. ޒަހްރާނާ ހަތަރު ކަޅި ހަމަކުރަން ލަދުންކަންނޭނގެއެވެ. ނޫނީ ޒަހްރާނަށް ބަލައިލަން ހިތްވަރު ނުލިބުނީއެވެ. މާޒީއާ ދުރަށް ދާން މަސައްކަތްކުރާ ވަރަކަށް އެ މާޒީ އޭނާގެ ފަހަތުން އަންނަނީ ކީއްވެގެން ހެއްޔެވެ؟ ނުދެވި އިތުރު ހިތްދަތިކަމެއް އޮތީ ހެއްޔެވެ؟

"އެއީ އައިރާގެ ކުށެއް ނޫނެއްނު. އިޓްސް ނޮޓް ޔޯ ފޯލްޓް..." ޒަހްރާން ބުނެލިއެވެ. އޭނާ އައިރާގެ އަތަށް ފިތައިލިއެވެ.

"އަހަރެން މިހުރީނު އައިރާ ކައިރީގަ." ޒަހްރާން ބުނެލިއެވެ. އޭނާ އައިރާގެ ހިތާމަތައް ލުއިކޮށްދޭން ބޭނުންވާ ފަދައަކުން ވާހަކަ ދެއްކިއެވެ.

"ދެން ހިނގާ އެތެރެއަށް." ޒަހްރާން ބުނެލިއެވެ. އޭނާ ހިނިތުންވެލިއެވެ. އެ ފިރިހެންވަންތަކަމާއި، އެ އޯގާތެރި ހިނިތުންވުމުގެ ސަބަބުން، އައިރާގެ ހިތަށް ފިނިކަން ލިބުނެވެ. ކޮންމެވެސް ވަރަކަށް ހާސްކަން ލުއިވެ މީހާ ހަމަޖެހިލެވުނެވެ. ޒަހްރާނަށްޓަކައި އޭނާގެ ހިތުގައި އުފެދިފައިވާ ޖަޒުބާތުތައް ހިނދެއް ހިނދަކަށް ދިޔައީ ފުންވަމުންނެވެ.

"ހާދަ ރީއްޗޭ މިރޭ..." އައިރާއަށް ބަލައިލަމުން ޒަހްރާން ތަޢުރީފްކޮށްލިއެވެ. ވަޅުފެހިކުލައިގެ މެކްސީގައި އައިރާ ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ. ކޮށްފައިވާ ލުއި މޭކަޕުގެ ސަބަބުން އޭނާގެ ރީތިކަންވަނީ ދެގުނަކޮށްލާފައެވެ. އެ ތުންފަތް މަތިން މިހާރު ފެންނަމުންދިޔަ ހިނިތުންވުން އެ ރީތިކަން އިތުރަށް ފުރިހަމަ ކޮށްލައިފިއެވެ. އެ ގޮތުގައި އައިރާ ހުރުމަކީ އޭނާގެ ހިތުގެ އެދުމެވެ. އެއީ އޭނާގެ ހިތަށް ލިބޭނެ އެންމެ ބޮޑު އުފާވެސް މެއެވެ.

ޒަހްރާންގެ ތަޢުރީފްގެ ބަސްތަކުން، އައިރާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އޭނާ ލަދުގަންނަ ގޮތްވިއެވެ. އެފަދަ ގޮތަކަށް ޒަހްރާން އޭނާއަށް ތަޢުރީފް އެކުރީ އަލަށެވެ. ހިތުގެ އިޙްސާސްތައް ހަލަބޮލިވެގެން ދިޔަ އިރު، ނޭވާ ވެސް ފުންވެގެން ދިޔައެވެ. އޭނާ އަމިއްލަ ޖަޒުބާތުތައް ކިޔަމަން ކުރުވަން މަސައްކަތް ކުރި ނަމަވެސް، އެއީ ކުރަން މާ ފަސޭހަކަމަކަށް ނުވިއެވެ. އިންތިހާއަށް އުނދަގޫވިއެވެ. އެ އަސަރުތައް މޫނުމަތީން ވެސް ފާޅުވާން ފެށިއެވެ. އައިރާއަށް ވީގޮތުން ޒަހްރާންގެ ތުންފަތް މަތީގައިވި ހިނިތުންވުން ފުޅާވެގެން ދިޔައެވެ. އައިރާ މިހާރު އެކީ ހަމަޖެހިއްޖެކަން އޭނާއަށް އެނގުނެވެ.

