އޭޓީއެމްތަކުން ވަގަށް ފައިސާ ނަގާ މީހަކު ހޯދަން ފަށައިފި

ވެރިރަށް މާލޭގެ އެކި ސަރަޙައްދުތަކުގައި ހުންނަ އޭޓީއެމް މެޝިންތަކުން އެކި މީސް މީހުންގެ އެކައުންޓް ތަކުން ވަގަށް ފައިސާ ނަގަމުންދާ ކަމަށް ތުޙުމަތު ކުރެވޭ މީހަކު ފުލުހުން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ މީހަކީ މާލޭގައި ހުރި އޭޓީއެމް މެޝިންތަކުން އެކި މީސް މީހުންގެ އެކައުންޓު ތަކުން ފައިސާ ނަގަމުންދާ ކަމަށް ތުޙުމަތުވާ މީހަކަށް ވާތީ އެމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ ލަސްނުކޮށް ފުލުހުންނަށް އެންގުމަށެވެ. އަދި އަތޮޅުތަކުގައި ނަމަ އެރަށެއްގައި ހުންނަ ޕޮލިސް ސްޓޭޝަނަކަށް އެންގުމަށެވެ. ފުލުހުން ނުތިބޭ ރަށެއް ނަމަ ރަށުކައުންސިލް އިދާރާ މެދުވެރިކޮށް ފުލުހަށް އެނގުމަށެވެ.

މި މީހާގެ މިމައްސަލައިގައި މިހާތަނަށް ހޯދާފައިވާ މައުލޫމާތުތަކަށް ބަލާއިރު އެމީހާ ފައިސާ ނަގަނީ ކާޑް ސެންޓަރުތަކަށް ފައިސާނަގަންދާ މީހުންގެ ތެރެއިން ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިވެދިނުމުގެ ނަމުގައި އެމީހުންނަށް ފައިސާނަގައި ދިނުމަށްފަހު އެމީހެއްގެ ކާޑުގެ މައުލޫމާތު ބޭނުންކޮށްގެން ކަމަށް ފާހަގަކުރެވޭކަމަށް ސްޕެޝަލިސްޓް ކްރައިމް ކޮމާންޑްގެ ޑެޕިއުޓީހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒް މިއަދު ވިދާޅުވި އެވެ.

ކާޑް ސެންޓަރުތަކުގެކައިރީގައި ތިބޭ ގޮތް ނޭގޭ މީހުން ފައިސާ ނެގުމަށް އެހީތެރިވެ ދިނުމަށް ހުށަހެޅިޔަސް އެފަދަ މީހުންގެ އެހީ ފައިސާ ނެގުމަށް ނުހޯދުމަށާއި، ޚާއްސަކޮށް ފޮޓޯއިން ފެންނަ މީހާއާއި މެދު ސަމާލުވާން ފުލުހުން ވަނީ އެދިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު