"އިންޒާރު ދިނީތަ؟..." ޔައިލްގެ ކައިރިއަށް ޖެހިލަމުން ސާރާ ވައި އަޑުން އަހައިލިއެވެ.
އިޒީ ދެލޯ ހަނިކޮށްލާފައި ޔައިލްއަށް ބަލައިލީ، އެއީ ހަމައެކަނި އޭނާގެ ހައްގެކޭ ބުނާ ފަދައިންނެވެ. އިޒީގެ އަމުރަށް ކިޔަމަންވަމުން، ޔައިލް އަވަސް އަވަހަށް ސާރާ އާއި ދުރަށްޖެހުނެވެ.
********
"ހަލޯ..." ފޯނަށް ޖަވާބުދެމުން، އިޒީ ހިނގައިގަތީ ކެބިންއިން ނުކުންނާށެވެ. ޔައިލްގެ އަމަލުން އެ ތުންފަތަށް ވެރިވި ހިނިތުންވުން އޭރުވެސް ފަނޑުނުވެއެވެ.
"ދަރިފުޅު ބިޒީ ގަޑިއެއްތަ؟..." ފަރުހާދު އަހައިލިއެވެ.
"ނޫން..." ފަރުހާދުގެ އަޑުން ކޮންމެވެސް ކަމެއް ވެއްޖެކަން އިޒީއަށް އެނގުނެވެ. ވަގުތުން އެ ތުންފަތުގައިވި ހިނިތުންވުން ގެއްލުނެވެ. "ކިހިނެއްވީ؟..."
"ބައްޕަމެން މިދަނީ މާލެ......" ފަރުހާދު ވާހަކަ ފެށީ ދުރުދުރުންނެވެ. އޭނާ ގުޅީ ކޮންމެހެން މާލެ ދާ ވާހަކަ ބުނާކަށް ނޫނެވެ. ދައްކަންޖެހޭ މުހިއްމު ވާހަކައެއް އޮތުމުންނެވެ.
"މާލެއޭ؟..." ގަބޫލު ނުކުރެވިގެން އިޒީއަށް އަހައިލެވުނެވެ.
"ހެނދުނު، ހެނދުނާ މާލެ ވަދެވޭނެ... މަންމަ ވެސް އެބައޮތް މިތާ...." ފަރުހާދު ބޭނުންވީ އާގިސާގެ އަތަށް ފޯނު ދޭށެވެ. އޭނާ ދައްކަން އުޅުނު ވާހަކަ އާގިސާ މެދުވެރިކޮށް ބުނުން މާ ރަނގަޅުވާނެކަމުގައި ވިސްނުމުންނެވެ.
އިޒީ ގަނޑުވިއެވެ. ކުއްލިއަކަށް މަންމަމެން މާލެ އަންނަ ވާހަކަ ބުނުމުން، ބުނާނެ އެއްޗެއް ދުލަކަށް ނައެވެ. އަނެއްކޮޅުން އާގިސާގެ އަތަށް ފޯނު ދީފާނެތީވެސް އޭނާ ހުރީ ކަންބޮޑުވެފައެވެ.
"ކިހިނެއްވީ، މަންމަ ބަލިވީތަ؟... ކީއްވެ ބޯޓުގަ ތި އަންނަނީ؟..." އިޒީއަށް ހުރިހާ ސުވާލެއް ކުރެވުނީ އެއްފަހަރާއެވެ.
