ދިވެހި ފުޓުބޯޅައަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ފައިނަލް ސްކޮޑު މިއަދު އިއުލާނުކޮށްފިއެވެ.
މާދަމައިން ފެށިގެން މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުން ފަރިތަކުރުންތައް ކުރިއަށް ގެންދާތާ މިހާރު މަހެއްހައި ދުވަސް ވެއްޖެއެވެ.
މި މުބާރާތުގައި ރާއްޖޭގެ ޓީމަށް އިރުޝާދު ދޭނީ ހެޑް ކޯޗު އިސްޓަވާން އުރުބާނީއެވެ. އޭނާ ވަނީ މުބާރާތަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑެއް މިއަދު އެކުލަވާލާފައެވެ.
ރާއްޖޭގެ އިތުރުން މި މުބާރާތުގައި ބަންގްލަދޭޝް، އަފްޣާނިސްތާން އަދި ޕާކިސްތާން ވާދަކުރާނެއެވެ. މުބާރާތް ކުރިއަށްދާނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅުމަށްފަހު، އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމު ފައިނަލަށް ހޮވޭ ގޮތަށެވެ.
ފައިނަލް ސްކޮޑުން ޖާގަ ގެއްލުނު ކުޅުންތެރިންގެ ތެރޭގައި ޓީމުގެ ކެޕްޓަން ސަމޫޙު އަލީ (ސަމުއްޓޭ) އާއި ތަޖުރިބާކާރު ޑިފެންޑަރު މުޙައްމަދު އިރުފާން (އިރޭ) ހިމެނެއެވެ. މި ދެ ކުޅުންތެރިންނަށް ސްކޮޑުން ޖާގަ ނުލިބުނީ ސީޒަން ނިމުނު ފަހުން ކުޅުނު މުބާރާތެއްގައި ލިބުނު އަނިޔާގެ ސަބަބުން ފަރިތަކުރުންތަކުގައި ބައިވެރިނުވެވުމުންނެވެ.
މީގެ އިތުރުން ޒުވާން ބައެއް ކުޅުންތެރިންނަށް ވެސް ފައިނަލް ސްކޮޑުން ޖާގަ ލިބިފައެއް ނުވެއެވެ. ނަމަވެސް، ވަގުތީ ސްކޮޑުގައި ނެތް ޙަސަން އީނާޒް އަށް ވަނީ ފައިނަލް ސްކޮޑުން ފުރުސަތު ދީފައެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ ފައިނަލް ސްކޮޑުގައި ހިމެނުނު 23 ކުޅުންތެރިން.. ފޮޓޯ/ އެފްއޭއެމް
ގައުމީ ޓީމުގެ ފައިނަލް ސްކޮޑް:
އަލީ އަޝްފާޤް، މުޙައްމަދު ފައިސަލް، އަމްދާން އަލީ، އިބްރާޙީމް އައިސަމް، ނާއިޒް ޙަސަން، އަލީ ފާސިރު، އިބްރާޙީމް މަހުދީ ޙުސެއިން، އިބްރާޙީމް ވަހީދު ޙަސަން، މުޙައްމަދު އިލާން އިމްރާން، އަޙްމަދު އައިހަމް، ހަމްޒާ މުޙައްމަދު، ހައިޝަމް ޙަސަން، ޙަސަން އީނާޒް، ޠާއިފް ޤާސިމް، އަޙްޒަމް ރަޝީދު، ނާޝިއު އަޙްމަދު ޝިހާމް، އަޙްމަދު އައިހަމް، އަބްދުﷲ ލޫތު އިބްރާޙީމް، ޙުސެއިން ޝަރީފް، ނައްސާޙް އިބްރާޙީމް ނާސިޙް، ޙުސެއިން ޝިފާއު ޔޫސުފް، މުޙައްމަދު ޝަފީއު އަދި އަޙްމަދު އަބްދުﷲ އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ބަންގްލަދޭޝް އާއި ޕާކިސްތާނެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި މާދަމާ ރޭ ނުކުންނާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ.