މެރިއަޓް ބޮންވޯއިގެ ދުނިޔޭގެ ޕޯޓްފޯލިއޯގައި ހިމެނޭ 30 އަށް ވުރެ ގިނަ ބްރޭންޑްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބްރޭންޑް ކަމަށްވާ 'ޖޭޑަބްލިއު މެރިއަޓް'އިން އިންޑިއާގެ ބަތަލާ އައިޝްވާރިޔާ ރާއީ ބައްޗަން އެ ކުންފުނީގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި އައްޔަންކުރިކަން އިއުލާންކޮށްފިއެވެ.
މި ގުޅުމުގެ ދަށުން، އައިޝްވާރިޔާ އެ ބްރޭންޑްގެ "ސްޓޭ އިން ދަ މޯމަންޓް" ނުވަތަ "ވަގުތުގެ ބޭނުން ހިފުން" މި ޝިއާރު އިތުރަށް ފުރިހަމަކޮށްދީ، ބައިނަލްއަގުވާމީ މާކެޓްތަކުގައި ބްރޭންޑްގެ މަގުބޫލުކަން އިތުރުކުރުމަށް މަސައްކަތް ކުރާނެއެވެ.
މި މަގާމަށް ކުރީގެ ރީތީގެ ރާނީ އައްޔަން ކުރުމަކީ ބްރޭންޑްގެ ކުރިއެރުމާއި ދެމެހެއްޓެނިވިކަން ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. "ސްޓޭ އިން ދަ މޯމަންޓް" އަކީ 'ޖޭ ވިލާޑް މެރިއަޓް'ގެ ތަރިކައަށް ދިރުން ލިބިދޭފަދަ ފުރިހަމަ ދުޅަހެޔޮކަމުގެ މައްޗަށް ބިނާވެފައިވާ ފަލްސަފާއެކެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގައި އިންޑިއާގެ ދައުރު އެއްދުވަހުން އަނެއްދުވަހަށް ބޮޑުވަމުންދާ ދަނޑިވަޅެއްގައި، މި ގުޅުމަކީ އެ ގައުމުގެ ނުފޫޒާއި ބްރޭންޑާ އޮތް ގުޅުން ފާހަގަކޮށްދޭ މުހިންމު ކަމެކެވެ.

އައިޝްވާރިޔާ މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލްގައި ދަރިފުޅު އަރާދިއާ ބައްޗަންއާ އެކު--ފޮޓޯ/ގަލްފްނިއުސް
މުޅި ދުނިޔޭގައި 'ޖޭޑަބްލިއު މެރިއަޓް'ގެ 130އަށް ވުރެ ގިނަ ހޮޓާތައް ހުރިއިރު، އިންޑިއާ އަކީ އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް މާކެޓެވެ.
އައިޝްވާރިޔާ މި މަގާމަށް އައްޔަން ކުރުމަކީ އެ ބްރޭންޑްގެ މަގްސަދުތަކާ ވަރަށް ބޮޑަށް ގުޅޭ ކަމެކެވެ. ފާއިތުވި 20 އަހަރަށް ވުރެ ގިނަ ދުވަހު އައިޝްވާރިޔާ ވަނީ ފިލްމީ ދާއިރާ، ފެޝަން، އިންސާނީ ހިދުމަތް އަދި ބައިނަލްއަގުވާމީ ސަގާފީ މައިދާންތަކުގައި ފަހުރުވެރިކަމާ އެކު އިންޑިއާ ތަމްސީލުކޮށްފައެވެ.
އައިޝްވާރިޔާގެ ކާމިޔާބު ކެރިއަރަކީ ހަމައެކަނި މަޝްހޫރުކަމެއް ނޫނެވެ. އެއީ އިތުބާރާއި، ހަރުދަނާކަމާއި، އަދި ދިރިއުޅުމުގެ ހުރިހާ ކަމެއް ހަމަހަމަކޮށް ކުރިއަށް ގެންދިއުމުގައި އެހެން މީހުންނަށް ނަމޫނާ ދައްކަމުން އަންނަ ފިލްމީ ތަރިއެއްގެ ގޮތުގައި 'ޖޭޑަބްލިއު މެރިއަޓް'އިން ވަނީ ސިފަކޮށްފައެވެ.
"އައިޝްވާރިޔާގެ ދުނިޔޭގެ ފެންވަރުގެ މަގުބޫލުކަމާއި، ހިތްހެޔޮކަމާއި، އިތުބާރު ހުރި ސިފަތަކަކީ 'ޖޭޑަބްލިއު މެރިއަޓް' ތަމްސީލުކުރުމަށް އެންމެ އެކަށީގެންވާ ސިފަތައް". 'ޖޭޑަބްލިއު މެރިއަޓް'ގެ ވައިސް ޕްރެޒިޑެންޓް އަދި ގްލޯބަލް ބްރޭންޑް ލީޑަރު ބްރޫސް ރޯރް ބަތަލާއާ ގުޅޭގޮތުން ވިދާޅުވެފައިވެއެވެ.
ދުނިޔޭގެ ބްރޭންޑް އެމްބެސެޑަރެއްގެ ހައިސިއްޔަތުން، އައިޝްވާރިޔާ ފެންނާނީ ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށްގެންދާ އިޝްތިހާރުތަކާއި، ފިލްމުތަކާއި، ޗާޕުކޮށްފައިވާ ވަސީލަތްތަކުގެ އިތުރުން ޑިޖިޓަލް ޕްލެޓްފޯމްތަކުގައެވެ.
މީގެ އިތުރުން، އިންޑިއާ އަދި ދުނިޔޭގެ ހޮވާލެވޭ ބައެއް މާކެޓްތަކުގައި ބާއްވާ ހާއްސަ ހަރަކާތްތަކުގައި ވެސް ބަތަލާ ބައިވެރިވާނެއެވެ. މި މަސައްކަތްތައް ބިނާވެފައިވަނީ 'ޖޭޑަބްލިއު މެރިއަޓް'ގެ ހިތްގައިމު މާހައުލުތަކުގައި ލިބިދޭ ހަމަޖެހުމާއި، ގުޅުން ބަދަހިކުރުމާއި، އަދި ހިތްތިރި ފުރިހަމަކަން ދައްކުވައިދިނުމުގެ މައްޗަށެވެ.
އައިޝްވާރިޔާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ 2022 އަދި 2023ވަނަ އަހަރު ރިލީޒްކުރި ޑައިރެކްޓަރު މަނީ ރަތުނަމްގެ ފިލްމު "ޕޮނިޔިން ސެލްވަން"ގެ ރޯލަކުންނެވެ.