"މާ ބަލީކީ ނޫން... އެކަމަކު، މަންމަގެ ޓެސްޓްތަކެއް ހަދާފަ، ބައްޕަވެސް ޑޮކްޓަރަށް ދައްކާލަންވެގެން މިދަނީ... މިހާރުވެސް ބޯޓުގަ ދަތުރުކުރަން މާ އަރާމޭ ދަރިފުޅާ..." އާގިސާއަށް ލޮލުން އިޝާރާތެއް ދެމުން ވާހަކަ ދެއްކިއިރު، އިޒީގެ ކަންބޮޑުވުން އެނގި، ފަރުހާދުގެ ހިތަށް ބުނެދޭން ނޭނގޭ ހަމަޖެހުމެއް ލިބިފައިވިއެވެ. އެ ދަރިފުޅު ކިތަންމެ ދުރުގައި ހުއްޓަސް، އެމީހުންނާއިމެދު ވިސްނާ ކަން އެނގުނެވެ. "ދަރިފުޅު ބޯޓު ކައިރިއަށް ނަޔަސް ރަނގަޅުވާނެ... ބައްޕަމެން ޓެކްސީއެއްގަ ގޮސް...."
އިޒީއަށް އުނދަގުލެއްވާން ނޭދޭތީ ފަރުހާދު ހުރިހާ ކަމެއްވެސް ރޭވީ، ވިސްނުންތެރިކަމާއި އެކުގައެވެ. އެހެނަސް، އިޒީ އެ ވާހަކަ ހުއްޓުވިއެވެ.
"ބޯޓު އަންނަ ތަނަށް ދާނަން..." އިޒީ ބުނެލިއެވެ. "އެ ގޭގަ ބައްޕަމެންނަށް ވެސް ތިބެވޭނެ..."
ބަސް ހުއްޓިފައި ފަރުހާދަށް އެތައް އިރަކު އޮވެވުނެވެ. އިޒީގެ ފަރާތުން އެފަދަ ޖުމުލަތަކެއް އަޑު އިވިދާނެކަމަށް އޭނާ ކުޑަކޮށްވެސް އުއްމީދެއް ނުކުރެއެވެ. އެ ދެލޮލަށް ބަލަން އޮތް އާގިސާ ފޯނާއި ކައިރިވެލީ އިޒީ ދައްކާ ވާހަކަ އަޑު އިވޭތޯއެވެ. ފަރުހާދަށް އެވަރުގެ ބަދަލެއް އަންނާނީ އިޒީ ކޮންމެވެސް އެއްޗެއް ބުނީމައިކަން އޭނާއަށް އެނގުނެވެ. ފޯނުގެ އަނެއްކޮޅުން ވާހަކައެއް ދައްކާ އަޑު ނީވޭތީ، އާގިސާ ހީކުރީ ފަރުހާދު ދެރަވީ މާލެދިޔުމާއި ގުޅޭގޮތުން ދެއްކި ވާހަކައަށް އިޒީ އެއްޗެއް ނުބުނުމުން ކަމަށެވެ.
"ބައްޕަ ވަރަށް އުފާވެއްޖެ..." ކަރުނަ ފޮހެމުން، ފަރުހާދު ބުނެލިއެވެ.
ފޯނު ބޭއްވިއިރު، ފަރުހާދަށް ރަނގަޅަށް ވެސް ރޮވިއްޖެއެވެ. އޭނާ އިޒީއަށް ގުޅީ، އެހެން ބޭނުމަކުއެވެ. އެހެނަސް، ފޯނު ބާއްވަން ޖެހުނީ، އިޒީގެ ގާތްކަން އިހުސާސްވެ، ހިތަށް ކުރި ފުން އަސަރުން އެ ވާހަކަ ދައްކަން އުނދަގޫވުމުންނެވެ.
********
އެތެރެއަށް ވަންގޮތަށް އިޒީއަށް ފުރަތަމަވެސް ބަލައިލެވުނީ ޔައިލްއަށެވެ. ދެމީހުން އެކަކު އަނެކަކަށް ސިއްރު ނަޒަރެއް ބަދަލުކޮށްލިއެވެ. ޔައިލް ހިނިތުންވެލި ނަމަވެސް، އިޒީގެ މޫނުން އެއްވެސް އަސަރެއް ދައްކައިނުލައެވެ. އޭރުވެސް އިޒީގެ މޭޒު ކައިރީގައި ސާރާ ކޮޅަށް ހުއްޓެވެ.