ދެމީހުން އެކުގައި ގޮސް ހޯލަށް ވަތްއިރު، އެ ދެމީހުންނަށް ބަލަހައްޓައިގެން، އެ ފިރިހެންމީހާ ހުއްޓެވެ. އެ މަންޒަރު ފެނުމާއެކު، ޒަހްރާން އައިރާއާ އިތުރަށް ގާތްވެލިއެވެ. އެ ދެމީހުން ދިޔައީ އަޔާޝްމެން ކައިރިއަށެވެ. އަޔާޝް އޭނާގެ އަނބިމީހާ ލަޔާލީއަށް އައިރާ ތަޢާރަފްކޮށްލަ ދިނެވެ. އަޔާޝްމެންނާ އެކު ފޮޓޯނަގާފައި، ޒަހްރާނާއެކު އައިރާ ތަންކޮޅެއް ދުރަށް ޖެހިލިއެވެ. އެއްޗެއް ކާން އޭނާގެ ގާތުން ޒަހްރާން އެދުނު ނަމަވެސް، އެކަން ކުރަން އުޒުރުވެރިވަމުން އައިރާ ދެފާރަތަށް ބޯ ހޫރައިލިއެވެ.

*****

މީހުން ގަނޑުގެ ތެރޭން ލުޠުފީ ހޯދަމުން ދިޔައީ ޖަމާލެވެ.

"ދެންމެ ހުރި މިތާ. ކޮންތާކަށްބާ އެ ދިޔައީ؟" ސާދުނާ ވެސް ފަރާތް ފަރާތަށް ބަލައިލިއެވެ.

"އެހެރީ..." އެއްލި ކަޅިއަކުން، ފިނި ބުއިންތައް ބަހައްޓާފައި ހުރި މޭޒުކައިރީގައި ހުރި ޖަމާލު ސާދުނާގެ ލޮލުގައި އަޅައިގަތެވެ. އެވަގުތު އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް ސާދުނާގެ ރަޙްމަތްތެރިއަކު އައުމުން، އޭނާ އެ މީހާއާ ވާހަކަ ދައްކަން ފެށިއެވެ. އެއާއެކު، ލުޠުފީ ޖަމާލު ކައިރިއަށް ދިޔައެވެ.

"ޖަމާލު މުރާދާ ބައްދަލުކުރަން އެދުނީމެއްނު. މުރާދު އެބަ ހުރި އެ ދިމާލުގަ. ހިނގާ ދަމާ.. ކުޑަކޮށް ސުރުޚީ އަޅާލަންވާނެ މިރޭ..." ލުޠުފީ ބުނެލިއެވެ. އެއާއެކު ޖަމާލު ބޯ ޖަހައިލިއެވެ. އޭނާ ލުޠުފީގެ ފަހަތުން ހިނގައިގަތްއިރު ވެސް، ނަޒަރު ވަނީ ޒަހްރާނާ އައިރާއަށް ހުއްޓިފައެވެ. އައިރާއާ ޒަހްރާނާ ދެމެދު އޮތީ ވަރަށް ގާތް ގުޅުމެއްކަން އޭނާއަށް އެނގުނެވެ. ހަމައެއާއެކު ހައިރާންކަމެއް ވެސް އޭނާގެ ހިތުތެރޭގައި ވިއެވެ.

ލުޠުފީ އޭނާ ގޮވައިގެން ގޮސް މުރާދު ކައިރިއަށް ހުއްޓުނެވެ. ހަލަބޮލި މާހައުލާ ތަންކޮޅެއް ދުރުގައި މީހުންތަކާ ދުރުގައި ހުރި މުރާދު ލުޠުފީއަށް ގޮވައިލިއެވެ. އެއަށްފަހު ކައިރީގައި ހުރި ޖަމާލަށް ވެސް ސަލާމަށް އަތް ދިއްކޮށްލިއެވެ.

"މީ ޖަމާލު. އަހަރެން ބުނީމެއްނު." ލުޠުފީ ބުނެލިއެވެ.

