އިނގިރޭސިވިލާތުގެ މަޝްހޫރު ސޯޝަލް މީޑިއާ ތަރި އަދި 'ބްރިޓެންސް ގޮޓް ޓެލެންޓް'ގެ ފަނޑިޔާރު ކޭއެސްއައި، 13 އަހަރަށްފަހު މަޝްހޫރު ޔޫޓިއުބް ގްރޫޕް "ސައިޑްމެން"އިން ވަކިވާން ނިންމާފައިވާކަން އިޢުލާންކޮށްފިއެވެ.
އަސްލު ނަމުންނަމަ އޮލަޖިޑޭ އޮލަޓުންޖީ، އޭނާގެ ޔޫޓިއުބް ޗެނަލްގައި އާންމުކުރި ވީޑިއޯއެއްގައި ބުނެފައި ވަނީ، މިއީ އޭނާގެ ހަޔާތުގައި ނިންމަން ޖެހުނު އެންމެ އުނދަގޫ ވީޑިއޯ ކަމަށެވެ.
އަދި މިއީ ގިނަ ދުވަސްތަކެއް ވަންދެން ވިސްނުމަށްފަހު އޭނާ އަމިއްލައަށް ނިންމި ނިންމުމެއް ކަމަށާއި، ގްރޫޕްގެ އެހެން މެމްބަރުންނާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށް ކޭއެސްއައި ވަނީ ބުނެފައެވެ.
"މިއީ އަހަރެންގެ މުޅި ހަޔާތުގައި ވެސް ތައްޔާރު ކުރަން ޖެހުނު އެންމެ އުނދަގޫ ވީޑިއޯ. ވަރަށް ބޮޑަށް ވިސްނުމަށްފަހު، ސައިޑްމެންގެ ވީޑިއޯތަކުން ދެން ނުފެންނާނެ ކަމަށް އަހަރެން ނިންމައިފިން" އޭނާ ބުނެފައިވެއެވެ.

ކޭއެސްއައި 'ސައިޑްމެން' ގްރޫޕްގެ މެމްބަރުންނާ އެކު--ފޮޓޯ/ބީބީސީ
ކޭއެސްއައި ބުނިގޮތުގައި އޭނާ މި ނިންމުން ނިންމީ ފަހަކަށް އައިސް އޭނާގެ ދިރިއުޅުމުގެ ކަންކަން ވަރަށް ބޮޑަށް ބިޒީވެ، އެކި ދާއިރާތަކުން ގިނަ މަސައްކަތްތަކެއް ކުރަން ޖެހުމުގެ ސަބަބުންނެވެ.
އަދި ގްރޫޕްގެ އެހެން މެންބަރުންނަށް ޝުކުރު އަދާކުރަމުން ކޭއެސްއައި ބުނީ، އެ ގްރޫޕަށް ބޭނުން ވަނީ މަސައްކަތަށް ސަތޭކަ އިންސައްތަ ސަމާލުކަން ދެވޭނެ މީހެއް ކަމަށެވެ.
ތޭވީސް މިލިއަން ސަބްސްކްރައިބަރުން ތިބި ސައިޑްމެން ގްރޫޕުން ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ، ކޭއެސްއައި ވަކިވާކަން އެނގުމުން އެމީހުންނަށް ކުއްލި ހައިރާންކަމެއް ލިބުނު ކަމަށެވެ.
ނަމަވެސް އޭނާއާ އެކު ހޭދަކުރި ދުވަސްތަކަކީ ވަރަށް އުފާވެރި ދުވަސްތަކެއް ކަމަށާއި، އޭނާގެ މުސްތަޤުބަލަށް ކާމިޔާބީއަށް އެދޭ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މިއީ ސަމާލުކަން ހޯދަން ކުރި ކަމެއް ކަމަށް ބައެއް ސަޕޯޓަރުންނަށް ހީވި ނަމަވެސް، ކޭއެސްއައިގެ ތަރުޖަމާނު ވަނީ މިކަން ބީބީސީއަށް ޔަގީންކޮށްދީފައެވެ.
ދެހާސްތޭރަ ވަނަ އަހަރުން ފެށިގެން ސައިޑްމެންއާ އެކު މަސައްކަތް ކުރަމުން އައި ކޭއެސްއައިގެ އެންމެ ފަހު ވީޑިއޯ އާންމުކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.
ސައިޑްމެން ގްރޫޕްގެ މެންބަރުންގެ ހުރިހާ ޗެނަލްތަކެއް އެއްކޮށްލުމުން 140 މިލިއަނަށް ވުރެ ގިނަ ފޮލޯވަަރުން ތިބިއިރު، އޭގެ ތެރެއިން އެންމެ މަޝްހޫރު މީހަކީ ކޭއެސްއައިއެވެ. އެ ގްރޫޕަކީ ހަމައެކަނި ވީޑިއޯ އުފައްދާ ބައެއް ނޫނެވެ. އެ މީހުން ވަނީ، އަމިއްލަ ކާބޯތަކެތީގެ ވިޔަފާރި އާއި، އަންނައުނާއި، އަދި ޗެރިޓީ ފުޓްބޯޅަ މެޗުތައް ބާއްވައިގެން އެތައް މިލިއަން ޕައުންޑެއް ހޯދާފައެވެ.
ކޭއެސްއައި ވީޑިއޯ ހަދަން ފެށީ 2008 ވަނަ އަހަރުއެވެ. އޭނާ އަކީ މިހާރު މިއުޒީޝަނެއްގެ އިތުރުން ކުރީގެ ބޮކްސިން ތެޅުންތެރިއެއްވެސްމެއެވެ. ކޭއެސްއައި ދާދި ފަހުން ވަނީ "ޑެގަންހަމް އެންޑް ރެޑްބްރިޖް" ފުޓްބޯޅަ ކްލަބުގެ ހިއްސާއެއް ވެސް ގަނެފައެވެ.