"މިއަދު ރިޝާން ދުރުވިއިރު ގެންނެވި ފައިލެއް މީ..." އިޒީ އިށީނުމުން، ސާރާ އިޒީގެ މޭޒުމަތީގައި ފައިލެއް ބޭއްވިއެވެ. "ވިދާޅުވީ، މި ފައިލް ހަވާލުކޮށްލަދޭން... ކޮންމެވެސް ކޭސްއަކާ ގުޅޭ ވަރަށް މުހިއްމު މައުލޫމާތުތަކެއް މި ފައިލުގަ ހުންނާނޭ ނަންގަންނަން ބުނުއްވީ..."
ޔައިލްގެ ހުރިހާ ސަމާލުކަމެއް ހުއްޓުނީ ސާރާ ދެއްކި ވާހަކައަށެވެ. އޭގެ ފަހުގައި މޭޒުމަތީގައި އޮތް ފައިލަށެވެ. އިޒީ އެންމެ ފަހަރަކުވެސް ޔައިލްއަށް ބެލިނަމަ، އެ މޫނުން ފެނުނު ނުތަނަވަސްކަން ސިއްރެއް ނުވީހެވެ. އިޒީ ފައިލު ނަގާފައި އޭގެ ބޭރުން ބަލައިލިއެވެ. އެއްވެސް ނަމެއް ލިޔެފައިނުވާ އެ ފައިލުގައި އޭނާ ހޯދަން ބޭނުންވާ މުހިއްމު މައުލޫމާތުތަކެއް ހުންނާނެކަން އިޒީއަށް އެނގުނެވެ. އެކަމަކު އެއީ، އެކަމަށް އެންމެ މުނާސަބާ ވަގުތު ނޫންކަން އެނގޭތީ، އިޒީ އެ ފައިލު ދުރުގައި ބޭއްވީއެވެ.
"އޯކޭ، ޗެކުކޮށްލާނަން...." އިޒީ ބޭނުންވީ ސާރާ އަވަހަށް ފޮނުވައިލާށެވެ.
ސާރާ ދިޔުމާއިއެކު، ޔައިލް ގޮސް އިޒީގެ މޭޒު ކައިރީގައި ހުއްޓުނެވެ. އިޒީ އިނީ ހިޔާލަކަށް ގެއްލިފައެވެ. ވާހަކައެއް ބުނަން އުޅޭހެންވެސް އޭނާއަށް ހީވިއެވެ. ޔައިލްގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައިވީ، ސާރާ ގެނައި ފައިލަށެވެ.
"މަންމަމެން އެބަ އާދޭ..." އިޒީ ދޫކޮށްލީ ފުން ނޭވާއެކެވެ.
"އަސްލުތަ؟..." ފައިލުން ނަޒަރު ވަކިކޮށް، އިޒީއަށް ބަލައިލަމުން ޔައިލް ބުނެލިއެވެ. "އެ އަންނަނީ އަހަރެމެންގެ ކައިވެނި ހަމަޖައްސަން ކަންނޭނގެ...."
އެހާ ހާސްވެފައި އިންދައިވެސް ޔައިލް ބުނި ވާހަކައަކުން، އިޒީގެ ދެކޯތާފަތް ލަދުން ރަތްވިއެވެ.
"ކިހިނެއްވީ؟...." ޔައިލް ތުންފިއްތައިލިއެވެ. "އިންޓްރޮޑިއުސް ވެސް ނުކޮށްދޭނަންތަ؟..."
"އެހެނެއް ނޫން... އެކަމަކު....." ހިތުގައި ހުރި ވާހަކަތައް ބުނެދޭނެގޮތެއް އިޒީއަކަށް ނޭނގުނެވެ.
"މަންމަމެންނާ އެހާ ކަނެކްޝަން ރަނގަޅު ނޫނީތަ؟..." ޔައިލްއަށް ވިސްނުނެވެ.
އިޒީ އިރުކޮޅަކު އެއްޗެއް ނުބުނެ އިނދެފައި، މަޑުމަޑުން ބޯ ޖަހައިލިއެވެ. އޭނާގެ ހިތް އެއްކޮށް ޔައިލްއަށް ފެންނަނީބާއޭ ހިތަށް އެރިއެވެ.
"ބައެއްފަހަރު އެހެންވެސް ވާނެ... ފަހުން ރަނގަޅުވާނެ..." އޯގާތެރި ރާގަކަށް ޔައިލް ބުނެލިއެވެ. "އަހަރެން ހުރިއްޔާ، ތިކަހަލަ ކަންކަން އެއްފަހަރުން ރަނގަޅުކޮށްލާނަން... ބަލައްޗޭ.... އިޒީ މަންމަމެން މިފަހަރު އެނބުރި ރަށަށް ދާނީ، ތި ތުންފަތަށް ހިނިތުންވުމެއް ގެނެސްދީފަ..."
ޔައިލްގެ މޫނަށް ބަލަން އިން އިޒީގެ ދެލޮލަށް ކަރުނަ ޖަމާވާން ހިނދުކޮޅެއްވެސް ނުނެގިއެވެ. އެއީ އުފާވެރިކަމުގެ ކަރުނަ ހެއްޔެވެ؟ ނޫނީ ހިތާމައިގެ ކަރުނަ ހެއްޔެވެ؟ އިޒީއަށް އެއްކަމެއް ޔަގީންވިއެވެ. އެކަނިވެރިކަމަށްވުރެ، އެހެން މީހެއްގެ އޯގާތެރި ބަސްތަކުން ހިތަށް ލިބޭ ތަސައްލީ ބޮޑެވެ.
"ކިހިނެއްވީ؟..." އިޒީ ކަރުނަ ފޮހެލިތަން ފެނުމުން، ޔައިލް ހާސްވިއެވެ.
"އެބަ އަންނަން..." އިޒީ ކެބިންއިން ނުކުމެގެން ފާހާނާ އާއި ދިމާއަށް ހިނގައިގަތެވެ.
އިޒީގެ ފަހަތުން ދާންއުޅުނު ޔައިލްގެ ފިޔަވަޅުތައް ހުއްޓުނީ، ކުއްލިއަކަށް ހަނދާންވި ކަމަކުންނެވެ. އޭނާ ފަސްއެނބުރި ބަލައިލީ، ސާރާ ގެނައި ފައިލަށެވެ. އިޒީ ދިޔަކަން ޔަގީންކުރުމަށްފަހު އޭނާ އެ ފައިލު ނަގައި ހުޅުވައިލިއެވެ.
ޔައިލްގެ ދެލޯ ބޮޑުވިއެވެ. ފައިލުގައި އޮތީ އޭނާގެ އުފަންދުވަހުގެ ސެޓްފިކެޓްގެ ކޮޕީއެކެވެ. ދެވަނަ ލިޔުން ފެނުމުން، އޭނާގެ ނުތަނަވަސްކަން އިތުރުވިއެވެ.
"މަރުފޯމް..... ޢާއިޝަތު ތަމްސީރާ...."
ޔައިލްގެ ދެފައިން ވަރު ދޫވިއެވެ. ފޯމުގައި އަތް ޖައްސައިލިއިރު، އެ ދެލޮލަށް ކަރުނަ ޖަމާވެއްޖެއެވެ.
"ރިޝާން..." ޔައިލްގެ އަތް މުށްކެވުނެވެ.
ޔައިލް އެ ފައިލުން، އޭނާގެ އުފަންދުވަހުގެ ސެޓްފިކެޓް ވަކިކޮށް، ބޮނޑިކޮށްލުމަށްފަހު، ޑަސްބިނަށް ލިއެވެ. ފައިލު ލައްޕައިލަން އުޅުނު ވަގުތު، ފައިލުގެ ތެރެއިން ވެއްޓުނު ތަސްވީރު ގޮސް ޖެހުނީ އޭނާގެ ފައި ކައިރީގައެވެ. ބަންޑުން އޮތް އެ ތަސްވީރު ނަގައި ބަލައިލުމާއިއެކު، ޔައިލްގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. ގިނަދުވަސްވުމުގެ ސަބަބުން ކުލަ ބަދަލުވެފައިވާ އެ ތަސްވީރަކީ ފަނަރަ ވަރަކަށް އަހަރު ކުރީގެ ތަސްވީރެކެވެ. ތޭރަ ވަރަކަށް އަހަރުގެ ފިރިހެން ކުއްޖަކާއި ދާދި އެ އުމުރުގެ އަންހެން ކުއްޖަކު އެކުގައި ތިއްބާ ނަގާފައިވާ އެ ތަސްވީރު ފެނުމުން، ޔައިލްގެ ހިތަށް ފުން އަސަރެއް ކުރުވިއެވެ.
"އައިޝާ..." ޔައިލްއަށް ހިތާއިހިތުން ކިޔައިލެވުނެވެ.
ކެބިންގެ ދޮރު ހުޅުވައިލި އަޑު އިވުމާއިއެކު ޔައިލް ދިޔައީ ސިއްސައިގެންނެވެ. ޔައިލް އަވަސް އަވަހަށް ތަސްވީރު ފުރަގަހަށްލިއެވެ. ފައިލު އަނބުރާ މޭޒުމަތީގައި ބޭއްވުމުގެ ކުރިން އިޒީގެ ލޮލުގައި އެ ފައިލު އަޅައިގަތެވެ.
"ތި ފައިލު..." އިޒީ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ޔައިލްގެ އަތުން ފައިލު އަތުލިއެވެ. "ކީއްކުރަން މި ފައިލު ނެގީ؟..."
"ހެލްޕެއް ދޭންވެގެން..." ޔައިލް ހިނިތުންވެލީ ގަދަކަމުންނެވެ.
"ކޯއްޗެއް ތި ފޮރުވަނީ؟..." ޔައިލް އެއް އަތް ފުރަގަހަށް ލައިގެން ހުރި ތަން ފެނުމުން، އިޒީ އަހައިލިއެވެ.
"އެއްޗެއް ނޫން..." ތަސްވީރު ޖީބަށް ލާފައި ޔައިލް އަތް ދެއްކިއެވެ.
އިޒީ ޔައިލްއަށް ބެލީ ޝައްކުގެ ނަޒަރަކުންނެވެ. ޔައިލް ކޮންމެވެސް ކަމެއް ސިއްރު ކުރާކަށް އޭނާއަށް އެނގުނެވެ. އެކަމަކު، އިތުރަށް އެކަމެއް ހޯދާކަށް އިޒީ މަސައްކަތެއް ނުކުރެއެވެ.
*********
ބޭރަށް ނުކުތްއިރު ޔައިލްގެ ތަބީއަތު ވަނީ ބަދަލުވެފައެވެ. މިއަދު އިޒީގެ ކުރިމަތީގައި ސަލާމަތްވިޔަސް، މާދަމާ ވާނެގޮތެއް ނޭނގެއެވެ. އިޒީއަށް ހަގީގަތް އެނގޭ ދުވަހު ހުރިހާ ކަމެއް ބަދަލުވާނެއެވެ. އޭރުން ޔައިލްއަށް ވާނީ ކިހިނެއް ހެއްޔެވެ؟ އިޒީ ޔައިލް އާއި ދޭތެރޭ ދެކޭނީ ކިހިނެއް ހެއްޔެވެ؟
ޔައިލްގެ ފޯނު ވައިބްރޭޓް ވިއެވެ. ފޯނަށް އައީ މެސެޖެކެވެ.
"ވަގުތު ހަމަވަނީ... ހަގީގަތް ފަޅާއަރަނީ..."
މެސެޖު އައިސްފައި އޮތީ ނުދަންނަ ނަންބަރަކުން ކަމުގައިވިޔަސް، އެއީ ކާކުގެ މެސެޖެއްކަން ޔައިލްއަށް އެނގުނެވެ.
"ރިޝާން..." ޔައިލްގެ ދެބުމަ ގޮށްޖެހުނެވެ.
ޔައިލް އެ މެސެޖަށް ޖަވާބެއް ނުދީ، ފޯނު އަނބުރާ ޖީބަށް ލިއެވެ. އެއީ ރިޝާންގެ ހިތަށް ޒަލްޒަލާއެއް ގެނުވި ކަމެކެވެ. ރިޝާން އުއްމީދުކުރީ، ޔައިލްގެ މެސެޖުތައް ފުލުފުލުގައި ލިބޭނޭ ކަމަށެވެ. އެކަމަކު، މެސެޖު ބަލާފައި އެތައް އިރެއް ވީއިރުވެސް ޔައިލް އެއްޗެއް ނުބުންޏެވެ. ރިޝާންގެ އިންޒާރަކަށް ޔައިލް ނުސިހޭނެކަން އޭނާއަށް ކަށަވަރު ވިއެވެ. ދެކޮޅަށް ހިނގަހިނގާ ހުރި ރިޝާންގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ.
"ބަލާނަމޭ ކިހާ ދުވަހެއް ވަންދެން ތިކަމުން އޭނަ ޕްރޮޓެކްޓް ކުރެވޭތޯ.." ރިޝާން ހިތާއިހިތުން ކިޔައިލިއެވެ.
"ބްރޯ..." ޔައިލް ސިހުނީ އޭނާގެ ކޮނޑުމަތީގައި މީހަކު އަތް ބާއްވައިލުމުންނެވެ.
"ރިއުމާން...." ރިއުމާން ފެނުމުން، ޔައިލް ހިނިތުންވެލިއެވެ.
"އާންތަ ބުނާނެ ތީ މިހާރު އޭނަގެ ދަރިއެއް ނޫނޭ..." ރިއުމާން ޔައިލް އާއި ދިމާކުރިއެވެ.
"އެއީ ކީއްވެޔޯ؟..." ޔައިލް ޖަހައިލީ ސަކަ ހިނިގަނޑެކެވެ.
"އެހެންމީހަކު ތިދަރި ޖަހައިގަތީމައެއްނު..." ރިއުމާން ބުނީ އިޒީގެ ވާހަކަ ކަން ޔައިލްއަށް އެނގުނެވެ.
"ފެށުނީއޭ ދޯ..." ޔައިލް ދެފަރާތަށް ބޯ ހޫރައިލިއެވެ.
"އާންތައާ ދޭތެރޭ ހަމްދަރުދީވެސް ވެވިއްޖެ... ހުރި ހަމައެކަނި އަންހެން ދަރިފުޅު ގެއްލުނީ... ދެން މިހާރު ހުރި ހަމައެކަނި ފިރިހެން ދަރިފުޅުވެސް... ބޮޑުއްތަ އިއްޔެ ގުޅާފަ ބުނި، އާންތަ އަބަދު އައިޝާ ހަނދާންކޮށްފަ ރޯ ވާހަކަ... ތިކުރާ ކަންތައް ހުއްޓާފަ، ދުވަސްކޮޅަކަށް މަންމަ ކައިރިއަށް ގޮސްލަބަލަ..." ރިއުމާންގެ ވާހަކަ އެހިސާބަށް ދިޔަ ތަނައި އޭނާގެ ފަހަތުގައި ހުރި އިޒީ ޔައިލްއަށް ފެނުނެވެ.
(ނުނިމޭ)