"ހޫމް. ހަނދާންވެއްޖެ. ވިޔަފާރިއަށް އިންވެސްޓްކުރަން ބޭނުންވެގެން ދޯ..." މުރާދު ބުނެލިއެވެ. އެއީ އެ ވާހަކަ ދައްކަން އެންމެ އެކަށޭނެ މާޙައުލަކަށް ނުވި ނަމަވެސް، ލުޠުފީގެ އެދުމަށް ދެކޮޅު ހަދަން މުރާދަކަށް ނުކެރުނެވެ.

"އާނ. މީ ސާދުނާގެ ބޮޑުބޭބެ. މިހުރިހާ ދުވަހު އުޅުނީ ރަށުގަ. އަދި މާލެ އައިރާ ވާނީ އަހަރެއްހާ ދުވަސް. ވިޔަފާރިއެއް ފަށަންވެގެން އިންވެސްޓަރަކު ހޯދަން ބުނެގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެ." ލުޠުފީ ބުނެލިއެވެ. އެއަށްފަހު، އެދެމީހުންނަށް ފުރުސަތު ދެމުން، ލުޠުފީ ދުރަށް ޖެހިލީ އެކުވެރިއަކު އޭނާއަށް ހަނާ އަޅާލުމުންނެވެ.

"އެހެންތަ! މީ އަސްލު ވިޔަފާރީގެ ވާހަކަ ދައްކަން އެހާ އެކަށީގެންވާ ވަގުތެއް ނޫންކަންނާނގެ. ހިނގާ ފަހުން ތަންކޮޅެއް ރަނގަޅަށް ތިވާހަކަ ދައްކާލަން ދިމޭވެލަމާ..." މުރާދު އޭނާގެ ޚިޔާލެއް ފާޅުކުރިއެވެ.

"ކޮންސްޓްރަކްޝަން މަސައްކަތްކުރަން ކުންފުންޏެއްވެސް ރަޖިސްޓްރީ ކުރިން، އެކަމަކު މަސައްކަތެއް ނުލިބޭ.... އެހެންވީމަ ހަމަޖެހިލައިގެން މިކަމާ ވާހަކަ ދައްކާލާނީ ދޯ..." ޖަމާލަށް އުންމީދެއް ލިބުނެވެ. އެވަގުތު އޭނާގެ ކަޅި ހުއްޓުނީ އަނެއްކާވެސް، ޒަހްރާނާ އެކު ހުރި އައިރާއަށެވެ. ޖަމާލު މާ ވަރަކަށް އެ ދިމާލަށް ބަލާތީ މުރާދު ވެސް ބަލައިލިއެވެ. އެއާއެކު އޭނާގެ ލޮލުގައި ވެސް ޒަހްރާންމެން އަޅައިގަނެއްޖެއެވެ. ހަމަ އެއާއެކު ޒަހްރާނަށް ވެސް އެމަންޒަރު ފެނިއްޖެއެވެ. އޭނާ އައިރާގެ އުނަގަނޑުގައި ކުޑަކޮށް ހިފައްޓައިލިއެވެ. އައިރާއަށް ސިހުން ލިބުނު ނަމަވެސް، ޒަހްރާންގެ ބޭނުން އެނގި، އޭނާ އެއްޗެއް ނުބުންޏެވެ. އެ މަންޒަރު ފެނި ޖަމާލުގެ ތަބީޢަތަށް ބޮޑެތި ބަދަލުތަކެއް އައެވެ.

"ކިހިނެއްވީ؟" މުރާދު ސުވާލުކޮށްލިއެވެ. އޭނާ އެ ދިމާލަށް ބަލައިލުމާއެކު، ޒަހްރާން ވަގުތުން އައިރާއާ ދުރުވެލި ނަމަވެސް، އެ މަންޒަރު ސާފުކޮށް ފެނުނެވެ. ކުޑަކޮށް ހިތްހަމަނުޖެހުނީ މީހުންތަކު ތެރޭގައި ޒަހްރާން އެފަދަ އަމަލެއް ކުރުމުންނެވެ.

"ނޫނޭ. މާ ބޮޑުކަމެއް ނުވޭ. ދަންނަ ހެން ހީވާތީ..." ޖަމާލު ބުނެލިއެވެ.

"ކާކު؟ ފިރިހެންކުއްޖާ އެއީ އަހަރެންގެ ދަރިފުޅު." މުރާދަށް ބުނެވުނެވެ. އޭނާއަށް ކުޑަ ހައިރާންކަމެއް ލިބިގެން ދިޔައެވެ.

"އޭނައެއް ނޫން. ދެން ކައިރީގައި އެހުރި އަންހެން ކުއްޖާ. އެއީ ކޮން ރަށެއްތަ؟" ވާހަކައިގެ މައުޟޫގެ ތެރެއަށް ރަނގަޅަށް ވަނުމުގެ ބޭނުމުގައި ޖަމާލު މަގުކޮށަން ފެށިއެވެ. އެކަން މުރާދަކަށް ރޭކާނުލައެވެ. ވާނީ ވެސް އެހެން ނޫން ހެއްޔެވެ؟ ޖަމާލުގެ ވާހަކަ ދެއްކުމުގެ އަޑުގައިވަނީ ފަށުވިކަމާއި މަޑުމައިތިކަމެކެވެ. އެހެން މީހުން އިތުރަށް ސުވާލުކުރަން ބޭނުންވާ ފަދަ އަސަރުތަކެކެވެ. މުރާދު އައިރާގެ ރަށުގެ ނަން ބުނެލުމާއެކު ބޯ ޖަހައިލަމުން ޖަމާލު ވާހަކަ ދައްކަން ފެށިއެވެ.

"އެހެންވީމަ އަހަންނަށް މި ހީވީ ރަނގަޅަށްތާ؟ އެއީ އަހަރެމެން ރަށު ކުއްޖެއް... އެކަމަކު، އެކަމަކު މުރާދުގެ ދަރިއަކާ އެ އަންހެން ކުއްޖާއާ އޮތީ ކޮން ގުޅުމެއްބާ؟ އަންހެނުންތަ އަނެއްކާ؟" ޖަމާލު ސުވާލުކޮށްލިއެވެ.

"ނޫން... ނޫނޭ... އަދި ކައިވެންޏެއް ނުކުރޭ..." މުރާދަށް ބުނެވުނެވެ. އެ ފަދަ ސުވާލުތަކަކީ އޭނާއަށް ޖަވާބުދޭން މާ ފަސޭހަ ސުވާލުތަކެއް ނޫނެވެ. ހިލޭ އަންހެންކުދިން ގޮވައިގެން އެގޮތަށް މީހުންގެ ތެރޭގައި އުޅުމަކީ އޭނާ މާ ރުހޭކަމެއް ނޫނެވެ.

"އެ އަންހެން ކުއްޖާ... ނަމަކީ އައިރާ... މާލެ ބަދަލުވީ މީހަކާ އިނދެގެން..." ޖަމާލު ބުނެލިއެވެ. "ވަރިވީބާ އަނެއްކާ؟ ކިހިނެއްތަ އޭނަ މުރާދުގެ ކުއްޖަކާ ދިމާވީ."

ޖަމާލު މާ ބޮޑަށް ޒާތީ ސުވާލުކުރަން ފެށުމުން މުރާދު ހިތްހަމަނުޖެހުނުހެން ހީވުމުން އޭނާ މާފަށް އެދުނެވެ. އެހެންނަމަވެސް، ދެވަނަ ފަހަރަށް ވެސް އޭނާ މައުޟޫގެ ތެރެއަށް ވަދެވޭތޯ އުޅުނެވެ.

"އެކަހަލަ ކުދިންނަށް ނޫޅެވޭނެތާ އިނދެގެނެއް ވެސް. ދަރިންގެ ވެސް ހުންނާނީ މަންމަގެ އުޅުމެއްނު. ދެން އެވާހަކަ ބާއްވާ." ޖަމާލު ބުނެލިއެވެ. އެއަށްފަހު އޭނާ މަޑުކޮށްލިއެވެ. މުރާދުފެ ފަރާތުން އިތުރު ސުވާލެއް ކުރިމަތިވޭތޯއެވެ. ވީ ވެސް އެހެންނެވެ. ޖަމާލު އެބުނި ބަސްތަކުން މުރާދުގެ ހިތުގައި ވެސް ޝަޢުޤުވެރިކަން އުފެދިއްޖެއެވެ. އައިރާގެ ޢާއިލާއާ ބެހޭގޮތުން މާ ގިނަ ކަންތައްތަކެއް އޭނާއަކަށް އެނގިފައެއް ނެތެވެ.

"މަންމަގެ އުޅުމޭ... ތިބުނީ ކީކޭ؟" މުރާދަށް ސުވާލުކޮށްލެވުނެވެ.

"މި ވާހަކަ ބުނަން އަސްލު ބޭނުމެއް ނުވޭ، އެކަމަކު މުރާދު ތި ސުވާލު ކުރީމަ ޖަވާބު ދީފާނަން. އައިރާ... އައިރާގެ މަންމައަކީ ހަށިވިއްކަމުން ދިޔަ އަންހެނެއް. އަދި އައިރާއަކީ ވެސް ބައްޕަ ނެތް ކުއްޖެއް. އޭނަ މާލެ އައީ މަންމަ މަރުވިތާ ހަފްތާއެއް ވެސް ނުވަނީސް، މީހަކާ އިނދެގެން." ޖަމާލުގެ ވާހަކައާއެކު، މުރާދުގެ ދެބުމަ ގާތްވެގެން ދިޔައެވެ. އޭނާއަށް ޒަހްރާންގެ ކައިރީގައި ހުރި އައިރާއަށް ބަލައިލެވުނެވެ. އޭރު އެ ދެމީހުން ތިބީ ކޮންމެވެސް ބަޔަކާ ވާހަކަ ދައްކާށެވެ. އައިރާ އެގެއަށް އައި ފަހުން މުޅީން ވެސް ފެނުނީ، އައިރާގެ އަޚްލާޤު ރަނގަޅު ސިފަތެކެވެ. އެއީ ދައްކައިލި ދަޅައެއް ހެންނެވެ.

"ވަރަށް ބޮޑަށް މާފުކުރޭ. މިގޮތަށް ބުނަން ޖެހުނީމަ. އެކަމަކު އަހަންނަށް ވަރަށް ރަނގަޅަށް އޭނާގެ މަންމަ އުޅުނު ގޮތް ފެނުނު. އެހެންވެ އެހާ ޔަޤީންކޮށް ބުނަން މި ކެރެނީ. އެއީ ރަށަށް މަޝްހޫރު ބައެއް. ހެޔޮނިޔަތުގައި އަނގައިން ބުނާ ބަޔަކު ވެސް ނޫޅޭނެ. ފައިސާއަށްޓަކައި ކޮންމެ ފަދަ ކަމެއް ވެސް އެމީހުން ކޮށްފާނެ. " ޖަމާލު ބުންޏެވެ. މުރާދަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާގެ ދަރިއަކު އެފަދަ ވިޔާނުދާ އަންހެން ކުއްޖަކު ޚިޔާރުކޮށްފާނެ ހެއްޔެވެ؟

"މުރާދުގެ ހައިސިއްޔަތާ އެހެން މީހުން ކުރާ ޤަދަރަށް ވެސް ވިސްނާލަން ވާނެ. ދަރިންގެ ޙަޔާތަށް ގެންނަންވާނީ އެކަށީގެންވާ ކުއްޖެއް. އަދި މުއްސަނދި ނުވިޔަސް، ކޮންމެވެސް ކަހަލަ އަގެއް ހުންނަންވާނެ. އަދި ޚާއްސަކޮށް ތި ފަދަ މީހެއްގެ ޢާއިލާ ގުޅެން ޖެހޭނީ ފަސްބައި ސާފު ކުއްޖެއް..." ޖަމާލު އެހެން ބުނެލުމަށްފަހު، މުރާދުގެ މޫނުމައްޗަށް އަރާ ކުލަވަރުތަކަށް ފާރަވެރިވިއެވެ. އެ ވާހަކައާއެކު އެމޫނުމަތި މިލައިގެން ދިޔަ މަންޒަރު ވަރަށް ސާފުކޮށް އޭނާއަށް ފެނުނެވެ. އެހިނދު އެއްމިޔަކަށް ހިނިތުންވެވުނެވެ.

"އަދިވެސް އެއްފަހަރު މާފަށް އެދެން... " އެހެން ބުނެލާފައި މުރާދަށް ބަލައިލާފައި، ޖަމާލު އެތަނުން ދިޔައީއެވެ. ޖަމާލު ދިޔަފަހުން، އޭނާއަށް ބެލެނީ ހަމައެކަނި އައިރާއަށެވެ. އައިރާގެ ތުންފަތްމަތީގައި، ވި ހިނިތުންވުމާއި، ޒަހްރާނާ އެކު އުޅެމުންދިޔަ ގާތްކަމުން މެއަށް ފާޑެއްގެ ނުބައި ގޮތެއް ވެލިއެވެ. ޒަހްރާނަށް އައިރާގެ ހުރިހާ ހަޤީޤަތެއް އެނގޭހެއްޔެވެ؟ އެ ގޮތަށް އެ އުޅެނީ ހުރިހާ ކަމެއް އެނގި ހުރެހެއްޔެވެ؟ ޒަހްރާނާ އައިރާއާ ދެމެދު އޮތް ގުޅުން އޭނާއަށް ވަރަށް ރަނގަޅަށް މިހާރު އެނގެއެވެ.

"މުރާދު! ކިހިނެއްވީ؟" އޭނާގެ ގާތަށް އައިސް ހުއްޓުނު، ބަސްމާ ސުވާލުކޮށްލިއެވެ. މުރާދުގެ ދެބުމަ ކުޑަކޮށް ގާތްވެ، ނުތަނަވަސްވެފައިވާތަން ބަސްމާއަށް ފެނުނެވެ. އެ އުފާވެރި ވަގުތުކޮޅު، މޫޑު ޚަރާބުވާނީ ކޮންމެވެސް ބޮޑުކަމެއް ވީމަކަން އޭނާއަށް އެނގެއެވެ. މުރާދު ބަލަމުން ދިޔަ ދިމާލަށް އޭނާއަށް ވެސް ބަލައިލެވުނެވެ.

"ރެން ވަރަށް އުފާވެފަ ހުރީ... އަހަރެން ނުދެކެން އޭނަ އެގޮތަށް އުޅެނިކޮށެއް ދުވަހަކު ވެސް." ބަސްމާއަށް ބުނެވުނެވެ. އެހެންނަމަވެސް، ދެވަނަ ސިކުންތުގައި އަނެއްކާވެސް، މުރާދަށް ބަލައިލުމަށްފަހު، އޭނާ ވާހަކަ ދެއްކިއެވެ.

"ކިހިނެއްވީތަ؟ ބުނެބަލަ." ބަސްމާ އެދުނެވެ.

"ނުވޭ ކަމެއް... " މުރާދު ބުންޏެވެ.

"ނޫން. ކޮންމެވެސް ކަމެއް ވެއްޖެ. އަހަންނާ ހިއްސާކޮށްލަބަލަ. އޭރުންނެއްނު ހިތަށް ވެސް ލުއިވާނީ..." ބަސްމާ، ބުނެލިއެވެ. އޭނާ އޯގާތެރިކަމާއެކު މުރާދުގެ އަތްތިލައިގައި ހިފާ އެ އަތުގައި ފިރުމައިލިއެވެ.

"އައިރާ... އައިރާ ބުނީ އޭނާގެ މަންމަ މަރުވެފައޭ ދޯ. ބައްޕައާ ބެހޭގޮތުން އެއްވެސް އިރެއްގަ ވާހަކަ ދެއްކިތަ؟" މުރާދު ބަސްމާއަށް ބަލައިލިއެވެ.

"އާ. ބައްޕަ ވެސް މަރުވެފައޭ ބުނީ..." ބަސްމާ ބުނެލިއެވެ. "އެކަމަކު ކިހިނެއްވީ؟ ކުއްލިއަކަށް ކީއްވެ ތި ސުވާލު ތިކުރަނީ؟"

"ބައްޕަ މަރުވެފައޭ ތަ ބުނީ؟" މުރާދު އަހައިލިއެވެ.

"އާނ..." ބަސްމާ ބުނެލިއެވެ. އައިރާ އޭނާގެ ކައިރީގައި ބުނެފައިވަނީ ބައްޕަ ނެތްކަމުގައި ވީތީ ބަސްމާ ހީކޮށްގެން ހުރީ އެހެން ކަމަށެވެ.

"މުރާދު ތި ވިސްނަނީ އައިރާ ފޮނުލާވަން ޖެހޭނެތީ އެކަމާ ދޯ." ބަސްމާއަށް މާނަ ނެގުނީ ގޯސްކޮށެވެ. އޭނާ ހީކުރީ އައިރާ އެކަނި ރަށަށް ދާނެތީ އެކަމާ ކަންބޮޑުވެގެން މުރާދު އުޅެނީކަމަށެވެ.

"ފަހަރުގައި އައިރާ ރަށަށް ނުދާގޮތެއް ވެސް ވެދާނެއެއްނު. އަހަންނަށް ހީވަނީ ރެން އަސްލު ވެސް ވަރަށް ބޮޑަށް..." ބަސްމާއަށް ބުނެވުނީ އެވަރަށެވެ.

