ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ޕާކިސްތާނާއި ބަންގްލަދޭޝް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވެގެން ނިމިއްޖެއެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގެ ބޮޑުބައެއް ބަންގްލަދޭޝްއިން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބަންގްލަދޭޝްއިން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ގިނަ ފުރުސަތުތަކެއް އުފައްދާފައެވެ. އެގޮތުން މުހައްމަދު މުރުސިދު އަލީ އާއި އިފްތިއާރު ހުސެއިން ފޮނުވާލި ނުރައްކާތެރި ހަމަލާތައް ޕާކިސްތާނުގެ ކީޕަރު ޔޫސުފް އީޖާޒް ބަޓް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
ޕާކިސްތާނަށް މި ހާފުގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ އެ ޓީމުގެ ރާހިސް ނާބީއަށް އަނިޔާވެގެން ބަދަލުކުރަން ޖެހުމެވެ.
މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔައީ 62 ވަނަ މިނެޓުގައި ބަންގްލަދޭޝްގެ ކެޕްޓަން މޮންޖުރޫރް ރަހުމާނަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. އޭނާއަށް ރަތް ކާޑު ދެއްކީ ބޯޅަ ނެތި ޕާކިސްތާނުގެ ކީޕަރު ވެއްޓިފައި އޮއްވައި ފައިން ހަމަލާދިނުމާ ގުޅިގެންނެވެ. މިއާއެކު މެޗުގެ ފަހު 30 މިނެޓު ބަންގްލަދޭޝްއިން ކުޅެން ޖެހުނީ 10 ކުޅުންތެރިންނާއެކުއެވެ.
އެއް ކުޅުންތެރިޔަކު އިތުރުވުމުގެ ފައިދާ ނަގައި ޕާކިސްތާނުން ދެވަނަ ހާފުގައި ވަރަށް ބޮޑަށް ކުރިއަށް ޖެހި އެޓޭކްތައް ވަރުގަދަކުރިއެވެ. އެގޮތުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަލަމްގީރް އަލީ ހާން ގާޒީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، އަލީ ހައިދަރު ޝާހު ފޮނުވާލި ހަމަލާ ބަންގްލަދޭޝްގެ ކީޕަރު މެހެދީ ހަސަން ވަނީ މަތަކޮށްފައެވެ.
މެޗުގެ ފަހުކޮޅު ބަންގްލަދޭޝްގެ ކުޅުންތެރިން ޕެނަލްޓީއަކަށް އެޕީލް ކުރި ނަމަވެސް، މެޗުގެ ރެފްރީ މުހައްމަދު ޖާވިޒް ނިންމީ ޕެނަލްޓީ ދޭވަރުގެ ފައުލެއް ނުހިނގާ ކަމަށެވެ.
މިއަދުގެ މެޗުން ދެޓީމަށް ޕޮއިންޓެއް ލިބިފައިވާއިރު، މި މުބާރާތުގެ ދެވަނަ މެޗުގައި މިރޭ ރާއްޖެ ނުކުންނާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ.