ވ. އަތޮޅުގައި ހިނގި ކަނޑުއަޑީގެ ނުރައްކާތެރި ހާދިސާއެއްގައި މަރުވި އިޓަލީގެ ރައްޔިތުންގެ ހަށިގަނޑުތައް ނެގުމުގައި ހިތްވަރުގަދަ މަސައްކަތްތަކެއް ކުރި ފިންލޭންޑުގެ ތިން ޑައިވަރަކަށް އިޓަލީގެ ރައީސް ސާޖިއޯ މަޓަރެއްލާ، އެ ގައުމުގެ އެންމެ މަތީ ޝަރަފު ކަމަށްވާ "އޯޑާ އޮފް މެރިޓް" އަރުވައިފިއެވެ.
އިޓަލީ ވިލާތުގެ މި ޝަރަފު އަރުވާފައި ވަނީ ޑައިވާސް އެލާޓް ނެޓްވޯކް (ޑޭން) ގެ ޚާއްސަ ކޭވް-ޑައިވިން މެންބަރުން ކަމަށްވާ ސާމީ ޕާކަރިނެން، ޖެނީ ވެސްޓާލަންޑް، އަދި ޕެޓްރިކް ގްރޮންކްވިސްޓް އަށެވެ.
"އޯޑާ އޮފް މެރިޓް" އަކީ އިންސާނީ ޚިދުމަތްތަކާއި، ސައިންސާއި، ފަންނުވެރިކަމުގެ ދާއިރާއިން އާދަޔާ ޚިލާފު ޚިދުމަތްތައް ކުރާ ފަރާތްތަކަށް އިޓަލީން އަރުވާ އެންމެ ޝަރަފުވެރި މަތީ އެވޯޑެވެ.

ރެސްކިއު އޮޕަރޭޝަންގައި އުޅުނު ފިންލޭންޑުގެ ޑައިވަރެއް -- ފޮޓޯ/ ޑޭން
މި އެވޯޑާ ގުޅިގެން ޓީމުގެ މެންބަރެއް ކަމަށްވާ ޕެޓްރިކް ގްރޮންކްވިސްޓް ބުނީ، އެމީހުން ކުރި އެ މަސައްކަތަށް މިފަދަ ބޮޑު ޝަރަފެއް ލިބުމުން ހައިރާންވި ނަމަވެސް، އެމީހުން ކުރި މަސައްކަތް އިޓަލީގެ ރައްޔިތުން ބަލައިގަތް މިންވަރު އެކަމުން އެނގިގެން ދިޔަ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެ ޑައިވަރުންނަށް ހިތްހަމަޖެހުން ލިބޭ ކަމަށް ކަމަށް ވެސް އޭނާ ބުންޏެވެ.
މި ހާދިސާ ހިނގާފައި ވަނީ ވ. އަތޮޅުގައި އޮންނަ، 50 މީޓަރަށް ވުރެ ފުން ކަނޑު ހޮހަޅައެއްގެ ތެރޭގައެވެ. އެ ހޮހަޅަ ބަލާލަން އުޅުމުގެ ތެރޭގައި އިޓަލީގެ ފަސް ޑައިވަރުން ވަނީ މަރުވެފައެވެ.
މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފްއިން ހިންގި ރިކަވަރީ އޮޕަރޭޝަން ފުރަތަމަ މެދުކަނޑާލަން ޖެހުނީ، ހަށިގަނޑުތައް ހޯދަން އުޅުނު ދިވެހި ސިފައިންގެ ޑައިވަރު ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ޑިކޮމްޕްރެޝަން ސިކްނެސް (ބެންޑްސް) ޖެހި، ފުރާނަ ގެއްލުމާ ގުޅިގެންނެވެ. އެއަށްފަހު، ފިންލޭންޑުގެ މި ތިން ޓެކްނިކަލް ޑައިވަރުން ރާއްޖެ އައިސް، ދިވެހި އިދާރާތަކާ ގުޅިގެން އޮޕަރޭޝަން ވަނީ ކުރިއަށް ގެންގޮސްފައެވެ.
އަދި އެ ޑައިވަރުންގެ ހުނަރާއި ތަޖުރިބާ ބޭނުންކޮށްގެން، އެ ހޮހަޅައިގެ ތެރެއިން އިޓަލީގެ ރައްޔިތުންގެ ހަށިގަނޑުތައް ވަނީ މައްޗަށް ނަގައިފައެވެ.
މަރުވި ޑައިވަރުންގެ ހަށިގަނޑުތައް މިހާރު ވަނީ އިޓަލީއަށް ގެންގޮސްފައެވެ.
އިޓަލީގެ ނޫސްތައް ބުނާ ގޮތުން، އެ މީހުންގެ އޮޓޮޕްސީ ހެދުމަށް ވަނީ ނިންމާފައެވެ. އަދި، މަރުވި ޑައިވަރުންގެ މޯބައިލް ފޯނުތަކާއި އެ ނޫން ވެސް އިލެކްޓްރޯނިކް ސާމާނުތައް އިޓަލީގެ ޖެނޯއާ ފްލައިން ސްކޮޑުން ވަނީ ތަހުގީގަށް ނަގާފައި ކަމަށް އެ ގައުމުގެ ނޫސްތައް ބުނެއެވެ.