"ބަސްމާ. ތި ވާހަކަ ފަހުން ދައްކަމާ.. ހިނގާބަލަ އަޔާމެން ކައިރިއަށް." މުރާދު މައުޞޫ އަނބުރައިލިއެވެ. ސިކުނޑީގައިވި ހައިޖާނުގަނޑަށް ނިމުން ގެންނާނެ ގޮތެއް އޭނައަކަށް ނޭނގުނެވެ.

*****

"ދެން ހަމަ އެއްވެސް އެއްޗެއް ނުކާނަންތަ؟" ޒަހްރާން އައިރާއާ ސުވާލުކޮށްލިއެވެ.

"ހޫމް... ނުކާނަން... ކުޑަވަގުތުކޮޅަކަށް ނުމުމެލަން ބޭނުމީ..." ގިނަ އަދަދެއްގެ މެހެމާނުން އައިސްފައިވުމާއެކު، ހޯލު ތެރެ މިހާރު ވަނީ އިހުނަށްވުރެ ހަލަބޮލިވެފައެވެ. ޒަހްރާން އެންމެ ވަގުތުކޮޅަކަށް ވެސް އައިރާއާ ދުރަކަށް ނުދެއެވެ. އޭނާ ހުރިހާ ވަގުތެއް ވެސް އައިރާގެ ކައިރީގައި މަޑުކުރިއެވެ.

"ހިނގާ. އަހަރެން ވެސް ދާނަން." ޒަހްރާން ބުނެލިއެވެ.

"ނޫނޭ. އަހަރެން އެކަނި ނުކުމެލާނަން، މިތާ ބޭރު ކޮރިޑޯއަށޭ ދާނީ. ދުރަކަށް ނުދާނަން." އައިރާ ބުންޏެވެ.

"އަހަރެން ދާން ބޭނުންވެގެންނޭ މިބުނީ." ޒަހްރާން ބުނެލިއެވެ.

"މަންމަމެން ހޯދަފާނެ." އައިރާ ބުނެލިއެވެ.

"ދުރަކަށް ނޫނެއްނު މިދަނީ. އައިރާ ވެސް އިރުކޮޅަކުން އެތެރެއަށް ވަންނާނަމެއްނު." ޒަހްރާން ބުނެލިއެވެ. އެ ދެމީހުން އެތަނުން ނުކުންނަން ހިނގައިގަތްތަނާ، ބަސްމާ އައިރާއަށް ގޮވާލައިފިއެވެ.

"އައިރާ. އަދި އެއްވެސް އެއްޗެއް ނުކަމެއްމު. ކޮންމެ ވެސް އެއްޗެއް ކާލަންވާނެއެއްނު." ބަސްމާ ހިނިތުންވެލިއެވެ.

"ފަހުން..." ބަސްމާ ބުނުމުން އައިރާއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. އެންމެފަހުން އޭނާ އެއްބަސްވިއެވެ. "އެކަމަކު އިރުކޮޅަކުން."

"އެންމެ ރަނގަޅު. އައިރާއަށް ކާން ދިނުމަކީ ރެންގެ ޒިންމާއެއް އިނގޭ." އެހެން ބުނެލާފައި ބަސްމާ ޒަހްރާންގެ އަތުގެ މުލައްދަނޑީގައި ކުޑަކޮށް ޖަހައިލިއެވެ. އަދި ހިނިތުންވެލުމަށްފަހު ދިޔައެވެ. ޒަހްރާނަށް ބަލައިލެވުނީ، އޭނާގެ އަތުގައި ބަސްމާ ޖަހައިލި ތަނަށެވެ. އޭރު އެމޫނުމައްޗަކު ރުޅިވެރިކަމެއް ނުވެއެވެ. ފެންނަނީ ބުނެދޭން ނޭނގޭ ޝުޢޫރުތަކެކެވެ.

"ހިނގާ ދާން. އިރުކޮޅަކުން އައިސް ޖެހޭނެ ކޮންމެވެސް އެއްޗެއް ކާން." ޒަހްރާން ބުނެލިއެވެ. އެއާއެކު އައިރާ ބޯ ޖަހާލާފައި ދޮރާ ދިމާލަށް ހިނގައިގަތެވެ. ދެވަނަ ސިކުންތުގައި ހައިރާންކަމެއް ވެރިވީ އޭނާއަށް ފެނުނު މީހެއްގެ ސަބަބުންނެވެ. އެއީ އޭނާއާ ދާދި އެއް އުމުރެއްގެ އަންހެން ކުއްޖެކެވެ.

(ނުނިމޭ)

މި ބައިގައި ފެނިގެންދަނީ ހަފުލާއެއްގެ ތެރެއިން އައިރާއަށް އޭނާގެ މާޒީއާ ގުޅުންހުރި މީހަކު ފެނި، އިންތިހާއަށް ހާސްވާ މަންޒަރެވެ. ނަމަވެސް ޒަހްރާން އޭނާއަށް ހިތްވަރުދީ، ފުރިހަމަ ރައްކާތެރިކަމާއި އޯގާތެރިކަން ދައްކައެވެ. އަނެއްކޮޅުން، ޖަމާލު ގޮސް މުރާދާ ބައްދަލުކޮށް، އައިރާގެ އާއިލާގެ ނޭދެވޭ ވާހަކަތައް ކިޔައިދެއެވެ. އައިރާގެ މަންމަގެ ގޯސް އުޅުމުގެ ވާހަކަ އިވުމުން، މުރާދު ކަންބޮޑުވެ، އޭނާގެ ދަރިފުޅާ އައިރާގެ ގުޅުމާމެދު ޝައްކުތައް އުފެދެއެވެ. އަދި ބޭރަށް ނުކުންނަން އުޅުމުގެ ތެރޭގައި އައިރާއަށް އިތުރު ކުއްޖަކު ފެނި ހައިރާންކަން ލިބެއެވެ.

  • ހަފުލާގެ ތެރެއިން އައިރާއަށް ފެންނަ މީހެއްގެ ސަބަބުން އޭނާ ހާސްވެ ނުތަނަވަސްވުން.
  • ޒަހްރާން އައިރާއަށް އެހީތެރިވެ، ދެމީހުންގެ ދެމެދުގައިވާ ލޯބީގެ ގުޅުން އިތުރަށް ބަދަހިވެގެން ދިޔުން.
  • ޖަމާލު މުރާދާ ބައްދަލުކޮށް އައިރާގެ އާއިލާގެ އަގުވައްޓާލުމުގެ ގޮތުން ނޭދެވޭ ވާހަކަތަކެއް ދެއްކުން.
  • އައިރާގެ މާޒީއާ ގުޅޭގޮތުން އިވުނު ވާހަކަތަކުގެ ސަބަބުން މުރާދު އިންތިހާއަށް ކަންބޮޑުވުން.
  • ބަސްމާއާ ވާހަކަދައްކައިގެން އައިރާގެ ބައްޕަގެ މައުލޫމާތު މުރާދު އޮޅުންފިލުވަން މަސައްކަތްކުރުން.
  • ބޭރަށް ނުކުންނަން އުޅުމުގެ ތެރޭގައި އައިރާއަށް އިތުރު އަންހެން ކުއްޖަކު ފެނި ހައިރާންކަން ލިބުން.
  • މާޒީގެ ހިޔަނި އައިރާގެ އާ ދިރިއުޅުމަށް އެޅެން ފެށުން.
  • ޒަހްރާންގެ ފަރާތުން އައިރާއަށް ލިބޭ ފުރިހަމަ ރައްކާތެރިކަމާއި ލޯބި.
  • ޖަމާލުގެ ނުބައި ރޭވުންތަކުގެ ސަބަބުން މުރާދުގެ އާއިލާގެ ތެރޭގައި މައްސަލަތައް އުފެދުމުގެ ކޮޅުމަތި ފެނުން.
  • މުޖުތަމައުގެ ޤަދަރާއި އާއިލީ ފަސްބަޔަށް މުރާދު ދޭ އަހައްމިއްޔަތުކަން ހާމަވުން.
  • "ސެންޓިމެންޓް": {
  • "އޯވަރޯލް": "ނިއުޓްރަލް",
  • "ސްކޯ": 0.82,
  • "އިމޯޝަންސް": [
  • "ހާސްކަން",
  • "ލޯބި"
  • ],
  • "ކީވޯޑްސް": [
  • "ޒަހްރާން",
  • "އައިރާ",
  • "މުރާދު",
  • "ޖަމާލު"
  • ]
  • }
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު