އިޤުރާރުވީމޭ ލޯބިން - 36

އިޤުރާރުވީމޭ ލޯބިން -

ޒަހްރާންގެ ދުލުން އިޤުރާރުވަމުން ދިޔައީ އޭނަ އައިރާ ދެކެ ވާ ލޯތްބަށެވެ. އެލޯބީގެ ފުންކަމާއި ޖަޒުބާތުތަކަށެވެ. އައިރާއާ މިރޭ ދައްކާނެ ވާހަކަތައް އޭނަ އެތަކެއް ގޮތަކަށް ފަރިތަކުރިއެވެ. އެހެންނަމަވެސް، އައިރާއަށްޓަކައި މިރޭ އޭނަގެ ދުލުން ނުކުތީ އެއަށްވުރެ ވެސް ފުން އިޙްސާސްތަކެކެވެ. އެއީ އޭނަ ފަރިތަ ކުރި ބަސްތަކެއްވެސް ނޫނެވެ. އެހެންނަމަވެސް މިރޭ ޒަހްރާންގެ ދުލުން އައިރާއަށް އެ އަޑު އިވުނީ އޭނަގެ ހިތުގެ ފަސާނާއެވެ. އެހިތުގެ ލޯތްބާއި އެދުންތަކެކެވެ.

ޒަހްރާންގެ ދުލުން ނުކުންނަމުން ދިޔަ ކޮންމެ ޖުމްލައަކާއެކު އައިރާގެ ހިތުގެ ތެޅުމަށް ބަދަލު އަންނަމުން ދިޔައެވެ. އޭނާގެ ހިތުގައި ހީވީ އޯގާތެރި އަތަކުން މީހަކު ފިރުމައިލި ހެންނެވެ. މީގެ ކުރިން ރިހާމްގެ ފަރާތުން ވެސް ދުވަހަކު އެފަދަ ބަސްތަކެއް އަޑު އިވިފައެއް ނުވެއެވެ. އެ ޖަޒުބާތީ ވަގުތުކޮޅު އައިރާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. އޭނާގެ ދެލޮލުގެ ތެރެއަށް ކަރުނަތައް ޖަމާވީ ކީއްވެގެންކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގުނެވެ. މަސްހުނި އިޙްސާސްތަކަކުން ނަފްސު ހައްޔަރުވާން ފެށިހެން އައިރާއަށް ހީވާން ފެށިއެވެ. ޒަހްރާންގެ ލޯތްބަށް އިޖާބަ ދިނުމަށް އޭނާގެ ހިތް އެދި ގޮވަން ފެށި ނަމަވެސް، ދުލަކުން އެންމެ ލަފުޒެއް ވެސް ނުނިކުތެވެ. ބަރު އެއްޗެއް އޭނާގެ ދޫ މަތީގައި ބާއްވާފައިވާ ފަދައެވެ.

"އައިރާ... އަހަންނަށް އެނގޭ އައިރާ ތި ވިސްނަނީ ކޮން ކަމަކާކަން. އަހަރެން ބުނީމެއްނު، އަހަންނަށް ޖަވާބު ދޭއިރު އައިރާ އެހެން ކަމަކާ ވިސްނާކަށް ބޭނުމެއް ނޫނޭ. އަހަރެމެން ދެމީހުންނާ މެދު ވިސްނާލަބަލަ. އަހަރެން އައިރާ ދެކެ ވާ ލޯތްބާ މެދު. އައިރާގެ ހިތުގައި އުފެދިފައިވާ އިޙްސާސްތަކާމެދު. އަހަންނަށް އެނގޭ އިތުބާރުކުރުމަކީ އައިރާއަށް މާ ފަސޭހަކަމަކަށް ނުވާނެކަން. އެކަމަކު ޔަޤީންކުރޭ. އަހަރެންގެ ޙަޔާތުން ޖާގަ އެއް ދެވުނު ހަމައެކަނި އަންހެން ކުއްޖަކީ ތީ. ދުވަހަކު ވެސް އެހެން ކުއްޖަކާ ދޭތެރޭ މި ފަދަ ނަޒަރަކުން ނުދެކެން. އައިރާ.. އައި ލަވް ޔޫ..." އެހެން ބުނެލުމަށްފަހު ޒަހްރާން އޭނާގެ އަތްތިލަ އައިރާއަށް ދިއްކޮށްލިއެވެ.

"މިއަތުގައި އައިރާ ހިފާ ހިސާބުން ފެށިގެން، ދުވަހަކު ދެރައެއް ނުދޭނެކަމަށް އަހަރެން އައިރާއަށާ، އަމިއްލަ ނަފްސަށް ވައުދުވަން." ޒަހްރާން ބުނެލިއެވެ. އޭރު އައިރާ ދޭނެ ޖަވާބެއް ނޭނގި ޒަހްރާންގެ ހިތް ވެސް އިންތިހާ ބާރުމިނުގައި ތެޅެން ފަށައިފިއެވެ.

ޒަހްރާން ދިއްކޮށްލި އަތަށް ބަލައިލުމަށްފަހު އައިރާ ޒަހްރާންގެ ދެލޮލަށް ނަޒަރު ހުއްޓައިލިއެވެ.

"އަހަރެން...." ޖުމްލަ ފުރިހަމަކުރަން ދަތިވެފައިވާ ފަދައަކުން އައިރާ މަޑުޖެހިލިއެވެ.

"އަހަރެން؟ ކީކޭ އައިރާ؟" އެ ހުރި ގޮތަށް އަތް ދިއްކޮށްލައިގެން ހުރެ ޒަހްރާން ސުވާލުކޮށްލިއެވެ.

"އަހަރެން... އަހަރެން ބޭނުން އަލުން އަމިއްލަ ނަފްސަށް ފުރުސަތެއް ދޭން...." އައިރާ މަޑުމަޑުން ޒަހްރާންގެ އަތުތެރެއަށް އޭނާގެ އަތް ލިޔެވެ. އެކަމަށް އޭނާގެ ޒަމީރު އެދެމުން ދިޔަލެއް ބޮޑުކަމުންނެވެ. ޒަހްރާނަށް ފުރުސަތު ދިނުމަށް ބޭނުންވިލެއް ބޮޑުކަމުން ވެސް މެއެވެ.

އެކަމަކު... އެކަމަކު ޒަހްރާންގެ ފެމެލީ... އަހަރެމެން ދެމީހުންގެ ގުޅުމާ މެދު ކީކޭ ބުނާނީ؟ އަހަރެން ބޭނުމެއް ނޫން އެއްވެސް ކަމެއް ސިއްރުކުރާކަށް." އައިރާ އެ ދައްކަނީ ކޮން ވާހަކައެއްކަން ޒަހްރާނަށް ވެސް އެނގެއެވެ. އޭނާ އައިރާގެ އަތަށް ބާރުކޮށްލިއެވެ.

"އައިރާ ޑިސަޕޮއިންޓް ވާކަހަލަ އެއްވެސް ކަމެއް އަހަރެން ނުކުރާނަން. އައި ޕްރޮމިސް..." ޒަހްރާން ޔަޤީންކަން ދިނެވެ. އައިރާ ދުރު ބަލައިލިއެވެ. ކުރެވުނީ ރަނގަޅުކަމެއް ކަމެއް ނުވަނަ ނޫންކަމެއް ވެސް އޭނާއަކަށް ނޭނގެއެވެ. އެގުޅުމުގެ ސަބަބުން ދެން ކުރިމަތިވާނެ އިމްތިޙާނުތަކެއް ވެސް ވެސް މެއެވެ. އެހެންނަމަވެސް، އޭނާއަށް ޔަޤީންވާ އެއްކަމެއް އެބަ އޮތެވެ. އޭނާ ޒަހްރާނަށް ފުރުސަތު ދޭން ބޭނުންވާކަމެކެވެ. ޒަހްރާންގެ ލޯތްބަށް އޭނާގެ ހިތް އެދޭ ކަމެވެ. އެހިތަށް ތަސައްލީއެއް ބޭނުންވާކަމެވެ. އަދި އޭނާގެ ހިތުގައި ޒަހްރާނަށްޓަކައި އުފެދިފައިވާ އިޙްސާސްތަކަށް ފުރުސަތު ދޭން ބޭނުންވާކަން ވެސް މެއެވެ.

"އައިރާ އެދޭ ގޮތަށް އަހަރެން ކަންތައް ކޮށްދޭނަން." ޒަހްރާން ބުނެލިއެވެ.

"މަކަރާ އޮޅުވާލުމާ ސިއްރުތަކެއްގެ މައްޗަކަށް ގުޅުމެއް ބިނައެއް ނުކުރެވޭނެ. ގުޅުމެއް ބިނާވާނީ އިތުބާރާ އިޙްތިރާމްގެ މައްޗަށް. އަހަރެން ފަހަރެއްގައި ވެސް ބޭނުމެއް ނޫން އަހަރެންގެ ސަބަބުން ޒަހްރާނާ ޒަހްރާންގެ ޢާއިލާގެ ނަން ހަޑިވާކަށް." އައިރާއަށް އަދިވެސް ވިސްނެނީއެވެ. އޭނާގެ ފަސްބައިގައި ޖެހިފައިވާ ލައްގަނޑުގެ ސަބަބުން އެ ޢާއިލާއިން އޭނާ ބަލައިނުގަންނާނެޔޭ އޭނާއަށް ހީވަނީއެވެ.

