ޖެހިޖެހިގެން ދެވަނަ މެޗުން ބަލިވެ ޗެމްޕިއަން އާރްއާރްސީ އުނދަގޫ ހާލަތަކަށް

އާރުއާރުސީ ކުޅުނު ފުރަތަމަ މެޗުގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާ

މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ސީޒަނުގެ ކިންގްސް ކަޕާއި ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ހޯދި ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ)، މިއަހަރުގެ ކިންގްސް ކަޕްގައި ކުޅުނު ދެވަނަ މެޗުން ވެސް ބަލިވެއްޖެއެވެ.

ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުގައި އެސްޓީއޯ ރެކްރިއޭޝަން ކްލަބާ ވާދަކުރި ފޯރިގަދަ މެޗުން އާރްއާރްސީ ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ހޯކްސް އަތުން 3-1 އިން ބަލިވެފައިވާ އާރްއާރްސީ، ޖެހިޖެހިގެން ދެވަނަ މެޗުން ބަލިވުމާއެކު، މުބާރާތުގެ ކުއާޓާ ފައިނަލަށް ދިއުމަށް އެޓީމަށް ކުރަންޖެހޭ މަސައްކަތް މިވަނީ ވަރަށް ބޮޑުވެފައެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ އާރްއާރްސީންނެވެ. އެޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ އަލީ ހާފިޒް (ހާއްޕެ) އެވެ. ނަމަވެސް އެސްޓީއޯ އިން ވަނީ ފަހަތުން އަރައި މެޗުގެ ނަތީޖާ އަނބުރާލާފައެވެ.

އެސްޓީއޯއަށް ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަހުމަދު ރާހިލް ރަޝީދު (ރާއްކޮ) އެވެ. މިއީ މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗުގައިވެސް ރާއްކޮ މޭން އޮފް ދަ މެޗުގެ މަގާމު ހޯދި ދެވަނަ ފަހަރެވެ. އެސްޓީއޯ މޮޅުކޮށްދިން ލަނޑު މެޗުގެ ފަހުކޮޅު ކާމިޔާބުކޮށްދިނީ އަރަމުން އަންނަ ފުޓްސަލް ތަރި އަލީ ހުމޭޒުއެވެ.

އާރްއާރްސީ ހިމެނޭ ގްރޫޕް ބީގެ ތާވަލަށް ބަލާއިރު، ދެ މެޗުން ލިބުނު 6 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ އެސްޓީއޯއެވެ. ދެވަނައިގައި 3 ޕޮއިންޓާއެކު ހޯކްސް އޮތްއިރު، ތިންވަނައިގައި އޮތީ ފުރަތަމަ މެޗުން ބަލިވި ފުވައްމުލަކު ފިސްޑާއެވެ. ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައި އާރްއާރްސީ އޮތްއިރު، ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެ ޓީމުގެ އިތުރުން ތިންވަނައަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމަށް ކުއާޓާގެ ޖާގަ ލިބޭނެއެވެ.

އެހެންކަމުން އާރްއާރްސީއަށް ކުއާޓާގެ ފުރުސަތެއް ކިރިޔާވެސް އޮތީ ފަހު މެޗުގައި ބޮޑު ތަފާތަކުން ފިސްޑާ ބަލިކޮށްގެންނެވެ. ނަމަވެސް އެ މެޗުން މޮޅުވިޔަސް، ކުއާޓާގެ ޖާގައެއް ކަށަވަރުކުރުމުގެ އަމިއްލަ ބާރެއް މިހާރު އެޓީމަކަށް ނެތެވެ.

މި މުބާރާތުގެ ގްރޫޕް ސީގައި ރޭ ކުޅުނު މެޗުން އެމްޓީސީސީ ވަނީ އޭދަފުށީގެ އެއިޓީފޯ އެފްސީ 2-0 އިން ބަލިކޮށްފައެވެ. އެމްޓީސީސީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޖުމައިލް ޖަމީލް (ޖުމްބެ) އާއި އިސްމާއީލް ވަޖީހު (ވައްޖެ) އެވެ.

ޖުމްލަ 12 ޓީމަކާއެކު ކުރިއަށްދާ މިއަހަރުގެ ކިންގްސް ކަޕްގެ މެޗުތައް ދެން ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުގެ ރެއެވެ. މުބާރާތުގެ ޝެޑިއުލަށް ބޮޑު ބަދަލެއް ގެނައީ ގައުމީ ފުޓުބޯޅަ ޓީމު ވާދަކުރާ ޑައިމަންޑް ޖުބިލީ މުބާރާތުގައި ވާދަކުރާތީއެވެ.

މުބާރާތުގެ ބްރޯޑްކާސްޓިން ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ.

މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ސީޒަނުގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) ވަނީ މިއަހަރުގެ ކިންގްސް ކަޕްގައި ކުޅުނު ދެވަނަ މެޗުން އެސްޓީއޯ ރެކްރިއޭޝަން ކްލަބް އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެފައެވެ. މެޗުގެ ފުރަތަމަ ލަނޑު އާރްއާރްސީގެ އަލީ ހާފިޒް ކާމިޔާބުކޮށްފައިވަނިކޮށް، އެސްޓީއޯއިން ނަތީޖާ އަނބުރާލީ އަހުމަދު ރާހިލް ރަޝީދު އަދި އަލީ ހުމޭޒު ކާމިޔާބުކުރި ލަނޑުތަކުންނެވެ. މި ނަތީޖާއާއެކު ގްރޫޕް ބީގެ ފުލުގައި ޕޮއިންޓެއް ނުލިބި އާރްއާރްސީ އޮތްއިރު، އެޓީމަށް ކުއާޓާ ފައިނަލުގެ ޖާގައެއް ލިބުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ. މުބާރާތުގެ މެޗުތައް ދެން ކުޅޭނީ އަންނަ އަންގާރަ ދުވަހުއެވެ.

  • އާރްއާރްސީ ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗުންވެސް ބަލިވެފައެވެ.
  • އެސްޓީއޯއިން މެޗު ކާމިޔާބުކުރީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ.
  • ގްރޫޕް ބީގެ އެއްވަނައިގައި 6 ޕޮއިންޓާއެކު މިވަގުތު އޮތީ އެސްޓީއޯއެވެ.
  • އާރްއާރްސީއަށް ކުއާޓާގެ ފުރުސަތެއް އޮތީ ފަހު މެޗުން ތަފާތު ބޮޑުކޮށް މޮޅުވެގެންނެވެ.
  • ގްރޫޕް ސީގައި އެމްޓީސީސީން ވަނީ އޭދަފުށީގެ އެއިޓީފޯ އެފްސީ 2-0 އިން ބަލިކޮށްފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު