އޯޕަންއޭއައި އިން ޗެޓްޖީޕީޓީގެ މެމޮރީ ނިޒާމަށް ބޮޑު އަޕްގްރޭޑެއް ގެނެސް، ކުރިން ދައްކާފައިވާ ވާހަކަތަކުން މައުލޫމާތު އެއްކޮށް ހަނދާނުގައި ބެހެއްޓުމުގެ ގާބިލުކަން އިތުރަށް ވަރުގަދަކޮށްފިއެވެ.
މި ބަދަލާއެކު، ޔޫޒަރުންގެ އިސްކަންދޭ ކަންކަމާއި، ކުރިއަށްދާ ޕްރޮޖެކްޓްތަކުގެ ތަފްސީލުތައް ފަދަ ޒާތީ މައުލޫމާތުތައް މާ ބޮޑަށްވެސް ހަނދާނުގައި ހުންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މިއީ މައުލޫމާތު ތަކުރާރުވުމުގެ ސަބަބުން ދިމާވާ މައްސަލަތައް ހައްލުކުރުމަށާއި، އިތުރުވަމުންދާ ޔޫޒަރުންނަށް މިއަށްވުރެ ފައިދާހުރި ގޮތެއްގައި މި ފީޗާ ފޯރުކޮށްދިނުމަށް ގެނައި ބަދަލެކެވެ.
މި އާ ނިޒާމު ބިނާވެފައި ވަނީ ބެކްގްރައުންޑްގައި މަސައްކަތްކުރާ "ޑްރީމިން" ކިޔާ އާ މެމޮރީ އާކިޓެކްޗާއެއްގެ މައްޗަށެވެ.
މީގެ އެހީގައި ކުރީގެ ކޮންވަސޭޝަންތަކުން އެއްކުރާ މައުލޫމާތުތައް އަމިއްލައަށް ތަރުތީބުކޮށް އާކުރަމުންދާނެތީ، ބޭނުންކުރާ މީހާ އެއް ވާހަކައެއް ތަކުރާރުކޮށް ކިޔައިދޭންޖެހޭ ޖެހުން ނިމުމަކަށް އަންނާނެއެވެ.
މި ފީޗާ މިހާރު އެމެރިކާގެ ޕްލަސް އަދި ޕްރޯ ސަބްސްކްރައިބަރުންނަށް ދޫކޮށްލާފައިވާއިރު، ކުރިއަށް އޮތް ހަފުތާތަކުގައި އެހެން ސަރަހައްދުތަކަށާއި ހިލޭ ބޭނުންކުރާ ފަރާތްތަކަށްވެސް ލިބެން ފަށާނެއެވެ.
އޯޕަންއޭއައި އިން ހާމަކުރި ދިރާސާގެ ނަތީޖާތަކުން ދައްކާގޮތުގައި، މި އާ އަޕްޑޭޓާއެކު ހަގީގީ މައުލޫމާތުތައް ހަނދާން ބެހެއްޓުމުގެ މިންވަރު ވަނީ 67.9 އިންސައްތައިން 82.8 އިންސައްތައަށް މަތިވެފައެވެ. އަދި ބޭނުންކުރާ މީހާ ގަޔާވާ ގޮތްތަކަށް ބަލައިގެން ޖަވާބުދިނުމުގެ ރޭޓް 71.3 އިންސައްތައަށް މަތިވެފައިވާއިރު، ވަގުތާ ގުޅޭ މައުލޫމާތުތައް ހަނދާނުގައި ބެހެއްޓުމުގެ ގާބިލުކަން ވަނީ 75.1 އިންސައްތައަށް ކުރިއަރާފައެވެ.
މީގެ އިތުރުން، ބޭނުންކުރާ ފަރާތްތަކަށް ޚާއްސަ "މެމޮރީ ސަމަރީ" ޕޭޖެއް ލިބޭނެއެވެ. މި ޕޭޖް މެދުވެރިކޮށް ޗެޓްޖީޕީޓީ އޭގެ ޒާތުގައި ދަސްކޮށްފައި ހުރި ކަންކަން ބަލައިލުމުގެ ފުރުސަތު ލިބޭނެއެވެ. އަދި އޭގައި ހުރި މައުލޫމާތެއް އިސްލާހުކުރަން ނުވަތަ ފޮހެލަން ބޭނުންނަމަ އެ ފުރުސަތު ވެސް ޔޫޒަރުންނަށް ލިބިގެންދާނެއެވެ.
މި އާ "ޑްރީމިން" ސިސްޓަމް ހިންގުމަށް ބޭނުންވާ ކޮމްޕިއުޓިން ރިސޯސް ނުވަތަ ހަކަތަ ކުރިއަށްވުރެ ބޮޑުތަނުން މަދުކުރެވިފައިވާ ކަމަށް އޮޕަންއޭއައި އިން ފާހަގަކުރެއެވެ. މިގޮތަށް ސިސްޓަމްގެ އެފިޝަންސީ ރަނގަޅުވުމުގެ ސަބަބުން، ޕްލަސް އަދި ޕްރޯ ޔޫޒަރުންގެ މެމޮރީ ކެޕޭސިޓީ އިތުރުވެ، ކުރިއަށް އޮތް ތަނުގައި މާ ގިނަ ބަޔަކަށް މި ޚިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެ މަގު ވެސް ވަނީ ފަހިވެފައެވެ.