"އައިރާގެ ސަބަބުން ކީއްވެތަ އަހަރެންގެ ނަން ހަޑިވާންވީ؟ އައިރާ މާ ބޮޑަށޭ ކަންތައްތަކާ ވިސްނަނީ. ދެން ނުވިސްނަބަލަ." ޒަހްރާން ބޭނުންވީ އައިރާ ގެނެސް އޭނާގެ އަތުތެރޭގައި ހައްޔަރުކޮށްލަން ނަމަވެސް، އޭނާ އައިރާއާ ގާތްވާކަށް މަސައްކަތެއް ނުކުރެއެވެ. ވަކި އިމެއްގެ ތެރޭގައި އެގުޅުން ބާއްވަން އޭނާ ވަނީ އަމިއްލަ ނަފްސަށް ވަޢުދުވެފައެވެ. އެއީ މީގެ ކުރީގެ ޒަހްރާން ނަމަ އޭނާ އެކަން ކުރާކަށް ޖެހިލުމެއް ނުވީހެވެ. އޭނާ އަންހެން ކުދިންނާއެކު ގައިގޯޅިކޮށް ކިތަންމެ ފަހަރަކު އުޅެފައި ވެއެވެ. އުޅެން ނުޖެހޭ ގޮތްގޮތަށެވެ. އެ ކުދިންގެ ރުހުމާއެކު ކުރަން ނުޖެހޭ ކިތަންމެ ކަމެއް ކުރި ވެސް މެއެވެ. އެހެންނަމަވެސް، އައިރާ ތަފާތެވެ. އައިރާއަށް އޭނާގެ ހިތުގައި ޚާއްސަ ޤަދަރެއް ދެވިފައިވެއެވެ. އައިރާގެ ނުރުހުމުގައި އައިރާގެ ގައިގައި އިނގިލި ކުރި ޖައްސާލާކަށް ވެސް ޒަހްރާންގެ ޒަމީރު ތަނެއް ނުދިނެވެ. އޭނާއަށް އައިސްފައިވާ ބަދަލުތަކުގެ އަސްލަކީ އައިރާއެވެ. މިއަދު އޭނާ އެހުރި މަޤާމުގައި ދުވަހަކު ވެސް ހުރެފާނެކަމަށް ޒަހްރާން މީގެ ކުރިން އުންމީދު ކޮށްފައެއް ނުވެއެވެ.

"އަހަރެން އައިރާއަށްޓަކައި ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެކަން އައިރާއަށް ހަމަ ރަނގަޅަށް އެނގޭނެ." ޒަހްރާން ބުނެލިއެވެ.

"އެހެންވެ އަހަރެން މާ ޖެހިލުންވޭ..." އައިރާ ބުނެލިއެވެ. ޒަހްރާނަށް ބުމަ އަރުވައިލެވުނެވެ.

"ޒަހްރާންގެ ޢާއިލާ މިގުޅުމާ ޤަބޫލުނުވިއްޔާ، ޒަހްރާން އެމީހުންނާ ގުޅުން ކަނޑާނުލައްޗޭ. ޒަހްރާންގެ ޢާއިލާ ފަދަ އެހެން ޢާއިލާއެއް ދެނެއް ޒަހްރާނަކަށް ނުލިބޭނެ. އެކަމަކު އަހަރެން ފަދަ އެތަކެއް އަންހެން ކުދިންނެއް ލިބޭނެ. އަހަރެން ފަދަ އެއް ނޫން. އަހަންނަށް ވުރެ ޒަހްރާނާ އެކަށީގެންނާ މާ ރަނގަޅު ކުދިން ލިބޭނެ..." އައިރާއަށް އެ ހިސާބަށް ބުނެވުނުތަނާ ޒަހްރާން ދެފަރާތަށް ބޯ ހޫރައިލިއެވެ.

"ކީއްވެ ތިހާ ނެގެޓިވްކޮށް ވިސްނަނީ؟ އަހަރެންގެ ޢާއިލާ ޤަބޫލުވާނެޔޭ..." ޒަހްރާނަށް ބުނެވުނެވެ. ސީދާ ސީދަލަށް ނުބުނި ނަމަވެސް، އައިރާ ބުނަން އެ މަސައްކަތްކުރަނީ ކީކޭކަން ޒަހްރާނަށް ވިސްނިއްޖެއެވެ. އެހެންނަމަވެސް، އޭނާ އެކަން ކުރާނީ ކިހިނަކުން ހެއްޔެވެ؟ އައިރާއާ ދުރަށް ދާނީ ކިހިނަކުން ހެއްޔެވެ؟ އެ ލޯތްބަށް ފުރަގަސްދޭނީ ކިހިނަކުން ހެއްޔެވެ؟ އެހިތަކީ އައިރާގެ ހައްޤެއްކަން ނުވިސްނެނީ ހެއްޔެވެ؟ އެހިތަށް އޭނާގެ އަމިއްލަ ބާރު ނުފޯރުވޭތާ ވެސް އެތަކެއް ދުވަހެކެވެ. އެހިތުގައި ޖަހާ ކޮންމެ ވިންދެއްގައިމެ ވަނީ އައިރާގެ ނަމެވެ. ވީއިރު، އޭނާ އައިރާ ދޫކޮށްލާނީ ކިހިނަކުން ހެއްޔެވެ؟

