ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދު ކަމަށްވާ ފީފާ ވޯލްޑް ކަޕް 2026 ހުޅުވުމުގެ ރަސްމިއްޔާތު، ބައިނަލްއަގުވާމީ މަޝްހޫރު ފަންނާނުންނާއެކު މެކްސިކޯ ސިޓީ ސްޓޭޑިއަމްގައި ފެށޭނީ 11 ޖޫން (ބުރާސްފަތި) ދުވަހުގެރޭ ރާއްޖޭ ގަޑިން 10:30 ގައެވެ.
މުބާރާތް ހުޅުވާ މެޗުގައި މެކްސިކޯއާ ދެކޮޅަށް ނުކުންނާނީ ދެކުނު އެފްރިކާއެވެ. ހުޅުވުމުގެ ރަސްމިއްޔާތަށްފަހު މެޗުގެ ކުޅުން ފެށޭނީ ރާއްޖެ ގަޑިން މެންދަމު 12:00 (12 ޖޫން) ގައެވެ.
މެޗު ފެށުމުގެ 90 މިނެޓު ކުރިން ފަށާ ހުޅުވުމުގެ ރަސްމިއްޔާތުގައި ފީފާ ވޯލްޑް ކަޕް 2026 ގެ ރަސްމީ ލަވަ އަލްބަމްގެ އަޑުތައް ދިރިގެންދާނެއެވެ. މި ރަސްމިއްޔާތުގައި ހުށަހެޅުންތައް ގެނެސްދޭނެ ކަމަށް އިއުލާނުކޮށްފައިވާ ތަރިންގެ ތެރޭގައި އަލެހަންޑްރޯ ފެނާންޑޭޒް، ބެލިންޑާ، ޑެނީ އޯޝަން، ޖޭ ބަލްވިން، ލީލާ ޑައުންސް، ލޮސް އަންހެލެސް އަޒޫލޭސް، މާނާ އަދި ޓައިލާ ހިމެނެއެވެ.
މި ރަސްމިއްޔާތުގައި މެކްސިކޯގެ ސަގާފަތާއި އާދަކާދަ، ޚާއްސަކޮށް އެ ގައުމުގެ މަޝްހޫރު "ޕަޕެލް ޕިކާޑޯ" (ކަރުދާހުން ތައްޔާރުކުރާ ސަގާފީ ކުރެހުންތަކެއް) އާޓްގެ ޒަރިއްޔާއިން ދައްކުވައިދޭނެއެވެ.
މީގެ އިތުރުން މެކްސިކޯގެ އަސްލު ވަޒަންވެރިންނާއި ޒަމާނީ ސަގާފީ ނެށުންތެރިންގެ ހުށަހެޅުންތައް ވެސް މި ރަސްމިއްޔާތުގައި ހިމެނޭނެއެވެ. މިއީ އެމެރިކާ އާއި ކެނަޑާގައިވެސް ކުރިއަށްގެންދަން ހަމަޖެހިފައިވާ ހުޅުވުމުގެ ރަސްމިއްޔާތުތަކުގެ ތެރެއިން ފުރަތަމަ ރަސްމިއްޔާތެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވި ގޮތުގައި މިއީ މުޅި ދުނިޔެ އެކީގައި ހިއްސާކުރާނެ އުފާވެރި ވަގުތުކޮޅެކެވެ.
"މެކްސިކޯ ސިޓީއިން ފެށިގެން، ޖެހިގެން އަންނަ ދުވަސްތަކުގައި ޓޮރޮންޓޯ އަދި ލޮސް އެންޖެލެސްގައި ބާއްވާ ހުޅުވުމުގެ ރަސްމިއްޔާތުތަކުން މިއުޒިކާއި ސަގާފަތް އަދި ފުޓުބޯޅަ އެއްކޮށްލާނެ. މިއީ ކޮންމެ ގައުމެއްގެ އަމިއްލަވަންތަކަމާއި އަދި މި މުބާރާތުން ދައްކުވައިދޭ އެއްބައިވަންތަކަން ހާމަކޮށްދޭނެ ކަމެއް. މިއީ މުޅި ދުނިޔެ ޝާމިލުވާ އުފާފާޅުކުރުމެއް ފެށުމަށް ލިބޭ ވަރަށް ވަރުގަދަ ފުރުސަތެއް،" އިންފަންޓީނޯ ވިދާޅުވިއެވެ.
މި ތާރީޚީ މެޗު ބަލާލުމަށް ސްޓޭޑިއަމްގެ ގޭޓުތައް، މެޗު ފެށުމުގެ 4 ގަޑިއިރު ކުރިން ހުޅުވާލާނެއެވެ. މިއާއެކު މެކްސިކޯ ސިޓީ ސްޓޭޑިއަމް (އެސްޓޭޑިއޯ އަޒްޓެކާ) ވެގެންދާނީ ދުނިޔޭގެ ތިން ވޯލްޑް ކަޕެއްގެ މެޗުތައް ކުޅެވޭ ތާރީޚީ ފުރަތަމަ ސްޓޭޑިއަމަށެވެ.
އެމެރިކާ، ކެނަޑާ އަދި މެކްސިކޯ ގުޅިގެން ބާއްވާ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޖުމްލަ 16 ސިޓީއެއްގައި 104 މެޗު ކުޅޭނެއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 19 ޖުލައި 2026 ގައި ނިއުޔޯކް ނިއުޖާޒީ ސްޓޭޑިއަމްގައެވެ.