ބޮލީވުޑްގެ ކުރީގެ މަގުބޫލު ފިލްމީ ތަރި ކަރިޝްމާ ކަޕޫރު ލީޑް ރޯލް ކުޅެފައިވާ ތުރިލާ ސީރީސް "ބްރައުން" އަންނަ ހުކުރު ދުވަހު ޕްރީމިއާ ކުރާނެކަން އިއުލާނުކޮށްފިއެވެ.
ޒީ5ގައި ޕްރީމިއާކުރާ މި ސީރީސްގެ ވާހަކަ ބިނާކޮށްފައި ވަނީ، ސިލްސިލާ މަރުތަކެއްގެ ތަހުގީގުތަކުގެ މައްޗަށެވެ.
އަބިނަވް ދިއޯ ޑައިރެކްޓްކޮށްފައިވާ މި ސީރީޒްގައި ސޯނީ ރާޒްދާން، ހެލެން، ކޭކޭ ރައިނާ އަދި ޖިޝޫ ސެންގުޕްތާ ފަދަ މަޝްހޫރު ތަރިން ހިމެނެއެވެ. ޒީ ސްޓޫޑިއޯސްއިން އުފައްދާފައިވާ މި ސީރީޒަކީ އަބީކް ބަރޫއާ ލިޔެފައިވާ 'ސިޓީ އޮފް ޑެތު' ފޮތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ސީރީޒްއެކެވެ.
ހިންދީ ސިނަމާގެ ކާމިޔާބު ފިލްމުތައް ކަމަށްވާ "ރާޖާ ހިންދުސްތާނީ"، "ދިލް ތޯ ޕާގަލް ހޭ"، "ރާޖާ ބާބޫ"، "ކޫލީ ނަމްބަރު 1" އަދި "ޖުޅުވާ" ފަދަ ފިލްމުތަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދި ކަރިޝްމާ ބުނި ގޮތުގައި، "ބްރައުން"ގައި އޭނާ ކުޅެފައިވާ ރޯލަކީ މީގެ ކުރިން ދުވަހަކު ވެސް ކުޅެފައިވާ ފަދަ ރޯލެއް ނޫނެވެ.

ވެބް ސީރީސް "ބްރައުން"ގެ މަންޒަރެއްގައި ކަރިޝްމާ--ފޮޓޯ/ބޮލީވުޑްހަންގާމާ
ޕީޓީއައިއަށް ދިން އިންޓަވިއުއެއްގައި ކަރިޝްމާ ބުނީ، އޯޓީޓީގެ ސަބަބުން މީގެކުރިން ތަޖުރިބާކޮށްފައިނުވާ ކަހަލަ ތަފާތު ކެރެކްޓާތައް ބެލުންތެރިންނަށް ހުށަހަޅައިދިނުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށެވެ. މީގެިއތުރުން "ބްރައުން"ގައި ބަތަލާ ކުޅޭ ރޯލަކީ ވަރަށް ޝައުގުވެރި ކެރެކްޓާއެއް ބެލުންތެރިންނަށް ފެންނާނެ ރޯލެއް ކަމަށް 51 އަހަރުގެ ބަތަލާ ވަނީ ބުނެފައެވެ.
ކަރިޝްމާ އެންމެ ފުރަތަމަ ކުޅުނު ވެބް ސީރީޒް އަކީ ޒީ5އިން 2020 ވަނަ އަހަރު ގެނެސްދިން "މެންޓަލްހުޑް"އެވެ. މަގުބޫލު ބަތަލާ ކަރީނާ ކަޕޫރުގެ ދައްތަ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ 2024ގައި ނެޓްފްލިކްސްއިން ރިލީޒްކުރި ފިލްމު "މާޑަ މުބާރަކް"އިންނެވެ.