"އަހަރެން ބުނަން ބޭނުންވަނީ ހަމަ އެންމެ ވާހަކައެއް. އަހަންނާ ގުޅުމަށްފަހު، އިރާދުކުރެއްވިއްޔާ، ދުވަހަކުވެސް އައިރާ ރިގްރެޓްކުރާކަށް ނުޖެހޭނެ. އެ ޔަޤީންކަން އަހަރެން ދެން..." ޒަހްރާން ބުނެލިއެވެ.

"އެހާ ވެސް އަހަރެން ދެކެ ލޯބިވޭތަ؟" އައިރާގެ ދުލުން އެބަސްތައް ނުކުތީ ބޭއިޚްތިޔާރުގައެވެ. އޭނާ ދެލޮލުގެ ތެރެއަށް ޖަމާވެފައިވާ ކަރުނަތައް ޒަހްރާންގެ އަތުން ދޫކޮށްލުމަށްފަހު، އަތުގެ ނުފުށުން ފުހެލިއެވެ. ޒަހްރާން ވެސް ޖީންސްގެ ޖީބަށް އަތް ޖަހައިލިއެވެ.

"އިންތިހާއަށް. އައިރާއަށް ތަސައްވަރު ވެސް ނުކުރެވޭހާ ބޮޑަށް." ޒަހްރާންގެ އަޑުގައި ތެދުވެރިކަން ނޫން އެއްޗެއް ނުވެއެވެ. އައިރާއަށްޓަކައި އޭނާގެ ހިތުގައި އުފެދިފައިވާ އިންތިހާ ދަރަޖައިގެ ލޯބި އެއީ ދުލަކުން ގަލަމަކުން ބަޔާންކޮށްދެވޭނެ އެއްޗެއް ނޫނެވެ. އެއަށް ވުރެ އެ ޖަޒުބާތުތައް ފުނެވެ.

އައިރާއަށް ހިނިތުންވެވުނެވެ. އޭނާގެ ހިތުގައި އުފާވެރިކަމުގެ ވިންދެއް ޖަހަން ފަށައިފިއެވެ. ޒަހްރާނަށްޓަކައި އޭނާގެ ހިތުގައިވި މަޤާމު އެތަކެއް ދަރަޖައެއް އުފިލިގެން ހިނގައްޖެއެވެ. ހިތުގައިވި ބިރުވެރިކަމުގެ މައްޗަށް ފުރަތަމަ ފަހަރަށް އުފާވެރި އިޙްސާސެއް އަތްގަދަ ކޮށްފިއެވެ. އެއީ މީގެ ކުރިން ދުވަހަކު ވެސް އޭނާއަށް އިޙްސާސްވީކަމެއް ނޫނެވެ.

ރިހި ހަނދުވަރުގެ އަލީގައި ދެ ޒުވާނުން އެކަކު އަނެކަކު ދެކެ ވާ ލޯތްބަށް އިޤުރާރު ވިއެވެ. އެ ހިތުން އެކަކު އަނެކަކަށް ދެވިފައިވާ މަޤާމު ވެސް އިޙްސާސްކޮށްލަ ދިނެވެ. ޒަހްރާން ވަމުން ދިޔަ ވަޢުދުތަކާ އަޙުދުތަކަށް ފަލަކުގައި އިން ހަނދުވެސް ހެކިވާނެ ކަން ޔަޤީނެވެ. ލޯބިވެރިންގެ ލިސްޓުގައި ދެ ޒުވާނުންގެ ނަން ވެސް ފެވިގެން ހިނގައްޖެއެވެ. އެކަކު އަނެކަކުގެ ނަން ގުޅި ލާމެހި، ޙަޔާތުގައި މުޅިން އައު ޞަފްހާއެއް ލިޔެވިގެން ހިނގައްޖެއެވެ.

*****

އައިރާ ރަށަށް ދާ ޚިޔާލު ދޫކޮށްލީ އެ ހަފްތާތެރޭގައި ޒަހްރާން، އޭނާއާ ޒަހްރާންގެ ގުޅުމުގެ ވާހަކަ ޢާއިލާއާ ހިއްސާކުރާނެކަމަށް ބުނުމުންނެވެ. ކުޑަ ވަގުތުކޮޅެއް ދިނުމަށް ޒަހްރާން އެދިފައިވާތީ، އައިރާ ވެސް އެވަގުތު ޒަހްރާނަށް ދޭން ނިންމީ އޭނާ ޒަހްރާނަށް އިތުބާރު ކުރާތީއެވެ. ޒަހްރާން އޭނާއަށް ދެރައެއް ނުދޭނެކަމުގެ ޔަޤީން ކަމާއެކުގައެވެ.

އެހެން ނަމަވެސް، އެ ފުރުސަތު ޒަހްރާނަށް ނުލިބުނީ، އަޔާޝް އޭނާގެ ކައިވެނީގެ ވާހަކަ ބައްޕަމެން ކައިރީގައި ދެއްކި ވާހަކަ ޒަހްރާނާ ހިއްސާ ކުރުމުންނެވެ. އަޔާޝްމެން ވީ އެންމެ އަވަހަކަށް ކައިވެނި ކުރަން ބޭނުންވާތީ، ޒަހްރާން ނިންމީ އެ ކަން ވަކި ކޮޅެއްގައި ޖެހުމުން އެ ވާހަކަ ބައްޕަމެންނާ ދައްކާށެވެ.

"ބުނެވެސް ނުލާ ދޮންބެ ތި ނިންމާލަނީ ވިއްޔަ ހުރިހާކަމެއް." ރެއިލިންގައި އަތް އަޅުވާލައިގެން ހުރި ޒަހްރާން ބުނެލިއެވެ. އޭނާ ހުރީ އަޔާޝްއަށްޓަކައި ނުހަނު އުފާވެފައެވެ.

"އެކަކަށް ވެސް ނޭނގޭނެ. މަންމަމެން ކައިރީ ބުނެފަ ދެން އެންމެ އަވަހަށް ވެސް މި ވާހަކަ ބުނީ ރެން ކައިރީގަ." އަޔާޝް ބުނެލިއެވެ.

"ދެން ކޮން އިރަކުން ފަހަރި ފެންނާނީ؟ ފޮޓޯއެއްހާ ހިސާބު ވެސް ދައްކާލި ނަމަ...." ޒަހްރާން ދިމާކޮށްލިއެވެ.

"މާދަން މިގެއަށް އެ ފެމެލީ އެންމެން އަންނާނެ. އޭރުން ފެންނާނެ." އަޔާޝް ބުނެލިއެވެ.

"ރެން..." ވާހަކައިގެ އެހާ ހިސާބުން އަޔާޝް ކުޑަކޮށް ސީރިއަސް ވެލާފައި ޒަހްރާނަށް ގޮވައިލިއެވެ.

"ހޫމް..." ޒަހްރާން ހޫމްއަކުން ފުއްދައިލީއެވެ.

"ބުނީމެއްނު އައިރާ ރަށަށް ދާން އުޅޭ ވާހަކަ. ކިހިނެއްވީ ފަހުން؟" އަޔާޝް ސުވާލުކޮށްލިއެވެ. ޒަހްރާނަށް އެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އޭނާއަށް ހިމޭންކަން އިޚްތިޔާރުކުރެވުނެވެ. އައިރާއާ އޭނާގެ ގުޅުމުގެ ވާހަކަ އަޔާޝްއާ ހިއްސާކުރަން އެންމެ ރަނގަޅު ވަގުތުބާއޭ ޒަހްރާންގެ ހިތަށް އެރިއެވެ. އޭނާގެ ނަސީބު ރަނގަޅީ ކަންނޭނގެއެވެ. އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް އައިރާ ޓެރެސްއަށް އަރައިފިއެވެ.

ޒަހްރާނާ، އަޔާޝްއާ ދެމީހުން ވާހަކައެއްގައި ތިބުމުން އެނބުރި ދާން އުޅެނިކޮށް އަޔާޝް އައިރާއަށް ގޮވައިލިއެވެ. އައިރާ ފަސް އެނބުރިލިއެވެ. އަދި އެ ދިމާލަށް ދިޔައެވެ.

"އައިރާ... އަހަރެން މެރީ ކުރަން މިއުޅެނީ. ރަށަށް ދާ ވާހަކަ ރެން ބުނި. ކައިވެންޏަށް ފަހު ދާންވީނު.... ނޫނީ ރަށަށް ދިޔަޔަސް، ކައިވެންޏަށް އަންނާން ވާނެ އިނގޭ.." އަޔާޝް ބުނެލިއެވެ. ޒަހްރާނަށް ބަލައިލާފައި އައިރާ ހިނިތުންވެލިއެވެ. އޭނާ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ.

ކޮންއިރަކު މެރީ ކުރަނީ؟" އައިރާ ސުވާލުކޮށްލިއެވެ.

"ވީ އެންމެ އަވަހަކަށް. މާދަން ޑޭޓް ވެސް ޑިސައިޑް ވާނެ." އަޔާޝް ޖަވާބު ދިނެވެ.

"ކޮންގްރެޗުލޭޝަންސް..." އައިރާ ހިނިތުންވެލިއެވެ. ރެއިލިންގައި ބުރަކަށި ޖައްސާލައިގެން ހުރި ޒަހްރާންގެ ތޫނު ނަޒަރު ވަނީ އައިރާއަށް ހުއްޓިފައިކަމުން އޭނާއަށް އުނދަގޫވިއެވެ. އެތަނަށް އައިރާ އައީ ތާޒާ ވައިކޮޅެއް ހޯދައިލުމުގެ ނިޔަތުގައެވެ. އެހެން ނަމަވެސް ބަހަނާއެއް ދައްކާފައި އިރުކޮޅަކުން އޭނަ ދިޔައީ، އަޔާޝްއާ ޒަހްރާނަށް ވާހަކަ ދައްކަން ފުރުސަތު ދިނުމުގެ ގޮތުންނެވެ.

*****

ލަޔާލީއާއި އޭނާގެ ޢާއިލާއަށް ދަޢުވަތު ދެވުނީ ރޭގަނޑުގެ ކެއުމަށެވެ. ވަގުތު ކުޑަތަންވަމުން ދިޔަ ވަރަކަށް ގޭތެރެ ވެސް ހަލަބޮލިވިއެވެ. އީލާފް ވެސް ދެކޮޅަށް ދުވެދުވެފައި އުޅެއެވެ. އަޔާޝް މީހަކާ އިންނަން އުޅޭކަން އެނގުނީއްސުރެ އޭނާގެ ދެފައި އެއްތާކު ހަރެއް ނުލައެވެ. އީލާފްއަށް ހީވަނީ ކުޑަ ވަރެއްގެ ޢީދެއް އައިސްގެން އުޅޭހެންނެވެ. ޕާޓީގެ ކުލަޔާ ތީމްގެ އިތުރުން، ޕާޓީ ބާއްވާނެ ތަނާ ބެހޭގޮތުން ވެސް އެހާ އަވަހަށް މަޝްވަރާ ދޭން ފަށައިފިއެވެ. ބަސްމާ ބަދިގޭގައި އުޅުނުއިރު، އީލާފް ހުއްޓާނުލާ އަނގަ ތަޅަމުން ދިޔައެވެ. އީލާފްގެ ވާހަކައަށް ބޯޖަހަމުން ހެމުން ދިޔަ ބަސްމާ ނޯކަރުންނަށް ކަން ކުރަންވީ ގޮތް ކިޔައިދެމުން ދިޔައިރު، އޭނާގެ އަތްމަތި ވެސް ހަލުތްވެވެ. އެ މަސައްކަތުގައި އުޅެނިކޮށް، މުރާދުގެ އަޑު ބަސްމާގެ ކަންފަތުގައި ޖެހިއްޖެއެވެ.

"ބަސްމާ... ބަސްމާ.." މުރާދު ކާކޮޓަރިއަށް ބޯދިއްކޮށްލިއެވެ. ބަސްމާ ވެސް ބަދިގެއިން ނުކުމެ މުރާދަށް ފެނިލިއެވެ. އޭނާ އައިސް މުރާދު ކައިރިއަށް ހުއްޓުނެވެ.

"މިހާރު ހުރިހާ ތައްޔާރީއެއް ނިމިއްޖެތަ؟" މުރާދު ސުވާލުކޮށްލިއެވެ.

"ނިމުނީ މީ. ދެން ދާންވީ ތައްޔާރުވެލަން." ބަސްމާ ބުނެލިއެވެ. މުރާދު. ރެން އަށް ގުޅިންތަ؟"

"ދެންމެ ގުޅިން. ބުނި ގަޑިއަށް އަންނާނަމޭ..." މުރާދު ބުނެލިއެވެ. ބަސްމާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

"ބަސްމާ... އެމީހުން އައިސް އުޅޭ ގަޑީގަ އައިރާ ނުކުތުން އެހާ ރަނގަޅެއް ނުވާނެ ކަންނޭނގެ." މުރާދަށް ވިސްނައިލެވުނެވެ. ބަސްމާ ބޯ ޖަހައިލިއެވެ. މުރާދުގެ ވިސްނުން ބަސްމާއަށް ވެސް އެނގެއެވެ. އައިރާއާ ބެހޭގޮތުން ކުރިމަތިވާ ސުވާލުތަކަށް ދޭނެ ޖަވާބެއް އޭނާގެ އަތަކު ވެސް ނެތެވެ.

އަހަރެން އައިރާ ކައިރީގައި ބުނާނަން." ބަސްމާ ބުނެލިއެވެ. މުރާދު ބޯ ޖަހައިލިއެވެ. ބަސްމާ ފެންވަރަން ދިޔައީ އައިރާގެ ކައިރީގައި ވެސް ގެއަށް މެހެމާނުން އަންނަކަން ބުނެލާފައެވެ. ބަސްމާ ސީދަލަށް ނުބުނި ނަމަވެސް، އެބުނަނީ އެ މީހުންގެ ކުރިމައްޗަށް ނާރާށޭކަން އައިރާގެ ސިކުނޑިއަށް ފަހުމްވުމުން އޭނާ ބޯ ޖަހައިލިއެވެ. އޭނާ ވިސްނަން ޖެހޭނީ ހަމައެކަނި އަމިއްލަ މީހާއާ ދޭތެރޭ ނޫންކަން އައިރާއަށް އެނގެއެވެ. ބަސްމާމެންގެ އަބުރާ ޢިއްޒަތާ ދޭތެރޭ ވެސް އޭނާ ވިސްނަން ޖެހޭނެއެވެ.

ޒަހްރާން އައިސް ގެއަށް ވަތްއިރު، ގޭތެރެއިން މީހަކު ފެންނާކަށް ނެތެވެ. އޭނާ ގޮސް ބޮޑުކޮޓަރީގައި ހުރި ސޯފާގައި އިށީނދެލިއެވެ. އެއަށްފަހު އައިރާއަށް މެސެޖުކޮށްލިއެވެ. ކޮޓަރީގައިކަމަށް ބުނުމަށްފަހު، އައިރާ އެއަށް ޖަވާބު ދިނެވެ. ގެއަށް މެހެމާނުން އަންނާތީ، އޭނާ ނުކުންނަން ބޭނުންނުވަނީކަމުގައި އައިރާ ބުނެލިއެވެ.

"އަހަރެން ބައްޕައާ ވީ އެންމެ އަވަހަކަށް އައިރާގެ ވާހަކަ ދައްކާލަން. ޓްރަސްޓް މީ..." މެސެޖެއް ލިޔެލުމަށްފަހު، ޒަހްރާން އައިރާއަށް ފޮނުވައިލިއެވެ.

"ކުޑަބޭ..." ޒަހްރާން އެހެން އިންދާ އީލާފް އޭނާ ކައިރިއަށް ހުއްޓި ގޮވާލައިފިއެވެ. ފޯނަށް ގެއްލިފައި އިން ޒަހްރާނަށް ލިބުނީ ސިހުމެކެވެ.

"އީލު. ސިއްސައިގެންނޭ އެ ދިޔައީ..." ޒަހްރާން ބުނެލިއެވެ. އީލާފް ހީނލުމަށްފަހު، ސޯފާގައި އިށީނދެލިއެވެ. ލާފައިހުރި ނޫކުލައިގެ މެކްސީގައި އޭނާ ފެންނަނީ ވަރަށް ރީތިކޮށެވެ. ކޮށްފައިވާ ލުއި މޭކަޕް ވެސް އޭނާއާ ނުހަނު ގުޅެއެވެ.

"އީލުގެ މެރިޖް ޑޭޓްތަ ފިކްސްކުރަން މިއުޅެނީ؟" އީލާފް ރީތިވެގެން ހުރިތަން ފެނި އޭނާއާ ދިމާނުކޮށްލާ ޒަހްރާނަކަށް ނުހުރެވުނެވެ. އީލާފް ތުންކޮޅު އޫކޮށްލަމުން ދެލޯ އަޅައިލިއެވެ.

"އޯކޭ ސޮރީ..." އަމާން ދޭ ފަދައަކުން ޒަހްރާން ދެއަތް މައްޗަށް ނެގިއެވެ.

އެ ދެމީހުން އެތަނުގައި ތިއްބާ މުރާދާ ބަސްމާގެ އިތުރުން އަޔާޝް ވެސް އަތުވެއްޖެއެވެ.

*****

"ރޭގަނޑު އަށްގަޑި ބައިވީއިރު ލަޔާލީއާ އޭނާގެ ޢާއިލާ "މޭޕަލްވިލާ" އަށް އަތުވެއްޖެއެވެ. އެ މީހުންނަށް މަރުޙަބާ ކިޔަން އެންމެ ކުރީގައި ތިބީ މުރާދާ ބަސްމާއެވެ.

(ނުނިމޭ)

ޒަހްރާން އޭނާގެ ހިތުގައިވާ ފުން ލޯބި އައިރާއަށް ހާމަކުރުމުން، އައިރާގެ ހިތަށް ބަޔާންކުރަންދަތި އުފާވެރިކަމެއް ލިބި، އެ ލޯބި ޤަބޫލުކޮށް އަމިއްލަ ނަފްސަށް އައު ފުރުޞަތެއް ދިނުމަށް ނިންމައެވެ. ނަމަވެސް، އައިރާގެ މާޒީގައި ހިނގާފައިވާ ކަންކަމުގެ ސަބަބުން ޒަހްރާންގެ ޢާއިލާއިން މި ގުޅުމާ މެދު ނުރުހިދާނެކަމުގެ ބިރު އޭނާގެ ހިތުގައި އުފެދެއެވެ. ޒަހްރާން ވަނީ އައިރާއަށް އެއްވެސް ދެރައެއް ނުދޭނެކަމަށާއި، ދެމީހުންގެ ގުޅުން ބިނާކުރާނީ ފުރިހަމަ އިތުބާރާއި އިޙްތިރާމުގެ މައްޗަށް ކަމުގެ ޔަޤީންކަން ދީފައެވެ. މި ގުޅުމުގެ ވާހަކަ ޢާއިލާއާ ޙިއްޞާކުރަން ޒަހްރާން ނިންމައިގެން ހުއްޓައި، އޭނާގެ ބޭބެ އަޔާޝްގެ ކައިވެނި ލަޔާލީއާ ކުއްލި ގޮތަކަށް ކުރަން ހަމަޖެހުމާ ގުޅިގެން އެކަން ފަސްކުރަން މަޖުބޫރުވެއެވެ. އަޔާޝްގެ ކައިވެންޏަށް ތައްޔާރުވުމުގެ ގޮތުން ލަޔާލީގެ ޢާއިލާ ރޭގަނޑުގެ ކެއުމަކަށް ގެއަށް އަންނާތީ، ގޭތެރެ ވަރަށް ބޮޑަށް ހަލަބޮލިވެގެން ދެއެވެ. މެހެމާނުން އަންނަ ވަގުތު އައިރާއާ މެދު އުފެދިދާނެ ސުވާލުތަކަށް ސަމާލުވެ، ބަސްމާ އެދެނީ އައިރާ ކޮޓަރީގައި މަޑުކުރުމަށެވެ. މުޅި ޢާއިލާ ޙަފުލާއަށް ތައްޔާރުވަމުން ދިޔައިރު، ޒަހްރާން ވަނީ މެސެޖަކުން އައިރާއަށް ހިތްވަރުދީ، ކައިރި މުސްތަޤުބަލެއްގައި ޢާއިލާއަށް ޙަޤީޤަތް ހާމަކުރާނެކަމުގެ ޔަޤީންކަން ދީފައެވެ.

  • ޒަހްރާން އައިރާއަށް އޭނާގެ ހިތުގައިވާ ސާފު ލޯބި އިޤުރާރުކޮށް، ދުވަހަކުވެސް ދެރައެއް ނުދޭނެކަމަށް ވަޢުދުވެ، ރައްކާތެރިކަން ދިނުން.
  • އައިރާ އުފަލާއެކު ޒަހްރާންގެ ލޯބި ޤަބޫލުކުރި ނަމަވެސް، އޭނާގެ ފަސްބައިގައިވާ ލައްގަނޑެއްގެ ސަބަބުން ޒަހްރާންގެ ޢާއިލާއިން ބަލައިނުގަންނާނެތީ ކަންބޮޑުވުން ފާޅުކުރުން.
  • އަޔާޝްއާއި ލަޔާލީގެ ކައިވެނި އަވަސްކުރުމަށް ނިންމުމާ ގުޅިގެން، ޒަހްރާންއާއި އައިރާގެ ގުޅުމުގެ ވާހަކަ ޢާއިލާއަށް އެންގުން ވަގުތީގޮތުން ފަސްކުރުން.
  • ލަޔާލީގެ ޢާއިލާ ރޭގަނޑުގެ ކެއުމަކަށް ގެއަށް އަންނާތީ، މެހެމާނުންގެ ކުރިމައްޗަށް ނުނިކުމެ ކޮޓަރީގައި މަޑުކުރުމަށް ބަސްމާ ނުސީދާކޮށް އައިރާއަށް އެންގުން.
  • އެކަހެރިކޮށް ހުންނަން ޖެހުމުން އައިރާއަށް ކުރެވިދާނެ އިޙްސާސްތަކަށް ވިސްނައި، ޢާއިލާއަށް ޙަޤީޤަތް ހާމަކުރާނެކަމުގެ ޔަޤީންކަން ދީ ޒަހްރާން އައިރާއަށް މެސެޖަކުން ހިތްވަރުދިނުން.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު